އިސްލާމްދީނަށް އިހާނެތިކޮށްހިތުމާ، ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމާބެހޭ ފަރާތްތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލައްވާފައިވާ ޚާއްޞަ ކޮމެޓީއާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އަދި ތަޙައްމަލުކުރާ މުޖުތަމައެއް ޤާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނެއެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި އިދާރާތަކުގެ ވެރިން ވަނީ ކޮމެޓީގައި ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން އެ އިދާރާތަކާއި ވުޒާރާތަކުން މިހާރު މިކަމާގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އަދި ގެންނަންޖެހޭ ބަދަލުތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު ދަތިތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ޤާނޫނަށް އިޞްލާހުތަކެއް ގެންނަންޖެހޭކަން މި ބައްދަލުވުމުގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅުކުރުމާއި ތަހައްމަލުކުރަން ދަންނަ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖްތަމަޢު ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވައިލެއްވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހޯމު އެފެއާޒްއާއި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފްއޮފް ސްޓާފް ބައިވެރިވެ ވަޑައިގެންނެވިއެވެ.