بســم اللّـه الرّحمـن الرّحيــم

މަސީގެ ޕްރެޒިޑެންޓް އަދި މަސީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މަސީގެ ފަރާތުން މިހާރު ކޮންމެ އަހަރަކުވެސް ރާއްވަވަމުން މިގެންދަވާ ޢުމްރާނީ ކަންތައްތަކާބެހޭގޮތުން އޮންނަ އެގްޒިބިޝަން، މަޢުރަޒު މިއަހަރުވެސް ރާއްވަވައި 2013/2012އިގެ އެކްސްޕޯ ތިޔަބޭފުޅުން ރާއްވަވައިގެން މިއަދު ހުޅުއްވާކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި، މަސީގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށްޓަކައިދަނީ ވަރަށްބޮޑު ޚިދުމަތްތަކެއް ކޮށްދެއްވަމުން. މިގޮތުން ކޮންސްޓްރަކްޝަން ސިނާޢަތް، ރާއްޖޭގައި ތަރައްޤީ ކުރެއްވުމަށްޓަކައި މި ޖަމާޢަތުގެ ފަރާތުން ވަރަށްބޮޑު ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ ފުރިހަމަ ދަލީލެއް، މިއަދުގެ މިއެކްސްޕޯވެސް މިގޮތަށް ރޭވިގެން ދިޔަކަން.

ދެންމެ ވާހަކަފުޅު ދައްކަވަމުން، މަސީގެ ރައީސް މުޙަންމަދު ޢަލީ ޖަނާޙް، އެ ވިދާޅުވި ފަދައިން މި އިންޑަސްޓްރީއަކީ މިއީ، މާބޮޑަށް ޤައުމުގެ އިޤްތިޞާދަށް އެހާބޮޑު ފައިދާއެއްކުރާ އިންޑަސްޓްރީއެއް ކަމެއް މާބޮޑަކަށް އެނގިފައެއްނޯވޭ. ހައްތަހާވެސް މި ދެކެވެނީ ހަމަ ފިޝަރީޒާއި ޓުއަރިޒަމްގެ ވާހަކަ ބޮޑަށް. އެހެންނަމަވެސް، ތިޔަ ވިދާޅުވިހެން މި ރާއްޖެއަށް އައިސްފައިވާ ޢުމްރާނީ ތަރައްޤީއެއް އައިސްފައި މިވަނީ، މި އިންޑަސްޓްރީގައި އުޅުއްވާ ބޭފުޅުން ކުރެއްވި މަސައްކަތުން. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެކަން ފާހަގަކުރަންޖެހޭ. އަދި މި އިންޑަސްޓްރީ މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެ ބައެއް ކަންކަމަށް ދެންމެ އަލިއަޅުއްވާލައްވައިފި.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސަރުކާރުގެ ފަރާތުންވެސް ކުރެވެން ހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، އެކަންކަން ފުރިހަމަ ކުރުމަށްޓަކައި މަސީއާ ގުޅިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މިއަހަރު މަސައްކަތްތަކެއް ކޮށްދެއްވުން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ބިލްޑިންގ ކޯޑް ފައިނަލައިޒްވެ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ޤާނޫނަކަށް ގެންނަންޖެހޭ ސިފަ ގެނެސް ކުރިއަށް ގެންދިއުން. އަދި އޭގެކުރިންވެސް، މިހާރު ހުރި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް މިއަހަރު ގެންނެވުން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އެގަވާއިދުތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް އެބަހުރި. އެކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑުމެން މިދައްކަނީ، ބިލްޑިންގ ސޭފްޓީގެ ވާހަކަ. ބިލްޑިންގ އެންވަޔަރަންމަންޓުގެ ސޭފްޓީގެ ވާހަކަ. ދައްކާއިރުގައި މިއަދު މިސާލަކަށް މާލެއަށް ބެއްލެވިޔަސް މާލޭގައި މިހިރަ ބޮޑެތި އުސް ޢިމާރާތްތައް، ހާދިސާއެއް ދިމާވެއްޖިއްޔާ ސަލާމަތީ ފިޔަވަޅުތައް އެޅިފައެއް ނޫން ހުރީކީ. އެނގިވަޑައިގަންނަވާނެ ފަދައިން އެއްވެސް ބިލްޑިންގއެއްގައި މަދުތަނެއްގައި ނެތްކަމެއް ނޭނގެ، އެހެންނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ހަމަ ގިނަ ބިލްޑިންގ ތަކުގައި ފަޔަރ އެސްކޭޕެއްވެސް ނެތް. މިއީ، ވަރަށް މުހިންމު ކަމެއް. މީގެ ހާދިސާތައް އަޅުގަނޑުމެންނަށް އެބަދިމާވޭ. އޭގެ ސަބަބުން، ކުރިން އެނގިވަޑައިގެންފައިވާ ފަދައިން ފުރާނައަށްވެސް އެބަ ގެއްލުން ލިބެމުން އެބަދޭ. އެހެންވީމާ، މިކަހަލަ ހާލަތެއްގައި މިއަދު މިއޮތީ.

ދެން ހަމައެހެން، ސްޓޭންޑަޑްތަކަށް ބައްލަވާއިރުގައި ވަކި ސްޓޭންޑަޑަކަށް ނެތުމުގެ ސަބަބުންވެސް ހަމަ ޢިމާރާތަށް ގެއްލުން ލިބި، މީހުންނަށް ގެއްލުންވެސް ލިބޭގޮތް އެބަދިމާވޭ. މިބާވަތުގެ ކަންތައްތައް ވަރަށް އަވަހަށް އެބަޖެހޭ ރަނގަޅު ކުރަން. ވަރަށް ބާރު ދުވެއްޔެއްގައި މިދަނީ މާލެވެސް ބަދަލުވަމުން. އަދި ހަމައެހެން، ކައިރީގައި ހުރި އެހެން ރަށްރަށަށް، ހުޅުމާލެއަށްވެސް ބޮޑެތި ބަދަލުތައް އަންނަމުން މިދަނީ ޢުމްރާނީ ގޮތުން. އެހެންވީމާ މިކަން ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ހީކުރަން.

ހަމައެހެން، މިއަދުގެ މައުޟޫއު އެކްސްޕޯގެ ތީމަކަށް މިއޮތީ ވާރކިންގ އެންވަޔަރަންމަންޓްގެ ސޭފްޓީ، މަސައްކަތް ކުރާ ތަނުގެ ސަލާމަތުގެ ވާހަކަ މިދައްކަނީ. ދައްކާއިރުގައި ފާހަގަ ކުރައްވަންޖެހޭ ކަމެއް. މިހާރު މަސައްކަތްތެރިންގެ ޙައްޤުތައް މިއަންނަނީ ވަރަށް ބޮޑަށް ފާހަގކުރެވި ކަނޑައެޅެމުން. މަސައްކަތްތެރިންގެ ޙައްޤުތަކާ ބެހޭގޮތުން އަޅުގަނޑުމެން ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކުގައި ސޮއިކުރަމުން މިދަނީ. ދާދިފަހުންވަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ 8 ކޯ-ކޮންވެންޝަންގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެ ފާސްކުރައްވައި މިހާރު ސޮއި ކުރުމުގެ މަގުމަތީގައި މިއުޅެނީ. އެއިންވެސް މަސައްކަތްތެރިންނަށް ލިބޭ ޙައްޤުތަކެއް ހުރޭ. އަނެއްކާ އަޅުގަނޑުމެންގެ ރާއްޖޭގައި، މި އިންޑަސްޓްރީގައި މަސައްކަތް ކުރާ މަސައްކަތު މީހުންނަކީ، ޢާންމު ގޮތެއްގައި އެހާ ސޭފް އެންވަޔަރަންމަންޓްތަކުގައި ދިރިއުޅޭ މީހުންނެއްވެސް ނޫން. މާލޭގައި ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން ވަރަށް ތޮށްޖެހިފައި ހުރި ތިމާވެށްޓެއްގައި، ވެށްޓެއްގައި އެމީހުން އުޅެމުން އެ ގެންދަނީ. އެހެންވީމާ، އޭގެ ނުރައްކާތެރިކަން، އަދި ހުރި ގޮތަށް ހުއްޓާ މަސައްކަތަށް އައުމަށްފަހުގައި، މަސައްކަތުގެ ވެށީގައިވެސް އެބަޖެހޭ ސަލާމަތްކަން އޮންނަން. އަޅުގަނޑަށް ފެނޭ، މިހާރު ދެން ތިޔައިގެ ތެރެއިން ތަންކޮޅެއް އެޑްވާންސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކުންފުނިތަކުގައި އަމިއްލަފުޅަށްވެސް އެކި ފިޔަވަޅުތައް އަޅުއްވާފައި އެބަހުރޭ. މިސާލަކަށް ހާޑް ހެޓްސް އެޅުއްވުން ކަހަލަ ކަންތައްތައް ކުރައްވަމުން ތިޔަގެންދަވަނީ މިހާރުވެސް. އެހެންނަމަވެސް އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އުސް ޢިމާރާތުން ވެއްޓިދާނެތީ އަޅަންޖެހޭ ފިޔަވަޅުތަކާ މިހެންހުރި ކަންތައްތަކެއް އެބަ ކުރަންޖެހޭ.

ހަމައެހެން، މި ޢިމާރާތްތަކުގެ ކައިރީގައި އުޅޭ އެހެން މީހުންނަށްވެސް ސަލާމަތްކަން އޮންނާނެ ގޮތަށް އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. މަސައްކަތު މީހުން އެކަންޏެއް ނޫން. އަދި އެތާ ކައިރީގައި ދިރިއުޅޭ މީހުންނާއި، އެތަނުގައި ހިނގާ ބިނގާވެ އުޅޭ މީހުންނާއި، އެ މީސްމީހުންގެ ރައްކަލަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ހަރުދަނާ ކުރެއްވުން އެއީ، ވަރަށް މުހިންމު ކަމެއް، ތަނުގައި މީހުން އެހާ ގިނަވެގެންދާ އިރެއްގައި.

އާދެ! ދެން އަޅުގަނޑު ފާހަގަކޮށްލަން ދެވަނަ ނުކުތާއަކަށް، އަޅުގަނޑު ވަރަށް އުފާކޮށްފިން، މަސީގެ ފަރާތުން މި އިންޑަސްޓްރީގައި މަސައްކަތް ކުރާނެ ކުދިންނަށް ތަމްރީނު ދިނުމުގެ މަޝްރޫޢެއް ރާއްވަވަމުން ގެންދަވާތީ. އެނގިވަޑައިގަންނަވާނެ ފަދައިން މިދާއިރާއަކީ ވަރަށްގިނަ ބިދޭސީން މަސައްކަތް ކުރާ ދާއިރާއެއް. މި ޕްރޮފެޝަނަލައިޒް ވެގެން ދިޔުމުން އަޅުގަނޑުމެންގެ ޒުވާނުންވެސް ހަމަ މި އިންޑަސްޓްރީގައި މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންގެ އުންމީދު. ރާއްޖޭގައި ޒުވާނުންގެ އަންއެމްޕްލޯއިމަންޓް ރޭޓް ވަރަށް މަތި. އެހެންވީމާ، އެކުޑަ ކުރެވޭނީ، މިފަދަ އިންޑަސްޓްރީތައް މިހާރަށްވުރެ ޕްރޮފެޝަނަލައިޒްކޮށް އެތަންތާނގައި މަސައްކަތްކުރާ ހިތްވެގެން ޒުވާނުން މި ދިމާއަށް އައިސްގެން. އަނެއްކާ އެކަމުގެ މަސައްކަތްތައްވެސް ދަސްކޮށްދީގެން. އެހެންވީމާ، ޚާއްޞަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ އެކިއެކި ހުނަރުތައް ދަސްކޮށްދެއްވުމަށްޓަކައި މަސީގެ ފަރާތުން އިސްނަންގަވައިގެން މިބާވަތުގެ ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރައްވަން މަސައްކަތް ކުރައްވާ ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އެކަމުގައި އަޅުގަނޑު ދަންނަވަން، ހަމަ ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އަޅުގަނޑު ދޭނަން. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރުވަނީ އެކަމަށްޓަކައި ބިމެއް ކަނޑައެޅިފައި. އަދި މިހާރު ދެފަރާތުން ވާހަކަ ދެކެވި ވަނީ، އެއްބަސްވުމަކަށްވެސް އައިސްފައި. އެހެންވީމާ، ލަހެއްނުވެ އިރާދަކުރެއްވިއްޔާ ކަމާބެހޭ އެގްރިމެންޓްގައި ސަރުކާރާ މަސީއާ ދޭތެރޭގައި ސޮއިކުރެވިގެންދާނެ.

އާދެ! ދެން މި އިންޑަސްޓްރީ ކުރިއަށްދާނީވެސް މި އިންޑަސްޓްރީއަށް ފައިސާ ލިބޭނެ ގޮތްގޮތް ހުރެގެން. މިހާރު ކަން ދިމާވާ ގޮތުން އަޅުގަނޑުމެންނަށް މިއޮތީ ކޮންސްޓްރަކްޝަން ދާއިރާގެ ކްރެޑިޓް ހޯދަން ވަރަށް ދަތި ގޮތަކަށް ދިމާވެފައި. އެހެންނަމަވެސް އެޗް.ޑީ.އެފް.ސީ.ގެ ފަރާތުންނާއި އަދި ޚާއްޞަކޮށް މިހާރު އަލަށް ފެށިގެން ކުރިއަށްމިދާ މޯލްޑިވްސް އިސްލާމިކް ބޭންކުން ކޮންމެވެސް ވަރަކަށް ކްރެޑިޓް ލިބެމުން އެބަދޭ. މިވޭތުވެދިޔަ 4 އަހަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޮޑަށް އިސްކަން ދެވިފައި މިއޮތީ، ބޭރުގެ ކުންފުނިތަކުން މަސައްކަތް ކުރުވުން. ޚާއްޞަކޮށް ވާގޮތަކީ ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހުންނަ ގޮތުން ސަރުކާރުގެ ބަޖެޓުން ބޮޑެތި ޢުމްރާނީ ޕްރޮޖެކްޓްތައް ހިންގުމަކީ ދަތިކަމަކަށްވެފައި މިހާރު މިއޮންނަނީ. އެހެންވީމާ، ބޭރުގެ އެކިއެކި ޤައުމުތަކުގެ އެގްޒިމް ބޭންކްތައް މެދުވެރިކޮށް އެތަންތަނުން ނެގޭ ލޯނުން ބޮޑެތި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރެވިފައި މިހުރީ. ޚާއްޞަކޮށް ގެދޮރު އެޅުމުގެ މަޝްރޫޢުތައް. އެގްޒިމް ބޭންކުން ފައިސާ ނެގުމުން މިވާގޮތަކީ އެ މަސައްކަތް ކުރަން ހަވާލުކުރަނީ އެޤައުމެއްގެ މީހުންނާ. އެފައިސާއަކީ އެއީ، އަޅުގަނޑުމެންގެ ކުންފުނިތަކަށް ލިބޭ ފައިސާއެއް ނޫން. ނަތީޖާއެއްގެ ގޮތުން ކިތަންމެ ބައިވަރު ފައިސާއެއް އެގޮތަށް ކޮންސްޓްރަކްޝަން ދާއިރާއަށް ވަތްކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންގެ ލޯކަލް އިންޑަސްޓްރީއަކަށް އޭގެ މާބޮޑު ފައިދާއެއް ނުކުރޭ. އެމީހުން ތަކެތިވެސް ގެންނަނީ ބޭރުން. އެމީހުން ލޭބަރވެސް ގެންނަނީ ބޭރުން. ފައިސާވެސް ގެންނަނީ ބޭރުން. އެހެންވީމާ، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި އެއިން ލިބޭ މާބޮޑު ފައިދާތަކެއް ހުރި ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ވީމާ، އަޅުގަނޑުމެން އެބަޖެހޭ އަދިވެސް ހަމަ މަސައްކަތް ކޮށްގެން މި އިންޑަސްޓްރީއަށް ކްރެޑިޓް ފެސިލިޓީ އިތުރުވާނެ ގޮތްތަކެއް އޮތްތޯ ބަލަން. ދެން މީގައި އަޅުގަނޑުމެން ވަކިން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ، ބޭރުގެ އެހެން އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި މަޝްރޫޢޫތައް ހިންގުން. އެގޮތުން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާ، އެއީ، ބޭރުގެ ކުންފުނިތަކާ، އެއީ، ބޭރުގެ ކުންފުނިތަކަށް ފައިސާ ސޯސް ކުރެވޭނެ. އެހެންވީމާ، އެ ކުންފުނިތަކާ ގުޅިގެން ޖޮއިންޓް ވެންޗަރ ޕާޓްނަރޝިޕްތަކުގައި މިތާނގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން އެއީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ދެން ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްގެ ކަންތައްތަކާ ދޭތެރޭގައި ޚިޔާލު މިހާރު ކުޑަކޮށް ތަފާތުވެފައި ހުރެދާނެ، ޖީ.އެމް.އާރ.އަށް ފަހުގައި. އެހެންނަމަވެސް އަޅުގަނޑަށް ލިބޭ މަޢްލޫމާތުން ދަންނަވަން ކެރެނީ، އޭގެ ސަބަބުން ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަކަށް އަދި ހަމަ އެއްވެސް އަސަރެއް ނުކުރެއޭ. ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑެތި އިންވެސްޓްމަންޓްސް ރާއްޖެއަށް އެބައާދޭ. ދެން އޭގެ ބައެއް ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތަފްސީލު އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އެފަރާތްތަކުން އެ ފާޅުކުރައްވާނީ. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ސިއްސައިގެންދާވަރުގެ ބޮޑެތި އިންވެސްޓްމަންޓްސް ރާއްޖެއަށް އެބައާދޭ. އެހެންވީމާ، ރާއްޖެއާ ދޭތެރޭގައި އޮންނަ އިތުބާރު ކުޑަވެގެން ދިޔަކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަންވީ ހަމަ ބޭރުގެ ކުންފުނިތަކާ ގުޅިވަޑައިގަންނަވައިގެން ރާއްޖޭގައި އެކިއެކި މަޝްރޫޢޫތައް ހިންގެވުމަށްޓަކައި.

އަދިވެސް ހަމަ އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ޓުއަރިޒަމްގެ ދާއިރާގައިވެސް ހަމަ އިތުރު ރިޒޯޓުތައް ހަދަން އެބަޖެހޭ. އަޅުގަނޑުމެންނަށް އެ ސެކްޓަރުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރެވެން، ދެން އަންނަނީ އިތުރު ރިޒޯޓްތައް ހެދިގެން. އެހެންވީމާ، އެކަން ކުރުމަށްވެސް ބޭރުގެ ފައިސާ ލިބޭނެ ގޮތް އެބަ ހޯދަންޖެހޭ.

އާދެ! މިދެންނެވި ކަންކަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުމެން މިހާރު ފޯކަސް ކުރަންޖެހޭ ކަންތައްތައް މި އިންޑަސްޓްރީގައި. ދެން އަޅުގަނޑު އުންމީދުކުރަން، ޚާއްޞަކޮށް އަޅުގަނޑުމެންގެ މިކަމާބެހޭ މިނިސްޓްރީއާ މަސީއާ ގުޅިވަޑައިގަންނަވައިގެން އިތުރު މަޝްވަރާތައް މިހާރު ކުރައްވައި، މިކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވާނެ ކަމަށް.

ހަމައެހެން، މިއަހަރުގެ ތެރޭގައި އަޅުގަނޑު އުންމީދު ކުރަން، ބިލްޑިންގ އެންވަޔަރަންމަންޓްގެ ސޭފްޓީ، ވަރކް އެންވަޔަރަންމަންޓްގެ ސޭފްޓީއާ ބެހޭގޮތުން އަދި ޤާނޫނެއް އެކުލަވާ ނުލެވުނަސް، އެކަމާބެހޭ ގަވާއިދެއް ހައްދަވައި، ދެފަރާތުގެ މަޝްވަރާއާ އެކުގައި އެގަވާއިދު ފާސްކޮށް، ނެރުއްވައި ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ، ދެން އަޅުގަނޑު މިތަނުން ދިޔުމުގެ ކުރީގައި އަދި ދަންނަވާލަންޖެހޭ އެއް ވާހަކައެއް އެބައޮތް. އެވާހަކައަކީ މިހާރު ރާއްޖެއަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި އަޅުގަނޑުމެން މިޚަރަދު ކުރަނީ ތެލަށް. އަޅުގަނޑުމެން ޢިމާރާތްތައް މިހާރު އަޅަން އެބަޖެހޭ، ތެލުގެ ޚަރަދު ކުޑަވާ ގޮތަކަށް. ހުރިހާތަނެއް އެއަރކޮންޑިޝަން ކޮށްފައި އަބަދު ބަހައްޓަންޖެހޭ ގޮތަށް ތަންތަން ޢިމާރާތް ކުރުމުން އެދަނީ ވަރަށްބޮޑު ޚަރަދެއް. އަޅުގަނޑުމެންގެ އާމްދަނީއަށް، އަޅުގަނޑުމެންގެ އަމިއްލަ ފަރުދުންގެ ޖީބަށް ކުރާ އަސަރުގެ އިތުރުން، މުޅި އިޤްތިޞާދަށް އޭގެ އަސަރު ކުރަމުން މިދަނީ. އެހެންވީމާ ގްރީން ބިލްޑިންގ ކޮންސެޕްޓް އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް، ރާއްޖޭގައި މި ހަދާ ޢިމާރާތްތަކަކީ ތިމާވެށީގެ ގޮތުން ރަޙްމަތްތެރި އަދި އެނަރޖީ ސޭވިންގ ބިލްޑިންގތަކަކަށް ހައްދަވައި ދެއްވުމަށްޓަކައި ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް އެކްސްޕޯ ތަކުގައި މި ތީމުވެސް ނަންގަވައިގެން މިކަމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ޢިމާރާތްތައް ހުންނަން މިޖެހެނީ ވަކި ކަހަލަ އެންވަޔަރަންމަންޓްތަކެއްގައި. އަޅުގަނޑުމެންގެ ރާއްޖެއަކީ މިއީ ހަނަފަސް ސަހަރާއެއް ނޫން. ވަރަށް ފެހި އަދި ފެހިވުމުގެ ސަބަބުން ވަރަށް ފިނި ކުރެވިދާނެ ތަނެއް. އެހެންވީމާ، މި އެންވަޔަރަންމަންޓް ފެކްޓަރސްތަކަށް ވިސްނާވަޑައިގަންނަވައިގެން ޢިމާރާތްތައް ހެއްދެވުމުން، އަޅުގަނޑަށް ހީވަނީ މިހާރު ތެލަށް މިކުރާ ޚަރަދު ވަރަށް ބޮޑުތަން ކުޑަކޮށްލެވިގެން ދާނެހެން. އަދި އަޅުގަނޑުމެންގެ ޞިއްޙަތަށްވެސް އޭގެ ސަބަބުން ވަރަށް އެދެވޭ ބަދަލެއް އަތުވެދާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ. އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުން މި އެކްސްޕޯ ރާއްވަވައިގެން ހުޅުއްވައި ދެއްވާކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه