بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى محـمَّدٍ، وعلى آلـه وصحبـه أجمعـين

ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފުލުހުންގެ އިސްވެރިންނާއި، އެންމެހާ ފުލުހުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަދި ފުލުހުންގެ ޢާއިލާތައް.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ފުލުހުންގެ ތާރީޚުގައި ފުރަތަމަފަހަރަށް ފާހަގަކުރެވޭ ޕޮލިސް މެމޯރިއަލް ޑޭގެ މުނާސަބަތުގައި، ފުލުހުންގެ ޚިދްމަތުގައި ޑިއުޓީ އަދާކުރައްވަމުން ގެންދަވަނިކޮށް މިދުނިޔެ ދޫކުރައްވާފައިވާ ފުލުހުންގެ ފުރާނައަށް މާތްﷲ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަން. އެއަށްފަހު، އެ ޢާއިލާތަކަށާއި، ދިވެހި އެންމެހާ ފުލުހުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން.

ޕޮލިސް މެމޯރިއަލް ޑޭ، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ އެ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ޙާދިޘާތަކާއި ކަންކަމުގައި، މިދުނިޔެއާ ވަކިވާ ފުލުހުންގެ ހަނދާން އާކޮށް، އެ ފުލުހުން ޤައުމަށްޓަކައި ވެވަޑައިގެންފައިވާ ޤުރްބާނީއާއި، ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން.

މިވޭތުވެދިޔަ ހަތްއަހަރު ދުވަހުގެ ތެރޭގައި، ފުލުހުންގެ ހަތަރު ބޭކަލަކު ވަނީ އެކިއެކި ޙަމަލާތަކުގަޔާއި އަދި އެކި އެކްސިޑެންޓްތަކުގައި މިދުނިޔެ ދޫކުރައްވާފައި. އެންމެފަހުން އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ފުލުހަކީ މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު ޝަހީދުކޮށްލެވުނު ޕޮލިސް ކޯޕްރަލް މިޞްބާޙު ޢަބްދުﷲ. އޭގެކުރިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު، ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި، ތޫނު އެއްޗަކުން ޙަމަލާދީ ޝަހީދުކޮށްލެވުނީ ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް. އަދި ޑިއުޓީ އަދާކުރެއްވުމަށްޓަކައި ދޫނިދުއަށްދިޔަ ފެރީގައި އިންނަވަނިކޮށް، ދިމާވި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓި 2007 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ނިޔާވި ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޒަމީރާއި، ކަނޑުމަތީގައި ދިމާވި ޙާދިޘާއެއްގައި ހާލުގައި ޖެހުނު ދޯންޏެއްގައި ތިބި މީހުންނާއި މުދާ ސަލާމަތްކުރުމަށް، އެ ޙާދިޘާ ހިނގި ސަރަޙައްދަށް ދަނިކޮށް ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނިޔާވި ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް. އެހެންކަމުން، މި ހަތަރު ބޭކަލުންގެ ޛިކުރާ އާކުރުމަށް، އެބޭކަލުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަން. އެއަށްފަހު، އެ ޢާއިލާތަކަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން.

ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ދިވެހި ފުލުހުން އަދާކުރަމުންގެންދާ ދައުރަކީ ވަރަށް މުހިންމު ދައުރެއް. ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ހިފެހެއްޓުމުގައި، ފުލުހުން ކުރަމުންގެންދާ މަސައްކަތަކީ އަޅުގަނޑުމެން ކޮންމެ މީހަކު ހެޔޮހިތުން ބަލައިގަންނަންޖެހޭނެ ޚިދްމަތްތަކެއް. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މެދުނުކެނޑި ފުލުހުން އެމީހުންގެ ވާޖިބު އަދާކުރަމުން ގެންދާއިރު، ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ފުލުހުން ގެންދަނީ ސާބިތުކަމާއެކު ކުރިމަތިލަމުން. އަޅުގަނޑުމެންގެ ސަލާމަތްތެރިކަން ބަލަހައްޓާނެ ބަޔަކު ނެތްނަމަ، ދެންވާނީ ކިހިނެއްތޯ؟ މިކަން އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީ، އެފަދަ ބަޔަކު ނެތް ވަގުތެއްގައި. އެހެންވީމާ، ފުލުހުންގެ ޚިދްމަތް ފުޅާކޮށް، އަދި ފުލުހުންނަކީ އެކަށީގެންވާ ތަޢުލީމާއި ތަމްރީނު ލިބިފައި ތިބި ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން މި ކުރަމުންދާ މަސައްކަތްތަކުގެ އަގު އަޅުގަނޑުމެން އެންމެންވެސް ވަޒަންކުރަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި 2008 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ އިލެކްޝަނަށްފަހު ދިވެހިރައްޔިތުން އިންތިޚާބު ކުރި ރައީސް، އެމަނިކުފާނާ ހަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން އަމިއްލަފުޅަށް އިސްތިޢުފާ ދެއްވައި ނުކުމެވަޑައިގެން، ދިވެހި ފުލުހުންނަކީ ބަޣާވާތްކުރި ބަޔަކުކަމުގައި ބުނެ، ފުލުހުންގެ ހިތްވަރުގަދަ ބަޠަލުންނާއި އެބޭފުޅުންގެ ޢާއިލާތަކާ ދިމާއަށް އެކި ބާވަތްބާވަތުގެ ނޭދެވޭ ބަސްބަހުން ރައްދުކޮށް، އެމީހުންނަކީ ބާޣީން ކަމުގައި ބުނެ، މި މުޖުތަމަޢުގައި ވަރަށް ބޮޑެތި ހަމަނުޖެހުން ހިންގި. އެކަން މިއަދު އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެ. ހަމަ އެބޭފުޅުން، މިއަދު ރާއްޖޭގެ ރިޔާސަތަށް އަނެއްކާވެސް ކުރިމަތިލުމަށްޓަކައި ނުކުމެވަޑައިގެން ތިއްބަވާއިރުގައި، އަޅުގަނޑުމެން ވިސްނާލަންޖެހޭ 2012 ވަނަ އަހަރު ދިވެހި ފުލުހުންނަށް މި ދިމާވި ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާ.

ފުލުހުންގެ ދައުރު އަދާކުރުމުގެ ޤައުމީ ޚިދްމަތުގައި އުޅެމުންދާއިރު، އެކި ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް އެކިގޮތްގޮތުން ގެއްލުންދީ، ބިރުދައްކައި އަދި ފުލުހުންނަށް އަނިޔާކޮށް ހަދަމުން ގެންދާތީ، އެކަން މިއަދުވެސް އެންމެ ހަރުކަށި ޢިބާރާތުން އަޅުގަނޑު ކުށްވެރިކުރަން. އަދި ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި، ފިތުނަފަސާދަ އުފެއްދުމަށް ތަފާތު ވާހަކަތައް އެކިފަރާތްތަކުން ފަތުރައި ހަދަމުން ގެންދާއިރު، ފުލުހުންނަކީ ދިމާވާ ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި ޚިދްމަތުގެ މައިދާނަށް ނުކުންނަން ތިބި ބައެއްކަން ކޮންމެ މީހަކުވެސް އެބަ ހަނދާން ކުރަންޖެހޭ. އެހެންކަމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް، މި ފުރްޞަތުގައި އަޅުގަނޑު ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން.

ލޮބުވެތި، ޢިއްޒަތްތެރި ރައްޔިތުން:

ފުލުހުންގެ ވާޖިބަށް ހުރަސްއަޅަމުން ގެންދާ ކަމަށްވާނަމަ، ޤައުމުގެ އަމަންއަމާންކަމަށް އެކަމުން އެތައް ހުރަސްތަކެއް ކުރިމަތިވެގެންދާނެކަން ކަށަވަރު. އަދި ރައްޔިތުންނަށްވެސް އެކަމުގެ އަސަރު އެކިގޮތްގޮތުން ފޯރާނެކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ފުލުހުންގެ ވާޖިބަށް އެކިގޮތްގޮތުން ހުރަސްއަޅާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭ. އަދި މިކަމަށް އަޅުގަނޑުމެން އެއްވެސް ހާލެއްގައި ފަހަތަށްޖެހިގެން ނުވާނެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީޤުކޮށް، ޝަރީޢަތަށް ފޮނުވައި، ދޭންޖެހޭ ޙައްޤު އަދަބު ވީހާވެސް އަވަހަކަށް އެފަރާތްތަކަށް ދިނުމަކީ، މިފަދަ ކަންކަން ހުއްޓުވުމަށް އެޅޭނޭ ވަރަށްބޮޑު ބާރެއް. އެހެންކަމުން، ފުލުހުންގެ މަތިވެރި ޤައުމީ ވާޖިބު އަދާކުރުމުގެ ތެރޭގައި، ފުލުހުންނަށް ހުރަސްއަޅައި، ގެއްލުންދީ، އަނިޔާކުރުމުގެ ކުށްތައް ހިންގާފައިވާ ފަރާތްތަކާ ގުޅޭގޮތުން ތަޙުޤީޤުތައް ހިންގުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅިފައިވާ މައްސަލަތައް ޝަރީޢަތަށް ފޮނުއްވުމުގެ މަރްޙަލާ އަވަސްކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް މިއަދު އަޅުގަނޑު ގޮވާލަން. އަދި މިފަދަ މައްސަލަތަކަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް އަޅުގަނޑު އެމަނިކުފާނަށް އިލްތިމާސް ކުރަން.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދެވެންޖެހޭނެ. އެފަދަ އަދަބުތައް ނުދެވޭކަމަށްވާނަމަ، މިފަދަ ކަންތައް ތަކުރާރުވަމުންދާތަން ފެންނަމުން ދިޔުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް. އެހެންކަމުން، ޝަރްޢީ ކޯޓުތަކުންވެސް މިފަދަ މައްސަލަތައް ރަނގަޅަށް ބައްލަވައި، ޝަރީޢަތް ހިންގަވައި، ޤާނޫނީގޮތުން ދެއްވަންޖެހޭ ހަރުކަށި އަދަބުތައް ދެއްވަމުން ގެންދެވުމަށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އަޅުގަނޑު އިލްތިމާސް ކުރަން.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ، ކުޑަކުޑަ ކަމެއް ނޫން. އެއީ ޤައުމީ ނަޒަރަކުން ބަލާއިރު ވަރަށް ބޮޑު މައްސަލައެއް. އެހެންކަމުން، އެފަދަ މައްސަލަތަކުގައި ޝަރީޢަތުން ޙުކުމް ކުރެވޭ ފަރާތްތަކަށް، އެ ޙުކުމް ތަންފީޛު ކުރުމުގައި އެއްވެސް ލުޔެއް ދެވިގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އަދި އެފަދަ ފަރާތްތަކަށް އެއްވެސް ކަފާލާތެއްގެ ދަށުން މަޢާފުދެވިގެންވެސް ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެކިއެކި ކުށްތައް ހުއްޓުވޭނީ، ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެން. އެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ނޭޅޭކަމަށްވާނަމަ، އެފަދަ ކުށްތައް ތަކުރާރުވެ، އެކަމުން މުޅި މުޖްތަމަޢަށް އެކިއެކި ނުރައްކާތަކާއި ބިރުވެރިކަން ކުރިމަތިވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. އެހެންކަމުން، މިހާރު އަމަލުކުރަމުންދާ ޕެރޯލްގެ ޤާނޫނު އިޞްލާޙު ކުރުމަށް އެޓަރނީޖެނެރަލް މެދުވެރިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅަން ޤަޞްދުކުރާ ވާހަކަ މިއަދު އަޅުގަނޑު ދަންނަވަން.

މި ފުރްޞަތުގައި ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި، ޝަހީދުވާ ފުލުހުންގެ ޢާއިލާތަކަށް ލިބިދޭންޖެހޭ އެންމެހާ ވެލްފެއަރ ޚިދްމަތްތައް ހަމަޖައްސައިދިނުމަށްޓަކައި ކުރެވެންހުރި ކަންތައް ސަރުކާރުން ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އަދި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން އެކަން ކުރަމުން ގެންދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

ފުލުހުން ތިޔަކުރައްވާ ޚިދްމަތަކީ ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް. ދިވެހިރާއްޖޭގައި އަމާން ވެށްޓެއް ޤާއިމްކޮށް، ޢާންމު ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ފުލުހުން އަދާކުރަމުންދާ ދައުރާއި، ކުރަމުންގެންދާ މަސައްކަތްތަކުގެ އަގު އަޅުގަނޑަށް ވަޒަންކުރެވޭ. ފުލުހުން ރެޔާއި ދުވާލު ތިޔަ ކުރައްވާ ޚިދްމަތަކީ، އެ ޚިދްމަތާނުލައި ރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދެމިނޯންނާނޭ ޚިދްމަތެއް. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ކޮށްދެއްވަމުން ގެންދަވާ ޚިދްމަތާއި ބުރަ މަސައްކަތަށްޓަކައި ދިވެހި ހުރިހާ ފުލުހުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން. އަދި ދިވެހި ސިފައިން ކުރަމުންގެންދާ މަސައްކަތްތަކާއި، ފުލުހުންގެ މަސައްކަތުގައި ސިފައިން ވެދެއްވާ އެހީތެރިކަން ހަނދާންކޮށް، ސިފައިންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ފުލުހުންގެ ޚިދްމަތް އަދާކުރައްވަމުން ގެންދަވަނިކޮށް، މިދުނިޔެ ދޫކުރެއްވި ފުލުހުންނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން. ދިވެހި ފުލުހުންގެ ޚިދްމަތަށް އިތުރު ތާޒާކަމާއި އާރޯކަން ލިބިގެންދިޔުން. ރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދެމިއޮންނާނެ ގޮތަކަށް ކަންތައްތައް ގެންދެވުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه.