بســم اللّـه الرّحمـن الرّحيــم

السّــلام عليــكم،

ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، ހުރިހާ ބޭފުޅުންގެ ނަންނަން ވަކިވަކިން އަޅުގަނޑު ނުދެންނެވިޔަސް އަޅުގަނޑު ހީކުރަން މަޢާފުކުރައްވާނެ ކަމަށް. މާ ގިނައިރު އަޅުގަނޑު މިތާ ވާހަކަދައްކަން ހުންނަންވެއްޖިއްޔާ މިރޭ ތިޔަބޭފުޅުންނަށް މެޗް ކުޅެވޭ ވަރެއް ނުވާނެ. އެހެންވީމާ، އަޅުގަނޑު ތަންކޮޅެއް ކުރުކޮށްލަން ގަސްދުކުރަނީ.

ފުރަތަމަވެސް މިހާ މުހިންމު މަޝްރޫޢެއް ފަށްޓަވައިދެއްވައި، އަދި މިހާ ރީތިކޮށް، ފުރިހަމަކޮށް ނިންމަވައިދެއްވި ކަމަށްޓަކައި މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތައް، ޚާއްޞަ ގޮތެއްގައި ސަރުކާރުގެ މިނިސްޓްރީތަކުން، މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޑިފެންސް، އަދި ހަމަ އެހެން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެސް.ޓީ.އޯ.އާ މި ކުރެއްވި މަސައްކަތަށްޓަކައި، އެ މުއައްސަސާތަކުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ!

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން، ޒުވާނުންނަށް އަމާޒުކޮށްގެން މިވަރުކަމެއް ކުރެވުނީތީ. އެއީ، އަޅުގަނޑުވެސް ޤަބޫލުކުރަން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ކަންތައްތަކުގައި ސަރުކާރުގެ ފަރާތުން އަދިވެސް މަސައްކަތް ކުރަންވީ ވަރަކަށް ނުކުރެވޭ. އެހެންވާންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫން. މިވަރުގެ ދަނޑެއް ހަދާލަންވެސް ފުދޭވަރެއްގެ ޚަރަދެއް އެބަދޭ. އެހެންވީމާ، ސަރުކާރުގެ މިވަގުތުގެ މާލީ ޙާލަތު ހުރި ގޮތުން ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ނުކުރެވުނު ކަމުގައި ވީނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންނަށް އެ ޚިދުމަތްތައް ފޯރުކޮށްދެވޭތޯ.

އަޅުގަނޑު ދަންނަވާނީ، ޒުވާނުންނަށް އަމާޒުކޮށްގެން ހެދޭ މި ކަހަލަ ތަންތަނަކީ، މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަންކަމޭ. މިއީކީ، ކޮންމެހެން ސަރުކާރުގެ މުޢައްސަސާއަކުން، ނޫނީ ރައީސުލްޖުމްހޫރިއްޔާ، ނޫނީ ވަޒީރަކު ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއްނޫން. މިއިން ކޮންމެ ކަމަކީވެސް ރައްޔިތުންގެ ޙައްޤެއް. ޒުވާނުންގެ ޙައްޤެއް ކުޅިވަރު ކުޅުމަކީ. ޒުވާނުންގެ ޙައްޤެއް މުނިފޫހިފިލުވުމަކީ. އެހެންވީމާ، އެކަންކަމަށް މަގުފަހިކޮށްދިނުމަކީ އެއީ، ސަރުކާރުގެ މަޤާމުތަކުގައި ތިބޭ މީސްމީހުންގެ ވާޖިބެއް. އަޅުގަނޑުމެން މި މަޤާމުތަކާ ޙަވާލުވެ ތިބެނީ މިކަންކަން ކުރަން.

އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުގެ ބަޖެޓުން އެކަމަށް އަދި ކަމެއް ކުރެވެން ނެތްކަމުގައި ވީނަމަވެސް، އެހެން ގޮތްގޮތް ހޯދައިގެން މިކަން ކުރަމުން ގެންދިއުން. އެހެންވީމާ، ޚާއްޞަކޮށް އެސް.ޓީ.އޯ.ގެ ފަރާތުން މި ފުޓްސަލް ދަނޑުތައް އެޅުމަށްޓަކައި ތަކެތި ހޯއްދަވައިދެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ސަރުކާރު ބައިވެރިވާ ކުންފުންޏަކުން، ސްޓޭޓް ބައިވެރިވާ ކުންފުންޏަކުން މި ބާވަތުގެ ކަމެއް ކުރައްވާތީ. އަދި ހަމައެހެން، ހަމަ މުޅިން ހިލޭ ސާބަހަށް ސިފައިންނާއި ފުލުހުން، ރެޔާއި ދުވާލު މަސައްކަތް ކޮށްގެން މި މަޝްރޫޢު ނިންމަވާލެއްވީތީ. އަޅުގަނޑު އެހުރިހާ ބޭފުޅުންނަށްވެސް އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންގެ ފަރާތުން ޝުކުރު ދަންނަވަން.

ކުޑައިރުގައި ކުޑަކޮށް ފުޓުބޯޅަ ކުޅެ އުޅުނަސް އަޅުގަނޑަކީ، ފުޓުބޯޅައާ ބެހޭގޮތުން މާބޮޑު އެއްޗެއް އެނގޭ މީހެއްނޫން. އެހެންވީމާ، އަޅުގަނޑު ބްރެޒިލްގެ ވާހަކައެއް ނުދަންނަވާނަން. އެކަމަކު، އަޅުގަނޑު ކިޔަވަން އުޅުނުއިރުގައި ކުޑަކޮށް ކުޅެ އުޅުނު އެއްޗެއް މިއީ.

ދެން އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، މިތާނގައި ޒުވާން އަންހެން ބޭފުޅުންނާއި، ފިރިހެން ބޭފުޅުން ހިމެނޭ ޓީމުތައް މިތާ ތިބީމާ. ފުޓުބޯޅައަކީ ހަމައެކަނި ފިރިހެން ބޭފުޅުން ކުޅުއްވަންޖެހޭ އެއްޗެއްނޫން. އެހެންވީމާ، ޤައުމީ ފުޓުބޯޅަ އަންހެން ޓީމު މިތާނގައި ތިބިކަމަށްޓަކައި ޚާއްޞަކޮށް އުފާކުރަން. އަޅުގަނޑު އުއްމީދުކުރަން، ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް އަންހެން ފުޓުބޯޅަ ޓީމުތައް އެފް.އޭ.އެމް.ގެ ފަރާތުން އުފައްދަވައި، ތަމްރީނު ދެއްވަމުން ގެންދަވާނެކަމަށް.

އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް މަރުހަބާ އާއި މުބާރަކްބާދު ދަންނަވަން، މި ފުޓްސަލް ދަނޑު ތިޔަބޭފުޅުންނަށް ލިބިވަޑައިގަތީމާ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ، ތިޔަބޭފުޅުންނަށް ކުޅިވަރުގެ ގޮތުން ކުރިއަށް ދެވޭނެ ހުރިހާ ގޮތެއްވެސް ހޯދައިދެވޭތޯ. އެހެންވީމާ، އަޅުގަނޑު އެދެން، މި ދަނޑުގެ ބޭނުން ހަމަ އެންމެ ފުރިހަމައަށް ހުރިހާ ބޭފުޅުންވެސް ހިއްޕަވަމުން ގެންދެވުން. އަދި މިނިސްޓަރ ދެންމެ އެވިދާޅުވި ފަދައިން ދަނޑު ބެލެހެއްޓެވުމުގެ ކަންތައްވެސް ތިޔަބޭފުޅުން ހަމަ އިސްނަންގަވައިގެން މިކަމުގައި ފަރުވާތެރިކަމާއެކު ބަލަހައްޓަވައިދެއްވުން އެއީ، އަޅުގަނޑުގެވެސް ވަރަށް ބޮޑު އެދުމެއް.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ފިޠުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކްބާދު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه.