އައްޑުއަތޮޅާއި ފުވައްމުލަކު އަތޮޅު، ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީއެވެ. އެގޮތުން މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅޭއިރު ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.