بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، ދައުލަތުގެ ވަޒީރުން، ކުންފުނިތަކުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ޙަޤީޤަތުގައިވެސް ދިވެހިރާއްޖެއަކީ، ވަރަށް މުއްސަނދި ޘަޤާފަތެއް އޮތް ތަނެއް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެ ކުޑައިރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ ދިވެހި ރައްޔިތުންގެ ހުނަރާއި ފަންނުވެރިކަން.

މިއަދު މިފަދަ މަސައްކަތެއް ދިވެހި ސަރުކާރުން ކުރިއަށްގެންދާއިރު، އަޅުގަނޑުމެން އެންމެބޮޑަށް ވިސްނާލަންޖެހޭ ކަމަކީ، މިފަދަ ފަންނެއް، މިފަދަ ހުނަރުތަކެއް ދިވެހި ރައްޔިތުންގެ ގައިގައި ހުރެ އެ ހުނަރުތައް، އެ މަސައްކަތްތައް، ބީވެގެން ގޮސްފައިވާ ސަބަބު. ކުރިއަރައިގެން ގޮސްފައި ނުވާ ސަބަބުތައް މިއަދު އަޅުގަނޑުމެން ހޯދަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން ހަނދާނަށް އަންނަނީ، މިދިޔަ އަހަރު، މި ދުވަސްވަރު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރަށްތަކަށް އެންމެ ގިނައިން ދަތުރުކޮށް ހެދިއިރު، އަޅުގަނޑުމެންނަށް ދިވެހިންގެ، ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށްގިނަ ޝަކުވާތައް އަޑުއިވިގެންދިޔަ.

އާދެ، ވަކިން ޚާއްޞަކޮށް، ވިޔަފާރިތަކަށް އޭރު ދިމާވެފައި ހުރި ގޮންޖެހުންތަކާއި، ދަތި އުދަނގޫތަކުގެ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ. ކުރިއެރުމަށްޓަކައި ހުރި އުނދަގޫތައް. ކުރިއަރައިގެން ދިޔުމަށްޓަކައި ހުރި އުނދަގޫތަކާއި އަދި މިފަދަ ހުނަރުތައް އާލާކޮށް، އިތުރު ފަރާތްތަކަށް ދަސްކޮށްދިނުމަށްޓަކައި ހުރި ދަތި ކަންތައްތަކުގެ ވާހަކަތައް ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑުމެން އެންމެންނާ ޙިއްޞާ ކުރަމުންދިޔަ.

އަޅުގަނޑު މިއަދު އުފާކުރަން، މިއަދު މި ފުރުޞަތުގައި ވަކިން ޚާއްޞަކޮށް، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިފަދަ މަސައްކަތެއް ފަށްޓަވައި، މުޅި ދިވެހިރާއްޖޭގައި، މި ޤައުމުގައި ހުރި އަޅުގަނޑު ގަބޫލުކުރަނީ، މި ހުނަރަކީ، މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކާ އަޅައިބަލައިފިނަމަވެސް ވަރަށް މުއްސަނދި، އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާންޖެހޭފަދަ ހުނަރުތަކެކޭ. މި ކަންތައް ދިރުވައި، އާލާކުރުމަށްޓަކައި މި ފެށިގެންދާ މަސައްކަތަކީ އެއްވެސް ޝައްކެއްނެތް، މުޅި ޤައުމުގެ އައިޑެންޓިޓީ، އަޅުގަނޑުމެންގެ ޤައުމީވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެ ކަމެއް.

އާދެ، ކުރީގައި އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން ހޯދައި ބަލަން އެބަޖެހޭ، ކުރިއަރައިގެން ގޮސްފައި ނެތް ސަބަބުތައް. އާދެ، އެއްވެސް ކަމެއް، އެއްވެސް މީހަކަށް ކުރެވޭނީ އެ ކުރާ ކަމަކުން މަންފާއެއް ކުރާ ކަމަށްވަންޏާ. ފައިދާއެއް ކުރާ ކަމަށްވަންޏާ. ފަސޭހަކަމާއެކު އެކަމެއް ކުރުމުގެ މަގު ހުޅުވިފައި އޮތް ކަމަށްވަންޏާ.

އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު އަޅުގަނޑަށް ޓޫރިޒަމް މިނިސްޓަރާއެކުވެސް ވަގުތުކޮޅެއް ހޭދަކޮށްލެވުނު. ޓޫރިޒަމް މިނިސްޓަރުގެ ވާހަކައިގައިވެސް އަޅުގަނޑަށް އަޑުއިވިގެންދިޔަ، ރިޒޯޓްތަކުން، ވަކިން ޚާއްޞަކޮށް، މި ކަހަލަ ކަންތައްތަކަށް އިތުރަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް.

އާދެ، ދެންމެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ވާހަކަފުޅުގައި، އެ ވިދާޅުވީ މިފަދަ ކަންތައްތަކަށް، މި މަސައްކަތްތައް ކުރިއަރުވައި، މި ވިޔަފާރި ފުޅާކުރުމަށްޓަކައި ރިޒޯޓްތަކުން ޖާގަ ލިބޭނޭ މަގު ތަނަވަސްކޮށްދެއްވާނެ ވާހަކަ.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ކޮން ޤައުމެއްތޯ ކުރިއަރާފައި އޮތީ އެ ޤައުމެއްގެ ޒުވާނުންނަކީ ފަންނުވެރި ބަޔަކަށްނުވެ. މިއަދު އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ކަމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެބޮޑު އަމާޒެއް ހުރީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި. އަޅުގަނޑުމެންގެ ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި.

އަޅުގަނޑުމެން މިއަދު މާޒީގެ ވާހަކަ އެހާބޮޑަށް ދެއްކުމުގެ ބޭނުމެއް ޙަޤީޤަތުގައި ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ހިތާމަކުރަނީ މިފަދަ މުއްސަނދިކަމެއް، އަޅުގަނޑުމެން ރާއްޖޭގެ ރަށްތަކަށް އަރައި ބަލައިލުމުން އެއީ ގދ. ގައްދޫއަށްވިޔަސް، އެއީ ރިނބުދޫ ކަމުގައިވިޔަސް، އެއީ އިނގުރައިދޫ ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އެތައް ތަނަކުން
މި ފެންނަނީ ވަރަށް މުއްސަނދި، އަޅުގަނޑުމެން އެކަމަކަށް ވަރަށް ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް.

އެހެންނަމަވެސް، މި ދެންނެވި ކަންތައްތަކަށް އަޅައިނުލެވުމުގެ ސަބަބުން އެކަށީގެންވާ ސަމާލުކަމެއް ޒުވާނުންނަށް އަމާޒުކުރެވިގެން ނުދެވުމުގެ ސަބަބުން މި މަސައްކަތް މިވަނީ ހީނަރުވެފައި.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ މިއަދުގެ ސްކޫލް ނިޒާމުތަކުގެ ތެރެއިންވެސް މި ހުނަރުތަކާއި، ފަންނުވެރިކަން ދިވެހި ދަރިވަރުންނަށް ދަސްކޮށްދީ، ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަމުގެ ރޮނގުންވެސް ކުރިއަރާފައިވާ ޤައުމަކަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެން ހަދާނަމޭ.

އާދެ، އަޅުގަނޑުމެން ވިސްނާލަންވީ ދިވެހިން ވާދަކުރާ ކަމެއްގައި، ދިވެހިންނާ ވާދަކޮށްފައި، އެ ރޭހުގައި ވަކި ކޮންބަޔަކަށްތޯ ކުރިއެރިފައި އޮތީ. ދިވެހިންނަކީ އެ ކުރާ މަސައްކަތެއްގައި ނަތީޖާ ހާސިލުކުރާ ބައެއް. އެއީ ކިޔެވުމުގެ ރޮނގުން ކަމުގައިވިޔަސް، އުފެއްދުންތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް، އެއީ ބިލްޑިންގ ކޮންސްޓްރަކްޝަންގެ ރޮނގުން ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި ދުނިޔެއަށް ގޮންޖަހާލާވަރުގެ މަސައްކަތްތައް ދިވެހިން ކޮށްފައި ހުންނަ ތަން.

އާދެ، ދިވެހިރާއްޖޭގެ ރިޒޯޓްތަކަކީ، އެ ކޮށްފައި ހުންނަ މަސައްކަތްތަކަކީ އެއީ، މުޅި ދުނިޔެ އެކަމަށްޓަކައި އަޅުގަނޑުމެންނަށް އަބަދުވެސް ސެލިއުޓް ކުރާފަދަ މަސައްކަތްތަކެއް. މިއިން ދައްކުވައިދެނީ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މި ލިބިފައި ހުރި މުއްސަނދިކަން. އަޅުގަނޑުމެން އެ ކަންތައް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް މެދުކެނޑުމެއްނެތި ލިބޭނެ ގޮތަކަށް ކަންތައްތައް ކުރަން އެބަޖެހޭ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވީ ވަޢުދުފުޅު. ދިވެހި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ކަހަލަ ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ހިތްހަމަނުޖެހޭ މަދު ބަޔަކު ތިބި ނަމަވެސް، އަޅުގަނޑުމެން ވިސްނަންވީ ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޒުވާނުން ގުޅިގެން މި ކަންތައްތައް ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރުމޭ.

އާދެ، އަޅުގަނޑުމެން މި މަސައްކަތްތައް ރާވަމުންދާއިރު، އަޅުގަނޑުމެންގެ ހިތުގައި ބާއްވާން އެބަޖެހޭ، ދިވެހިރާއްޖޭގެ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަން. އަޅުގަނޑުމެން ރަށްރަށަށް އަރައިލުމުން، އަޅުގަނޑުމެންނަށް ފެންނަނީ އާދަޔާޚިލާފު މަސައްކަތްތަކެއް ކޮށްފައި ހުންނަ ތަން. މިއަދުގެ މި މާޙައުލުގައި، މި މުޖުތަމަޢުގައި އަޅުގަނޑުމެންގެ ޙިއްޞާ، ދެބައިކުޅައެއްބައި ޙިއްޞާ، އެ ފުރުޞަތުތައް ހޯދައިދޭން އެބަޖެހޭ. އެއީ މަސައްކަތްތެރިކަމުގެ މައިދާނުގައި ކަމުގައިވިޔަސް، ސިޔާސީ މައިދާނުގައި ކަމުގައިވިޔަސް، އެ ފުރުޞަތު ހޯދައިދީ، އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބަޔަކަށްވާން އެބަޖެހޭ.

އަޅުގަނޑު ޔަޤީންކުރަނީ، އަޅުގަނޑުމެންނަށް މި ފެންނަނީ ވަކިން ޚާއްޞަކޮށް، މިއަދު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޓީމުން މި މަސައްކަތަށް ވަރަށްބޮޑު ޝައުޤުވެރިކަމަކާއި ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރާތަން.

އަޅުގަނޑު މި ފުރުޞަތުގައި ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނަށް ގޮވާލަން އޮތީ، އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް ޤައުމަށްޓަކައި، ދިރިއުޅުމަކަށްޓަކައި، މަސައްކަތްތެރި ބަޔަކަށްވުމުގެ ޢަޒުމު ކަނޑައަޅަން އެބަޖެހޭ. ކުރީގެ ދުވަސްތަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ކާމިޔާބު ޤައުމަކަށް، މި ޤައުމު ހެދުމަށްޓަކައި މަސައްކަތްތައް ކުރަން އެބަޖެހޭ. ކޮންމެ މީހަކީވެސް ފުދުންތެރި މީހަކަށްވާން އެބަޖެހޭ. ޤައުމަށްޓަކައި، ޢާއިލާއަށްޓަކައި ތިމަންނާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި، އަނެކާ ކުރާ ކަމަށްވުރެ މޮޅަށް ތިމާ ކުރާ މަސައްކަތް ކުރުމަށްޓަކައި ވަރުގަދައަށް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ.

އެ ޢަޒުމުގައި މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހި ޒުވާނުންނަކީ ދެވަނައެއް ނުވާނެ ބަޔެއްކަން އަޅުގަނޑުމެންނަށް ވަނީ އެތައް ކަމަކުން ސާބިތުވެގެން ގޮސްފައި. އާދެ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިފަދަ މައުރަޒަކުން ވަރަށްގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ދިވެހި ޒުވާނުންނަށާއި އަދި މިކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން ޖެހޭނޭ ފުރުޞަތުގެ ބޭނުން ހިފަން.

އަޅުގަނޑުމެންނަށް ﷲ އިރާދަކުރެއްވީތީ މިއަދު މިވަނީ ވަރަށްބޮޑު އޮޕަޗުނިޓީއެއް، ވަރަށްބޮޑު ފުރުޞަތުތަކެއް ފަހިވެފައި. މި ފުރުޞަތުގެ ބޭނުންހިފައި، އަޅުގަނޑުމެންގެ ތެރޭގައި މި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކޮށް، އަޅުގަނޑުމެންނަކީ ޤައުމަށް ޚިދުމަތް ކުރެވޭ، ޤައުމުގެ ތަރައްޤީގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ބަޔަކަށްވުމުގެ ޢަޒުމު ވަރުގަދަކޮށް، އެ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރަން އެބަޖެހޭ. އާދެ، މި މަސައްކަތަކީ އެއްވެސް ޝައްކެއްނެތްގޮތުގައި، ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި، މަދަދުވެރިކަމާއެކު ކާމިޔާބު ކުރެވޭނެ ކަމެއް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަސައްކަތުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް، މިކަމަށް ހިތްވަރު ދެއްވާ އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ޒަމާނުއްސުރެ ފެށިގެން ދިވެހިރާއްޖޭގައި މި ފަންނު ދިރުވައި، މި ކަންތައް ހުއްޓާނުލައި ދަތި އުނދަގޫތަކުގެ ތެރޭގައިވެސް، މި މަސައްކަތް ކުރަމުން މިއަދާ ހަމައަށްވެސް ގެނައި ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް، އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަބަދުވެސް އުފެއްދުންތެރި، ރަނގަޅު، ހެޔޮ ވިސްނޭ ބައެއްގެ ގޮތުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ދިވެހި ރައްޔިތުންނާއި، ދިވެހި ޤައުމަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.