ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ނައިފަރު ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މަދަރުސަތުލް އިފްތިތާޙުގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ރާއްޖޭގެ އަތޮޅުތަކުގައި ތަރައްޤީގެ މަސައްކަތްތައް ގެންދެވުމަށް ސަރުކާރުން މިހާރު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ މައްޗަށެވެ. އަދި ރައްޔިތުން ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އަތޮޅުތައް 7 ސަރަޙައްދަކަށް ބައްސަވާލައްވައިގެން، މިމަސައްކަތް ގެންދެވުމަށް ރާއްވަވާފައިވާ ގޮތުގެ ތަފްޞީލު މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ހުރި ސަރުކާރުގެ މުހިންމު ބައެއް ތަންތަނަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، އެތަންތާނގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި ސަލާން ކުރެއްވިއެވެ.