بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، ހިދާޔާ ސްކޫލްގެ ޕްރިންސިޕަލް ޗަންދުރަ ކުމާރު، މަޖިލީހުގެ ހޮޅުދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރުން، ނ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ޒާފިރު، މިލަދޫ ކައުންސިލްގެ ރައީސް އިލްޔާސް ޢަބްދުއްޞަމަދު، ހިދާޔާ ސްކޫލްގެ މުދައްރިސުންނާއި، އެންމެހައި މުވައްޒަފުންނާއި ލޮބުވެތި ދަރިވަރުން، އަދި އެ ދަރިވަރުންގެ ޢިއްޒަތްތެރި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު އަވަސްވެގަންނާނީ، މިލަދޫ ސްކޫލްގެ އުފާވެރި ރަންޔޫބީލްގެ މުނާސަބަތުގައި، މި ސްކޫލްގެ ޕްރިންސިޕަލަށާއި، ސްކޫލްގެ މެނޭޖްމަންޓްގެ އެންމެހައި ބޭފުޅުންނަށް ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން. އަދި މި ސްކޫލްގެ ދަރިވަރުންނަށާއި، އިސް ދަރިވަރުންނަށް، އަދި ހުރިހާ ބެލެނިވެރިންނަށްވެސް ތަހުނިޔާ ދަންނަވަން.

މިލަދޫއަކީ މި ރާއްޖޭގެ އެންމެ މުސްކުޅި ތާރީޚާ ގުޅިފައިވާ ވަރަށް ޤަދީމީ ރަށެއް. މިޖަޒީރާތަކުގައި، އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި މިލަދޫވެސް ހިމެނޭ. އެކަމުގެ އާސާރީ ހެކިތައް، މި ރަށުން ފެންނާން އެބަހުރި. މިއަތޮޅު، އާދެ! މިލަދުންމަޑުލު، މި ރަށަށް ނިސްބަތްވުމަކީވެސް، ދިވެހި ތާރީޚުގައި މި ރަށުގެ މަޤާމާއި ދަރަޖަ ހާމަވެގެންދާ ކަމެއް.

މި ރަށު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރާއިރު، ސްކޫލްގެ ޙަޔާތުގައި ބަލާނަމަ، 50 އަހަރަކީ މާ ދިގު މާޒީއެއް ނޫން. ނަމަވެސް އެމާޒީގެ ފަޚުރާއި ޝަރަފަކީ، ކުޑަ ދުވަސްކޮޅަކުން ވިޔަސް، ހާސިލުކުރެވޭ ފޮނި ކާމިޔާބީ. އެ ހައިސިއްޔަތުން ބަލާއިރު، މި ސްކޫލަކީ، ވަރަށް ފަޚުރުވެރި މާޒީއެއް އޮތް ސްކޫލެއް. އެއީ، މި ރަށުގެ ލޮބުވެތި ރައްޔިތުންގެ ހިތްވަރާއި، ގިނަގުނަ މަސައްކަތުން ހާސިލުކޮށްފައިވާ ކާމިޔާބީއެއް.

1980ގެ އަހަރުތައް ފެށިގެން އައިއިރު، ދައުލަތުގެ ޚަރަދުގައި ރާއްޖޭގައި ހިނގަމުން އައީ، އެންމެ ތިން ސްކޫލް. އެއީ މާލޭގައި ހުރި މަޖީދިއްޔާއާއި، އަމީނިއްޔާއާއި އަދި އިސްކަންދަރު ސްކޫލް. ރާއްޖެތެރެ، އަތޮޅުތައް، ރަށްރަށުގެ ތަޢުލީމީ ނިޒާމާއި އޭރުގެ ވެރިކަމާ އެއްވެސް ގުޅުމެއް އޮތެކޭ ދެންނެވޭކަށް އަޅުގަނޑަކަށް ނެތް. އެހެންނަމަވެސް، އޭރުވެސް ރަށްރަށުގައި އެދުރުގެތަކާއި މަކްތަބުތަކާއި މަދަރުސާތައް ހިނގަމުން އައި. އެތަންތަން އޭރު ހިންގަމުން އައީ އެ ރަށެއްގެ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި. 1970ގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ތަޢުލީމަށް މި އައި ބަދަލުގައި، ކުރިއެރުންތަކުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅެއް، ޑޮކްޓަރ މުޞްޠަފާ މި އިންނެވީ. އޭރު ރާއްޖޭގެ ތަޢުލީމީ ހާލަތު އޮތްގޮތާއި، ސަރުކާރާއި ރަށްރަށާ އޮތް ގުޅުމާއި، ނެތް ގުޅުމާ އެންމެބޮޑަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ މުޞްޠަފާ. ރާއްޖޭގެ ތަޢުލީމުގެ ޙަޔާތުގައި މި ހިސާބަށް މި ކުރި ދަތުރުގައި، މުޞްޠަފާގެ ޚިދުމަތް އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން އެބަޖެހޭ.

އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވި ގޮތަށް، ހިދާޔާ ސްކޫލްވެސް ފެށިގެން އައީ އެގޮތަށް. ރައްޔިތުންގެ މާލިއްޔަތުން، ރައްޔިތުންގެ މަސައްކަތުން ޚަރަދުކޮށްގެން. މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ، މި މަދަރުސާގެ 50 ވަނަ އަހަރުމަތި ކަމަށްވިޔަސް، ޙަޤީޤަތުގައި މިއީ އެއަށްވުރެ، މާ ގިނަދުވަސްވީ މަދަރުސާއެއް. މި ރަށުގެ އިސް ރަށްވެހިންގެ ފަރާތުން އަޅުގަނޑަށް އެނގޭގޮތުގައި، މި މަދަރުސާގެ ޢުމުރުން ގާތްގަނޑަކަށް 80 އަހަރު މިހާރު ވެދާނެ.

މި ދެންނެވި 80 ވަރަކަށް އަހަރުގެ ތެރެއިން، ގާތްގަނޑަކަށް 50 އަހަރު ވަންދެން، މި ސްކޫލް ހިނގަމުން އައީ، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި. މި ސްކޫލް ކޮޅަށްޖަހައިދިނީ، މި ރަށުގެ ހިތްވަރުގަދަ ރައްޔިތުން. އެކަމަށްޓަކައި، މިއަދާ ޖެހެންދެން މި ސްކޫލް ހިންގެވުމުގައި ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި މަދަރުސާގެ ތާރީޚު އަންގައިދެނީ، މިލަދުއަކީ ތަޢުލީމަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަން. ޢިލްމު އުނގެނި، ތަންދޮރު ފިލައިގެން އުޅުމަށް، މިލަދޫ ރައްޔިތުން އަބަދުވެސް ބޭނުންވާކަން. ރަށުގެ ކުރިއެރުމާއި ތަރައްޤީއަކީ، އަޅުގަނޑުމެން މި ބުނެއުޅޭ ގޮތަށް، ކޮންމެ މީހެއްގެ އަމިއްލަ ނަފްސާ ގުޅިފައިވާ އެއްޗެއް ކަމަށް، މި ރަށުގެ ރައްޔިތުން އަބަދުވެސް ގަބޫލުކުރޭ.

މިއަދު މި ރަށުގެ އިސް ރަށްވެހިންގެ ތެރެއިން މަދު ބޭފުޅަކު ނޫނީ، ހުރިހާ ބޭފުޅުންނަކީވެސް، ކޮންމެވެސް މަރުޙަލާއެއްގައި، މި މަދަރުސާއިން ޢިލްމު ހާސިލުކޮށްފައިވާ ބޭފުޅުން. މިރަށުން މި ފެންނަ ކުރިއެރުމާއި ތަރައްޤީއަކީ، އެ ބޭފުޅުންގެ ވިސްނުމާއި، އެ ބޭފުޅުންގެ ރޭވުންތެރިކަން.

އަޅުގަނޑުމެންގެ ކޮންމެ ރަށަކަށް ޞިއްޙީ މަރުކަޒެއް ބޭނުންވޭ. ޑޮކްޓަރުންނާއި ނަރުހުންނާއި، އިންޖިނޭރުންނާއި، ޓީޗަރުން ބޭނުންވޭ. މިބާވަތުގެ ހުރިހާ ފަންނުތަކެއްގެ ތަޖުރިބާކާރުން، މި ރާއްޖޭގެ ހަމަ ކޮންމެ ރަށަކަށް އެބަ ބޭނުންވޭ. ނަމަވެސް ތާރީޚް ހެކިދެނީ، ކޮންމެ ރަށެއްގައި އެންމެ ފުރަތަމަ އުފެދުނީ މަކްތަބެއް، ނޫނީވިއްޔާ މަދަރުސާއެއްކަން. ނޫނީވިއްޔާ އެދުރުގެއެއްކަން.

އަޅުގަނޑުމެންގެ އެހެން ހުރިހާ ކަމަކަށްވުރެ، ދަރީންނަށް ތަޢުލީމު ދިނުން މުހިންމުވަނީ ކީއްވެގެންތޯ؟ ސަބަބަކީ އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތަޢުލީމު ކަމަށްވާތީ. ޑޮކްޓަރުންނާއި، ނަރުހުންނާއި، އިންޖިނޭރުން އަދި މުދައްރިސުންނާއި، ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ، އެފަންނެއްގެ ޢިލްމު ހާސިލުކޮށްދީގެން.

އެހެންވީމާ، އަޅުގަނޑުމެން ތަރައްޤީވާން ބޭނުންނަމަ، ތަހުޒީބީ ބަޔަކަށްވާން އެދޭނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އުނގެނި ދަސްކުރުން. ކިތަންމެ ގިނަ ވަސީލަތްތަކަކާއި، ކިތަންމެ ބޮޑު މުއްސަނދި ކަމެއް ލިބިފައި އޮތަސް، ޢިލްމު ހޯދުމަށް އިސްކަން ނުދޭނަމަ، ތަރައްޤީއަކީ އަޅުގަނޑުމެންގެ ލޮލުކޮޅަށްވެސް ފެންނާނެ ކަމެއް ނޫން.

މި ޙަޤީޤަތްތަކަށް ބަލާއިރު، މި ޖަޒީރާތަކުގެ ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، މި ރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުން. މައިންބަފައިންނާއި ބެލެނިވެރިން، މިހާރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކަމަށް. ދަރަނިވެރިވެގެންވެސް އެކަން ފުރިހަމަކުރުމަކީ، މިހާރުވެސް ކޮންމެ ބެލެނިވެރިއެއްގެވެސް ވަރަށް ބޮޑު އުފަލެއް.

ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫން. ތަރައްޤީގެ މަޝްރޫޢުތައް އެކަށައަޅަނީ، އަދި ޤައުމު ތަރައްޤީކުރުމުގެ ވާހަކަ އަބަދުމެ މި ދައްކަނީ، އެއިރަކު އޮންނަ ސަރުކާރަކުން. އެހެންކަމަށްވަންޏާ، އެ ޒަމާނެއްގައި ލިބެންހުރި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް، ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރަކުން ކޮށްދޭންޖެހޭނެ ކަމެއް.

އަޅުގަނޑުމެން، ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، އެކަން ކޮށްދޭން ވަޢުދުވެގެން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސައްކަތް ކުރަމުން މި އަންނަނީ އެ ވަޢުދުތައް ފުއްދައިދޭން. އެކަމަށް ކުޑަވެސް މަޑުޖެހުމެއް ނައިސް، ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައި މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައިދޭން ތިބީ ތިޔަ ދަރިވަރުން. މި އަތޮޅާއި މިރަށް ތަރައްޤީކުރަން ތިބީވެސް ތިޔަ ދަރިވަރުން. ޙަޤީޤަތުގައި ތިޔަ ދަރިވަރުން މިއަދު ތިޔަ ކުރާކަމަކީ، މާދަމާ މި ޤައުމު ތަރައްޤީ ކުރުމަށް ބޭނުންވާ ވިސްނުން، ތިޔަ ކުދިންގެ ސިކުނޑިތަކުގައި އުފެއްދުން.

ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދު. އެކަން ހާސިލު ކުރެވޭނީ، ޒިންމާދާރުކަމާއެކު، އަމިއްލަ ދިރިއުޅުމެއް ބައްޓަންކުރަން އެނގޭ މިންވަރަށް، ތަޢުލީމާއި ތަމްރީނު ދެވިގެން. މަތީ ފެންވަރުގެ ތަޢުލީމު ލިބިފައިވާ، އުޅުމާއި އަޚްލާޤު ރަނގަޅު ހަރުދަނާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ މަދަރުސާތަކުގެ އަމާޒު.

އުނގަންނައިދިނުމުގެ ވައްޓަފާޅި މިވަނީ، ވަރަށް ބޮޑަށް ބަދަލުވެފައި. މިއަދުގެ ކިޔަވައިދިނުމަކީ، ހަމައެކަނި މަދަރުސާއިން ދޭ ފިލާވަޅުތައް ދަސްކުރިތޯ ބެލުމެއް ނޫން. މިއަދުގެ ކިޔަވައިދިނުމަކީ، ދިރިއުޅެން ދަސްކޮށްދިނުން. ޒިންމާ އުފުލުމުގެ ޤާބިލްކަން، ކުދިންގެ ކިބައިގައި އަށަގެންނެވުން. ޙަޔާތުގެ ޢަމަލީ މައިދާނަށް ކުދިންގެ ލޯ ހުޅުވައިދިނުން. ޤައުމީ ވާޖިބާއި، އިޖުތިމާޢީ ޒިންމާއަށް އަހުލުވެރިކުރުވުން.

އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ، ޓީޗަރުންނާއި މެނޭޖްމަންޓުގެވެސް ސަމާލުކަމަށް މިކަން ގެނައުމަށް. މިއީ ތިޔަ ދަރިވަރުންވެސް ސަމާލުވާންވީ ވަރަށް މުހިންމު ކަމެއް. ތިޔައިން ކޮންމެ ކުއްޖަކުވެސް ވިސްނަންވީ، ތިމާގެ އަތޮޅަށް، އަދި ޤައުމަށް ތިމަންނާގެ ފަރާތުން ކޮށްދެވޭނީ ކޮން ކަމެއްތޯ؟ ތިމަންނާގެ ކިބައިގައި ހުރި ހުނަރަކީ ނުވަތަ ފަންނަކީ ކޮބައިތޯ؟

އެކަންކަމާމެދު ވިސްނަންޖެހެނީ، ތަރައްޤީގެ މަގުގައި، މާ ހަލުވި ފިޔަވަޅުތަކެއް، އަޅުގަނޑުމެން އަޅަން ޖެހިފައިވާތީ. މި ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމާއި، މި ރާއްޖެއަށް ލިބޭ އާމްދަނީން، ކޮންމެ މީހަކަށް ޖެހޭ މިންވަރާއި މިކަންކަމަށް ބަލާއިރު، އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނަށް ޙައްޤު ހިސާބަށް އާދެވިފައިތޯ ވިސްނައިލުން ވަރަށް މުހިންމު.

މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖެއަކީ އާބާދީގެ ނިސްބަތުން، ޤައުމީ އުފެއްދުންތެރިކަން ބޮލަކަށްޖެހޭ މިންވަރު، އެންމެ މަތީ ޤައުމު. އެ ނިސްބަތުން ބަލާއިރު، ޤައުމު އޮތީ ތަރައްޤީވާންވީ ވަރަށް ތަރައްޤީވެފައި ކަމަކަށް އަޅުގަނޑު ނުދެކެން. މައްސަލައަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ނުކުރެވުން. ތަރައްޤީގެ ވިސްނުން، އަޅުގަނޑުމެންގެ ސިކުނޑިތަކުގައި އުފަން ނުކުރެވުން.

އަޅުގަނޑުމެންގެ ކުދީންނާއި ޒުވާނުންގެ ތަޢުލީމާއި ތަރުބިއްޔަތަށް، ޚާއްޞަ ސަމާލުކަމެއް ދޭންޖެހެނީ މި ސަބަބުތަކަށްޓަކައި. ރާއްޖޭގެ އާބާދީގައި 35 އިންސައްތައަށްވުރެ ގިނައީ 35 އަހަރުން ދަށުގެ މީހުން. ޤައުމުގެ މައި އިންޖީނަކީ އެއީ. މި ޢުމުރުފުރާގެ ބޭނުން، އެންމެ ރަނގަޅަށް ހިފޭނެ މަގަށް، ހުރިހާ މަރުޙަލާއެއްގެ ތަޢުލީމީ މުއައްސަސާތަކުގެ މިޞްރާބު ސީދާކުރުން ވަރަށް މުހިންމު.

ބެލެނިވެރިންނާއި މައިންބަފައިންވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ވަކިން ޚާއްޞަކޮށް، ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމަށް، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނަށް. ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގެ ވާހަކަ ކިތަންމެ ގިނައިން ދެއްކިޔަސް، އެއީވެސް ވަކިވަކި ފަރުދުންނާ ހަމައިން ފެށިގެން އަންނަ ކަމެއް.

މި ދެންނެވި ޙަޤީޤަތްތައް، މިތާ މި ތިއްބެވި ބެލެނިވެރިންނަށް، މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، މުޅި ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެން އެންމެން ކުރަން ޖެހިފައިވާ ކަމެއް. ކޮރަޕްޝަން ނައްތައިލެވޭނީވެސް، ޢަދުލު އިންޞާފު ޤާއިމުކުރެވޭނީވެސް، އަދި ޙައްޤުތައް ރައްކާތެރިކުރެވޭނީވެސް، ފަރުދީ ގޮތުން އިޞްލާޙުވެގެން.

އެކަމުގައި ބެލެނިވެރިންނެކޭ އެއްފަދައިން، މަދަރުސާތަކުގެ ދައުރުވެސް ވަރަށް މުހިންމު. އެކަމުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން ތިބި ބަޔަކީ، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން. ބެލެނިވެރިންނާއި، މައިންބަފައިންނާއި، ޓީޗަރުންގެ ނަޞޭޙަތް ގަބޫލުކޮށް، އަޚްލާޤީ ރިވެތި އަދަބުތަކުގައި ހިފެހެއްޓުމަށް، އަޅުގަނޑު ތިޔަ ކުދިންނަށް ނަޞޭޙަތްތެރިވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެ ތިބޭ، ދިވެހި ދައުލަތަށް ވަފާތެރި، ތެދުވެރި ޖީލެއް އުފެއްދުމަށް މި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން. ތިޔަ ދަރިވަރުންނަކީ، ޢިލްމު ހޯދުމަށް ލޯބިކުރާ އަދި އެކަމަށް މަސައްކަތްކުރާ، ހިތްއަލި ކުދިންތަކެއް ކަމުގައި ލައްވައި، ހުރިހާ ގޮތަކުންވެސް ކާމިޔާބާއި އުފާވެރިކަން، މާތްﷲ މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.