ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޭއްވެވި 'މިލަދެކުނު އަދަބީ ޢީދު 2019'  ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރޭ މަނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢީދުގެ އަދަބީ އެކި މުބާރާތްތަކުން 1 ވަނައަށް އައި ދަރިވަރުންނާއި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި އިނާމު ޙަވާލުކޮށްދެއްވާފައެވެ. އަދި މި އަދަބީ ޢީދުގައި ތަރި ލިބުނު ސްކޫލުތަކަށް އިނާމު ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

އަދަބީ ޢީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި، އެ ކަންކަމަށް އޮންނަ ޝައުޤުވެރިކަމާއި ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ޙަރަކާތެކެވެ. މި ޢީދަކީ މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ނ. މަނަދޫގައި ކުރިޔަށްގެންދިޔަ އަދަބީ ޢީދެކެވެ. މިއީ ދިވެހިބަހުގެ އެކެޑަމީއިން ޤައުމީ ފެންވަރުގައި ބާއްވާ 5 ވަނަ އަދަބީ ޢީދެވެ. މީގެ ކުރިން މި އަދަބީ ޢީދު ބާއްވާފައިވަނީ ގއ، ގދ، ޅ އަދި މ އަތޮޅުގައެވެ.

މިފަހަރުގެ އަދަބީ ޢީދުގައި ކުރިއަށްދިޔަ އެކިއެކި އަދަބީ މުބާރާތްތަކުގައި ނ. އަތޮޅުގެ 10 ރަށެއްގެ 10 ސްކޫލަކުން ޖުމްލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއި އަދި އާންމުންގެ ތެރެއިން 19 މީހުން ބައިވެރިވެފައިވެއެވެ.

މި އަދަބީ ޢީދުގައި ކުރިޔަށްގެންދިޔަ ބައެއް ޙަރަކާތްތަކުގެ ތެރޭގައި ތުއްތުކުދިންގެ ސަގާފީ ހަވީރަކާއި، ޚާއްޞަ ފޮތް މައުރަޒަކާއި، ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ދިވެހިބަސް ހެޔޮގޮތުގައި ދަސްކޮށްދިނުމާއި، ދަރިވަރުންނާއި މުދައްރިސުންނަށް ވާހަކަދެއްކުމުގެ ހުނަރުދަސްކޮށްދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ދިވެހިބަހާއި ތާރީޚަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.