بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ނެޝަނަލް ޑްރަގް އެޖެންސީގެ ސީ.އީ.އޯ އަލްފާޟިލް ޙަސަން ޝަހީލް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ އަޅުގަނޑުމެންގެ ޒުވާން ޖީލު، އެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު، ވަރަށް އިސްކަން ދެވިފައިވާ ސިޔާސަތެއް. އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީނު ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް.

 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ނުޙައްޤު ނަފާ ހޯދުމަށް މި ޤައުމުގެ ދަރީންގެ މުސްތަޤްބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މި ދެންނެވި ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ، އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް.

 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މަސްތުވާތަކެތީގެ ވަބާ މި ޤައުމުން ފޮހެލުމުގައި މުޅި މުޖުތަމައުގެ، އަދި އަމިއްލަ ފަރުދުންގެ ދައުރު ވަރަށް މުހިންމު. މަސްތުވާތަކެތީގެ ވަބާއިން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، މުޅި މުޖުތަމަޢު ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. މިއީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ، މާ އަވަހަށް ހާސިލުވާނެ ކަމެއް.

 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން، އެކަމުން ސަލާމަތް ކުރުމަށްޓަކައި ހިންގޭ ފަރުވާގެ ޕްރޮގްރާމުގައި އަމިއްލައަށް އެދިގެން ބައިވެރިވެ، ފަރުވާ ހޯދަން ބޭނުންވާ މީހުން ވަރަށް ގިނަ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ލިސްޓުގައި މިހާރުވެސް 800 އަށްވުރެ ގިނަ މީހުން އެބަތިބި. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވީހާ އަވަހަށް ފަރުވާދިނުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމަށްވާއިރު، މިފަދަ ފަރާތްތަކަށް ފަރުވާދޭ ތަންތަން ހިންގުމަކީ، ސަރުކާރުން އެކަނި ކުރާ ކަމެއްގެ ގޮތުގައި އޮތުމަށްވުރެ، އަމިއްލަ ފަރާތްތަކަށްވެސް އެފުރުޞަތު ހުޅުވައިލުމަކީ، އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ ހާސިލު ކުރުމަށް މަގުފަހިވާނެ ކަމެއް. މި މަސައްކަތުގައި އަމިއްލަ ފަރާތްތައް ބައިވެރި ކުރުމަށްޓަކައި، މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުންނަށް ފަރުވާދޭ ރީހެބިލިޓޭޝަން ސެންޓަރުތައް އުފައްދައި، އަމިއްލަ ފަރާތްތަކުން ހިންގުމަށް މި އަހަރުގެ ތެރޭގައި ހުޅުވައިލާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވާލަން.

 

މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަޙުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ޚާއްޞަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، މާލެއަތޮޅު ގުޅިފަޅުގައި ޤާއިމުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މިހާތަނަށް ޤާއިމުނުކޮށް އޮތް ނަމަވެސް، މި ސެންޓަރު ޤާއިމުކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއް.

 

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާއި ޙާލަތާ ގުޅޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑު މިދަނީ މިހާރު ކުރަމުން. މި ޤާނޫނު މުރާޖަޢާކޮށް، މި ޒަމާނަށް ފެތޭގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް، މިކަމާ ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ވާނީ ގަސްދުކޮށްފައި.

 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީއަކީ، ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ޚާއްޞަ ތަރުބިއްޔަތުތަކަކާއި، ޚާއްޞަ ފަރުވާތަކެއް ދޭންޖެހޭ ބައެއް. މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ގާނޫނުން ލާޒިމުކުރާ މަރުކަޒު މިހާތަނަށްވެސް ޤާއިމުކުރެވިފައި ނުވާތީ، އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާ ދޭން ފެށިފައި ނުވާ ވާހަކަ ހިތާމައާއެކު އަޅުގަނޑު މިއަދު ފާހަގަކޮށްލަން. މިދެންނެވި ފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ. މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން، އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އެކުދިންނާއި، އެ ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ.

 

ނެޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، ޚިދުމަތް ފުޅާކުރުމަށްޓަކައި ނެޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް، ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި ގެނެވޭ ބަދަލާއެކު، ނެޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތައް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި، ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ޤާއިމުކުރެވޭނެ. މީގެއިތުރުން، ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަކޮށް، އެމީހުންނަށް ވަކިން ފަރުވާދެވޭނެ އިންތިޒާމުތަކާއި، ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި، ޤައުމީ ދިރާސާ މަރުކަޒަކާއި، ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެ.

 

މަސްތުވާތަކެތިން ޤައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތަކީ ނުވަތަ އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުން. މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރުން.

 

އަޅުގަނޑުމެން މި ދައްކަނީ ވަރަށްބޮޑު އުނދަގޫ ކަމެއްގެ ވާހަކަ. މި ދައްކަމުން ގެންދާ ވާހަކައަކީ، ބަޔަކު ކުރަމުންގެންދާ ބޮޑު ވިޔަފާރިއެއް ހުއްޓާލާ ވާހަކަ. ރާއްޖޭގައި މި ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވަރކްތަކާ ގުޅިފައި. މިއީ ފެންނަން އޮތް ޙަޤީޤަތެއް. ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އަދި މި ފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، އެއީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި. ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އޭގައި އެބަ ގެންދޭ.

 

އަޅުގަނޑު މި ދެންނެވިހެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށްގިނަ ފަރާތްތައް އެބަހުރި. ކަސްޓަމްސްއާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ޙަޤީޤީ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ.

 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މި ސަރުކާރުން މިހާތަނަށްވެސް ވާނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެއްސުމަށް އޮޕަރޭޓް ކުރަމުން ގެންދިޔަ ސިއްރު ކެފޭތަކެއް ހޯދައި، އެތަންތަން ބަންދު ކުރެވިފައިވާ ވާހަކަވެސް އަޅުގަނޑު މި ފުރްޞަތުގައި ދަންނަވަން.

 

މަސްތުވާތަކެތީގެ ވަބާއިން މި ޤައުމާއި އަޅުގަނޑުމެންގެ މި ޖީލާއި އަދި އަންނަން އޮތް މި ޤައުމުގެ ޖީލުގެ ދަރީން ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ވާޖިބެއް. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީގެން އެމީހުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ ބުރަ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. މި މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާ ޖަމާއަތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

 

އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތްލެއްވުމަށް އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.