ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކި މަރުޙަލާއެއް ތަފާތުނުކޮށް، ތަޢުލީމުގެ ހުރިހާ ފުރުޞަތުތަކެއް ސަރުކާރުން ފަހިކޮށްދެމުން އަންނަނީ، އުފެއްދުންތެރި ފަރުދުންތަކެއްގެ އުފެއްދުމުގެ މުހިންމުކަން ބޮޑުވީމާކަން ފާހަގަކުރައްވާފައެވެ.
މިދިޔަ އަހަރުގެ ކޭމްބްރިޖް އިމްތިޙާނުން މަތީ ދަރަޖަ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ އެތައް ޤައުމަކުން އެތައް ލައްކަ ކުދިންނެއް ބައިވެރިވާ މިފަދަ އިމްތިޙާނަކުން އެންމެ މަތީ ދަރަޖައިގައި ފާސްވުމަކީ، ކުދިންގެ ޢިލްމީ ޤާބިލްކަން ސާބިތުކޮށްދޭ ހެއްކެއް ކަމުގައެވެ. އެހެންނަމަވެސް އަދިވެސް ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް މި ދާއިރާއިން މީހުން ބިނާކުރުމާއި ޢުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭން އެކަށީގެންވާ މިންވަރަށް ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަކީވެސް އަވަސް ޙައްލެއް ބޭނުންވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އެކަންކަން ފުރިހަމަކޮށް، ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށާއި އެ ބަދަލުތައް އައުމުން، ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް އިތުރުގެންދާނެ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ދަރިވަރުން ހޯދާ ނަތީޖާ ވެސް ވަރަށް ބޮޑަށް މަތިވެގެންދާނެކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ތިބެގެން ކުރިން ނުހޯދޭ ކިތަންމެ ޢިލްމެއް، ހޯދުމުގެ ފުރުޞަތު މިހާރު ފަހިވެފައި އޮތްކަން ފާހަގަކުރައްވައި އެކަމަށް ދަރިވަރުންނާއި ބެލެނިވެރިންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވަކިން ޚާއްޞަކޮށް ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް ކުރިން އިޚްތިޔާރު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދަރިވަރުންނަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވަމުން ރައީސުލްޖުމްޖޫރިއްޔާ ވަނީ ދަރިވަރުން އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް އަޒުމު ކަނޑައެޅުމަށާއި އަދި ޢިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެށުމަށްޓަކައި، ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް، ދަރިވަރުންނަކީ ދިވެހި ދަރިންކަން، ހަނދާނުގައި ބަހައްޓައިގެން ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2018 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 1 ވަނައަށް އައި 8 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 2018 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 6 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
މިދިޔަ އަހަރުގެ ތެރޭގައި 6600 ދަރިވަރުން ޘާނަވީ ތަޢުލީމް ނިންމިއިރު، ގަދަ 10 ވަނައިގައި 407 ދަރިވަރުން ހިމެނިފައިވެއެވެ.