بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، އަލިފުށީ ސްކޫލްގެ ޕްރިންސިޕަލް ޙަސަން ޔޫސުފް، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ޝާހިދު، އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރާޟީ، އަލިފުށީ ސްކޫލްގެ އެންމެހާ މުވައްޒަފުންނާއި ލޮބުވެތި ދަރިވަރުން، އަދި އެ ދަރިވަރުންގެ ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދަކީ އަލިފުށީގެ ޙަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެއް. އަލިފުށީ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރާ މި ޙަފްލާގައި ބައިވެރިވުމުގެ ނަސީބު ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި މިފުރުޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، ސްކޫލްގެ ޕްރިންސިޕަލަށާއި، ހުރިހާ މުވައްޒަފުންނަށް، އަދި ލޮބުވެތި ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، ދަރިވަރުންގެ ބެލެނިވެރިންނަށްވެސް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، މި ސްކޫލްގެ ފަރާތުން އަޅުގަނޑަށް ދެންމެ ދިން ހަނދާނީ ފިލަޔަށްޓަކައި، ސްކޫލްގެ ޕްރިންސިޕަލް ޙަސަން ޔޫސުފަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ސްކޫލްގެ ހުރިހާ މުވައްޒަފުންނަށާއި، ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ޝުކުރު ދަންނަވަން.


މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ އަލިފުށީ ސްކޫލްގެ ރަން ޔޫބީލް. ނަމަވެސް ރާއްޖޭގެ ރަށްރަށުގެ އިހުގެ ތާރީޚު، މާ ސާފުކޮށް ލިޔެވިފައި ނެތުމުން، މި ރަށުގައިވެސް ކިޔަވައިދޭން ފެށި ޙަޤީޤީ ދުވަސްވަރެއް ސާފުކޮށް އެނގޭކަށް ނެތް. ނަމަވެސް ޙަސަން ނޫރައްދީން (ދެވަނަ)އިގެ ރަސްކަމުގެ ދުވަސްވަރު، މި ރަށުގައި ވަކި އިންތިޒާމެއްގެ ދަށުން ކިޔަވައިދިން ކަމަށް ލިޔުންތަކުން ފެންނާން އެބަހުރި.


އެއީ މީގެ ގާތްގަނޑަކަށް 78 އަހަރު ނުވަތަ 80 ވަރަކަށް އަހަރު ކުރި. އެ ދުވަސްވަރުން ފެށިގެން މި ރަށުގެ ދަރީންނަށް ކިޔަވައިދެމުން އައީ، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި. 1969 ވަނަ އަހަރު ސަރުކާރުގައި ރަޖިސްޓްރީ ކުރުމަށްފަހު، އޭގެ 31 އަހަރު ވަންދެން މި ރަށު ސްކޫލް ހިންގަމުން އައީ، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި.


އެހެންވީމާ، އަލިފުށީ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަޚުރެއްގެ ޙައްޤުވެރިންނަކީ، އަލިފުށީގެ ލޮބުވެތި ރައްޔިތުން. ސްކޫލަށް ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ޙަޤީޤީ ޙިއްޞާދާރުންނަކީވެސް ތިޔަ ރައްޔިތުން. އެކަމަށްޓަކައި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި މަރުޙަބާ އާއި ޝުކުރުވެސް ދަންނަވަން.


މި ސްކޫލްވެސް ރަން ޔޫބީލަކާ ހަމައަށް މިއައީ، އެތައް ނަމެއްގައި އެތައް މަރުޙަލާއެއް ކަޑައްތުކޮށްފައި. މިއަދު އަޅުގަނޑުމެންނަށް މި މުނާސަބާ ފާހަގަކުރުމުގެ ނަސީބު ލިބުނީ، އެމަރުޙަލާތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުންގެ މިންނެތް މަސައްކަތުގެ ސަބަބުން. އެކަމަށްޓަކައި، މި ސްކޫލަށް ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.


މިރަށު ސްކޫލްގެ ތަޞައްވުރާމެދު ވިސްނައިލުމުން އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު ތަންފީޒު ކުރުމުގައި، މި ސްކޫލުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ތަން. މި ސްކޫލްގެ ތަޞައްވުރުގެ ތެރޭގައި ހިމެނޭ، ހުރިހާ ކަމަކީވެސް، އަޅުގަނޑުމެން އެކަށައަޅާފައިވާ، ތަޢުލީމީ ސިޔާސަތުގައި ހިމެނޭ ކަންތައްތައް.


އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ ދަރިވަރުންތަކެއް ކަމުގައި ދަރިވަރުން ހެދުން. އަދި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށްހިތާ، އަޚްލާޤް ރަނގަޅު ބަޔަކަށް ހެދުން. ހަމައެފަދައިން، އުނގެނުމުގައި މަތީ ކާމިޔާބުތައް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ދަރިވަރުންތަކެއް ކަމުގައި ހެދުން.


ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަންކަމަށް ސަމާލުކަން ދޭންޖެހެނީ، އަޅުގަނޑުމެން މިބޭނުންވާ އިޞްލާޙީ ބަދަލުތައް ގެނެވޭނީ، ދަރިންނަށް ރަނގަޅު ތަޢުލީމް ދީގެން ކަމަށްވާތީ. އަޅުގަނޑުމެން މި އެދެނީ، ޢަދުލު އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކުރުމަށް. އެކަން ކުރެވޭނީ، ތަޢުލީމުގެ ތެރެއިން، ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށްގެން.


ދަރީންނަށް ކިޔަވައިދިނުން މުހިންމީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގެ ކާމިޔާބީ ގުޅިފައިވަނީ ތަޢުލީމާ ކަމަށްވާތީ. ފަރުދީ ގޮތުން ބަލާނަމަ، މުޖްތަމަޢު ބަލައިގަންނަ ފަދަ ޝަޚްޞިއްޔަތަކަށް މީހާ ހަދައިދެނީ، އެމީހާ އުނގެނޭ ޢިލްމުން. މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދަމަހައްޓައިދެނީ، ވަކިވަކި ފަރުދުންގެ ޢިލްމީ ހޭލުންތެރިކަން ހުރި ނިސްބަތަކުން.


ކޮންމެ ޤައުމަކަށްވެސް އެންމެ ބޭނުންވަނީ އިޤްތިޞާދީ ފުދުންތެރިކަން ލިބުން. އިޤްތިޞާދަކީ އެ ތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީގޮތުން މެދުވެރިވާ ޙާލަތެއް. އެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ، އެ ބައެއްގެ ޢިލްމީ ޤާބިލުކަން އިތުރުވި މިންވަރަކުން.


އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އެއީ. މި ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުން. ތަޢުލީމް ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ އެއީ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަލިފުށްޓަކީ، އަޅުގަނޑުމެން މި އުންމީދުކުރާފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް.


މި ރަށުގެ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއް. އޮޑިދޯނިފަހަރު ބަނުމުގެ ޞިނާޢަތަށް، ޒަމާނާއެކު އައި ބަދަލުތަކަށް، މި ރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ފަރިތަވެފައި. ޒަމާނީ ލުއިފަސޭހަތަކާއި، އަލިފުށީ ވަޑިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން އެކުވީމާ، ދެން އެ ނުކުންނަ ކިއްސަރުތަކުން، ދިވެހި މަސްދޯނިތައް މަސްކަނޑުތަކަށް މާގަދަވެއްޖެ.


އޭގެ އިތުރުން، މިރަށުގެ ވަޑިން ބަންނަ ދޯނިފަހަރު، މި ޖަޒީރާތައް ދޫކޮށް، މާ ދުރު ކަރަތަކުގައި މިހާރު ވަޒަންވެރިވާން ފަށައިފި. މި ދަންނަވަނީ، މި ރަށުގެ މާވަޑިއެއްގެ ވަރަށް ފަޚުރުވެރި ވާހަކައެއް. އާދެ! ބޭރު ޤައުމުތަކުން ލިބޭ އޯޑަރުތަކަށް، މިރަށު ޢަލީ ޙަސަން، ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެ ޤައުމުތަކުގައި ދުއްވަމުންދާ ވާހަކަ އަޅުގަނޑު މި ދެންނެވީ.


އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، އޭނާ މިހާރު ވަނީ، ބައިނަލްއަޤްވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުންކުރުމަށް، ތަފާތު ސައިޒްތަކުގެ 5 ދޯންޏެއް ބަނދެދީފައި. އަދި މިހާރުވެސް ޒެންޒިބާރުގައި ބޭނުންކުރުމަށް، އޭނާ އެ ގެންދަނީ އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުން. މީގެއިތުރުންވެސް މި ރަށުގެ ހޭޅިފަށަށް ބެލުމުން އެ ފެންނަ ބޮޑެތި ހަރުގެތަކުގައި އެ ފެންނަނީ މި ރަށުގެ ދަރިން ކުރަމުންދާ މިފަދަ ބުރަ، ހުނަރުވެރި މަސައްކަތްތައް.
މިއީ މިރަށަށް އަދި ހަމަ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ފަޚުރެއް. ނޫއިޤްތިޞާދުގެ ނަފާ، އެތައް ގުނައަކަށް އިތުރުވެގެން ދިޔުމުގައި، އަލިފުށީ ވަޑިންގެ ޙިއްޞާ، ވަރަށް ބޮޑުކަމަށް އަޅުގަނޑު ޤަބޫލުކުރަން. ވަޑާން ކުރުން އެކަންޏެއް ނޫން. މިހާރަށްވުރެ ކުރިއަރުވައި ތަރައްޤީކުރަންޖެހޭ، ކިތަންމެ ފަންނަކާއި ކިތަންމެ ހުނަރެއް، ދިވެހިންގެ ކިބައިގައި އެބަހުރި.


އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތުގައި، ވަށައިޖެހޭ ތަޢުލީމަށް އިސްކަން ދީފައިވަނީ އެ ބޭނުމުގައި. މަދަރުސީ މަރުޙަލާއަކީ، ކުދިންގެ ކިބައިގައި ހުރި ހުނަރުތަކާއި ޤާބިލުކަން ދެނެގަތުމުގެ މަރުޙަލާ. ކޮންމެ ކުއްޖަކަށް އިމްތިޙާނުތަކުން މަތީ ވަނަތައް ނުހޯދުނަސް، ޢަމަލީ ޙަޔާތުގައި ހުނަރާއި ޤާބިލުކަމުގެ ގޮތުން، އެކުދިން މާ ހުޝިޔާރު ވެދާނެ.


މިޒަމާނުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، ޢަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުވުމަށް، އިސްކަންދެނީ މި ސަބަބުތަކަށްޓަކައި. ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ޤާބިލުކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެން. މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖުތަމަޢެއްގެ މީހުންނަށް.


ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުން. ކޮންމެ ފަރުދަކީ، އެ ވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ހުރި މީހަކަށް ހެދުން. ތަރައްޤީގެ ފޮނިމީރުކަން ލިބެން ފަށަނީ، ކޮންމެ ފަރުދެއްގެ ބައިވެރިވުން ޤައުމީ ތަރައްޤީއަށް ލިބެން ފަށާ ހިސާބުން.


އަޅުގަނޑު މިރޭ ތިޔަ ދަރިވަރުންނަށްވެސް ބުނެލަން އޮތް ވާހަކައަކީ، މި ރަށުގެ ކާބަފައިން ދައްކަމުން އައި ނަމޫނާގައި، ތިޔަ ދަރިވަރުން ރަނގަޅަށް ހިފާށޭ. ސްކޫލް ނިންމާފައި ނުކުންނައިރު، ތިމާއަކީ ހުނަރާއި ޤާބިލުކަން ހުރި ޒުވާނެއްކަން މުޖްތަމަޢަށް ސާބިތުކޮށްދޭށޭ. ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ޙައްލުކުރަން ދަންނަ، ކަންކަމުގައި އިސްނަގާ ކުއްޖަކަށް ވާށޭ.


ތިޔަކުދިންނަށް ބޭނުންވާނެ ވަރަށް ރަނގަޅު ފުރުޞަތުތައް އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ފަހިވަމުން. އެއީ ހަމަ ތިޔަކުދިންގެ ކުރިމަގު އުޖާލާކޮށްދިނުމަށް، ތަނަވަސްކޮށްދޭ ފުރުޞަތުތަކެއް. އެއީ މިފަދަ ކޮންމެ ރަށެއްގެ ތަރައްޤީއަށްޓަކައި ކޮށްދޭ ކަންތައްތައް. އަދިވެސް އިތުރު ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދޭނެ. އެހެންވީމާ، ބުއްދިވެރިންގެ ގޮތަކީ، ވެހޭތާ ފެން ނެގުން.


އަޅުގަނޑު އުންމީދުކުރަން، ތިޔަ ހުރިހާ ދަރިވަރުންވެސް، ޤައުމަށް ބޭނުންތެރި އަދި ރަށަށް ޚިދުމަތްތެރި ޒުވާނުން ކަމުގައި ވުމަށް މަސައްކަތް ކުރާނެކަމަށް. އެކަން ކާމިޔާބުވާނީ، މައިންބަފައިންނާއި މުދައްރިސުންގެ ބަސްއަހާ ކިޔަމަންތެރި ކުދިބައެއްގެ ގޮތުގައި އުޅެން އާދަކޮށްގެން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދި އެއް ކަމެއް ފާހަގަކޮށްލަން ބޭނުން. މި ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް، މި ސްކޫލްގެ މުވައްޒަފުންނާއި، މިރަށުގެ ރައްޔިތުން ކުރައްވާފައިވާ ގިނަގުނަ ބުރަ މަސައްކަތްތައް އަޅުގަނޑަށް ފެނިއްޖެ. މި ސްކޫލަށް ވަންނައިރު އެ ފެންނަ މަރިޔާދުގެ ކަމަށްވިޔަސް، މޮނިއުމަންޓް ކަމަށްވިޔަސް، އަދި އަޅުގަނޑު ވާހަކަ ދައްކަން މިހުރި ޕޯޑިއަމް ކަމަށްވިޔަސް، މި ސްޓޭޖް ޒީނަތްތެރިކޮށްފައި މި އޮތްގޮތް ކަމަށްވިޔަސް، މިއިން ކޮންމެ ކަމަކުން އަޅުގަނޑަށް މި ރަށުގެ ރައްޔިތުންގެ ހުނަރުވެރިކަން ފާހަގަވެގެންދޭ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު މިރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.


އަލިފުށްޓަށް އަދި މި ރަށު ސްކޫލަށް، އަޅުގަނޑު އަބަދުވެސް ކުރިއެރުމާއި ކާމިޔާބީއަށް އެދެން. ތިޔަ ދަރިވަރުންނަކީ، ތަޢުލީމް ހޯދުމަށް ލޯބިކުރާ، ހިތް އަލި ކުދިންތަކެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހިންނަށް މާތް ﷲ އަބަދުވެސް ހެޔޮ ގޮތްތައް މެދުވެރި ކުރައްވައި ފާގަތިކަން މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.