بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ. އަދި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މި ބައްދަލުވުމަށް ވަޑައިގެންދެއްވީތީ.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ހަމަ މުހިއްމު ކަމެއްގެ މަޢުލޫމާތު ޙިއްޞާކޮށްލުމަށް، މުހިއްމު ވާހަކައެއް ޙިއްޞާކޮށްލުމަށް. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާގައި އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލުކޮށްލާނަން، ދެންހުރި ކަންތައްތަކާ ބެހޭގޮތުން.

އެނގިވަޑައިގަންނަވާނެ، މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ ތަޙުޤީޤު ކުރުމަށް އަޅުގަނޑު ކޮމިޝަނެއް އެކުލަވައިލިން 17 ނޮވެންބަރު 2018 ގައި، އަޅުގަނޑު ވެރިކަމާ ހަވާލުވެ ހުވާކުރުމާ ގުޅިގެން. އަދި މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އަޅުގަނޑު ވާނީ އެ ކޮމިޝަނަށް ޤާނޫނީ ބާރުތަކެއް ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު ބިލު ތަޞްދީޤުކޮށް، ފުރިހަމަ ބާރުތަކެއް އެ ކޮމިޝަނަށް ދީފައި.

އަޅުގަނޑު އެ ކޮމިޝަން އެކުލަވައިލީ ވަރަށް މުހިންމު، ވަރަށް މާތް މަޤްޞަދެއްގައި. އޭގެތެރެއިން އެއްކަމަކީ، ގެއްލިފައިވާ ނޫސްވެރިއެއް ކަމުގައިވާ އަޙްމަދު ރިޟްވާނަށް ވީގޮތެއް ހޯދައި، އެކަންކުރި ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެސް، އަދި އެފަދަ ކަންތައްތައް ރާއްޖޭގައި، ދެން ކުރިއަށް އޮތް ތަނުގައި ހިނގިޔަނުދިނުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންތައްތައް ކުރުން.

މިހާތަނަށް ކޮމިޝަނުން ވަރަށް ރަނގަޅު ބުރަ މަސައްކަތް ކުރައްވައިފި. އުނދަގޫ މަސައްކަތްތަކެއް ކުރައްވައިފި. އެގޮތުން، ރިޟްވާނުގެ މައްސަލައާ ބެހޭގޮތުން މިހާރު ވަނީ އަޅުގަނޑަށް ދެ ޑްރާފްޓެއް އެބޭފުޅުން ފޮނުއްވާފައި. ފުރަތަމަ ޑްރާފްޓްގައި 62 ޞަފްޙާ. ދެވަނަ ޑްރާފްޓް އެއީ 1 ސެޕްޓެންބަރުގައި އަޅުގަނޑަށް ލިބުނު ޑްރާފްޓެއް. އެއީ 70 ޞަފްޙާގެ ޑްރާފްޓެއް.

އަދި މީގެއިތުރުން، އަޅުގަނޑުމެންގެ ތެރޭގައި ކަންބޮޑުވުންތައް ހުރި އިތުރު އެހެން މަރުތަކުގެ މައްސަލަތައް ބައްލަވަމުން އެބަ ގެންދަވާ. އޭގެތެރޭގައި، ޑޮކްޓަރ އަފްރާޝީމުގެ މަރުގެ މައްސަލަ އެބަ ބައްލަވާ. އަދި ޔާމީން ރަޝީދުގެ މައްސަލަވެސް ވަރަށް ރަނގަޅަށް ބައްލަވަމުން އެބަ ގެންދަވާ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން، ޑޮކްޓަރ އަފްރާޝީމުގެ މައްސަލައިގައިވެސް ގާތްގަނޑަކަށް 90 ޕަސެންޓް ވަނީ މިހާރު ނިމުމަކަށް އައިސްފައި. ހަމަ އެގޮތަށް، ރިޟްވާނުގެ މައްސަލަވެސް ދާދި އަވަހަށް ބަލައި ނިމޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިފައި އެބައޮތް.

އެނގިވަޑައިގަންނަވާނެ، ދެވަނަ ޑްރާފްޓް އަޅުގަނޑާ ހަވާލުކުރުމަށްފަހުގައި، ކޮމިޝަންގެ ފަރާތުން ޕްރެސްއާ ބައްދަލުކުރި. މަޢުލޫމާތުތަކެއް ޙިއްޞާ ކުރެއްވި. އަދި އޭގެއިތުރުން، ބައެއް މަޢުލޫމާތުތައް ހާމަވެގެން ހިނގައްޖެ. އެކަމާ ގުޅިގެން ރިޟްވާނުގެ ޢާއިލާގެ ފަރާތުންނާއި، ގާތް ރައްޓެހިންނާއި، އަދި ޢާންމުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާޅުކުރަމުން އެބަ ގެންދޭ. އަދި މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ. އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފާހަގަކުރައްވަމުން އެބަ ގެންދަވާ.

މިކަމާ ގުޅިގެން މިހާރު ކުރެވެންހުރީ ކޮން ކަންތައްތަކެއްތޯ ބެލުމަށްޓަކައި އަޅުގަނޑު އިއްޔެ ބައްދަލުވުމެއް ބޭއްވިން. އެ ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ޕޮލިސްއާއި، ޑިފެންސްއާއި، އަދި މަރުތައް ބަލާ ކޮމިޝަނުގެ ބޭފުޅުންނާ އެކީގައި އަޅުގަނޑުމެން މި ބައްދަލުވުން ކުރިއަށް ގެންދިޔައީ.

މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް، އަދި މީގެއިތުރުންވެސް މިކަމާ ގުޅިގެން ކުރަންޖެހޭ ކޮންމެ ކަމަކީ، އެތައް މުއައްސަސާތަކަކާ ގުޅިފައި ހުރި ކަމެއް. އެންމެ ކަމެއްނޫން މީގައި ކުރަން މިޖެހެނީކީ. މިއާ ގުޅިގެން ތަޙުޤީޤަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް އެބަތިބި. ފުރުން މަނާކުރަންޖެހޭ ފަރާތްތައް އެބަތިބި. އަދި ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ހައްޔަރު ކުރަންޖެހޭ ފަރާތްތައްވެސް ތިބިކަން އަޅުގަނޑުވެސް ފާހަގަކުރަން.

މި ކަންތައްތައް ކުރެވެން އަންނަނީ މި ހުރިހާ މުއައްސަސާއެއް އެކުގައި މިކަން ކުރެވިގެން. އަޅުގަނޑުމެން އިއްޔެ އެ ބައްދަލުވުމުގައި އެއްބަސްވެ ނިންމުނު ކަންތައްތަކަކީ، މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް ހަލުވިކޮށް ކުރުން. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށް އެބަދޭ. އެގޮތުން، ކަންބޮޑުވުންތައް ހުރި ކަންތައްތައް ދެނެގަނެ، ބަންދުކުރަންޖެހޭ މީހަކު ހުރިކަމަށްވަންޏާ، ބަންދުކޮށްގެން ތަޙުޤީޤު ކުރަން، އިތުރަށް ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، އެކަންވެސް ކުރަން އަޅުގަނޑުމެންނަށް އެއްބަސްވެވުނު.

އޭގެއިތުރުން، ވީހާވެސް އަވަހަކަށް ރިޕޯޓް ފައިނަލް ކުރުން. ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް އަޅުގަނޑާ ހިސާބަށް ގެނައުމަށް ނިންމުނު. އެނގިވަޑައިގަންނަވާނެ، އެ ޤާނޫނުގައި ވަރަށް ސާފުކޮށް ޞަރީޙަ ބަހުން އެބަ ބުނޭ ކަންތައް ކުރަންވީގޮތް. ކޮމިޝަނަށް ލިބިދޭ ބާރުތަކާއި، އެ ބާރުތަކުގެ ތެރޭގައި، ތަޙުޤީޤުތައް ކުރެވޭނެގޮތާއި، އަދި ނިމުމަށްފަހުގައި އެ ރިޕޯޓަށް ހަދަންވީގޮތް ވަރަށް ސާފުކޮށް އެބައޮތް. އެއަށްފަހުގައި، އަޅުގަނޑު ކަން ކުރަންވީގޮތްވެސް އެބައޮތް.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށާއި އަދި އެ ޢާއިލާއަށް ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން އަޅުގަނޑެއް ފަހަތަކަށް މިކަމަކު ނުޖެހޭނޭ. އަޅުގަނޑުމެން މިތިބީ ކުރަންޖެހޭ ކޮންމެ ކަމެއް މިކަމުގައި ކުރާށޭ. ކުރިއަށް އަޅުގަނޑުމެން މި ކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަމޭ.

މި މައްސަލަ ކުރިއަށް ގެންދާއިރުގައި، ބައެއް ޤާނޫނުތަކަށް ބަދަލުގެންނަންޖެހޭކަން ފާހަގަކުރެވުނު. ޚާއްޞަކޮށް، ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެނގިވަޑައިގަންނަވާނެ، މިހާރު ޓެރަރިޒަމްގެ ޤާނޫނު އޮތްގޮތުން، އޭގެ އަޞްލު ޓެރަރިސްޓުންނާއި، ނޫނީވިއްޔާ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީހުންނާ ދިމާއަށް ދިޔުމަށްވުރެ ބޮޑަށް އަމާޒުވެފައި އޮތީ މުޅިން އެހެން ދިމާއަކަށް.

އެހެންވީމާ، ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ ޢަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި، ތަޙުޤީޤު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ޤާނޫނު ބަދަލުކުރަން އެބަޖެހޭ.

ހަމައެއާއެކުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެބައޮތް. ފުރަތަމަ ހައްޔަރުކުރުމަށްފަހުގައި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަންޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ.

އަޅުގަނޑުމެންނަށް އިއްޔެ ސާފުވެގެންދިޔައީ، މިފަދަ ބޮޑު ކަމެއް ޓެރަރިޒަމާ ގުޅޭ އަދި ދައުލަތުގެ މަޞްލަޙަތާ ގުޅޭ މިފަދަ ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު، ތަޙުޤީޤުކޮށް ނިމި، އަދި ޝަރީޢަތް ނިމެންދެން އެއަށްވުރެ ގިނަ ދުވަހު ބަހައްޓަން ޖެހިދާނެ ޙާލަތެއް އަތުވެދާނެ ކަމަށް. އެހެންކަމަށްވަންޏާ، އެ ޖާގަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިން ލިބިދޭންޖެހޭ ކަމަށް، ޕޮލިހަށާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލަށާއި، އަދި ކޯޓުތަކަށްވެސް.

އެހެންވީމާ، އެ ބަދަލު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އިއްޔެ ފަށައިފިން. އިރާދަކުރެއްވިއްޔާ، މިއަދު މި ދެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އަޅުގަނޑާ ހިސާބަށް ގެނެވޭނެ ކަމަށް އަޅުގަނޑު މި ބަލަނީ. އެއާއެކީގައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވައި، ވީހާވެސް އަވަހަކަށް އެ ދެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.

މިހާތަނަށް މި ކޮމިޝަނުން ކުރެއްވި މަސައްކަތުގައި، ކޮމިޝަނުން އަޅުގަނޑަށް ޔަޤީންކަން ދެއްވާފައި އޮތީ، ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ލިބެންޖެހޭ އެއްބާރުލުން މިހާތަނަށް ލިބެމުން އައި ކަމަށް. އަދި މިހާރުވެސް ލިބެމުން އަންނަ ކަމަށް.

އެހެންވީމާ، މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިޔުމުގައި، ދަތިތަކެއް އޮތް ކަމަކަށް އަޅުގަނޑަކަށް ފާހަގައެއްނުކުރެވުނު.

އެހެންވީމާ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް އިއްޔެ ނިންމުނީ ވީހާވެސް އަވަހަކަށް ރިޕޯޓް ފުރިހަމަކޮށް، އަޅުގަނޑާ ހިސާބަށް ގެނައުމަށް. އަދި މިހާރުން މިހާރަށް ތަޙުޤީޤަށް ހާޒިރު ކުރަންޖެހޭ މީހެއް ހުރިކަމަށްވަންޏާ ހާޒިރުކުރުން. އަދި ބަންދުކޮށްގެން ހާޒިރުކުރަންޖެހޭ މީހެއް ހުރެއްޖިއްޔާ އެކަންވެސް ކުރިއަށް ގެންދިޔުން. އަދި އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ކޮމިޝަނަށް ލިބުމަށް. އަދި އެކަން ކަށަވަރު ކުރުން އެއީ އަޅުގަނޑުގެ ކަމެއްގެ ގޮތުގައި.

އެހެންވީމާ، އަޅުގަނޑު ކޮމިޝަނަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް މި އަރުވަނީ، އެއީ ފުލުހުން ކަމަށްވިޔަސް، ޑިފެންސް މިނިސްޓްރީން ކަމަށްވިޔަސް، ބަންޑާރަ ނައިބު ކަމަށްވިޔަސް، މި ހުރިހާ ފަރާތްތަކުން ކޮމިޝަނަށް ލިބެންޖެހޭ އެއްބާރުލުން ލިބުމުގެ ޔަޤީންކަން އަޅުގަނޑު ކަށަވަރުކުރާނަމޭ. އެ އަޅުގަނޑު ހޯދައިދޭނެ ވާހަކަ.

މިއީ މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ. ހަމައެއާއެކުގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑަށް ދެ ޑްރާފްޓް ލިބިފައި އޮތްއިރުގައި، ފުރަތަމަ ޑްރާފްޓާއި، ދެވަނަ ޑްރާފްޓްގައި އެބަހުރި، މިއީ ތަޙުޤީޤު ކުރެވެމުންދާ ކަމަކަށްވާތީ، އަންނަންޖެހޭ ބަދަލުތަކެއް. އެހެންވީމާ، ނުނިމި އޮތް ޑްރާފްޓެއްކަން ތިޔަބޭފުޅުން ގަބޫލުކުރައްވާށޭ.

މިސާލަކަށް، އަޅުގަނޑު އެއްކަމެއް ދަންނަވާނަން. ފުރަތަމަ ޑްރާފްޓްގައި، ރިޟްވާނަށް ވީގޮތް ލިޔަމުން އައިސް، އޮތީ ރަތް ކާރަކަށް ލައިގެން އައިސް، ލޯންޗަކަށް ލައިގެން ދެން އެ ވީކަމެއް ވީކަމަށް. އެހެންނަމަވެސް، ދެވަނަ ޑްރާފްޓަށް އައިއިރުގައި، މިހާރު މިއޮތީ މުޅިން އެހެން ގޮތަކަށް ބަދަލުވެފައި. މިހާރު މިއޮތީ ކަންނެލި ދޯންޏަކަށް އެރުވި ވާހަކަ. އެހެންވީމާ، ތަޙުޤީޤު ކުރިއަށްދިޔަވަރަކަށް މީގައި އެބަ ފެނޭ، އަޑިއަށް ފީނީމާ ވަރަށް ބައިވަރު ކަންތައްތައް.

އެހެންވީމާ، މިއީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކުރަންޖެހޭ ކަމަކަށްވާތީ، މިހާތަނަށް ލަސްވެގެން މިދަނީ. އެހެންނަމަވެސް، ދާދި އަވަހަށް މި ރިޕޯޓް ފައިނަލްވެ، އަދި ރިޕޯޓް ތަޙުޤީޤު ކުރެވެމުންދާއިރުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަމުން، އަޅުގަނޑު ބައެއް ސުވާލުތަކަށް ތިޔަބޭފުޅުންނަށް ފުރްޞަތު ހުޅުވާލަން.

މުޙައްމަދު ޔާމީން - މިހާރު ނޫސް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރިޟްވާނުގެ މައްސަލައިގައި މަރުގެ ކޮމިޝަނުން މިވަނީ ޑްރާފްޓް ރިޕޯޓް ތައްޔާރުކޮށް ހާމަކޮށްފައި. އޭގެތެރެއިން ބައެއް ޑްރާފްޓް ރިޕޯޓަށް ރައީސަށް އެރުވި ވާހަކަ ތިޔަ ވިދާޅުވީ.

މިހާތަނަށް ޢާންމުވެފައިވާ މި ރިޕޯޓުން ފާހަގަވާ ކަމަކީ، ވަރަށްގިނަ ސިއްރުތައް، ރިޟްވާނުގެ މައްސަލައިގައި ވަރަށްގިނަ ސިއްރުތައް އެނގި ހާމަވެފައި ވަނީ. ދަޢުވާ ނުކުރެވެނީސް ނޫނީ ޝަރީޢަތް ނުފެށެނީސް ވަރަށްގިނަ މީހުންގެ މަޢުލޫމާތު ބޭޒާރުވެފައި މިވަނީ.

އަޅުގަނޑުގެ ސުވާލަކީ މިގޮތަށް ބޭޒާރުވުމާ ގުޅިގެން، ކޮމިޝަން އުފެއްދުމުގެ މަޤްޞަދު ފުރިހަމައަށް ހާސިލުވި ކަމަށް މަނިކުފާނު ގަބޫލު ކުރައްވަންތޯ؟

ދެން ހަމަ އެއާ ގުޅޭ ސުވާލެއް. ޑްރާފްޓް ރިޕޯޓެއްގެ ވާހަކަ އަބަދުވެސް މި ފާހަގަކުރެވެނީ. އެގޮތަށް ޑްރާފްޓް ރިޕޯޓެއް ނެރެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ. އެއީ ރަނގަޅަށް ކުރި ކަމެއް ކަމަށްތޯ ގަބޫލުކުރައްވަނީ. އެއަށްފަހު ހަމަ އެއާ ގުޅޭގޮތުން ފައިންޑިކްސްތަކެއް ހާމަވެގެން މިދިޔައީ.

މަނިކުފާނު ގަބޫލުކުރައްވަންތޯ ރިޟްވާނުގެ މައްސަލައިގައި، ރިޟްވާނަށް އިންޞާފު ލިބިދާނެކަން މި ހޯދުންތަކުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ، އަޅުގަނޑުގެ މައިގަނޑު އަމާޒަކީ، ކުރިންވެސް ދެންނެވި ފަދައިން، ރިޟްވާނަށް ވީގޮތެއް ހޯދައި އަދި އެކަން ކުރި ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެސް، ދެން މިފަދަ ކަމެއް ހިނގިޔަނުދިނުމަށް މަސައްކަތް ކުރުން.

އެހެންވީމާ، އަޅުގަނޑުމެން މި ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މިކަމުގެ އިންޞާފާ ހިސާބަށް ދެވޭނެކަމުގެ އުންމީދު އަޅުގަނޑުގެ އެބައޮތް.

ކޮމިޝަނުން ވަރަށްބުރަ، ވަރަށް އުނދަގޫ މަސައްކަތްތަކެއް ކުރައްވައިފި. އަދިވެސް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، ކޮމިޝަނުގެ މަޤްޞަދާ ދޭތެރެއަކު އަޅުގަނޑުގެ ޝައްކެއްނެތް. މަސައްކަތް ކުރައްވާގޮތް ހަމަ ރަނގަޅު.

ދެން އެނގިވަޑައިގަންނަވާނެ، ޕްރެސް ކޮންފަރެންސްގައިވެސް އޭގެ ބައެއް މަޢުލޫމާތުތައް ހާމަވެގެން ހިނގައްޖެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކޮމިޝަނުން މަސައްކަތް ކުރައްވާނީ، ކުރައްވަންޖެހޭނީ އެ ޤާނޫނުގައި އޮތްގޮތަށް. ޤާނޫނުން ބޭރަށް ވަޑައެއްނުގަންނަވާނެ. ވަޑައިގަނެގެނެއް ނުވެސްވާނެ. އެ އިމުގެ ތެރޭގައި ކުރިއަށް ގެންދަންޖެހޭނީ. އަދި ރިޟްވާނުގެ މައްސަލައިގައި އިންޞާފު ހޯދުމަށް ދަތިވާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުން އެއީ އަޅުގަނޑުގެ އެދުމަކީ.

އާމިނަތު އަމީނާ – ވީ.ޓީ.ވީ:

މަނިކުފާނު ވިދާޅުވެއްޖެ، ދެ ޑްރާފްޓެއް މިހާތަނަށް ލިބިވަޑައިގެންފައިވާ ކަމަށް. ދެވަނަ ޑްރާފްޓް ލިބިވަޑައިގެންފައިވާ ކަމަށް ތިޔަ ވިދާޅުވީ 1 ސެޕްޓެންބަރުގައި، ކޮމިޝަނުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ފުރަތަމަ ޑްރާފްޓް ލިބިވަޑައިގެންނެވީ ކޮން ތާރީޚެއްގައިތޯ؟

މަނިކުފާނު ފާހަގަކުރައްވައިފި، އަދިވެސް ނުނިމި އޮތް މަސައްކަތެއް ކަމަށް މި މަސައްކަތަކީ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަދި ތަންފީޒީ އިދާރާތަކުން ކޮމިޝަނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންގެންދާ ކަމަށް އެ ފަރާތްތަކުން ބުނަމުންދާ ކަމަށް.

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މި ނުނިމި އޮތް ރިޕޯޓެއް، ދެވަނަ ޑްރާފްޓް މަނިކުފާނަށް 1 ސެޕްޓެންބަރުގައި ލިބިވަޑައިގެންނެވިއިރު، ކޮމިޝަންގެ މި ރިޕޯޓް ރައްޔިތުންގެ މަޖިލީހާ ޙިއްޞާ ކުރެއްވުމަށް އެއްވެސް ހިސާބަކުން މަނިކުފާނު ލަފާފުޅެއް ދެއްވިންތޯ ކޮމިޝަނަށް، ނޫނީ އެހެން އެއްވެސް ބޭފުޅަކަށް.

ދެން އަޅުގަނޑުގެ އިތުރު ސުވާލެއްވެސް އެބައޮތް. އަދި ރިޟްވާނުގެ މި ރިޕޯޓުގެ މައްސަލައާ ގުޅިގެން މިހާރު ފެންމަތިވެގެން އުޅޭ މައްސަލައަކަށްވާތީވެ. ކޮންމެގޮތެއްވިޔަސް ކުރީގެ ރައީސަކު ވާހަކަފުޅެއް ދައްކަވަނީ އެ މަނިކުފާނަށް އެމް.އެން.ޑީ.އެފް. އިން ފާރަލަމުންދާ ކަމަށް އެބަ ވިދާޅުވޭ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެ މަނިކުފާނަކީ. އެހެންވީމާ، އެކަމުގައި މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ނަޝީދަށް އެއްވެސްކަހަލަ ތްރެޓެއް އޮވެދާނެ ކަމަށް ގަބޫލުކުރައްވަންތޯ؟ އަދި އެމް.އެން.ޑީ.އެފް. އިން ފާރަލާކަމަށް، އެގޮތަށް ވިދާޅުވާނަމަ، އެކަން އެ ކުރައްވަނީ ކޮން ގޮތަކަށް ކަމަށްތޯ މަނިކުފާނަށް ގަބޫލުކުރެއްވެނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ޑްރާފްޓް އަޅުގަނޑަށް ލިބުނު އެގްޒެކްޓް ޑޭޓެއް އަޅުގަނޑު ކުއްލިއަކަށް މިވަގުތަކު ހަނދާނެއް ނެތް އިނގޭތޯ. އެކަމަކު އެއީ މޭ މަހު. މިއީ އޭގެ ޑްރާފްޓަކީ އިނގޭތޯ. މީގައި އެބަހުރި ހަމަ ކުލަކޮށްވެސް. ފެނިވަޑައިގަންނަވާނެ އިނގޭތޯ. މިއޮތީ އިނގޭތޯ. ދެން މިއޮތީ އޭގެފަހުން ދެވަނަ ޑްރާފްޓް އަޅުގަނޑަށް ލިބުނު. މީގައި މިއޮތީ ކޮމްޕައިލްވެސް ކޮށްފައި. އެކަމަކު މި އަދި މިއޮތީ ބްލެކް އެންޑް ވައިޓްކޮށް އެބަހުރި އިނގޭތޯ. އެހެންވީމާ، އެއީ މޭ މަހުގެ ތެރޭގައި އަޅުގަނޑު ހަނދާންވާ ގޮތުން ފުރަތަމަ ޑްރާފްޓް އަޅުގަނޑަށް ލިބުނީ. މުޅިން އެގްޒެކްޓް ޑޭޓް އަޅުގަނޑު ސާފުކޮށްލަންޖެހޭނީ އިނގޭތޯ. ދެން ދެވަނަ ޑްރާފްޓް އަޅުގަނޑަށް ލިބުމާ އެކީގައި އެހެން އެއްވެސް ފަރާތަކާ ޙިއްޞާ ކުރުމަށް އަޅުގަނޑު ކޮމިޝަނުގައި ބުނެފައިވާނެތޯ، ނޫންތޯ، އެ ކުރި ސުވާލު. ނޫން އަޅުގަނޑު ނުބުނަން. އަޅުގަނޑުމެންނަށް އެ ދުވަހު މަޝްވަރާ ކުރެވުނީ، މީޑިއާގައި އެއްޗެއް ބުނަންވެއްޖެއޭ. ރައްޔިތުންނަށް ކޮންމެވެސް އެއްޗެއް ހާމަކުރަން އެބަޖެހެޔޭ. އެއާ ގުޅިގެން މަޝްވަރާ ކުރުމަށްފަހުގައި، މީޑިއާއާއި ޕްރެސްއާއި، ކޮމިޝަނުގެ ފަރާތުން ބައްދަލުކުރެއްވީ އިނގޭތޯ. އެ ދުވަހުގެ ޕްރެސްގައި އެ ދެއްކެވީ އަޅުގަނޑުމެންނަށް އެ ދުވަހު ދެކެވުނު ވާހަކަތަކުގެ އަލީގައި ޢާންމު ކުރެވުނު ކަންތައްތައް. އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑު ޔަޤީންކުރަން ބޭނުންވަނީ، ދެންވެސް މިހާތަނަށްވެސް އެ ޑްރާފްޓް ލިބިވަޑައިގެންނެވި، އެއިން އެއްވެސް ބޭފުޅަކު މި ތަޙްޤީޤަށް ހުރަސްއެޅޭގޮތަށް އެއްވެސް ކަމެއް ނުކުރައްވާށޭ. އަދި ނިންމަންޖެހޭ ގުޅުވަންޖެހޭ ޑޮޓްތައް އެބަހުރި މީގެތެރޭގައި. އަޅުގަނޑަށް މި ބަލައިލީމާވެސް އެބަ އެނގޭ. އަދި ކޮމިޝަނުންވެސް އެބަ ވިދާޅުވޭ. އެހެންވީމާ، އެކަން އެބަ ކުރިއަށް ގެންދަވާ. ސުވާލުކުރަންޖެހޭ ވަރަށްގިނަ މީހުން އަދި އޭގެތެރޭގައި އެބަތިބި. އެހެންވީމާ، އެކަން އެގޮތަށް ކުރެއްވުން އެއީ އަޅުގަނޑުގެ އެދުމަކީ.

ތިންވަނަ ކަމަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފާރަލުމުގެ މައްސަލަ. އަޅުގަނޑު މިތަނަށް އައުމުގެ ކުޑައިރުކޮޅެއް ކުރިން އަޅުގަނޑަށް އަޕްޑޭޓެއް ލިބުނު. އެކަމާ ބެހޭގޮތުން ޕޮލިހުންނާއި އެމް.އެން.ޑީ.އެފް. އިން ބަޔާނެއް މިހާރުވަނީ ނެރުއްވާފައި. އެކަން އެގޮތަށް ނުކުރައްވާ ކަމަށް.

ޠަހާރަތު މުޙައްމަދު ވަޙީދު – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ގުޅުން ބަދަހިކަން ކިހާވަރަކަށް ގުޅުން ބަދަހިކަން މަނިކުފާނު ގަބޫލުކުރައްވަންތޯ؟ އެހެން މި ދެންނެވީ ރިޟްވާން މައްސަލައިގެ ރިޕޯޓް ޢާންމުކުރުމާއެކު، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ފުލުހުންނާއި، މަރު ކޮމިޝަނާއި އަދި އެޓަރނީ ޖެނެރަލްގެ އޮފީހާމެދު ޚިޔާލުތަފާތުވުންތަކެއް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. މަނިކުފާނު ގަބޫލުކުރައްވަންތޯ، އޮފީސްތަކުގެ މެދުގައި އެއްވެސްކަހަލަ ގުޅުން ހީނަރުކަމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މީގައި، މި ޑްރާފްޓް އެއްފަރާތަކަށް ހާމަވެގެންދިޔައިރުގައި، ބަޔަކަށް ހާމަވެގެންދިޔައިރުގައި، ޕޮލިހަކަށް ނެތް މި ޑްރާފްޓެއް ލިބިފައެއް. އަޅުގަނޑެއް ޙިއްޞާއެއްނުކުރަން. ކޮމިޝަނަކުންނެއް ޙިއްޞާއެއް ނުކުރޭ. މީގައި ހިމެނޭ ޕްރޮސިކިއުޓަރ ޖެނެރަލް އެބަ ހުންނެވި. ޙިއްޞާއެއް ނުކުރޭ. އަޅުގަނޑެއް ނުކުރަން. ކޮމިޝަނަކުން ޙިއްޞާއެއް ނުކުރޭ. އޭ.ޖީ އެބަ ހުންނެވި. އޭ.ޖީއަކާ އަޅުގަނޑެއް ޙިއްޞާއެއް ނުކުރަން. އަޅުގަނޑު އެކަން އިހަށް މަޑުކޮށްލީ، ފައިނަލް ރިޕޯޓް ވަރަށް އަވަހަށް ތައްޔާރުކުރެވޭނެ ކަމަށް ކޮމިޝަނުން އެދިވަޑައިގަތީމާ. އެހެންވީމާ، އެއާ ގުޅިގެން ތިޔަ ވިދާޅުވާހެން އެކި މުއައްސަސާތަކުން އެކިގޮތަށް މިހާތަނަށް ވާހަކަ ދެއްކީ. އެހެންވެ، އަޅުގަނޑު ނިންމި ނިންމުމެއް އިއްޔެ އެއީ، ހުރިހާ ބޭފުޅުން އެއް މޭޒެއްގެ ދޮށަށް ގެނެސް، މިކަމުގައި އެކައްޗެއް ކިޔައިގެން ކުރިއަށް ދިޔުމަށް. އެގޮތުން، އިރާދަކުރެއްވިއްޔާ، ދެން މިކަމުގައި މަސައްކަތް ކުރިއަށްދާނީ، ހުރިހާ ބޭފުޅުންނަށް އެއް އަމާޒަކަށް. އަޅުގަނޑު އިއްޔެ އޮންނާނެ، ކޮމިޝަނުގައި އެދިވަޑައިގެންފައި، މި ޑްރާފްޓް ރިޕޯޓް ޕޮލިހަށާއި، އޭ.ޖީއަށާއި، ޕީ.ޖީއަށް ޙިއްޞާ ކުރުމަށް. މިހާރު އަޅުގަނޑު އުންމީދު ކުރަނީ، އެ ވާނީ ޙިއްޞާ ކުރެވިފައި ކަމަށް.

މުރްޝިދު ޢަބްދުލްޙަކީމް – ޕީ.އެސް.އެމް ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، މިހާރު ހާމަވެފައި މިވާ ޑްރާފްޓް ރިޕޯޓުން އެނގުނު އެކައްޗަކީ، ރިޟްވާން ރާއްޖެއިން ބޭރަށްދިޔަފަހުން މަރުވިކަން ދެއްކުމަށްޓަކައި ދެ ފުލުހަކު އެބަވޭ، މަސައްކަތް ކޮށްފައި ޕާސްޕޯޓް ހެއްދުމަށްޓަކައި. މިކަމާ ގުޅިގެން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ، އެ ޖިނާއީ ތަޙުޤީޤު އެ ދެ ފުލުހުންނާމެދު ހިންގަންޖެހޭނީ ކޮން ފަރާތަކުންތޯ، ބައެއް ފަރާތްތަކުން އެބަވޭ ސުވާލު އުފައްދާ. އަދި އޭގެތެރެއިން އެއީ ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެނީ. ފުލުހުން ކުރަންޖެހޭނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން އެބަ ދެކޭ. ކިހިނެއްތޯ އިއްޔެ މަނިކުފާނު ވިދާޅުވެއްޖެ، މިކަމާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކާއެކު ބައްދަލުކުރި ވާހަކަ. ކިހިނެއްތޯ، އެއްބަސްވެވެނީ، މި ތަޙުޤީޤުތަކުގައި ހިމެނޭ ފާހަގަވާ އެހެން މީހުންގެ ކުށްތައް ޖިނާއީ ތަޙުޤީޤުތައް ހިންގަވަންޖެހެނީ ފުލުހުން ވަކިންތޯ، ނުވަތަ ކޮމިޝަނުންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތަޙުޤީޤު އިދާރާއަކަށް ލިބެންޖެހޭ ހުރިހާ ބާރެއް މި ޤާނޫނުގެ ދަށުން ކޮމިޝަނަށް ލިބިދީފައި އެބައޮތް. އަނެއްކާ އަޅުގަނޑު މި ކޮމިޝަން އުފެއްދީ މިކަން ބެލުމަށް ޚާއްޞަކޮށްފައި. ޚާއްޞަކޮށް އަޅުގަނޑު މި ދެންނެވިހެން މަރުވެފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނާބެހޭ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނެއް. އެހެންވީމާ، މި ކޮމިޝަނަށް މިކަން ކުރެވޭނެ. އަޅުގަނޑު ހިތުން އެ ޤާބިލުކަންވެސް އެބަހުރި. އެކަން ކުރައްވާނެ އިނގޭތޯ.

ދެން އޭގައި އޮތީ ދެންހުރި މުއައްސަސާތަކުން ކޮމިޝަނަށް އެއްބާރުލުން ދެއްވުން. އަޅުގަނޑު ޔަޤީންކުރާނަން، އެ އެއްބާރުލުން އެހެން މުއައްސަސާތަކުން ކޮމިޝަނަށް ހޯދުމުގައި. އަޅުގަނޑު އިއްޔޭއްސުރެ ފަށައިގެން އެ މަސައްކަތް ފަށައިގެން މިހާތަނަށްވެސް އަޅުގަނޑު މި ދެންނެވިހެން ކޮމިޝަނަކުން ނެތް އެއްބާރުލުމެއް ނުލިބިގެންނެއް އެކަމުގެ ޝަކުވާއެއް އަޅުގަނޑާ ހިސާބަށް އައިސްފައެއް. އަދި އޭގެއިތުރުން، އެއްބާރުލުން ލިބޭ ވާހަކަ ވިދާޅުވެފައިވެސް އެބައޮތް.

އެހެންވީމާ، އިއްޔެގެ ބައްދަލުވުމާ އެކީގައި އިތުރަށް ތަޙުޤީޤުތައް، ފުލުހުންނާ ދޭތެރޭގައި ކުރަންޖެހޭ ތަޙުޤީޤުތައްވެސް ކުރެވިގެންދާނެ. ތުހުމަތު ކުރެވޭ މީހަކު ހުރެއްޖެ ކަމަށްވަންޏާ.

ނާޒިމް ޙަސަން – އަވަސް އޮންލައިން:

މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، މަނިކުފާނުގެ އިރުޝާދެއް ނެތޭ، މި ރިޕޯޓް މަޖިލީހާ ޙިއްޞާ ކުރުމުގައި. ދެން އެ ރިޕޯޓް ޙިއްޞާ ކުރުމުން، މަޖިލީހުން އެބަވޭ ޕީ.ޖީ ލީޑަރުންނަށްވެސް ރިޕޯޓް ޙިއްޞާ ކުރައްވާފައި. ދެން އޭގެފަހުން މަޖިލީހުގައި އެބަ ކުރިއަށްދޭ މި ރިޕޯޓާ ގުޅޭ މަސައްކަތްތަކެއްވެސް. މަނިކުފާނު ގަބޫލުކުރައްވަންތޯ، އެއީ ރިޟްވާން މައްސަލައިގެ އިންޞާފު ހޯދަން އެޅޭނެ ހުރަހެއް ކަމަށް. އޭގެ ސަބަބުން ބައެއް މަޢުލޫމާތުތައް އެބަހުރި ސޯޝަލް މީޑިއާގައިވެސް ހާމަވެފައި. ސިއްރު ހެކިންގެ މަޢުލޫމާތުވެސް މިހާރު އެބަހުރި ހާމަވެފައި.

ދެން އޭގެއިތުރަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވޭ، ވަރަށް ސީރިއަސް އިޝޫއެއް، މި ހައްދުފަހަނައެޅުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް. ބޭރުގެ ޓެރަރިސްޓް ޖަމުޢިއްޔާތަކުގެ ގޮފިތައް ރާއްޖޭގައި އެބަހުރި ކަމަށް. އެކަންކަން ހުއްޓުވަން މަނިކުފާނު އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މި ރިޕޯޓާ ގުޅިގެން މަޖިލީހުން ކުރާ މަސައްކަތާ ދޭތެރޭގައި އަޅުގަނޑު ނެތިން އެއްޗެއް ދަންނަވާކަށް އިނގޭތޯ. މި ދެންނެވީ މަޖިލީހުން ކުރަންޖެހޭ ކަންތައްތައް މަޖިލީހުން ކުރުމުގެ ޤާނޫނީ ބާރު މަޖިލީހަށް ލިބިގެންވާނެ. ތިން ބާރު ވަކިވެފައި އޮތް ސިސްޓަމެއް، ނިޒާމެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކުގެ ތެރެއަކަށެއް އަޅުގަނޑު ނެތިން އެއްޗެއް ދަންނަވާކަށް. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ޑްރާފްޓް ރިޕޯޓުގައި މި ހުރި ސިއްރުތައް، ކޮންމެހެން ހިފަހައްޓަންޖެހޭ ކަންތައްތައް ކޮމިޝަނުން އެދިވަޑައިގަންނަވާ ގޮތަށް، މިހާތަނަށް ވީކަމެއް ވެފައި އެއޮތީ. އެ ނުވާ ކަމަކަށް ނެތް ދެން ބުނެވޭކަށް. އަޅުގަނޑަކަށް ނެތް ދެންނެވޭކަށެއް، ރިޕޯޓް ޢާންމުންނަށް، ވަކިބަޔަކަށް ނުފެނެއެކޭ. އެބަހުރި ފެނިފައި. އޭގައި އެބަހުރި، އޭގައި ހުރި ބައެއް މަޢުލޫމާތުތައް ޢާންމު ވެއްޖިއްޔާ، ހަމަ ތަޙުޤީޤަށް ދަތިވާނެ ބައެއް ކަންތައްތައް. އެހެންވީމާ، އެ އެއްޗެތިތައް ހިފެހެއްޓެވުން އަޅުގަނޑުގެ އެދުމަކީ. ހިފަހައްޓަވާފައި، ދެންވެސް އަޅުގަނޑުމެން މި ކުރަން ބޭނުންވާ ކަންތައް، މަޤްޞަދު ހާސިލުކުރުމަށްޓަކައި، ރިޟްވާނަށް ވީގޮތެއް ހޯދުމާއި، އެ ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި އަޅުގަނޑުމެން މި ކުރަން ބޭނުންވާ ކަންތައް ކުރުމުގައި އެންމެން އެއްބާރުލުން ދިނުމަށް އަޅުގަނޑު މި އެދެނީ. ދެން އޭގެއިތުރަށް، ތިޔަ ވިދާޅުވާހެން މިއިން އަޅުގަނޑުމެންނަށް ހައްދުފަހަނައަޅާފައި ތިބި ބައެއްގެ ވާހަކަ ވަރަށް ސާފުކޮށް މި ރިޕޯޓުން އެބަ ފެނޭ. މި ތަޙުޤީޤު ކުރިއަށްދާއިރުގައި. އެއީ ކޮން ބައެއްކަންވެސް ގާތްގަނޑަކަށް ލީޑަރުންގެ ނަންތަކާ އެކީގައި އެބަހުރި ފެންނަން. އެހެންވީމާ، އަޅުގަނޑުމެން އިއްޔެގެ ބައްދަލުވުމުގައި މި ދެންނެވިހެން އެކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު.

އެހެންވީމާ، މި ދެންނެވި ގޮތަށް މިއަދުން މިއަދަށް، މިއަދުވެސް އެކަމާބެހޭ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދާނެ. އެކަން ޢަމަލީގޮތުން އެ މަސައްކަތް ފެށުމާ އެކީގައި، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެކަން ކުރައްވާކަން. އޭގައި ޕޮލިހާއި، އެމް.އެން.ޑީ.އެފް. އާއި، ބަންޑާރަ ނައިބާއި، ޕްރޮސިކިއުޓަރ ޖެނެރަލާ ހިމެނިގެން އެކަން ކުރިއަށްދާނީ. މި އުފައްދާފައި އޮތް ކޮމިޝަނުގެ މެންޑޭޓަކުއެއް ނޫން އެކަން އޮތީކީ. އެ ކޮމިޝަނުގެ ދައުރަކީ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުން ބަލައި ތަޙުޤީޤު ކުރުން. ދެން އޭރުގައި ހުރި ހުރިހާ ކަމެއް ތަޙުޤީޤު ކުރުމާއި، އެ ހުރިހާ ކަމެއް ޕޮލިހުގެ ތެރެއިން އަޅުގަނޑުމެން ކުރަމުން ގެންދާނަން. ދެން އެއާއެކީގައި ބަންޑާރަ ނައިބު މިކަމުގައި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު އޭގައި ހިމެނިގެންދާނެ.

ނާޒިމް ޙަސަން – އަވަސް އޮންލައިން:

ހަމަ ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި ޓެރަރިސްޓް ޖަމާޢަތްތަކެއް ހަރަކާތްތެރިވާ ކަމަށް ހަމަ ރިޕޯޓުގައި ވަރަށް ސާފުކޮށް އެބައޮތް ދޮގެއްތޯ. މި ޖަމާޢަތްތަކާ ދެކޮޅަށް ނުވަތަ އެމީހުންނާ ދެކޮޅަށް މަނިކުފާނު މިހާތަނަށް އެޅުއްވި ފިޔަވަޅުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު މި ދެންނެވީ މިއޮތީ ޑްރާފްޓޭ އިނގޭތޯ. މި ޑްރާފްޓްގައި ހުރި ކަންތައްތަކާ ބެހޭގޮތުން ފިޔަވަޅު އެޅުމަށްޓަކައި އިއްޔެ އަޅުގަނޑުމެން މި ބައްދަލުކުރީ. މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއޭ އަޅުގަނޑު މި ދެންނެވީ، ޢަމަލީގޮތުން އެކަންތައްތައް ހިނގަމުންދާ ގޮތްތައް. އަޅުގަނޑު ނެތިން ތަޙުޤީޤުގެތެރެއަކަށްވެސް ޑީޓެއިލަކަށް ދާކަށެއް. މިއީ ޕްރޮސެސްއެއް، އޮންގޮއިންގ ޕްރޮސެސްއަކަށްވާތީ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް އިތުރަށް އަޅުގަނޑު ހާމަކުރަން ފަށައިފީވިއްޔާ، އަޅުގަނޑަށް އެނގޭ ވަރަށްގިނަ އެއްޗެތި އެބަހުރި. ހަފްތާއަކު އެއްފަހަރު އަޅުގަނޑަށް އިންޓެލިޖެންސް ރިޕޯޓް ލިބޭ، އެމް.އެން.ޑީ.އެފް. އިންނާއި ޕޮލިހުން. އެ ހުރިހާ އެއްޗެއް އަޅުގަނޑު ހާމަކުރަން ފަށްޓައިފީވިއްޔާ އެއިން އުނދަގޫވާނެ ކުރިއަށްދާން. އެހެންވީމާ، މި ދެންނެވިހެން މި ހައްދުފަހަނައަޅާފައިވާ މީހުންނާ ދޭތެރޭގައި އަޅަމުންދާ ފިޔަވަޅުތައްވެސް މިއަދުން މިއަދަށްވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަދި ކުރިއަށް އޮތް ތަނުގައި، މިކަން ހުއްޓުވުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށާއި، ޓެރަރިޒަމްގެ ޤާނޫނަށް މި ގެންނަ ބަދަލުތަކާ އެކީގައި، މާ ސާފުކޮށް ފެނިގެންދާނެ. މިއަށްފަހު އަޅުގަނޑު ނިންމާލާނަން އިނގޭތޯ.

އާމިނަތު އަމީނާ – ވީ.ޓީ.ވީ:

ސުވާލެއް ނޫން. އަޅުގަނޑު ރައީސާ ސުވާލު ކުރިއިރު، އަޅުގަނޑަށް ކުޑަކުޑަ މަޢުލޫމާތުގެ ކުށެއް ދެންނެވުނީމާ، އެކަން ރަނގަޅުކޮށްލަންވެގެން. އަޅުގަނޑަށް ދެންނެވުނީ، އެމް.އެން.ޑީ.އެފް. އިން މަޖިލީހުގެ ރައީސަށް ފާރަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް. އެހެންވީމާ، ރަނގަޅު ގޮތަކީ، ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަމަށް އެމް.އެން.ޑީ.އެފް. އިން އެމަނިކުފާނަށް މަޢުލޫމާތު ދެއްވި ކަމަށް. އެހެންވީމާ، އެކަން ރަނގަޅުކޮށްލަން. ތެންކިޔޫ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ހިތުން އެ ދެ މުއައްސަސާއިންވެސް އެކަމާ ބެހޭގޮތުން ބަޔާނެއް ނެރުއްވައިފި އިނގޭތޯ. އެހެންވީމާ، އެބޭފުޅުން އެއަށް ޖަވާބުދާރީވާނެ އިނގޭތޯ.

އެހެންވީމާ، މިހިސާބުން އަޅުގަނޑު މިއަދުގެ ޕްރެސް ނިންމާލަނީ. އިރާދަކުރެއްވިއްޔާ، މި އަންނަ ހަފްތާގައި އަދި އެހެން ކަންތައްތަކާ އެކީގައި އަޅުގަނޑު ބައްދަލުކުރާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!