ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިއްދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ރަށުގައި އެކަށީގެންވާ ބަނދަރެއް ނެތުމުގެ މައްސަލައެވެ. މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ފެނާ ނަރުދަމާގެ ނިޒާމު ޤާއިމު ކުރެވިފައި ނެތުމުން ދިމާވާ ދަތިތަކާއި ޞިއްޙީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި ރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަ ކުރައްވާފައިވާ ބަނދަރުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފައްޓަވައި އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމެވުމަށް ރާއްވަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު ކައުންސިލުތަކަށް ލިބޭނެ ކުރިއެރުންތަކާއި އިތުރުވެގެންދާ ޒިންމާތަކާއި ހިންގުން ހަރުދަނާވެ ލިބޭނެ ފަސޭހަތައް ފާހަގަކުރައްވައި އެކަމުގެ ބައެއް ތަފްޞީލުތައްވެސް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ.