ޓޫރިޒަމް ތަރައްޤީ ކުރުމަށް ސަރުކާރުން ކުއްޔަށް ދެއްވައި، މިހާތަނަށް ހެދިފައިނުވާ ރަށްރަށް ތަރައްޤީ ކުރެއްވުމުގައި ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، މިކަމަށް ކަނޑައެޅުއްވި ކޮމިޓީއަކުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކެއްގެ މައްޗަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ބަދަލުކުރެއްވުމަށްފަހުގައެވެ.

ސަރުކާރުން ނިންމަވާފައިވަނީ، ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް މިހާރު ދޫކުރައްވާފައިވާ ރަށްތައް ހެދުމަށް ދެއްވާފައިވާ މުއްދަތަށް މިވަގުތު ޢަމަލު ނުކުރައްވައި، އިތުރު 12 މަސް ދުވަހުގެ މުހުލަތެއް ދެއްވުމަށެވެ. އަދި މިރަށްރަށަށް ދައްކަންޖެހޭ ކުލި، 1 އަހަރު ދުވަހުގެ މުއްދަތަށް ފަސްކުރެއްވުމަށެވެ. ހަމައެއާއެކު، މި ރަށްރަށް ހެދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތައް މެދުވެރިކުރައްވައި ސަރުކާރުން ލޯން ހޯއްދަވައިދެއްވުމަށެވެ.

ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި އަދި ކޮންސްޓްރަކްޝަން ދާއިރާއަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިކަންކަމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި، މިމައްސަލަތައް ޙައްލު ކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް ބެއްލެވުމަށް ވަޒީރުންގެ ކޮމިޓީތަކެއް ކަނޑައެޅުއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި ޖަނަވަރީ މަހުގެ 2 ން 4 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.