”ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގެ ނަން، ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގެ ނަމަށް ބަދަލުކުރައްވައި، އެ ކުންފުނީގެ މަސްއޫލިއްޔަތު މިހާރަށްވުރެ ބޮޑަށް ފުޅާކުރެއްވުމަށް ސަރުކާރުން ވިސްނާވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ މަޢްލޫމާތު ދެއްވުމަށް މިއަދު ހުޅުމާލޭގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތަށް ހަމަޖެއްސެވުމުން، އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެންދާނީ، ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަސައްކަތް، ވިޔަފާރީގެ އުޞޫލުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގައި ސަރުކާރުން ހިފަހައްޓަވަން ބޭނުންފުޅުވާ އެއްހަމައަކީ، އެއްވެސް ގެއެއްގެ އާމްދަނީގެ ވިހި އިންސައްތައަށްވުރެ ބޮޑު ޢަދަދެއް ގެދޮރަށް ޚަރަދުކުރަން ޖެހިގެން ނުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ތެރޭގައި ދިހަހާސް ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ފެށޭނެ ކަމަށް ވިދާޅުވިއެވެ. މި ފަށްޓަވާ ހައުސިންގ ޔުނިޓުތަކުގެ ތަފްޞީލު ދެއްވަމުން، މި ދިހަހާސް ހައުސިންގ ޔުނިޓު ބައްސަވާލައްވާފައިވަނީ، އެކި ޕްރޮވިންސްތަކަށާއި، މާލެއަށާއި ހުޅުމާލެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެތެރެއިން، މާލެއަށް އަމާޒު ކުރެވޭނީ، އެގާރަސަތޭކަ ހައުސިންގ ޔުނިޓު ކަމަށާއި، ހުޅުމާލެއަށް ނުވަސަތޭކަ ހައުސިންގ ޔުނިޓު އަމާޒު ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައި މަދުވެގެން ހަތްހާސް ހައުސިންގ ޔުނިޓު ޢިމާރާތް ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މާލެއަށް މި އަމާޒު ކުރައްވާ އެއްހާސް ހައުސިންގ ޔުނިޓަކީ، މާލޭގައި ބަހައިގެން ބިމެއް ލިބި، އެހެން ނަމަވެސް އެ ބިމުގެ ޖާގަ ކުޑަކަމުން، އެއް ޢާއިލާއަކަށް ބޭނުން ނުކުރެވޭނެތީ، އެހެން ދިމާވާ ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ޢިމާރާތް ކުރައްވާ ޔުނިޓުތަކެއް ކަމުގައި ވިދާޅުވިއެވެ. ޕްރޮވިންސްތަކަށް ކަނޑައަޅުއްވާފައިވާ ހަތްހާސް ހައުސިންގ ޔުނިޓު ބައްސަވާލެއްވުމަށް ހަމަޖެހިފައިވަނީ، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްތަކަށް ގިނައިން ގެދޮރު ލިބޭ އުޞޫލަކުން ކަމަށް ވިދާޅުވިއެވެ.

މިއަދު މިބޭއްވެވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މަޙްޖޫބު ޝުޖާޢު ބައިވެރިވެވަޑައިގެން، ނޫސްވެރިންނަށް މަޢްލޫމާތު ދެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.