ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ކުޑަފަރީ ސްކޫލުގައި މިއަދު ހަވީރު ބޭއްވެވި މިބައްދަލުވުމުގައި އަތޮޅު ކައުންސިލަރުން ވަނީ ނ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށްރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އަތޮޅުގައި ހުރި ފަޅުރަށްތަކާއި އެކިމަސައްކަތްތަކަށް ދޫކޮށްފައި ހުރި ރަށްރަށް ހަވާލުކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގައި ހުރި ދަތިތަކާއި އަތޮޅުގެ އެކި ރަށްރަށުގައި ހިނގާ ބޮޑެތި ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން އަތޮޅު ކައުންސިލުން އޮޅުންފިލުވަށް ބޭނުންވާ ބައެއް ކަންކަން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާއިރު އަތޮޅު ކައުންސިލުތަކާއި މަޢުލޫމާތު ޙިއްޞާކުރައްވަމުން ގެންދެވުމަށް ސަރުކާރުގެ އިދާރާތަކަށް އަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލުން ހުށަހެޅުއްވި އިތުރުކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.