ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިލަދޫ ކައުންސިލު އިދާރާގައި މިއަދު ބޭއްވެވި މިބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކާ ގާތުން މިގޮތަށް ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލުން ކުރައްވާ ކަންކަން ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުން ކަމަށެވެ. މީގެއިތުރުން ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތަކާއި ފަހިވެގެންދާ ކަންކަމުގެ މަޢުލޫމާތު ކައުންސިލުތަކާ ޙިއްޞާކުރެއްވުންވެސް މިބައްދަލުކުރެއްވުމުގެ ބޭނުންފުޅުތަކުގެ ތެރޭގައި ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިލަދޫ ކައުންސިލު އިދާރާގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި މަގޫދޫ ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރު ތެރެއަށް ވެލިވަދެ ބަނދަރު ތިލަވަމުންދާ މައްސަލަޔާއި ރަށަށް އެކަށޭނަ ވަރުގެ މިސްކިތެއް ނެތުމާއި ޞިއްޙީ ދާއިރާއިން ހުރި މައްސަލަތަކާއި ރަށަށް ކަރަންޓުދިނުމުގައި ހުރި ދަތިތަކާ އަދި ރަށުގައި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ބޭނުންވާ ކަންކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަގޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މިގޮތުން ކައުންސިލުން ފާހަގަ ކުރެއްވި މިސްކިތުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.