ސަރުކާރުގެ އޮފީސްތަކުގެ ފަރާތުން މީޑިއާއަށާއި ޢާންމުންނަށް މަޢްލޫމާތު ފޯރުވައިދިނުމުގެ މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިއެވެ. ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުން އޮންނާނީ، މާދަމާއާއި އަނެއް ދުވަހުއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ރަސްމީ އިދާރާތަކުން މަޢްލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދާއި، އެ ގަވާއިދުގެ ދަށުން މީޑިއާއަށާއި ޢާންމުންނަށް މަޢްލޫމާތު ފޯރުވައިދޭ ފަރާތްތަކުގެ ޒިންމާތަކާ ބެހޭގޮތުން މަޢްލޫމާތު ދެއްވާނެއެވެ. އަދި މީޑިއާއަށާއި ޢާންމުންނަށް މަޢްލޫމާތު ފޯރުވައިދިނުމުގައި ގެންގުޅޭނެ ހުނަރުތަކާ ބެހޭގޮތުންވެސް މަޢްލޫމާތު ދެއްވާނެއެވެ.

ސަރުކާރުގެ އޮފީސްތަކުން މަޢްލޫމާތު ޢާންމު ކުރުމަށް ގެންގުޅުއްވާނެ ސިޔާސަތާ ބެހޭގޮތުން މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ ބޭފުޅުންނަށް މަޢްލޫމާތު ދެއްވުމުގެ ބައްދަލުވުމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިމަހުގެ 12 ވަނަ ދުވަހުވަނީ ކުރިއަށް ގެންދަވާފައެވެ.