ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ މިލަދޫއަށް ވަޑައިގެން އެރަށު ކައުންސިލަރުންނާއި ރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިލަދޫ ކައުންސިލު އިދާރާގައި މިއަދު ބޭއްވެވި މިބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކާ މިގޮތަށް ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރައްޔިތުންގެ ކަންކަން ވީހާ ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުން ކަމުގައެވެ. މީގެއިތުރުން ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާނެ ބާރުތަކާއި ފައިދާތަކުގެ ވާހަކަ ޙިއްޞާކުރެއްވުމާއި މި އިޞްލާހުތަކާއެކު ކައުންސިލުތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ މަޢުލޫމާތު ކައުންސިލުތަކާ ޙިއްޞާ ކުރެއްވުމަކީވެސް މިބައްދަލުކުރެއްވުމުގެ މައިގަނޑު އެއްބޭނުންފުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިލަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބަނދަރުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާ ހިންގާނެ ޢިމާރާތެއް ނެތުމުގެ މައްސަލައާއި، ރަށްގިރުމުގެ މައްސަލައާ އަދި ވިއްސާރަމޫސުމުގައި ރަށުގައި ފެންބޮޑުވާ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުން ސްކޫލުގެ ޖާގައިގެ ދަތިކަން ފަދަ ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކައުންސިލަރުން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިލަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދެވުމަށް މިހާރު ޕްލޭން ކުރެވިފައިވާ ގޮތް ޙިއްޞާ ކުރައްވައި ކުރިޔަށް ހުރި މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުން އެންމެ އަވަހަށް ނިންމަށް ބޭނުންވާ މަޝްރޫޢުތަކަށް އިސްކަންދޭ ތަރުތީބެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ކައުންސިލުން ފާހަގަ ކުރެއްވި މަޝްރޫޢުތަކުގެ ތެރެއިން ވަކިން ޚާއްޝަކޮށް ބަނދަރުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯދަންޖެހޭ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.