މިހާރު ރާއްޖޭގައި ކުރިޔަށްދާ 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.)ގެ ހަވާސާގައި ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުންތައް ކުރިޔަށްދިޔައީ މިއަދު ޕެރަޑައިސް އައިލެންޑް ރިޒޯޓްގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބޭރު ޤައުމުތަކުގެ 10 ޢިއްޒަތްތެރިޔަކާ ބައްދަލުކުރައްވައި ދުނިޔޭގެ ޤައުމުތަކުން ތަޖުރިބާ ކުރަމުންގެންދާ ތަފާތު އެކި ގޮންޖެހުންތަކާ ބޭހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުނިޔެ ހޫނުވުމާއި، ދީނީ ހަރުކަށި ފިކުރުތައް ފެތުރުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކާއި، ޤައުމުތަކުގެ ކަނޑާއި ވައިގެ ސަރަހައްދުގެ ތެރޭގައި ހިނގާ ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުން ފަދަ މައްސަލަތައް ހިމެނެއެވެ.
މިއަދު ރާއްޖޭގައި ފެށި އައި.އޯ.ސީ.ގެ ހަވާސާގައި ރައީސުލްޖުމްހުރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތް ކުރެއްވި ބޭފުޅުންނަކީ، ނޭޕާލްގެ ފޮރިން އެފެއާޒް މިނިސްޓަރ، ހިޒް އެކްސެލްންސީ ޕްރަދީޕް ކުމާރު ޔަވާލީ، އޮމާންގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލްންސީ ޞައްޔިދް ބަދުރު ބިން ޙަމަދް އަލް ބުޞައިދީ، ބަންގްލަދޭޝްގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، ހިޒް އެކްސެލެންސީ ޝަހްރިއާ އާލަމް، ސީޝެލްސްގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް، ލޯކަލް ގަވަރންމަންޓް، ޔޫތު، ސްޕޯޓްސް، ކަލްޗަރ، އެންޑް ރިސްކް އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް (ޑެޒިގްނޭޓަޑް މިނިސްޓަރ) ހަރ އެކްސެލެންސީ މެކްސުޒީ މޮންޑޮން، މޮރިޝަސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރީޖަނަލް އިންޓެގްރޭޝަން އެންޑް އިނޓަރނޭޝަނަލް ޓްރޭޑް، ހިޒް އެކްސެލެންސީ ނަންދްކޫމަރ ބޯދާ، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ހިޒް އެކްސެލެންސީ އަޙްމަދު ޢަލީ އަލް-ޞައްޔިދު، ސިންގަޕޫރުގެ ފޮރިން އެފެއާޒް މިނިސްޓަރ، ހިޒް އެކްސެލެންސީ ވިވިއަން ބަލަކްރިޝްނަން، ބޫޓާންގެ ފޮރިން އެފެއާޒް މިނިސްޓަރ، ހިޒް އެކްސެލެންސީ ތަންޑީ ޑޯޖީ ،ޖަޕާންގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، ހިޒް އެކްސެލެންސީ ތޮޝިކޯ އަބޭ އަދި ޓިމޮރ ލެސްޓޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒް، ހިޒް އެކްސެލެންސީ ޖޯކުއިމް ޖޯޒޭ ގުސާމޯ ދޮސް ރީސް މާޓިންސް އެވެ.
ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިޔާ ފައުންޑޭޝަން އިން ދިވެހި ސަރުކާރާއި، ސިންގަޕޫރުގެ ރަޖަރަތްނަމް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްއާއި ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެކެވެ. އައި.އޯ.ސީ. 2019ގެ މައިގަނޑު މައުޟޫއަކީ "ސެކިއުއަރިންގ ދި އިންޑިއަން އޯޝަން ރީޖަން: ޓްރެޑިޝަނަލް އެންޑް ނޮން-ޓްރެޑިޝަނަލް ޗެލެންޖަސް" އެވެ.