ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ)ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޤްރީރުކުރައްވައިފިއެވެ. މި ކޮންފަރެންސް ފަށާފައި ވަނީ މިއަދު ހަވީރު ޕެރަޑައިސް އައިލެންޑް ރިޒޯޓްގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅު ފެއްޓެވީ އިންޑިޔާ ކަނޑުގެ މިސަރަހައްދު، ސަރަހައްދީ ޤައުމުތަކާއި އެހެން ސަރަހައްދު ތަކުގެ ޤައުމުތަކަށް މުހިންމުވާ މައިގަނޑު ސަބަބުތައް ފާހަގަކުރައްވައި އެކަންކަމަށް އަލިއަޅުއްވާލައްވަމުންނެވެ. އެގޮތުން އިންޑިޔާ ކަނޑުގެ ސަރަހައްދަކީ ކަނޑުހުރަސްކޮށް ކުރެވޭ ވިޔަފާރީގެ ދުނިޔޭގެ 40 އިންސައްތަ ޙިއްޞާކުރާ ސަރަހައްދުކަމަށާއި ކޮންޓެއިންނަރ ބޯޓުފަހަރުގެ ދެބައިކުޅަ އެއްބައި އުޅަނދު ދަތުރުކުރާ އަދި ދުނިޔޭގެ ނިސްބަތުން ކަނޑުމަގުން އުފުލާ ތެލުގެ 3 ބައިކުޅަ 2 ބައި ދަތުރުކުރަނީ އިންޑީޔާ ކަނޑުގެ ސަރަހައްދުންކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާހުރެ މިސަރަހައްދުގެ ޤައުމުތަކުގެ ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް މިފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިފަދަ މަހާސިންތާތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި ސަރަޙައްދުގެ ޤައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަށް ބަލާއިރު، ކަނޑަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވައި، ކަނޑުދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަމާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަނޑުމަގުން ކުރެވޭ އެކިއެކި ވިޔަފާރިތަކަކީ ދުނިޔޭގެ ކަނޑަތަކާބެހޭ ޤާނޫނުތަކާ އެއްގޮތަށް ހިނގަމުންދާ ވިޔަފާރި ތަކެއްކަން ކަށަވަރު ކުރެވެން ޖެހޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ އިންސާނީ ވަގުފާރިއާއި ޑްރަގްގެ ވިޔަފާރީގެ ދޮރުތައް ބަންދުކުރެވި، ދެމެހެއްޓެނިވި ނޫންގޮތްގޮތަށާއި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަންފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިހާރުވެސް އަވަށްޓެރި ބައެއް ޤައުމުތަކާ ގުޅިގެން ކުރިޔަށްގެންދެވޭ ކަނޑުމަތީގެ ބައެއް ތަމްރީނުތަކާއި އޮޕަރޭޝަންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކަނޑުގެ މާހައުލު ރައްކާތެރިކުރުމަކީ ވެސް ރާއްޖެފަދަ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ ކުދި ޤައުމުތަކަށް ވަރަށް މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަކީ 21 ވަނަ ގަރުނުގައި ވަރަށް އާންމުވެފައިވާ ނުރައްކާތަކެއްކަން ފާހަގަކުރައްވައި ދާދިފަހުން އަވަށްޓެރި ލަންކާއަށް ދިން ޓެރަރިސްޓު ޙަމަލާ މިސާލެއްގެ ގޮތުން ފާހަގަކުރެއްވިއެވެ. މިފަދަ ނުރައްކާތަކުން މިންޖުވުމުގެ ގޮތުން ސަރަހައްދީ ޤައުމުތަކުން އެއްޤައުމު އަނެއް ޤައުމަށް މަޢުލޫމާތު ޙިއްޞާކޮށް މިފަދަ ނުރައްކާތައް ނެތިކޮށްލުމަށް މަސައްކަތް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރަހައްދުގެ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް އިޤްތިޞާދީ ކަންކަން ފުޅާކުރުމަށް ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

އައިއޯސީ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޓެރަރިޒަމާއި ޙައްދުފަހަނައަޅާ ދިއުމުގެ ޢަމަލުތައް ހުއްޓުވުމަށް މި ސަރަހައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. ސަރަހައްދީ ފެންވަރެއްގައި މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” ފަދަ މި ސަރަހައްދުގެ ޤައުމުތައް ބައިވެރިވާ ސަރަހައްދީ ޖަމާޢަތެއްގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން
“އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން”ގައި ރާއްޖެ ބައިވެރިވުމަށް މިދިޔައަހަރު ދެކުނު އެފްރިކާގައި ބޭއްވި އެޖަމާޢަތުގެ މިނިސްޓަރުންގެ ކައުންސިލުގެ 18 ވަނަ ބައްދަލުވުމުން ނިންމާފައިވާކަން ފާހަގަކުރައްވައި އެޖަމާއަތާގުޅިގެން ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ރާއްޖެއިން ވެސް ތައްޔާރަށް އޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ މި ކޮންފަރެންސަކީ އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމާޒަށް ވާޞިލުވުމަށް މަގުފަހިގެންދާނެ އަދި މި ސަރަހައްދަށް އިތުރު ފާގަތިކަން ގެނެސްދޭނެ ފައިދާކުރަނިވި ފޯރަމަކަށް ވުމަށް އެދިވަޑައިގެން ފާޅުކުރެއްވި އުންމީދީ ބަސްކޮޅަކާއެކުގައެވެ.

އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ޤައުމުތަކުން ބައިވެރިވާ މި ކޮންފަރެންސް މިއަދާއި މާދަމާ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައެވެ. މި ކޮންފަރެންސްފައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިންގެ ތެރޭގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.