ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތްރީ ވިކްރަމަސިންގްހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މުލިއާގެއަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ފަދަ ޤައުމެއްގައި "އައިލެންޑް ޔުނިވަރސިޓީ" ތަސައްވަރަކާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ގިނަބައެއްގެ ސަމާލުކަން އެކަމަށް ހޯދިދާނެކަމަށް ވިދާޅުވެ މިފަދަ ތަސައްވަރަކަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާ ގާތް އެކުވެރި ޤައުމެއްކަން ފާހަގަކުރައްވައި ދެޤައުމު ގުޅިގެން އެކިދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ސްރީލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "މާސްޓަރ އޮފް އޮތެންޓިކް މޯލްޑިވިއަން ކުޒިން" ގެ ނަމުގައި ދައްކާލި ދިވެހި ކެއްކުމުގެ ހަރަކާތްތަކެއް ބައްލަވާލައްވާފައެވެ. މި ހަރަކާތުގެ ތެރެއިން އެ ބޭފުޅުންނަށް "ކަށިކެޔޮ ބަތްޕެން" ތައްޔާރުކުރާނެގޮތް ތަފްޞީލުކޮށް ކިޔައިދީ، ކަށިކެޔޮ ބަތްޕެނުގެ ފަރިއްކޮޅެއް އަރުވާފައިވެއެވެ.
މި ޒިޔާރަތުގައި ސްރީލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން މުލިއާގެއަށް ވަޑައިގަންނަވާ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.