ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހައަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ. ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެއަށްފަހު، ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް އެބޭފުޅުން ބައްލަވައިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ލަންކާއާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ލަންކާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވުންވެސް އޮތެއެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވުން ވެސް އޮތެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށްފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ލަންކާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން މި ދަތުރުފުޅާއި ބެހޭގޮތުން ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.