މިއަދަކީ ރާއްޖޭގެ ޅެންވެރިންގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ނެރުއްވި ”11ވަނަ ސަތޭކަ ރައިވަރު“ މިފޮތް، އެ މަރްކަޒުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ވެދުމަށް އަރުއްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނާއިބު އަލްފާޟިލް މުޙަންމަދު ޠާރިޤެވެ. މި ފޮތަކީ ކުރީގެ ރައިވަރުތައް އެއްކުރެއްވުމަށް ޤައުމީ މަރްކަޒުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ނެރުއްވަމުން ގެންދަވާ ސިލްސިލާގެ 11 ވަނަ ފޮތެވެ.

މި ފޮތް، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދާއި، އެ މަރްކަޒުގެ ކޮންސަލްޓަންޓް އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި، ދިވެހި ޅެންވެރިކަމުގެ ވެބްސައިޓެއް ޤާއިމުކުރައްވައި، އެކަމާބެހޭ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލާއި، ޤައުމީ މަރްކަޒުގެ ސެކްރެޓަރީ އަލްފާޟިލާ ޝަހުމާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ މުނާސަބަތުގައި އެ މަރްކަޒުން ރައިވަރު ފޮތެއް ނެރުއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެ މަރްކަޒުގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަރްކަޒުގެ މަސައްކަތްތައް އިތުރަށް ފުޅާކުރައްވައި ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތާރީޚު ރައްކާތެރި ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަރްކަޒުން މަހަކު އެއްފަހަރު ނެރުއްވާ އަދަބީ މަޖައްލާ ”ފަތްތޫރަ“ ނެރުއްވުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި، އެ މަޖައްލާ ދިވެހިބަހުން ނެރުއްވުމުގެ އިތުރަށް އިނގިރޭސިބަހުންވެސް ނެރުއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި މަޖައްލާގެ ދިވެހިބައިގެ މުޙައްރިރަކަށް އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދު، އިނގިރޭސި ބައިގެ މުޙައްރިރަކަށް ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް ހަމަޖައްސަވަން ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ، ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބަށެވެ. ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ރާއްޖޭގެ ބައެއް ސްކޫލްތަކާ ގުޅިވަޑައިގެން، ދުވަހާ ގުޅޭ އަދަބީ ޙަރަކާތްތައް މިއަދު ވަނީ ހިންގަވާފައެވެ.