بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ދައުލަތުގެ ވަޒީރުން، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ، ދައުލަތުގެ މުއައްސަސާތަކުގެ ވެރިން، 33 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާ އެންމެހައި ދަރިވަރުން، އަދި އެންމެހައި ބައިވެރިންނާއި، ދަރިވަރުންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ ހިޖްރީ އައު އަހަރު ފެށިގެންދާ ދުވަސްކަމުން ތިޔަ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ހިޖްރީ އައު އަހަރުގެ ހެޔޮއެދުންތަކާއި، ތަހުނިޔާ އަރިސްކުރަން.

އާދެ، ޤުރްއާން މުބާރާތެއް ބޭއްވުމުގެ ބޭނުމުގެ މައްޗަށް އަޅުގަނޑުގެ ކުރިން، އާދެ، ވާހަކަ ދެއްކެވި އިސްލާމިކް މިނިސްޓަރާއި އަދި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ވާހަކަ ދެއްކެވި، އާދެ، ރާފިޢުވެސް ވަރަށް ފުރިހަމައަށް އަލި އަޅުއްވައިލައްވައިފި.

ޙަޤީޤަތުގައި ޤުރްއާން މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ، ޤުރްއާނަށް އަޅުގަނޑުމެންގެ ދަރީންނާއި، ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުކުރުން. އަދި ހަމައެއާއެކު، މި ފަންނު ކުރިއަރުވައި ތަޖުވީދުގެ މަގުން ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެއްދުން.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮވެ، ޤުރްއާނަށް އަޅުގަނޑުމެން އެހާ ލޯބިކުރާ ބައެއްގެ ގޮތުގައި ތިބެވޭ. އެހެންނަމަވެސް، އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ރަމަޟާން މަސް، އަންނަހިނދު، އަޅުގަނޑުމެންގެ މުޅި ރާއްޖެއަށް ވަކިން ޚާއްޞަކޮށް، ރަމަޟާން މަހުގެ ތަރާވީސް ނަމާދަށް ވަރަށް ގިނަ އަދަދަކަށް ރާއްޖެއިން ބޭރުން ޤާރީންނާއި ޙާފިޡުން ގެންނަން އެބަޖެހޭ.

އާދެ، މިއީ އަޅުގަނޑުމެން މިއަދު ފުންކޮށް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ މި ޤައުމުގައި، ދުނިޔޭގެ ނިސްބަތުން ރަން ވަނަތައް ހޯދާފައިވާ ފަރާތްތައް އެބަވޭ. އަދި މިހާރުވެސް، އަންނަ ހަފްތާގައި، މާތްވެގެންވާ މައްކާގައި ބޭއްވޭ ބައިނަލްއަޤްވާމީ މުބާރާތެއްގެ ފަނޑިޔާރުކަން ކުރުމަށްޓަކައިވެސް، އާދެ، އަޅުގަނޑުމެން ވަރަށްބޮޑަށް ފަޚުރުވެރިވާ އައްޝައިޚް އިލްޔާސް ޙުސައިން އެބަ ވަޑައިގަންނަވާ. އެހެންވީމާ، އަޅުގަނޑުމެން މި މަޤްސަދުގައި މަސައްކަތްކޮށްފި ކަމަށްވަންޏާ، ދާދި އަވަހަށް އަޅުގަނޑުމެންނަށް ބޭރުން މި ގެންނަންޖެހޭ ފަރާތްތައް ނުގެނެސް، އަޅުގަނޑުމެންނަށް އަމިއްލައަށް މި ކަންތައް ހަމަޖެއްސޭނެ.

އާދެ، މި ފުރުޞަތުގައި، އަޅުގަނޑު ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ސްކޫލްތަކާއި އަދި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވެރިންނަށް ދަންނަވާލަން މި ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ރަނގަޅު ޕްލޭނަކާއެކު، ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވާށޭ.

އާދެ، ޤުރްއާން ހަމައެކަނި ކިޔެވުމަކުން އަޅުގަނޑުމެންނަކަށް ނުފުދޭ. އާދެ، ރާފިޢުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި، اللهُ سُبْحَانَهُ وَتَعَالَى އެ ޤުރްއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވިނަމަ، އެ ފަރުބަދައަށް ވެގެންދާނެގޮތް. އާދެ، އަޅުގަނޑުމެންނަކީ، އިންސާނުންނަކީ، ޙަޤީޤަތުގައިވެސް ބަލިކަށި ބައެއް. އަޅުގަނޑުމެން އެބަޖެހޭ، اللهُ سُبْحَانَهُ وَتَعَالَى ޤުރްއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތަށް، އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށްވާން.

އަޅުގަނޑު މިއަދު ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ދަރިވަރުންނަށް އަދި ބެލެނިވެރީންނަށް ދަންނަވާލަން އޮތީ ޤުރްއާން ރިސަރޗް، އާދެ، ރަނގަޅަށް ބަލާ ބަޔަކަށް، އޭގެ މާނަ ރަނގަޅަށް ކިޔާ ބަޔަކަށް އަޅުގަނޑުމެންގެ ދަރީން ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ހަމައެއާއެކު، ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް، ޢަމަލުތައް ސީދާކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އަބަދު ތިބެން އެބަޖެހޭ.

އާދެ، ޤުރްއާނުން އަޅުގަނޑުމެންނަށް އަންގަވައިދެއްވާ އެންމެ މާތް އެއް ސިފައަކަށް މިވަނީ ހިތްހެޔޮ ބައެއްގެ ގޮތުގައި، އޯގާތެރި ބައެއްގެ ގޮތުގައި، އެކަކު އަނެކަކަށް މަދަދުވެރިވާ ބައެއްގެ ގޮތުގައި ތިބުމަށް.

އާދެ، އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުމެންނަށް މިފަދަ ނަމޫނާއެއް، ދާދި އިހަށް ދުވަހު ފެނިގެން ގޮސްފައިވޭ. އާދެ، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރު، ތިލަދުންމަތީގެ އަދި މުޅި އެންމެހައި ރައްޔިތުން އެ ދައްކުވައިދެއްވި ނަމޫނާއަކީ އެއީ އަޅުގަނޑުމެން އެކަމާ އުފާކޮށް، އަޅުގަނޑުމެން އެކަމާ ހިތްހަމަޖެހި، އެކަން އަބަދު އަޅުގަނޑުމެން ކުރަންޖެހޭ.

އާދެ، އަޅުގަނޑު ހަމަ މި ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރެއްވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ކިބަފުޅުގައި ދުޢާ ދަންނަވަން. އަދި ހަމައެހެންމެ، ތިޔަ އެންމެ ބޭފުޅުންގެ ނަމުގައި، ޢާއިލާތަކާއި އަދި ރައްޓެހިންނަށް ތައުޒިޔާ ދަންނަވަން.

އާދެ، ދިރިއުޅުމަކީ މިކަހަލަ ކަމެއް، ނެތިގެންދާނެ ވަގުތަކީ އެއީ އަޅުގަނޑުމެންނަށް އެނގޭކަމެއް ނޫން. އެންމެ ގަދަފަދައަށް ހުންނަ އިންސާނާ، ފަޅި ސިކުންތަކުން އަޅުގަނޑުމެންނާ ވަކިވެގެންދާކަމީ އެއީ އަޅުގަނޑުމެން އެކަމާ ޙައިރާންވާންޖެހޭ ކަމެއްނޫން. އާދެ، އަޅުގަނޑުމެންނަށް މި ހުރިހާ ކަމެއްގެ ޙައްލު، މި ހުރިހާ ކަމަކަށް ތައްޔާރުވެ ތިބުމުގެ ހައްލަކީ، އެ މަގު އަޅުގަނޑުމެންނަށް ދައްކަވައިދެއްވާފައި ވަނީ ކީރިތި ޤުރްއާނުން.

އާދެ، މިއީ އައު އަހަރެއް ފެށިގެންދާ ވަގުތެއް. މިފަދަ ކަންތައްތަކަށް ސީދާ މަގުން ދިޔުމުގެ ޢަޒުމް ކަނޑައެޅުމުގެ އެންމެ މުނާސަބު އެއް ވަގުތަކީ އައު އަހަރެއް، އާ ވަގުތުތަކެއް ފެށިގެންދާ ދުވަސް. އެހެންވީމާ، މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން އެބަޖެހޭ، އަޅުގަނޑުމެން ތަޢުލީމު ލިބިގެން ޤައުމަށް ޚިދުމަތް ކުރުމަށް.

އާދެ، ކޮންމެ ކުއްޖަކީވެސް އެ ކުއްޖަކު ތަޢުލީމު ހާސިލުކުރާ ރޮނގަކުން ޤައުމަށް ވަފާތެރި، އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެވޭނޭ ކުއްޖެއްގެ ގޮތުގައި މަސައްކަތްކުރަން އެބަޖެހޭ. އާދެ، މައިންބަފައިން، ދަރިވަރުން މި ރޮނގުން ކުރިއަށްދެވޭނެގޮތަށް ތައްޔާރުކުރުމަށްޓަކައި، މުދައްރިސުންނާއެކު ގަދައަޅައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް، އަބަދުވެސް ވިދާޅުވާގޮތަށް، ތަފާތުކުރުމެއްނެތި އެންމެންނާ ދޭތެރޭގައި ކަންތައްތައް ކުރުމުގެ މުހިންމުކަން އަބަދުވެސް އަޅުގަނޑުމެން ދަސްކޮށްދޭން އެބަޖެހޭ. ދަރިވަރުންނަށް ދަސްވާނީ އަޅުގަނޑުމެން ކިޔައިދޭ އެއްޗެއް.

އެހެންވީމާ، ހުރިހާ ގޮތަކުންވެސް އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުމެން ޒިންމާވާން އެބަޖެހޭޔޭ. ރަނގަޅު ނަމޫނާ ދައްކަން އެބަޖެހޭ. އަޅުގަނޑުމެން ބޭނުންވާ ޤައުމު، އަޅުގަނޑުމެން ބޭނުންވާ އަމާންކަން، އަޅުގަނޑުމެން ބޭނުންވާ ޞުލްޙަވެރިކަން، ޤައުމީ މަސްލަހަތު އަޅުގަނޑުމެންނަށް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ގެންގޮސްދެވޭނީ، އަޅުގަނޑުމެންގެ ދަރީން އަޅުގަނޑުމެން މި ރޮނގުން ތައްޔާރުކޮށްގެންނޭ.

އާދެ، އެއްވެސް ޝައްކެއްނެތް، މިފަދަ ކަމެއް އިންތިޒާމް ކުރުމުގައި ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި، މަދަދުވެރިކަން އޮންނާނެ. 

އަޅުގަނޑުމެންނަކީ އަބަދުވެސް އޯގާތެރި، ހިތްހެޔޮ ބައެއްގެ ގޮތުގައި ތިބުމަކީ، އެއީ އަޅުގަނޑުމެން ސްކޫލުން ލިބިގަންނަ ފިލާވަޅުތަކުގެ ތެރެއިންވެސް އަޅުގަނޑުމެން ކުރާ ކަމެއްގެ ގޮތުގައި ހަދައި، އަޅުގަނޑުމެންގެ މާތްވެގެންވާ ޤުރްއާނުން އެ ދައްކުވައިދޭ އެންމެ މަތިވެރި ސިފަ ކަމުގައި އަޅުގަނޑުމެން ގަބޫލުކޮށް، އެގޮތުގައި ގަދައަޅައި މަސައްކަތް ކުރުމަށް، އަޅުގަނޑު އެންމެހައި ލޮބުވެތި ދަރިވަރުންނަށް، ވަކިން ޚާއްޞަކޮށް ނަސޭހަތްތެރިވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހީންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުވެ، ހެޔޮބަސްއަހާ ބައެއްގެ ގޮތުގައި ތާއަބަދު އުޅުމުގެ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހި އެންމެހައި ދަރިވަރުންނާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ދައްކަވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.