بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالىގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކަސްޓަމްސްގައި މީގެކުރިން މަސައްކަތް ކުރެއްވި އިސްވެރިން، އަދި ކަސްޓަމްސްގެ މިހާރުގެ ވެރިންނާއި، ހީވާގި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ ޙަޤީޤަތުގައިވެސް ފުން ހިތާމައެއްގެ ދުވަހެއް. އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެނީ، މިއަދު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅުގައި ދުޢާ ދެންނެވުން. އަދި ހަމައެއާއެކު، އެ ފަރާތްތަކުގެ ޢާއިލާއަށާއި އަދި ނޮޅިވަރަންފަރުގެ އެންމެހައި ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެ އެންމެހައި ފަރާތްތަކަކީ، މިމަހު އަޅުގަނޑާ ބައްދަލުވެގެންދިޔަ ފަރާތްތަކެއް. މީގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ފަރާތްތަކަކީ، ޤައުމަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކެއް. އާދެ، ވަރަށް އަގުހުރި ދަރިންތަކެއް އުފައްދާފައިވާ ފަރާތްތަކެއް. ވަކިން ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން. ރަށުގެ އަދި އަތޮޅުގެ އެތައް ބަޔަކަށް އުނގަންނައިދެއްވުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް އަދާކުރެއްވި އަލްމަރްޙޫމް ޙުސައިން ޢަބްދުﷲގެ ނަން.

އާދެ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނާ ވަކިވެގެން މިދިޔައީ އަޅުގަނޑުމެންނަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބައެއް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު މި ފުން ހިތާމައިގައި އެ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި އަޅުގަނޑުމެން އެންމެންގެ ނަމުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަސް. އާދެ، މިއަދުގެ ހެޔޮއެދުންތައް ކަސްޓަމްސްގެ އެންމެހައި މުވައްޒަފުންނަށާއި އަދި ކަސްޓަމްސްގައި މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑު އަރިސްކުރަން.

އާދެ، މިފަދަ ފުރްޞަތެއްގައި ކަސްޓަމްސްއަށް އެކިގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ނަންތައް އަޅުގަނޑުމެން މިއަދު ފާހަގަކޮށް، އެފަރާތްތަކުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ.

އާދެ، ރާއްޖޭގައި އެކްސްޕޯޓް ޑިއުޓީއާއި، އިމްޕޯޓް ޑިއުޓީ ނެގުމުގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރާ ތަނަކީ ކަސްޓަމްސް. އެހެންކަމުން، ރާއްޖޭގެ ޤައުމީ އާމްދަނީގައި ކަސްޓަމްސްގެ ދައުރު ވަރަށް މުހިންމު.

ރާއްޖޭގެ ބަނދަރުތަކަށް އަންނަ ބޭރު ދަތުރުކުރާ އުޅަނދުތަކަށް އަރައި، ފައިބާ މީހުންނާއި، އަރުވައި ބާލައި އެންމެހައި ތަކެތީގެ ކަންކަން ހިންގައި ބަލަހައްޓަންޖެހޭ އިދާރާއަކީވެސް ކަސްޓަމްސް. އެހެންކަމުން، ކަސްޓަމަކީ ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތް ކުރުމުގައިވެސް ވަރަށް މުހިންމު މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ތަނެއް.

އާދެ، މިފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، އަބަދުވެސް ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް ވިސްނަން އެބަޖެހޭ. އަޅުގަނޑުމެން އިސްކުރަން މިޖެހެނީ، އަޅުގަނޑުމެންގެ ތެދުވެރިކަމާއި އަމާނާތްތެރިކަން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އަޅުގަނޑުމެން ނަޒާހަތްތެރިކަން އިސްކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން މިއަދު ދައްކައިދޭ މިސާލަކުން، އެ ކުރާ މަސައްކަތެއްގައި އަޅުގަނޑުމެންގެ ތެދުވެރިކަން ހުރި މިންވަރަކުން އަޅުގަނޑުމެންނަށް ނަމޫނާ އެ ދެއްކެނީ، މާދަމާ މަސައްކަތްތަކާ ޙަވާލުވާން ތިބި ފަރާތްތަކަށް. އާދެ، ދިވެހިރާއްޖޭގައި ޤައުމު ހިންގަން މާދަމާ ތިބޭނެ ދަރިންނަށް ރަނގަޅު މިސާލު، ކޮންމެ ދާއިރާއަކުންވެސް ދެއްކުމަކީ އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް.

އާދެ، ޤާނޫނުތައް ކިތަންމެ ފުރިހަމަޔަށް ހެދިޔަސް، ކޮރަޕްޝަނާއި ޚިޔާނާތާއި، ފަސާދަޔަކީ އެއީ އިންސާނާގެ އަމިއްލަ ނަފްސު އިޞްލާޙުކޮށްގެން ނޫނީ ހުއްޓުވޭނެ ކަމެއްނޫން. މިގޮތުން، އަޅުގަނޑުމެން ތެދު ނިޔަތުގައި މަސައްކަތް ކުރަންޖެހޭ.

އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، މި މަސައްކަތާ ދެން ހަވާލުވާން ތިބި ޒުވާން ކުދިންނަށް އަޅުގަނޑުމެން ރަނގަޅު މަގެއް ކޮށައިދޭން އެބަޖެހޭ.

އާދެ، އެއްވެސް ޝައްކެއްނެތް. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބަދުވެސް އިލްތިމާސް ކުރައްވަނީ، ވަކި ފަރުދަކަށްވީތީ، އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި އަވަސް ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އަދި ކުރީގައިވެސް އަޅުގަނޑުމެންނަށް އަޑުއިވިގެން އެދިޔަގޮތަށް، ކޮރަޕްޝަންގެ އެއްވެސް ޢަމަލަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ކަސްޓަމްސްގެ މަސައްކަތްތަކަކީ އެއީ ދިވެހި އެންމެހައި ރައްޔިތުންނާ ގުޅިފައިވާ މަސައްކަތެއްކަން. ތިޔަބޭފުޅުން ޙަޤީޤަތުގައި ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް. މިގޮތުން، ވީހާވެސް ހަލުވިކޮށް ރަނގަޅަށް އަވަސް ޚިދުމަތް ދިނުމަކީ އެއީ އަޅުގަނޑު ދަންނަވާނީ، އަބަދުވެސް އަޅުގަނޑުމެން މަސައްކަތްތައް ކުރަމުންދާއިރު، ވިސްނަންޖެހޭނެ ކަމެކޭ.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި، ތިޔަބޭފުޅުން ބުރަ މަސައްކަތުން ފުރިހަމަގޮތުގައި ޒިންމާ އަދާކުރާ ފަރާތްތަކަށް، އާދެ، ގަދައަޅައި މަސައްކަތް ކުރުމުގެ ސަބަބުން އެ ލިބިގެންދިޔަ އަގުވަޒަންކުރުން.

އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، މި ރޫޙުގައި އަޅުގަނޑުމެން ހުރިހާ އެންމެންވެސް މަސައްކަތް ކުރަން އެބަޖެހެޔޭ. ވަރަށްބޮޑު ޤާނޫނީ ވާޖިބެއް ތިޔަބޭފުޅުން އަދާކުރައްވަމުން ގެންދަވާއިރު، އަޅުގަނޑުގެ އިލްތިމާސަކީ، ކުރިއަށް އޮތް ތަނުގައިވެސް ވީހާވެސް ރަނގަޅަކަށް މަސްއޫލިއްޔަތު އަދާކުރައްވައި، ރައްޔިތުންނަށް އެ ލިބެމުންދާ ޚިދުމަތް ވީހާވެސް ފަސޭހަކަމާއެކު ހަލުވި މިނެއްގައި ދިނުމަށްޓަކައި ތިޔަބޭފުޅުން މަސައްކަތް ކުރައްވާށޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ކަސްޓަމްސްގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކަސްޓަމްސްގެ މިހާރުގެ ވެރިންނާއި، އަދި ކުރީގައި ކަސްޓަމަށް އެކިގޮތްގޮތުން ޚިދުމަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ އަބަދުވެސް ކަސްޓަމްސްއަށް ކުރިއެރުމާއި ކާމިޔާބީ މިންވަރުކޮށްދެއްވުން. އަދި އަޅުގަނޑުމެންގެ މި ޤައުމަށް އަދަށްވުރެ ފަހި މާދަމައެއް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.