بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޕާޓީގެ ޗެއަރޕާރސަން އަލްއުސްތާޛް ޙަސަން ލަޠީފް، ޔޫތު ވިންގގެ ރައީސް މީކާއީލް ނަސީމް، ޕާޓީގެ އިސްބޭފުޅުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަކީ ދިވެހި ޒުވާނުންގެ ކުރިމަގާއި އުއްމީދުތަކާ ގުޅިފައިވާ ސިޔާސީ ފިކުރު. މި ޕާޓީއަކީ ޒުވާނުންނަށް ޑިމޮކްރެސީ ދަސްކޮށްދިން ޕާޓީ. މި ރާއްޖޭގެ ޒުވާނުންނަށް ޑިމޮކްރެސީއަށް މަގުދައްކައިދީ، އެމީހުންނަށް ޙައްޤުވާ މިންވަރު ހޯދުމަށް ވަކާލާތުކޮށް އަޑުއުފުލައި އަދި އަޑުއުފުލާން ދަސްކޮށްދިން ޕާޓީ.


މިއަދު އަޅުގަނޑުމެން ޢަމަލުކުރަމުން މި އަންނަ ފެހި ޤާނޫނުއަސާސީގައި، ޒުވާނުންނަށް ޙައްޤު މިންވަރު ލިޔާން ވަކާލާތުކުރި ޕާޓީއަކީވެސް އެމް.ޑީ.ޕީ. މި ދެންނެވި ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އަޅުގަނޑުމެން ބުނަމުން ގެންދިޔައީ، އަޅުގަނޑުމެންގެ ޒުވާނުންނަށް، ޤައުމުގެ މުސްތަޤްބަލާމެދު ބަސް ބުނެވެންޖެހޭނެ ކަމަށް.


ޚާއްޞަކޮށް، މި ޤައުމުގައި ވެރިކަން ކުރާނެ ވެރިޔަކު ނުވަތަ ރައީސަކު ހޮވާއިރު، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ޒުވާނަކަށް، އެމީހުންގެ ބަސް ބުނުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށް. ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ އުމުރު، 21 އަހަރުން 18 އަހަރަށް ބަދަލުކޮށްދީ، މި ޤައުމުގެ ޒުވާނުންގެ ބޮޑު ބައެއްގެ އަތުން ނިގުޅައިގެންފައި އޮތް ވޯޓުލުމުގެ ޙައްޤު ހޯދައިދިން ޕާޓީއަކީ މި ޕާޓީ.


މި ޕާޓީއަކީ ޒުވާނުންނާއެކު ސިޔާސީ މައިދާނަށް ނުކުތް ޕާޓީއެއް. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ، މި ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާއި މުހިންމު ކަމުގެ އަލިގަދަ ދަލީލެއް.


އެމް.ޑީ.ޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުޞަތުދީ، ފުރުޞަތު ހޯދައިދީ، ޒުވާނުންގެ އަޑުއަހާ ޕާޓީއެއް. މި ބައްދަލުވުމުން އަޅުގަނޑުމެންނަށް މި ފެންނަނީ މި ދެންނެވި މަންޒަރު.


ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުން ފެށިގެން ކައުންސިލްތަކުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނެރެފައިވާ ޒުވާން ކެންޑިޑޭޓުންނަކީ، އެމް.ޑީ.ޕީ. އުފައްދާފައިވާ ސިޔާސީ ލީޑަރުން.


އެއީ އަޅުގަނޑުމެން މި ކުރާ ޑިމޮކްރެސީގެ ދަތުރުގައި، މި ޤައުމުގެ ޒުވާނުންނަށް ފުރުޞަތު ދީގެން، އަންނަން އޮތް ޖީލުތަކުގައި މި ޤައުމު ހިންގާނެ ޒުވާން ލީޑަރުން އުފައްދައި، ސިޔާސީ މައިދާނުން ޖާގަ ހޯދައިދިނުމަށް ކޮށްފައިވާ މަސައްކަތުގެ ނަތީޖާ.
އާދެ، މިއަދު މި ފަށާ ޒުވާނުންގެ ކޮންގްރެސްއަކީވެސް މިފަދަ ޒުވާން ލީޑަރުން އުފެއްދުމަށް، މި ޕާޓީން ކުރަމުން ގެންދާ މަސައްކަތުގެ ސިލްސިލާގެ ބޮޅެއް.


ކުރިއަށް އޮތް އިންތިޚާބުތަކުގައި ފެނިގެންދާނެ ޒުވާން ސިޔާސީ ލީޑަރުން އަދި އެމް.ޑީ.ޕީ.ގެ ލީޑަރޝިޕުން ފެނިގެންދާނެ އެތައް އެތައް ލީޑަރުންނެއް، މި މަހާސިންތާއިން ފެނިގެންދިޔުމަކީ ޝައްކެއްވެސް އޮތް ކަމެއްނޫން.


އެމް.ޑީ.ޕީ.ގެ މި ޒުވާން ފަހުލަވާނުންނަކީ ޙަޤީޤަތުގައިވެސް މި ޕާޓީގެ މައިބަދަ. އެމް.ޑީ.ޕީ.ގެ ހިތްވަރު. ޕާޓީން އެއިރަކު އޮންނަ ސިޔާސީ އޮއިވަރަކާ އެއްގޮތަށް ހިންގާ ސިޔާސީ ހަރަކާތްތަކުގެ ޙަޤީޤީ މޭސްތިރިންނަކީ ތިޔަ ޒުވާނުން.


މަގުމަތީގެ ހަރަކާތްތަކުގަޔާއި، ޕާޓީގެ އެކިއެކި ހަރަކާތްތަކުން އެމް.ޑީ.ޕީ.ގެ އަދަދާއި ސައިޒު ދައްކާލުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީވެސް މި ޕާޓީގެ ޒުވާނުން.


ޕާޓީގެ ކެމްޕެއިން ހިންގުމާއި، ސިޔާސަތުތައް އެކުލަވައިލުމާއި އަދި ހަރަކާތްތައް ރޭވުމުގައި، ޒުވާނުންގެ ދައުރު ވަރަށް ބޮޑު. މި ޕާޓީގެ ޒުވާނުންނަކީ މި މަސައްކަތުގައި ބައިވެރިވެ ފަހަތަށް ޖެހޭނެ ބައެއް ނޫންކަން، މާޒީން ވާނީ ވަރަށް ސާފުކޮށް، ވަރަށް ރަނގަޅަށް ދައްކައިދީފައި.


އެމް.ޑީ.ޕީ މިއަދު މި އޮތް މަގާމަށް އައުމަށް، ރާއްޖޭގެ ވެރިކަން ހޯދުމަށް ކުރި އުނދަގޫ ދިގު ދަތުރުގައި ކާމިޔާބާ ހަމައަށް ވާސިލުވުމަށް ހިތްވަރާއެކު އެންމެ ބުރަ މަސައްކަތްކުރި އެއްބަޔަކީ މި ޕާޓީގެ ޒުވާނުން.


އަޅުގަނޑުމެން، އެމް.ޑީ.ޕީ އިން އަބަދުވެސް ކުރިއަށްދާނީ ޒުވާނުންނާއެކު. ޒުވާނުންގެ އަޑު އަހައިގެން.


އަޅުގަނޑުމެންގެ ސިޔާސަތުތައް، އާދެ! މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ، މި ޤައުމުގެ ޒުވާނުންގެ މުސްތަޤްބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެން.


އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާއި ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިންނަށް ސަލާން ނުޖަހައި، ކިޔަވައި ނިމިގެން، މަތީ ތަޢުލީމާއި ތަމްރީނު ލިބޭނެ މަގަށް.


ދިވެހިރާއްޖޭގެ އާބާދީގެ 31 ޕަސެންޓަކީ، އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން. 18 ޕަސެންޓަކީ، 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުން. ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައް. ވަޒީފާ ނެތް ޒުވާނުން، ނިސްބަތުން ގިނަ.


ހިސާބުތައް ދައްކާގޮތުން، 18 އަހަރާއި 34 އަހަރުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން، 29 ޕަސެންޓަކީ ވަޒީފާ އަދާނުކުރާ އަދި ތަޢުލީމު ނުވަތަ ތަމްރީނުގައިވެސް ޝާމިލުވެގެން ނޫޅޭ ޒުވާނުން. ނަމަވެސް، 18 އަހަރާއި 35 އަހަރުގެ އުމުރު ފުރައިގެ އަންއެމްޕްލޯއިމަންޓް ރޭޓަކީ 8 ޕަސެންޓް.


މިއިން މި ދައްކައިދެނީ، ޒުވާނުންގެ ތެރޭގައި ވަޒީފާ ހޯދަން އުޅެ ނުލިބިފައިވާ ފަރާތްތައް، ނިސްބަތުން މަދު ނަމަވެސް، އެކިއެކި ސަބަބުތަކާ ގުޅިގެން ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ އަދި އެއްވެސް ގޮތަކަށް ވަޒީފާ ހޯދުމުގައި ޝާމިލުނުވާ ގިނަ ފަރާތްތަކެއްވެސްވާކަން.


މިގޮތުން ބަލާއިރު، އަންހެނުންގެ ތެރޭގައި، ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ ޢަދަދު، ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު. މިކަން އަޅުގަނޑުމެން ރަނގަޅު ކުރަން އެބަޖެހޭ. ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަންޖެހޭ. ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނިކުތުމަށް މަގުތައް ކޮށައިދޭން އެބަޖެހޭ.


ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް. މިކަމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރުކުރާ އެއްބަޔަކީ ޒުވާނުން. ތޮއްޖެހިފައިވާ މާހައުލުގައި، ނިދުމަށް ޑިއުޓީއަށް ގަޑި ބަހައިގެން ބޮޑެތިވާ ކުދިން މިއަދު މާލޭގައި މަދެއްނޫން. އެ ކުދިން، ކަންމަތީ ގްރޫޕްތަކާއެކު ބޮޑެތިވަމުން އައިތަން އަޅުގަނޑުމެން ދެކެން.


ސްކޫލަށް ނުދެވި، ޢާއިލާއިން ދޭންޖެހޭ ސަމާލުކަން ނުދެވި، ޒުވާން އުމުރު ހޭދަކުރަން ޖެހެނީ މަގުތައް މަތީގައި. ގޭންގްތަކުގެ ޝިކާރައަށްވެ، ކުށްކުރުމާއި، ކުށުގެ ވެށިން ބޮޑުވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެންނަން އެބަޖެހޭ. ޙައްލަކީ އުމުރުދުވަހަށް ޖަލުގައި ބަންދުކުރުމެއްވެސް ނޫން. ޖަލުތައްވެސް ބަދަލުވާން ޖެހެނީ ރީހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް.


މިއަދުވެސް ފަރުވާއަށް ބޭނުންވެފައިވާ 800 އަށްވުރެ ގިނަ ޒުވާނުން އެބަތިބި. މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާއާއި، ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ދަނީ ހިންގަމުން. މިގޮތުން މިހާރު ވަނީ ތިން ސެންޓަރެއް ޤާއިމުކޮށްފައި.


އެއީ ހދ. ހަނިމާދޫއާއި، ސ. ހިތަދޫ އަދި ގދ. ތިނަދޫ. މީގެ އިތުރުން، ސ. ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން.


ޖަލުތަކުގެ އާބާދީގެ 65 ޕަސެންޓަކީ، ޑްރަގް މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުން. އޭގެތެރެއިން ގިނައީ ޒުވާނުން. އަޅުގަނޑުމެންގެ އަމާޒަކީ ޖަލުތަކުގެ ނިޒާމަށްވެސް ރީހެބިލިޓޭޝަން ތަޢާރަފްކުރުން.


އާދެ! މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ، މި ޙާލަތު މުޅިން ބަދަލުކުރުމަށް. އަޅުގަނޑުމެންގެ އަމާޒަކީ، ޒުވާނުންނަކީ ބަސްވިކޭ، ހަރުދަނާ ބަޔަކަށް ހެދުން. އިޖްތިމާޢީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުން.


އަޅުގަނޑުމެން، އެމް.ޑީ.ޕީ އިން މި ކުރާ މަސައްކަތަކީ، މުސްތަޤްބަލުގައި މި ޤައުމު ރަނގަޅަށް ހިންގާނެ ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް. ހީވާގި، ކެރޭ، ހަރަކާތްތެރި، ތަޢުލީމީ، ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމުގެ މަސައްކަތް. މި ޕާޓީން ވޭތުވެދިޔަ ކުރު މާޒީގައި ކުރެވުނު މަސައްކަތުގެ ނަތީޖާ، މި ޤައުމުގެ ސިޔާސީ މައިދާނުން ފެނިގެން ދިޔުމަކީ އަޅުގަނޑުމެންގެ ހިތްހަމަޖެހުން.


ޕާޓީގައި ޒުވާނުންގެ ގޮފި ހަދައިގެން، ޒުވާނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރި ކުރުވަން ފުރަތަމަ ފެށި ޕާޓީއަކީވެސް އެމް.ޑީ.ޕީ. މިއަދު ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލީހުން އެ ފެންނަ ޒުވާން މޫނުތަކަށް، އެ ފުރުޞަތު ފަހިކޮށްދިން ޕާޓީއަކީ މި ޕާޓީ.


އެމް.ޑީ.ޕީ.ގެ އަބަދުގެވެސް އުއްމީދަކީ އަދި އެދުމަކީ ދިވެހި ޤައުމުގެ ޒުވާނުން ޤައުމު ހިންގުމުގެ އިސް ސަފުގައި، ޤައުމު ތަރައްޤީ ކުރުމާއި، ޤައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ދައުރެއް އަދާކުރުން. ޒުވާނުންގެ ހުނަރާއި މަސައްކަތުން ޤައުމު ކުރިއަށްދިޔުން.


މިއަދު ތިޔަ ޒުވާނުން ތިޔަ ފަށްޓާ މަހާސިންތާ، ނޫނީވިއްޔާ ކޮންގްރެސްގައި ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި. އަޅުގަނޑުމެންގެ މި ޕާޓީ އުފެދި މިހިސާބަށް އައިއިރު، އަދި ޒުވާނުންގެ ހިތްވަރު އުފެދި މިހިސާބަށް އައިއިރުގައި، އަޅުގަނޑުމެންނަށް އާދެވިފައި މިތިބީ ކިހާ ހިސާބަކަށްތޯ އެބަ ބަލަންޖެހޭ. އަޅުގަނޑުމެން ފެށި މަސައްކަތުގެ ނަތީޖާއިން ކިހާވަރެއް، ބޭނުންވާ ކިހާވަރެއް ހާސިލު ކުރެވިއްޖެތޯ އެބަ ބަލަންޖެހޭ. އަދި ރަނގަޅު ކުރަންހުރީ ކޮން ކަންތައްތަކެއްތޯވެސް އެބަ ބަލަންޖެހޭ. ކުރިއަށް ކަންތައްތައް ރޭވުމުގައި މިއަދު މި ބޭއްވޭ މަހާސިންތާގެ ނުކުންނަ ނަތީޖާ އެއީ ވަރަށް މުހިންމު އެއްޗަކަށް ވެގެންދާނެ.


އެނގިވަޑައިގަންނަވާނެ، މީގެ އެތައް އަހަރެއް ކުރިން، މި ޤަރުނު ފެށުމާ އެކީގައި، ރާއްޖޭގައި ބޮޑު މަހާސިންތާއެއް ބޭއްވިގެންދިޔަ. [ވިހިވިހީގެ ތަޞައްވުރު] ކިޔާ ތަޞައްވުރެއް އެބައޮތް.


އަޅުގަނޑު މިއަދު މިތަނަށް އައުމުގެ ކުރިން އެ ފޮތް އަޅުގަނޑު ބަލައިލައި، ޒުވާނުންނާ ދޭތެރޭގައި އޭރުގެ ވެރިން ދެކޭގޮތް އަޅުގަނޑު ކުޑަކޮށް ބަލައިލިން. އަޅުގަނޑަކަށް މާގިނަ ވަގުތެއްނެތް، އޭގެ ތަފްޞީލަށްދާކަށެއް. އެހެންނަމަވެސް، އަޅުގަނޑު ހިތުން މިއަދު ތިޔަބޭފުޅުން ރަނގަޅުވާނެ، މި މަހާސިންތާގައި އެ ބަލައިލަން. އޭރުގެ ވިސްނުމާއި، މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބު ރަނގަޅަށް އޭރަށް އެނގޭނީ. ކުރިއަށް އޮތް 20 އަހަރަށް އަޅުގަނޑުމެން އެކަހަލަ ޕްލޭނެއް ރާވާނަމަ، އަޅުގަނޑު ހިތުން ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ. އޭގައި އެބަހުރި ވަރަށް ރަނގަޅު ކަންތައްތައް. ވަރަށް ބޮޑަށް ދިމާވެފައި ހުރި ކަންތައްތައްވެސް އެބަހުރި. މިއަދުގެ ޒުވާނުން ކުރިއަށްދާނެގޮތާއި، ތިބޭނެގޮތާއި، ޓެކްނޮލޮޖީ ރާއްޖެއަށް އަންނާނެ މިންވަރާއި، މިކަހަލަ ވަރަށްގިނަ ތަފްޞީލުތައް އެބަހުރި. އަޅުގަނޑު ހިތުން ބަލައިލަން ރަނގަޅު ފޮތެއް އެއީ.


އެހެންކަމުން، އަޅުގަނޑުގެ ވާހަކަ މިއަދު ނިންމާލާނީ، ދިވެހި ޒުވާނުންނަކީ މިޤައުމުގައި މި އޮތް ހަމަޖެހުމާއި ޑިމޮކްރެސީގެ ރީތި ސިފަތައް ދަމަހައްޓައި، ޙައްޤު ބަސް ބުނެ، އިންސާފާއި ހަމަހަމަކަމަށް މަސައްކަތް ކުރާ ބަޔަކަށް ވެގެންދިޔުމަށް އެދި ދުޢާކުރަމުން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.