ސަރުކާރު އޮފީސްތަކުން މަޢްލޫމާތު ހާމަކުރާ މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގެވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން މިއަދު ހަވީރު ނިމިއްޖެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުންނަށް ލިބިދޭންޖެހޭ މަޢްލޫމާތު ވީހާވެސް އަވަހަށް، ވީހާވެސް ފުޅާދާއިރާއެއްގައި ދެއްވުމާ ބެހޭގޮތުން މަޢްލޫމާތު ދެއްވިއެވެ. އަދި ރަސްމީ އިދާރާތަކުން މަޢްލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާއިދާއި، އެޤަވާއިދުގެ ދަށުން މީޑިއާއަށާއި ޢާންމުންނަށް މަޢްލޫމާތު ފޯރުވައިދޭ ފަރާތްތަކުގެ ޒިންމާއާ ބެހޭގޮތުންނާއި، މަޢްލޫމާތު ފޯރުވައިދިނުމުގައި ގެންގުޅޭނެ ހުނަރުތަކާބެހޭ މަޢްލޫމާތުވެސް ދެއްވިއެވެ.

ސަރުކާރުގެ ދާއިރާތަކުން މަޢްލޫމާތު ފެތުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، އެކަންކަން ޙައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނާއި، އިންފޮމޭޝަން އޮފިސަރުން، މީޑިއާއަށް މަޢްލޫމާތު ހާމަކުރުމުގެ ހުނަރުގެ މައްޗަށް މަޢްލޫމާތު ދެއްވައި، އެކަމާ ބެހޭގޮތުންވެސް މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.