ސަރުކާރުގެ ބައެއް އަދަބީ ފަންނީ އަދި ދިރާސީ ބައެއް ތަންތަން ރިޔާސީ ގަނޑުވަރު، ތީމުގެއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. މިގޮތުން ބަދަލުކުރައްވާ ތަންތަނަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒާއި، ޤައުމީ ކުތުބުޚާނާ އާއި، ނޭޝަނަލް އާޓް ގެލެރީ އާއި، މެރިން ރިސާރޗް ސެންޓަރާއި، އުފެދުމުގެ މަރްޙަލާގައިވާ ޔުނިވަރސިޓީގެ ޗާންސެލަރުގެ އޮފީހާއި ސެނެޓުގެ އޮފީހެވެ.

މިތަންތަން ބަދަލުކުރެއްވުމުގެ މަސައްކަތް މިހާރުވަނީ ފަށްޓަވާފައެވެ. މިހާރު ހިނގަމުންދަނީ، މިތަންތަން ރިޔާސީ ގަނޑުވަރު ތީމުގޭގައި ވަގުތުން ހިނގައިގަތުމަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކުރެއްވުމުގެ މަސައްކަތެވެ.

މިތަންތަން ރިޔާސީ ގަނޑުވަރު ތީމުގެއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާއަކީ، އެމަނިކުފާނުގެ މަގާމުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ އަދަބީ ފަންނީ އަދި ދިރާސީ ކަންކަމުގެ އިސް ވެރިޔާ ކަމަށްވާތީ، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން މިކަންކަން ހިނގަމުންދާނެ ގޮތަކަށް އިންތިޒާމު ކުރެއްވުމަށްޓަކައެވެ.