ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ދެރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅު ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާ ގޮތާއި މުޅި އަތޮޅު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ ކައުންސިލުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ހުށަހެޅުއްވި ހުރިހާ ކަމަކަށް ހައްލު ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ހުރިހާ މަޝްރޫޢުތަކެއް ކުރިޔަށްދާކަން ފާހަގަކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލުގެ އިމާރާތުގެ ދަތިކަމާ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ތަރައްޤީ ކުރެވެމުން ނުދާތީ ހުރި ކަންބޮޑުވުންތަކާއި ކޮޅުމަޑުލު ގުރައިދޫގައި ހުންނަ އައިސް ޕްލާންޓް ހަލާކުވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ ޓްރެކް ނެތުމުގެ މައްސަލައާ އަތޮޅު ފެރީގެ ނިޒާމުގެ ހުރި މައްސަލަތައް ފާހަގަކުރެއްވިއެވެ.
އަތޮޅު ކައުންސިލުން އިތުރަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އަތޮޅު ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި އަތޮޅު ހޮސްޕިޓަލުގެ އިމާރާތުގެ ފެންވަރު ރަނގަޅުކުރުމާއި އެކިއެކި ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޞިއްހީ ޚިދުމަތްދޭ އިމާރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް މިހާރު ހުށަހަޅުއްވާފައިވާ އިސްލާހުތައް ފާސްވެގެން ދިއުމުން އަތޮޅު ކައުންސިލުގެ ދައުރާއި ޒިންމާތައް އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އަތޮޅު ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވައި ކުރިއަށް ރޭވިފައި ހުރި ބައެއް ކަންކަމުގެ މަޢުލޫމާތުވެސް އަތޮޅު ކައުންސިލާ ޙިއްޞާކުރެއްވިއެވެ.