بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ޚާއްޞަކޮށް، އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، ބުރުނީ ސްކޫލްގެ ޕްރިންސިޕަލް މަނޫ ޖޯޖް، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފް، ބުރުނީ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު، ބުރުނީ ސްކޫލްގެ އެންމެހައި މުވައްޒަފުންނާއި ލޮބުވެތި ދަރިވަރުން، އަދި އެ ދަރިވަރުންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި އުފާވެރި ޙަފްލާގައި، ކަންދިމާކުރި ގޮތުން އަޅުގަނޑު އެންމެ ފުރަތަމަ އަދާކުރަން ޖެހިފައި މިއޮތީ ވަރަށް ހިތާމަވެރި ވާޖިބެއް.

އާދެ، މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލި ވަރަށް ހިތާމަވެރި ޙާދިސާއެއްގައި ފަސް ބޭފުޅަކު މި ދުނިޔެ ދޫކުރެއްވި ވާހަކަ ތިޔަބޭފުޅުންވެސް ވާނީ އަޑުއައްސަވާފައި.  އެ ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމަޔަކާއެކީގައި. އޭގެތެރޭގައި އެއް ޢާއިލާގެ ތިން ބޭފުޅަކާއި، އެންމެ ތިން އަހަރުގެ ތުއްތު ކުއްޖަކުވެސް ހިމެނޭ. އެބޭފުޅުންގެ ފާފަތައް ފުއްސަވައި، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އަދި އެ ހާދިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެއް ބޭފުޅެއް ކަމަށްވާ ތަޢުލީމީ ދާއިރާގައި މެދުނުކެނޑި 37 އަހަރު ޚިދުމަތް ކުރައްވަމުން ގެންދެވި ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު ޙުސައިން ޢަބްދުﷲގެ ނަންވެސް އަޅުގަނޑު ޚާއްޞަގޮތެއްގައި ފާހަގަކުރަން.

އާދެ، ޙުސައިން ޢަބްދުﷲ އަކީ ވަރަށް ޚިދުމަތްތެރި، ވަރަށް ހިންގުންތެރި ބޭފުޅެއް. ޚިދުމަތުގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން 37 އަހަރު ހޭދަކުރައްވާފައިވޭ. އޭނާގެ ވަކިވެދިޔުމަކީ އެ ރަށަށް އަދި އެރަށު މަދަރުސާއަށް ލިބުނު ފޫނުބޭއްދޭވަރުގެ ގެއްލުމެއް. މި ހާދިސާގައި އެ މަދަރުސާގެ އެހެން ޓީޗަރެއް ކަމުގައިވާ ޢަބްދުއްޝަކޫރުގެ އަނބިކަނބަލުންވެސް ވަނީ މި ދުނިޔެ ދޫކުރައްވާފައި. އެހުރިހާ ބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑުގެ ހިތުގެ އަޑިން ތަޢުޒިޔާ ދަންނަވަން.


މިފަދަ ތަޢުލީމީ ރަށެއްގެ، ތަޢުލީމާ ބެހޭ ޙަފްލާއެއްގައި ބައިވެރިވެވޭކަމީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ވަރަށް ބޮޑު ޝަރަފެއްވެސްމެ. އެހެންކަމުން، މި ޙަފްލާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، ބުރުނީ ސްކޫލްގެ އިސް ވެރިންނަށާއި މުވައްޒަފުންނަށާއި ދަރިވަރުންނަށް، އަދި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން.


މި ރެއަކީ، މިރަށުގެ ރައްޔިތުން އުފާ ފާޅުކުރުން ޙައްޤު ރެޔެއް. ރައްޔިތުންގެ އިސްނެގުމަށް، ރަށުގެ ދަރީންނަށް ތަޢުލީމް ހޯދައިދިނުމުގެ މަސައްކަތް ފަށައި، އެ މަސައްކަތަށް 50 އަހަރު ފުރުމަކީ، ޙަޤީޤަތުގައިވެސް ވަރަށް މަތިވެރި ކާމިޔާބެއް. އެކަމަށްޓަކައި މިރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.


ބުރުނީގެ ތަޢުލީމީ ބާނީއަކީ، މި ރަށު ދިލާސާގޭ އަލްމަރްޙޫމް އާދަމް މޫސާ. މިއަދު ބުރުނީގެ ރައްޔިތުން ޙާޞިލްކުރަމުން އަންނަ ކުރިއެރުމާއި ކާމިޔާބީގެ އަޞްލަކީ، މި ރަށުގެ ދަރީންނަށް ކިޔަވައިދިނުމަށް، މީގެ 50 އަހަރު ކުރިން އޭނާގެ އަމިއްލަ ގޭގައި ފެއްޓެވި އެދުރުގެ. އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި ލެއްވުން އެދި، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ދުޢާ ދަންނަވަން.


ބުރުނީގެ ތަޢުލީމީ ތާރީޚަށް ބަލާއިރު، އަޅުގަނޑަށް މިރަށް ފާހަގަކުރެވެނީ، ވަރަށް ބޮޑަށް ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި. ވަކިން ޚާއްޞަކޮށް، ތުއްތު ކުދީންނަށް ތަޢުލީމް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި.


ލިޔަންކިޔަން ނުދަތުން ފުހެލުމަށް، ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގި އަސާސީ ތަޢުލީމުގެ މަޝްރޫޢު، އެންމެ ފުރަތަމަ ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ބުރުނި ހިމެނޭ. މިއިން އެނގެނީ، ތަޢުލީމު ހޯދުމަށާއި ތަޢުލީމީ ދަރިން އުފެއްދުމަށް، ބުރުނީ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ލޯތްބާއި ޝައުޤުވެރިކަން.


އަސާސީ ތަޢުލީމަށް ފަހު، ރަށްރަށުގެ ސްކޫލް މަދަރުސާތަކާ ދެން ބައްދަލުކުރީ، އިނގިރޭސި ތަޢުލީމް ތަޢާރަފްކުރެވުނު ދުވަސްވަރު. އޭރު އިނގިރޭސި ބަހުން ކިޔަވައިދޭނެ، މާ ގިނަ ދިވެހިން ތަމްރީން ކުރެވިފައެއް ނެތް. އެހެންކަމުން ޓީޗަރުން ހޯދަންޖެހެނީ، އިންޑިޔާ އާއި ލަންކާފަދަ އަވަށްޓެރި ޤައުމުތަކުން.


އެކަމުގައި ވެސް، ބުރުނީ ރައްޔިތުން ދަތުރުކުރީ، ސަރުކާރަށްވުރެ މާ ހަލުވި ދުވެއްޔެއްގައި. އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމުގެ ކުރިން، އިނގިރޭސި މީޑިއަމަށް ކުދިން އަހުލުވެރި ކުރުމަށްޓަކައި، މި ސްކޫލްގެ ބެލެނިވެރިން ވަނީ، އަމިއްލައަށް އިސްނަގައިގެން އިތުރު ކުލާސްތަކެއް ހިންގާފައި.


އިނގިރޭސި ކިޔަވައިދޭނެ ބިދޭސީ ޓީޗަރަކު މި ރަށަށް ގެނައުމުގައި ވެސް، އިސްނެގީ ބުރުނީ ރައްޔިތުން. ސަރުކާރުން ބިދޭސީ ޓީޗަރަކު ފޮނުވަންދެން، އިންތިޒާރު ކުރުމުގެ ބަދަލުގައި ބުރުނީ ރައްޔިތުން ނިންމީ އެ މީހުން އަމިއްލައަށް އެކަން ކުރަން. ބުރުނީ ރައްޔިތުންގެ މަސައްކަތުން، ބިދޭސީ ޓީޗަރަކު ގެނެސް، އޭނާގެ ހުރިހައި ޚަރަދެއް ބެލެހެއްޓީ، ބެލެނިވެރިން ސައި ހޮޓަލެއް ހިންގައިގެން.


އެކަމުގައިވެސް މި ރަށު އަންހެނުންގެ ދައުރު ވަރަށް ބޮޑު. އެހެންވީމާ މިކަމުން އެނގިގެން ދަނީ، މި ރަށުގައި ތިބީ ހަމައެކަނި އަލިފުޅަށްޓަކައި ޤުރުބާންވާން ތިބި ހިޔަލައިން ނޫންކަން. މި ރަށުގެ ތަޢުލީމަށްޓަކައި، މި ރަށުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، ޤުރުބާންވާން ތިބި ހިޔަލައިން މާގިނަކަން.


މިއަދު މި ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރާއިރު، 2005 ވަނަ އަހަރާ ހަމައަށް، މި ސްކޫލް ހިންގާފައިވަނީ ރައްޔިތުންގެ މަދަރުސާއެއްގެ ގޮތުގައި. އާދެ! 36 އަހަރު ވަންދެން، ހުރިހާ ޚަރަދުތަކެއް ހަމަޖައްސަމުން، މިރަށުގެ ކުދިންނަށް ކިޔަވައިދިނުމުގެ ކަންތައް ކުރަމުން އައީ، ބުރުނީގެ ހީވާގި ރައްޔިތުން އަމިއްލައަށް.


ބުރުނީ ރައްޔިތުން މިހާ ބޮޑަށް ތަޢުލީމަށް މަސައްކަތް ކުރީ، ރަށް ކުރިއަރުވައި ތަރައްޤީކުރަން ބޭނުންވާލެއް ބޮޑުކަމުން. ޢިލްމީ ގޮތުން ސިކުނޑިތަކަށް ދިރުން ލިބިގެން ނޫނީ، ތަރައްޤީ ޙާޞިލް ނުކުރެވޭނެކަން އޭރުވެސް މިރަށުގެ ރައްޔިތުން ޤަބޫލުކުރޭ. ބުރުނީ ރައްޔިތުންގެ މި އިސްނެގުމުގެ އަގުވަޒަންކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު، ހިފެހެއްޓުމެއް ނެތް ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވަން.


ތިޔަ ކުދިންގެ ކާފައިންނާއި މާމައިން އޭރު އެ ކުރި މަސައްކަތަކީ، ތިޔަ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ކުރި މަސައްކަތް. އެހެންވީމާ، އެ މީހުން އެދުވަހު ކުރި ބުރަ މަސައްކަތުގެ އަގު، ތިޔަ ހުރިހާ ދަރިވަރުން އަބަދުވެސް އަދާކުރަންވާނެ.


އެ މަސައްކަތުގެ އަގު އަދާކުރުމަކީ، ތިޔަ ކުދިންގެ ކާފައިންނާއި މާމައިން އަދި މަންމަމެންނާއި ބައްޕަމެން، އެ އުންމީދުކުރި ފަދަ ތަޢުލީމީ ރަށަކަށް މި ރަށް ހަދައިދިނުން. ތިޔަ ކުދިންގެ ޢަޒުމަކަށް ހަދަންވީ، މިހާރަށްވުރެވެސް ތަޢުލީމީ އަދި ތަރައްޤީވެފައިވާ ރަށެއްގެ ގޮތުގައި، އަންނަން އޮތް ޖީލުތަކާ ހަމައަށް މިރަށް ފޯރުކޮށްދިނުން.


އެކަން ތިޔަ ކުދިންނަށް ޙާޞިލްކުރެވޭނީ، ތަޢުލީމީ ޖީލެއް ބިނާކުރުމަށް، ސަރުކާރުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން. ކިޔަވައިގެން މޮޅުވުމަށް ގަދައަޅައި މަސައްކަތްކޮށްގެން. މިހާރުގެ މޮޅެތި ކުދިންނަކީ، ކިޔަވައި ނިމޭއިރު، ދިރިއުޅުމުގެ ކަންކަމަށް އަހުލުވެރިވެފައި ތިބޭ ކުދިން. މަސައްކަތުގެ ހުނަރާއި ޤާބިލްކަން ލިބިފައި ތިބޭ ކުދިން.


މިއަދު ތިޔަ ކުދިންގެ މަދަރުސާއަކީ، ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމުގައި ދެކިގެން ނުވާނެ. ދުނިޔެ މިއަދު މިއޮތީ އެއަށްވުރެ ބޮޑަށް ހުޅުވިފައި. ޓެކްނޮލޮޖީގެ ސަބަބުން ޤައުމުތަކުގެ އިންފާރުތައް ވެއްޓި، ހުރިހާ ޤައުމުތައް، އެއް އަވަށަކަށް ވެއްޖެ. ބޮޑެތި ޤައުމުތަކުގެ މުއްސަނދި ލައިބްރަރީތައް، ޓެކްނޮލޮޖީގެ އެހީގައި، މިއަދު ހުރީ ތިޔަ ކުދިންގެ އިނގިލިކުރިއާ ހަމައަށް ކައިރިވެފައި.


އެހެންވީމާ، އިންޓަރނެޓްވެސް އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހެން ވަސީލަތްތައްވެސް، ތިޔަ ކުދިން ބޭނުންކުރަންވީ ކިޔެވުމުގެ ކަންކަމަށް. އޭރުން މިހާރަށްވުރެ، މާ ގިނަ އޭ ސްޓާތައް ލިބެން ފަށާނެ. އަޅުގަނޑު އުންމީދުކުރަން، މިރެއިން ފެށިގެން ތިޔަ ކުދިން އެކަމަށް ސަމާލުކަން ދޭނެ ކަމަށް. މިއީ ބެލެނިވެރިން ވެސް ވިސްނެވުން ވަރަށް މުހިންމު ކަމެއް.


މިއަދު ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި، އޭ ސްޓާރ އޮންނަ ސެޓްފިކެޓެއް ނޫން. މިއަދު ބޭނުންވަނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނުގައިވެސް އޭ ސްޓަރ ހޯދާ ކުދިން. ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒު. މިއަދު ޤައުމަށް ބޭނުންވަނީ ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން.


ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތަޢުލީމީ ޙަޔާތް ބިނާވެގެންދަނީ، ޤައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށް. އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއް.


އެކަން ޙާޞިލް ކުރެވޭނީ ޤައުމީ މަންހަޖު އެ މިސްރާބަށް ބަދަލުކޮށްގެން. ޤައުމީ މަންހަޖު މުރާޖަޢާކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް. ޤައުމުގެ އިޖްތިމާޢީ ޙާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖަޢާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެ.


އެކަމަށް މަސައްކަތް ކުރަމުންދާއިރު، ކުރިމަތިވާ އެހެން މައްސަލައެއްވެސް އެބައޮތް. ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ މިންވަރަށް ޕްރައިމަރީ ޓީޗަރުން ނުލިބުން. އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭ. އެހެންކަމުން، ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުން.


ކިޔަވަމުންދާއިރު، ކޮންމެ ކުއްޖެއްގެވެސް ޢަޒުމެއް އޮންނަންވާނެ. ތިމަންނާ ކިޔަވައި ނިމިގެން ޤައުމީ ޚިދުމަތަށް ނުކުންނާނީ ކޮން ދާއިރާއަކުންތޯ، އެއީ އަބަދުވެސް ސިކުނޑީގައި އޮންނަންޖެހޭ ވިސްނުމެއް. އެކަމުގައި ކުދިންނަށް މަގުފަހިކޮށްދޭން ތިބީ ބެލެނިވެރިން. ތިމާގެ ދަރިފުޅުގެ ކިބައިގައި ހުރި ޤާބިލްކަމާއި ހުނަރުވެރިކަމަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނީ މައިންބަފައިންނަށް.


ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް، ކޮންމެވެސް ޤާބިލްކަމެއް ނުވަތަ ހުނަރެއް ހުންނާނެ. އެކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް. ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް އެއް ވާޖިބު.


ކޮންމެ ބެލެނިވެރިއަކީ، މިދެންނެވި އަމާޒަށް މަސައްކަތްކުރާ މީހަކަށްވާނަމަ، އަޅުގަނޑުމެން މި އެދޭފަދަ ތަޢުލީމީ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ ދަތިކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެ، އަޅުގަނޑުމެން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމު ދެކެ ލޯބިވާ، ވަފާތެރި ތެދުވެރި ދަރީންތަކެއް އުފެއްދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ތިޔަ ދަރިވަރުންނަކީ، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ، ހިތް އަލި ބަޔަކު ކަމުގައި ލައްވައި، ތަޢުލީމީ ޒުވާން ހުނަރުވެރި ޖީލެއް ބިނާކުރުމުގެ ހެޔޮ ނަސީބު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.