بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

 

ހިޖްރައިން 1441 ވަނަ އަހަރާ ބައްދަލުވުމުގެ ހެޔޮ ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމުން، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް، އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު މަތިވެރި އުފަލެކެވެ.


ހިޖްރީ ތާރީޚް ރަމްޒުކޮށްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހިޖްރައިގެ ހިޔަލުގައި އުފަންވެގެން އައި، އިސްލާމީ އުންމަތުގެ ފެށުމެވެ. އެ މަތިވެރި ޒިކުރާ، އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސްދެނީ، މި އުންމަތުގެ ބިންގާ އެޅިގެން ދިޔަ ގޮތެވެ. އިސްލާމީ އުންމަތް ދެމިއޮތުމަށްޓަކައި، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައި އޮތުމުގެ މުހިންމު ކަމެވެ. މާއްދީ އެދުމެއް ނެތި، އިންސާނީ އަޚްވަންތަކަމާއި، اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާގެ މަތީގައި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ދެމިތިބުމުގެ ބޭނުންތެރިކަމެވެ.


ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމެވެ. އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަމެވެ. އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ޤާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ބޭނުންތެރިކަމެވެ. ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، ޢަދުލުވެރިކަން އިސްކުރުމުގެ މުހިންމުކަމެވެ.


ހިޖްރީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާ އިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، އަޅުގަނޑުމެންގެ ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމެވެ. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ޢާއިލީ ގުޅުންތަކާއި، އިޖްތިމާޢީ ރަޙްމަތްތެރިކަން ދެމެހެއްޓުމުގައި، ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމެވެ.


އަހަރަކަށް އަލްވަދާޢު ކިޔައި، އާ އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެކެވެ. ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެކެވެ. ޤައުމަށްޓަކައި އަޅުގަނޑުމެން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައެވެ.


މިފެށުނު 1441 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ލިއްބައިދޭ އަހަރެއްކަމުގައި މާތް اللهُ ލައްވާށިއެވެ! ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމާއި، އެކުވެރިކަމުގެ ނިޢުމަތުގައި، ތާއަބަދަށް ދިވެހީން ލަހައްޓަވާށިއެވެ! މިއަހަރަކީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ފުދުންތެރި، ތަރައްޤީގެ މަގުގައި ކާމިޔާބު އަހަރެއް ކަމުގައި ލައްވާށިއެވެ! ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް، ފާގަތިކަމާއި ބާއްޖަވެރިކަމާއި ނަޞްރާއި ކާމިޔާބީ މިންވަރު ކުރައްވައި، އެކަލާނގެ ޢިނާޔަތާއި ރައްކާތެރިކަމުގައި އަޅަމެން ލަހައްޓަވާށިއެވެ! އާމީން.