بسـم اللَّـه الرّحمـٰن الرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى رسوله الأمين

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

الســّلام عليـكم ورحـمـة اللّـه وبـركاتـه،

އިއްޔެއަކީ، މިއަހަރުގެ ބަރަކާތްތެރި ފިޠުރުޢީދު ދުވަސް. އެހެންކަމުން، ތިޔަ ލޮބުވެތި ރައްޔިތުންނަށް މިއުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ތަކުރާރު ކުރުމަށް މިފުރްޞަތުގެ ބޭނުންކުރަން. މާތްﷲ، މިފަދަ މާތް ދުވަސްތައް ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް، އުފާފާގަތިކަމާއި ހަމަޖެހުމާއެކު، ތަކުރާރު ކުރައްވާށި! އާމީން.

ބަރަކާތްތެރި ފިޠުރުޢީދުގެ ތަހުނިޔާ ތަކުރާރުކުރުމުގެ އުފާ ލިބިގަތުމަށްފަހު، މިރޭ އަޅުގަނޑަށް މަޖްބޫރުވަނީ، މިއުފާވެރި ދުވަހާ ނުގުޅޭ، އެހެން ނަމަވެސް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާ ގުޅޭ އަދި ތިޔަ ލޮބުވެތި ރައްޔިތުން ކަންބޮޑުވެވަޑައިގަންނަވާ، ވަރަށް މުހިންމު ދެވާހަކައެއް ދަންނަވަން.

މިގޮތުން، އެންމެ ފުރަތަމަ ދަންނަވާލަން އޮތީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު މާލޭގައި ބަޔަކު ހިންގި ނުރައްކާތެރި ޢަމަލުގެ ވާހަކަ.

އާދެ! އެ ހާދިސާއަކީ، ދިވެހިންގެ ޞުލްޙަވެރި މާހައުލާއި، ދިވެހިންގެ މެހްމާންދާރީގެ ސިފަޔާއި، ދިވެހިންނާމެދު ޒަމާނުއްސުރެ ބޭރުމީހުން ދެކެމުން އައިގޮތާއި، ބޭރުމީހުން ދިވެހިން ބަލައިގަންނަމުންދިޔަގޮތަށް ބަޔަކުދިން ވަރުގަދަ ޙަމަލާއެއް. އެ ޙަމަލާގެ ސަބަބުން ދިވެހިންގެ ހިތްތަކުގައި ނުތަނަވަސްކަން އިންތިހާއަށް އުފައްދައިފި. ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއާމެދު ކަންބޮޑުވާން މަޖުބޫރުކުރުވައިފި. ޝައްކެއްނެތް، މިއީ، ދިވެހިންގެ އެތައް ޙައްޤުތަކަކަށް ދެވުނު ލާއިންސާނީ ޙަމަލާއެއް.

އެހެންވުމާއެކު، ޤައުމަށް ހެޔޮ ނޭދޭ، ވިޔާނުދާ ބަޔަކު، މިހުސްވި ބަރަކާތްތެރި ރަމަޟާންމަހުގެ ޙުރްމަތް ކަނޑާލައި، އެދުވަހު އެހިންގި ބޮޑު ޖަރީމާ މިފުރުޞަތުގައިވެސް، އެންމެ ހަރުކަށި ބަސްތަކުން، އެންމެމަތީ ދަރަޖައަށް އަޅުގަނޑު ކުށްވެރިކުރަން.

އެ ޖަރީމާ ހިނގުމާ ވިދިގެން، ރައްޔިތުން އެޖަރީމާ ކުށްވެރިކުރައްވައި، އަޅުގަނޑަށް ފޮނުއްވަމުން ގެންދެވި ހަމްދަރުދީއާއި ތާއީދުގެ މެސެޖުތަކަށާއި، ރައްޔިތުން ފާޅުކުރައްވަމުން ގެންދަވާފައިވާ ޤައުމީ އެއްބައިވަންތަކަމުގެ ޝުޢޫރުތަކަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން.

ވަރަށް ގިނަ ބޭފުޅުން، ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅައިގެން ނަމަވެސް، މިފަދަ ޢަމަލުތައް ހުއްޓުވުމަށް އަޅުގަނޑުގެ ކިބައިން އެދިވަޑައިގަންނަވަމުން އެބަ ގެންދަވާ. މިކަމުން ދައްކައިދެނީ، ދިވެހިން މިފަދަ އެއްވެސް ޢަމަލެއް ބަލައެއް ނުގަންނާނެކަން. މިފަދަ ކަންތައްތަކަށް ނަފްރަތުކުރާކަން. އަދި މިފަދަ ޖަރީމާއެއް ރާއްޖޭގައި ދެން ހިނގިޔަދީގެން ނުވާނެކަން.

29 ސެޕްޓެމްބަރުގެ ބިރުވެރި ޖަރީމާ ހިނގުމުން، ރާއްޖޭގެ އަމަންއަމާންކަމާއި ރައްޔިތުން ޙިމާޔަތް ކުރެއްވުމަށްޓަކައި، ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ކުރައްވަމުން އެގެންދަވާ ބުރަ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

ޚާއްޞަކޮށް، މި ޖަރީމާ ހިންގި މީހުން ވަރަށް އަވަހަށް ހޯދައި ހައްޔަރު ކުރުމުގައި ދިވެހި ފުލުހުން ސާބިތު ކޮށްދެއްވި ހުނަރުވެރިކަމާއި ކުޅަދާނަކަމަށްޓަކައި، ފުލުހުންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަޅުގަނޑު ފަޚުރުވެރިވާ ވާހަކަ މި ދަންނަވަނީ، މިކަމުގައި މާތްﷲ އަޅުގަނޑުމެންނަށް ދެއްވި މަދަދާއި ތައުފީޤަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމުން.

މީގެއިތުރުން، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭފުޅުންނާއި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އެ ހާދިސާގެ ނުރަނގަޅު އަސަރުތަކެއް ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރިޔަ ނުދިނުމަށްޓަކައި ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި ހަމައެހެންމެ، އެ ހާދިސާގައި އެންމެބޮޑަށް ޒަޚަމްވި ދެމަފިރިން، އެމީހުންގެ ޤައުމަށް ފޮނުވައިދިނުމުގައި، ސަރުކާރަށް އެހީތެރިވެދެއްވި ބޭފުޅުންނަށާއި އެ ހާދިސާގައި ޒަޚަމްވި އެންމެންނަށް ހަމްދަރުދީގެ ޝުޢޫރު ފާޅުކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ދިވެހިންގެ އެއްބައިވަންތަކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި ރަޙްމަތްތެރި ޤައުމުތަކުންނާއި ބޭރުގެ ޖަމާޢަތްތަކުން މިހާދިސާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، ރާއްޖެއާއި ދިވެހި ސަރުކާރާއެކު އެއްބާރުލައްވައިދެއްވާނެކަމަށް ވިދާޅުވެފައިވާތީ، އެކަމަށްޓަކައި އެޤައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކަށާއި އެޖަމާޢަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

29 ސެޕްޓެމްބަރުގެ ހާދިސާ ހިނގުމާ ވިދިގެން، ރައްޔިތުންގެ މަޖިލީހުގައިވެސް، ދެ ދުވަހެއްގެ މަތިން މި މައްސަލައާމެދު މެންބަރުންވަނީ، އެ މެންބަރުންގެ ހިތްޕުޅުގައި، އުފެދިފައިވާ ޝުޢޫރުތައް ފާޅުކުރައްވާފައި. މަޖިލީހުގެ ހުރިހާ މެންބަރުންވެސް ވަނީ، އެ ބިރުވެރި ޖަރީމާ ވަރަށް ޞަރީހަކޮށް ކުށްވެރި ކުރައްވާފައި. އެކަމަށްޓަކައި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

29 ސެޕްޓެމްބަރުގެ ޖަރީމާ ހިންގި މީހުންނާއި، އެކަމުގައި ބައިވެރިވި ހުރިހާ މީހުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހޯދައި، ވީ އެންމެ އަވަހަކަށް އެމީހުން ޝަރީޢަތަށް ހުށަހަޅާނެ ވާހަކަ މި ފުރުޞަތުގައިވެސް އަޅުގަނޑު ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދެވަނައަށް އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، އަރިއަތޮޅު އުތުރުބުރީ ހިމަންދޫގައި މިއޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ހަރުކަށި ޢަމަލުތަކުގެ ވާހަކަ.

ހިމަންދޫގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަންތައްތަކެއް ތަޙުޤީޤު ކުރުމަށާއި، އަދި ސެޕްޓެމްބަރ 29 ގެ ހާދިސާއާ ގުޅުންހުރި ދެމީހަކު ފިލައިގެން އުޅޭތީ، އެދެމީހުންކުރެ މީހަކު އެރަށުގައި އުޅޭތޯ ބެލުމަށްޓަކައި އެރަށް ބަލައި ފާސްކުރަންދިޔަ ފުލުހުންގެ ޓީމަށް، އެރަށުގައި ވަކިޖަމާޢަތެއް ހަދައިގެން އުޅޭ ބަޔަކުމީހުން ހުރަސްއަޅައި ފުލުހުންނަށްވަނީ ނުރައްކާތެރި ހަމަލާތަކެއް ދީފައި.

އަދި ފުލުހުންނަށް ޙަމަލާ ދިނުމާ ގުޅިގެން، އެޖަމާޢަތުގެ މީހުން ސިފައިންނާއި ފުލުހުންގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ދިވެހި ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގައި، ސިފައިންނަށާއި ފުލުހުންނަށް އެބައިމީހުން އިތުރަށް ނުރައްކާތެރި ހަމަލާތަކެއްދީ، ސިފައިންނާއި ފުލުހުންގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްވަނީ ދީފައި.

ދިވެހި ސިފައިންނާއި ދިވެހި ފުލުހުން މިހާދިސާގައި ޢަމަލުކުރި ކެތްތެރިގޮތުގެ މައްޗަށް، އަދި މިހާދިސާއާ ކުރިމަތިލީ ސާބިތުކަމުގެ މައްޗަށް ދިވެހިންގެ ގިނަ ރައްޔިތުންނެކޭ އެއްފަދައިން އަޅުގަނޑުވެސް ހެކިވެ، ދިވެހި ފުލުހުންނަށާއި ދިވެހި ސިފައިންނަށް ހިތްވަރުދީ، ޝުކުރު އަދާކުރަން.

ދީނީ ކަންކަމުގައި ބަޔަކު މީހުން ހަރުކަށި ވިސްނުން ގެންގުޅޭ މައްސަލައަކީ، ފުލުހުން ނުވަތަ ސިފައިން ގޮސްގެން އޭގެ ޙައްލު ހޯދޭ މިންވަރަށްވުރެ ބޮޑަށް ރާއްޖޭގައި މިހާރު ނާޒުކުވެފައިވާ މައްސަލައެއް. މިކަން މިހިސާބަށްދިޔަ ގޮތަކާއި، މިފަދަ ކަންކަމަށް ހިތްވަރުދޭ ފަރާތްތަކަކީ ކޮބައިތޯއާއި، ފައިސާއާއި މާލީ އެހީ ލިބެނީ ކިހިނެއްކަން މިވަނީ ހޯދަން ޖެހިފައި.

ދީނުގެ ނަމުގައި، އިސްލާމްދީނުގެ މާތް މަޑުމައިތިރި އުސޫލުތަކާ ޚިލާފަށް ހިންގާ ނޭދެވޭ ޢަމަލުތަކާއި، ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި ވިސްނުމާ ކުރިމަތިލުމަށް، މިއަދު އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި. ދިވެހިރާއްޖޭގެ ޞުލްޙަވެރި އަމާން މާޙައުލާއި އަދި އިސްލާމްދީނުގެ ޙަޤީޤީ ރޫޙާއި އެދީނުގެ ސަމާޙަތުގެ ވިސްނުން އަނބުރާ އިޢާދަކުރުމަށް، އެންމެން އެކުގައި މަސައްކަތް ކުރުމުގެ ވަގުތު މިވަނީ އައިސް ޖެހިފައި.

ހިމަންދޫގައި ހިނގައިދިޔަ ހަރުކަށި، ހައްދުފަހަނަޅައި ގޮސްފައިވާ ޢަމަލުތަކަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިން ބޭރު، ޤައުމުގެ މަސްލަޙަތުން ބޭރު ޢަމަލުތަކެއް. ދީނުގެ ނަމުގައިވެސް، ޤައުމުގެ ނަމުގައިވެސް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން.

އެއްވެސް މިންވަރެއްގެ ދީނީ ތަޢުލީމެއް ނެތި، ދީނުގައި އޮންނަނީ މިވެނިގޮތަކަށޭ ބުނެ، އެގޮތުގައި ހިފަހައްޓައި، އެގޮތް ދެމެހެއްޓުމަށް ހަރުކަށި ޢަމަލު ހިންގުމަކީ، އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން. އަދި އެއީ، އިންސާނީ ޙައްޤާއި މިނިވަންކަމުގެ ނަމުގައި ވާނެ ގޮތެއްވާން ދޫކޮށްލެވޭނެ ކަމެއް ނޫން.

މުޖުތަމަޢުގެ ކޮންމެ މީހަކު، އިންސާނީ ޙައްޤާއި މިނިވަންކަން އެފަދަ ހަމަނުޖެހޭ ގޮތެއްގައި މާނަކުރަން ފަށައިފިނަމަ، މި ދިވެހިރާއްޖޭގެ ތިންލައްކަ މީހުން، އެއްބައެއްގެ ގޮތުގައި ހިފެހެއްޓޭނެ، މިޤައުމު އެއް ޤައުމެއްގެ ގޮތުގައި ދެމެހެއްޓޭނެ ފުރުޞަތެއް ނޯންނާނެ.

ދިވެހިންނަކީ ޞުލްޙަވެރި، މީހުންނަށް އިޙްތިރާމުކުރާ، ބިދޭސީންނާއި މެހެމާނުންނަށް ކަމޭހިތާ ބައެއް. މިއީ، ޒަމާނަށް ދެމިގެން އައިސްފައިވާ ޙަޤީޤަތެއް. މިއަދު އެ ޙަޤީޤަތް އަޅުގަނޑުމެންގެ ތެރެއިން ފަނޑުވާން ފަށައިފި. އަދި 29 ސެޕްޓެމްބަރުގެ ހާދިސާގެ ސަބަބުން އެތަޞައްވުރު ކިލަނބުވެގެން ހިނގައްޖެ. އެހެންނަމަވެސް، މިފަދަ ނުތަނަވަސް އިޙްސާސްތައް މިލިބެނީ، ހުރިހާ ދިވެހިން ވިޔާނުދާ ބަޔަކަށް ވެގެނެއް ނޫން. އަދި ކީއްތޯ؟ ދިވެހިންގެ ތެރެއިން މަދުބަޔަކު، ޖިނާއީ ނުވަތަ ނޭދެވޭ މަޤްޞަދުތަކަކަށްޓަކައި ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކެއްގެ ސަބަބުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

29 ސެޕްޓެމްބަރުގެ ޖަރީމާއާއި އަދި 7 އޮކްޓޯބަރުގެ ހާދިސާއާ ގުޅިގެން ޤައުމުގެ ކަންކަމާމެދު ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވެއްޖެ. ސަރުކާރާ ގުޅިގެން ވަކި އަމާޒުތަކެއް ހާސިލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ބޭނުންވާކަން ރައްޔިތުންގެ ޝުޢޫރުތަކުން އެނގިއްޖެ.

އެހެންވީމާ، މިދެހާދިސާއާ ގުޅިގެން މިކަންކަމަށް އަވަސް އަދި ފުރިހަމަ އިޖާބައެއް ދިނުމުގެ ގޮތުން، ސަރުކާރުން މިގެންދަނީ، އާ މަސައްކަތްތަކެއް ކުރުމުގެ އޮނިގަނޑެއް އެކުލަވާލަމުން. މިކަމާބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ގިނަ މަޝްވަރާތަކެއް މިހާރުދަނީ ކުރެވެމުން. މިހާރުވެސް، އެ މަޝްވަރާތަކުގެ ތެރެއިން، ސަރުކާރުން މިހާރުން މިހާރަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް ދެނެގަނެވިއްޖެ.

މި ދެންނެވި ފިޔަވަޅުތަކުގެ ތެރޭގައި، އިސްލާމްދީނުގެ ޙަޤީޤީ ރޫޙާއި އިސްލާމްދީނުގެ ސަމާޙަތުގެ މާތް އުސޫލުތައް ރާއްޖޭގައި އަލުން އާލާކުރުމަށާއި، ޤާނޫނަށް ތަބާވުމުގެ ރޫޙު ރައްޔިތުންގެ ތެރޭގައި ވަރުގަދަކުރުމަށާއި، ޖިނާއީ ޢަދުލުގެ ނިޒާމު، ހަމަހަމަކަމާއި ހާމަކަންބޮޑު ގޮތެއްގައި ހިންގުމަށާއި، ދިވެހިންގައި ދިވެހި ޤައުމުގެ ފަޚުރާއި، މަދަނިއްޔަ ރައްޔިތެއްގެ އިޙްސާސް އާލާކުރުމަށް މަސައްކަތްކުރުން ހިމެނޭ.

ދީނީ ވިސްނުމުގައި، މާތްވެގެންވާ އިސްލާމްދީނުގެ މެދުމިންކަމާއި ސަމާޙަތާއި އިޙްސާންތެރިކަން އިޚްތިޔާރުކުރުމުގެ ސިފަ އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ދިވެހި ތަޢުލީމީ ދާއިރާގެ ތެރެއިންނާއި ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރާނެ.

ދީނީ ވިސްނުމުގައި ހައްދުފަހަނަޅާފައިވާ ބޭރުގެ ތަޢުލީމީ މަރުކަޒުތަކަށް ދިވެހިން ތަޢުލީމު ހާސިލުކުރަން ދިއުމުގެ މަގު ބަންދުކޮށް، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭނަމަ އިޞްލާޙު ގެނެސްގެން ނަމަވެސް، ދިވެހިންގެ ތެރޭގައި ދީނީ ތަފާތުތައް ހަނިކޮށް، ދީނީ ވިސްނުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން.

މާތްﷲ ވަޙީކުރައްވާފައިވޭ. "وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً لِّتَكُونُواْ شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيداً." ( البقرة 143) މާނައީ: "އަދި ހަމައެފަދައިން، މެދުމިން އުންމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ."

މާތްﷲ ކަނޑައަޅުއްވާފައިވާ މިމަތިވެރި މެދުމިންކަމުގެ ވިސްނުން، ރާއްޖޭގެ އެންމެންގެ މެދުގައި އަލުން ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަން، އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރަމުން ގެންދާނެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ މީހުންނަށް، ރާއްޖޭގެ އަމާން ސުލްހަވެރި މާޙައުލު ހަލާކު ކޮށްލުމުގެ ފުރުޞަތު ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ. އަދި އެކަންކަން ކުރާނީ، އެކަންކަން މިކުރަނީ ކިހިނެއް، ކީއްވެގެން، ކޮން މަޤްޞަދެއްގައިކަން ރައްޔިތުންނަށް އަންގައިދީގެން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދިވެހިރާއްޖެއަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންގެ ތެރެއިން، ދިވެހިންގެ މެދުގައިވާ އެއްބައިވަންތަކަމަށް، ނުވަތަ ދީނުގެ ސަމާޙަތުގެ މެދުމިން ވިސްނުމަށް އުނިކަން ގެނައުމަށް، ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުންތަކެއް ފެތުރުމަށް އަންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭގޮތް ހެދުމުގެ މަސައްކަތްތަކެއްވެސް މިހާރުވަނީ ފަށާފައި. ބައިނަލްއަޤްވާމީ އެއަރޕޯޓާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެތެރޭގެ އެއަރޕޯޓުތައްވެސް ޚާއްޞަ ސަމާލުކަމެއްދީގެން، ބެލެހެއްޓުމުގެ މަސައްކަތްތަކެއް ސަރުކާރުން މިހާރު ފަށައިފިން.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ހަތިޔާރަކަށް ހަދައިގެން، އެހެން ބަޔެއްގެ ނުރަނގަޅު މަޤްޞަދުތައް ހާސިލު ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށާއި، ކުށުގެ ޢަމަލުތަކާއި އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ތަފާތު ދާއިރާތަކުގެ ބައިވެރިވުމާއެކު މިދަނީ އެކުލަވާލަމުން.

މިގޮތުން، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށާއި، ޤައުމުގެ މަޞްލަޙަތާއި ރައްޔިތުންގެ ޢާންމު ފައިދާއަށްޓަކައި ސަރުކާރުން ކުރާ ބައެއް ކަންކަމަކީ، ރައްޔިތުންގެ މަޖިލީހުގައި ބަހުސް އުފެދޭ ނުވަތަ ހިޔުމަން ރައިޓްސް ކޮމިޝަނުން ނުވަތަ ސިޔާސީ ޕާޓީތަކުން ފާޑުކިޔުން އިތުރުވެދާނެ ކަންތައްތަކެއް ކަމަށް ފަހަރުގައި ވެދާނެ. ވީމާ، އެފަރާތްތަކުން ކަންބޮޑުވާންޖެހޭ ކަންކަން މަދުކުރެވޭތޯ އިރާދަކުރެއްވިއްޔާ އަޅުގަނޑު އިންތިހާއަށް މަސައްކަތްކުރާނަން. އަދި މަޝްވަރާގެ މަރުޙަލާތައް ގެންދެވެން އޮތް އެންމެ ފުޅާމިނެއްގައި ގެންދާނަން.

އެކަމަކު، އެ ހުރިހާ ފަރާތްތަކަކުންވެސް ވިސްނާވަޑައިގަތުން އަޅުގަނޑު އެދެނީ، އެ ދާއިރާތަކަށްވެސް، ފުރިހަމައަށް، އެ ދާއިރާތަކުގެ ޒިންމާ އުފުއްލެވޭނީ، އަމަންއަމާންކަން ޤާއިމު ވެފައިވާ އެއްބައިވަންތަކަން އޮތް، ރައްކާތެރި މުޖުތަމަޢެއްގައިކަން. މީސްތަކުންގެ ފުރާނައާއި މުދަލާއި، ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައިވާ އަދި ޤައުމުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރެވިގެންވާ މާހައުލެއް އޮވެގެންކަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިރޭ މިދަންނަވާލި ރޮނގުތަކުންނާއި އެހެނިހެން ރޮނގުތަކުން، މާތްﷲގެ ވާގިފުޅާއެކު، ސަރުކާރުން މަސައްކަތްކުރަން ފަށާނީ، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޤައުމީ މަޞްލަޙަތުގެ ވިސްނުމުން ހިތްވަރު ލިބިގެން.

29 ސެޕްޓެމްބަރުގެ ޖަރީމާއާއި 7 އޮކްޓޯބަރުގެ ހަރުކަށި އަމަލުތައްފަދަ ކަމެއް ދެން މިފަސްގަނޑުގައި ހިނގިޔަ ނުދިނުމުގެ ވަރުގަދަ ޢަޒުމުގައި.

ޤައުމަށް ގެނެވޭ ސިޔާސީ އިޞްލާޙުތަކާއި ޤާނޫނީ އިޞްލާޙުތަކާއި، ޝަރުޢީ އިޞްލާޙުތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކުގެ އިޞްލާޙުތަކާއި، މިހުރިހާ އިޞްލާޙުތަކަކީވެސް، ދިވެހިންގެ އިޤްތިޞާދާއި ދިވެހިންގެ އިޖްތިމާޢީ ޙާލަތު އިތުރު މަގާމުތަކަކަށް އުފުލާލަދޭނެ އިޞްލާޙުތަކަކަށް ވާންޖެހޭނެކަމުގައި ބަލައިގެން.

އިސްލާޙަށް ހުޅުވާލެވިފައިމިވާ ދޮރުން، ރާއްޖޭގައި ޒަމާނުއްސުރެ އޮތް، އަމާންކަމާއި ސުލްހަވެރިކަމާއި، ހަމަޖެހުމާއި، ދިވެހިން އުޅެމުން އައި ބިރުވެރިކަމެއްނެތް ރައްކާތެރި ދިރިއުޅުން ކޮއްޕާ ބޭރުކޮށްލުމުގެ ފުރުޞަތު، ހަމައެއްވެސް ބަޔަކަށް އޮވެގެން ނުވާނޭ ކަމަށް ކަނޑައަޅައިގެން.

ރާއްޖެ ހުޅުވާލެވެމުން، ފަރުދީ މިނިވަންކަން އިތުރުކުރެވެމުންދާ މިދަނޑިވަޅަކީ، ދިވެހިންގެ މި ޞުލްޙަވެރި މުޖުތަމަޢު، ކުށާއި ނޭއްގާނިކަމަށް ހުށަހެޅެންޖެހޭ ދަނޑިވަޅެއް ނުވަތަ ސަބަބެއް ނޫންކަމުގައި ގަބޫލުކޮށްގެން.

ދިވެހި ސަރުކާރުން މިކުރާ މަސައްކަތްތަކުގައި، ރައްޔިތުންގެ ތާއީދަށާއި ރައްޔިތުންގެ އެއްބާރުލެއްވުމަށް އަޅުގަނޑު ގޮވާލަން. ރައްޔިތުންގެ މަޖިލީހުގެ ތާއީދަށް އަޅުގަނޑު ގޮވާލަން. ސިޔާސީ ޕާޓީތަކުގެ ތާއީދަށް އަޅުގަނޑު ގޮވާލަން. ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ އެއްބާރުލުމަށް އަޅުގަނޑު ގޮވާލަން. ރާއްޖެއަށް ހެޔޮއެދޭ ބޭރުގެ ފަރާތްތަކުގެ އެއްބާރުލުމަށާއި އެހީތެރިކަމަށް އަޅުގަނޑު ގޮވާލަން.

ސަރުކާރުން ކުރާ ކަންކަމަށް ހަމައެކަނި ފާޑުކިޔުމުގެ ބަދަލުގައި، އެ ފާޑުކިޔާކަމެއް އެއަށްވުރެ ރަނގަޅަށް ސަރުކާރަށް ކުރެވިދާނެ އެހެންގޮތެއް އޮތްނަމަ، އެގޮތެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް ގޮވާލަން. އަދި މި ޤައުމު، ސުލްހަވެރި، އަމާން، އުޅެން ފަސޭހަ ތަނަކަށް ހެދޭތޯ، ސަރުކާރާއެކު މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ގޮވާލަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދިވެހިންގެ އާންމު މަޞްލަޙަތާއި ޤައުމީ ހަމަޖެހުން ހިފަހައްޓައި، ކުރިއެރުވުމުގެ އެންމެ އިސްމަގާމުގައި މިވަގުތު ހުރި މީހަކީ އަޅުގަނޑު ކަމަށް ވީހިނދު، މިއަދު އަޅުގަނޑު މިދެންނެވި ކަންކަން ކުރަމުން ގެންދިޔުމަށް، މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑު ފަހެއް ނުޖެހޭނަން.

ފިހި، ބޮޑެތި ގެއްލުންތައް ލިބުނު އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިން ހާމަކުރި ފަދައިން، 29 ސެޕްޓެމްބަރުގެ ޖަރީމާ ހިންގި ފަރާތްތަކުގެ މަޤްޞަދު ހާސިލުކުރުމަކަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަނެއް ނުދޭނަން. މިކަންކަމުގައި، އަރަހުށި މާތްﷲ ގެ ހެޔޮ ތައުފީޤާއި މަދަދަށް އެދި އަޅުގަނޑު ދުޢާކުރަން.

މާތްﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ އެކިއެކި ނުރައްކާތަކުން ސަލާމަތްކޮށްދެއްވާށި! ދީނާއި ދުނިޔޭގެ ކަންތައްތަކުގައި، އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި! ރާއްޖެއަކީ އަމާން ސުލްހަވެރި ތަނެއް ކަމުގައި ލައްވާށި! މިލޮބުވެތި ވަޠަން، އެކަލާނގެ ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށި! އާމީން

والسـّلام عليـكم ورحمـة اللّـه وبـركاتـه.