بســم اللَّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وعلى آله وأصحـابه أجمعـين.

އާދެ! ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވަމުންގޮސް އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިގެންދަނީ، އެމާތް މައްސަރުގެ ފަހުދިހައިގެ ދުވަސްތަކާއި ރޭތައް. ޝައްކެއްނެތްގޮތުގައި، ފަހުދިހައިގެ ދުވަސްތަކާއި ރޭތަކަކީ، މާތްﷲ މާތް ކުރައްވާފައިވާ ދުވަސްތަކަކާއި ރޭތަކެއް. އެހެންކަމުން، މިމާތް ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި އަޅުގަނޑު، މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ހަމައެހެންމެ، މިމާތް މައްސަރުގެ ބަރަކާތާއި، ރަޙްމަތާއި، މަޣްފިރަތާއި، ދަރުމައާއި، ސަވާބު އަޅުގަނޑުމެން އެންމެންނަށް މިންވަރުކޮށްދެއްވުންއެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އާދެ! ބަރަކާތްތެރި ރަމަޟާންމަސް ފާއިތުވެގެން މިދަނީ އަޅުގަނޑުމެންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދީފައި. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަޅުގަނޑުމެންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ފިލާވަޅު. އިސްލާމީ އުންމަތަކީ އެއް އުންމަތެއްކަމުގެ ފިލާވަޅު. އާދެ! ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އަޅުގަނޑުމެން މުސްލިމުން، ގަޑި ތަފާތުވިޔަސް، ވަގުތު ތަފާތުވިޔަސް، ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި، ކުރަމުން މިގެންދަނީ އެއްކަންތައްތަކެއް. ކޮންމެ ދުވަހެއްގެ ފަޖުރުލީއްސުރެ އެދުވަހެއްގެ އިރުއޮއްސިއްޖައުމަށް ދާންދެން އަޅުގަނޑުމެން މި ތިބެނީ ނުކައި ނުބޮއެ ރޯދައަށް. ވަރަށް މާތް އަޅުކަމެއް އަދާކުރުން މަތީގައި. އެ މައްސަރުގެ ރޭތައް އަޅުގަނޑުމެން މިވޭތުކުރަމުން ގެންދަނީ ތަރާވީޙު ނަމާދު ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، އަދި ރޭ އަޅުކަން ކުރުމުގައި.

އެހެންވީމާ، މިކަމުން އިސްލާމީ އުންމަތުގެ އެއްބައެއްވަންތަކަން ނުވަތަ މިއުންމަތަކީ އެއް އުންމަތެއްކަން، މި އުންމަތް މާތްﷲ ލައްވާފައި މިވާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނިގެން އެބަދޭ. މިއީ، ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ މުހިންމު އެއް ފިލާވަޅު. އެހެންވީމާ، ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު، އަޅުގަނޑުމެން މުސްލިމުން ތިބެންޖެހޭނީ އޭގެކުރިން ތިބި ވަރަށްވުރެވެސް ބޮޑަށް އެކުވެރި ބައެއްގެ ގޮތުގައި. އެއްބައިވަންތަ ބައެއްގެ ގޮތުގައި.

ހަމައެހެންމެ، ރަމަޟާންމަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އަނެއް ފިލާވަޅަކީ، އެކަކު އަނެކަކަށް ކަމޭހިތުމާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، އިޙްސާންތެރިވުމާއި، ބަހާ ޢަމަލުގައި މީސްތަކުންނަށް ފައިދާ ހުރި ގޮތްގޮތަށް ކަންތައް ކުރުމާއި، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ޝުޢޫރު އާލާކޮށް ފާޅުކުރުމާ މިކަންތައްތައް. އާދެ! މިއީވެސް މިފަދަ މަހެއް ވޭތުވެގެންދާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ހަނދާންކުރަންޖެހޭނެ ކަމެއް.

އާދެ! އަޅުގަނޑުމެންގެ ރާއްޖެއަކީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބާރުލުން އާލާވެފައިވާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ޤައުމެއް. އެހެން ޤައުމުތަކުގައި ބައެއް ކަހަލަ ކަންތައްތަކުގައި، މީހުންގެ މެދުގައި ބައިބައިވުން އުފެދި، ފިތުނަ އުފެދި، ދެކޮޅުވެރިކަމުގެ ހަރަކާތްތައް ފެންނަމުންދޭ. އަދި އެކަންތައްތައް އެގޮތަށް ވަމުން ދިޔުމުގެ ސަބަބުން އެ ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި، މުޞީބާތްތަކާއި، އަދި އެ ޤައުމުތަކުގެ ތަރައްޤީއަށް އެޅޭ ހުރަސްތައް އަޅުގަނޑުމެންނަށް މިދަނީ އަބަދުވެސް ފެންނަމުން. އެހެންނަމަވެސް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖެ މިވަނީ ޒަމާނުއްސުރެ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ ޤައުމެއްގެ ގޮތުގައި.

އެންމެ ފުރަތަމަ ކަމަކީ، އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމުގައިވާކަން. ދިވެހިރާއްޖެއަކީ، ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާކަން. ހަމައެއާއެކީގައި ޒަމާނުއްސުރެ އިޖުތިމާޢީގޮތުން އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ ގުޅުންތަކުގެ ވަރުގަދަކަން. އަޅުގަނޑުމެންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމުގެ ހަރުދަނާކަން. އެހެންނަމަވެސް، ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައިވެސް، މިކަންކަމަށް ބަދަލުއަންނަތަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އަދި އޭގެ ނުރަނގަޅު ނަތީޖާތައްވެސް އަޅުގަނޑުމެންނަށް މިދަނީ އިޙްސާސް ކުރެވެމުން.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު މާލޭގައި ހިނގި ހިތާމަވެރި ހާދިސާ އަކީވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ފެށިގެން މިއުޅޭ ބައިބައިވުންތަކުގައި ހައްދުފަހަނަޅައި ދިޔުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމުގައި ދަންނަވަންޖެހޭ. ޝައްކެއްނެތް. މިފަދަ ހާދިސާއެއް ހިނގުމަކީ، ވަރަށް ހިތާމަހުރި ކަމެއް. އަމުދުން ބަރަކާތްތެރި ރަމަޟާންމަސްފަދަ އަޅުގަނޑުމެން އެންމެން އެމަހަކަށް އިޙްތިރާމްކުރަންޖެހޭ، އެމަހެއްގައި އަޅުގަނޑުމެންގެ ބަހާއި ޢަމަލު ސީދާކުރަންޖެހޭ، އެމަހެއްގައި އަޅުގަނޑުމެން މާތްﷲގެ ޙަޟްރަތަށް ތަޤުވާވެރިވެ، އެކަލާނގެ އެންގެވި ހެޔޮގޮތުގައި އުޅެން ހަމަޖެހިފައިވާ މަހެއްގައި މިބާވަތުގެ ކަމެއް ހިނގުމަކީ ވަރަށް ހިތާމަހުރި ކަމެއް. އާދެ! އެއީ ބަރަކާތްތެރި ރަމަޟާންމަހުގެ ޙުރްމަތް ކަނޑާލެވޭފަދަ ނުބައި ޢަމަލެއް.

އާދެ! ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި އަޅުގަނޑުމެން ކުރާ ހެޔޮ ކަންތައް އެތައް ގުނައަކަށް މާތްﷲ އިތުރު ކޮށްދެއްވާ. އެކަމުގެ ސަވާބު އެތައް ގުނައަކަށް ފަށްފަށް ކޮށްދެއްވާ. ހަމައެހެންމެ، މިފަދަ މާތް މައްސަރެއްގައި ކުރާ ކުށްތަކުގެ މިންވަރުވެސް ދާނީ އެތައް ގުނައަކަށް އިތުރުވެގެން، ބޮޑުވެގެން. މިމާތް މައްސަރުގައި ކުރެވޭ ފާފަތައް ވާނީ އެހެން މަސްމަހުގައި ކުރެވޭ ފާފަތަކަށްވުރެ މާ ބޮޑެތި ފާފަތަކަކަށް. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

ބަޔަކު މީހުންގެ ފުރާނައަށް ގެއްލުން ލިބޭފަދަ ޢަމަލެއް، ނުވަތަ އެބަޔަކަށް އެކިއެކި ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުންތައް ލިބޭފަދަ ކަމެއް ކުރުމަކީ، ހަމައެކަނި މަދަނީގޮތުން ބަލާއިރު ނުވަތަ އަޅުގަނޑުމެންގެ އާދައިގެ ދިރިއުޅުމުގެ ގޮތުން ބަލާއިރު ޖަރީމާއެއް ނޫން. އެއީ، ދީނީ ނަޒަރަކުން ބަލާއިރު ވަރަށް ބޮޑު ފާފައެއް. އެފަދަ ފާފައެއް ބަރަކާތްތެރި ރަމަޟަންމަހުގެ ތެރޭގައި ކުރާނަމަ އެކަމުގެ ބޮޑުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމާމެދަކު ޝައްކެއްނެތް.

އާދެ! ރަމަޟާންމަހަކީ އެކުވެރިކަމާއި، އެއްބާރުލުމާއި، އިޙްތިރާމް ކުރުމުގެ މަސް. އެމަހަކީ، ރަޙްމަތުގެ މަސް. ކީރިތިﷲ އިސްލާމްދީން ބާވައިލައްވާފައިވަނީ ރަޙްމަތެއްގެ ގޮތުގައި. ކީރިތި ރަސޫލާ ފޮނުއްވާފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި. ކޮބައިތޯ ޢާލަމްތަކަކީ؟ ޢާލަމްތަކަކީ، އެންމެހާ އިންސާނުން. އެންމެހާ މަޚްލޫޤާތު. ހުރިހާ ޒަމާނަކާއި ހުރިހާ ތަނެއްގައި ދިރިއުޅޭ އިންސާނުން. އެކި ކުލަކުލައިގެ މީހުން. ކަޅު މީހުންނާއި ދޮންމީހުން. އަދި އެނޫން ކުލަކުލައިގެ މީހުން. އެކިއެކި ޤައުމުތަކުގެ މީހުން. އެކިއެކި ޖިންސްތަކުގެ މީހުން. އެކިއެކި ޢަޤީދާތައް ޤަބޫލުކުރާ މީހުން.

އިސްލާމްދީނަކީ، މިއެންމެންނަށް މާތްﷲ ފޮނުއްވާފައިވާ މަތިވެރި ރަޙްމަތެއް. އެ ރަޙްމަތް ފޮނުއްވާފައިވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫން. މުސްލިމުންނާއި ޣައިރު މުސްލިމުންނަށް. ދުނިޔޭގެ ހުރިހާ ތަނެއްގައި އުޅޭ އެންމެންނަށް ރަޙްމަތެއްކަމުގައި މާތްﷲ މި މާތް ދީން ބާވާލައްވާފައިވަނީ. އެހެންވީމާ، ކީރިތި ޤުރްއާނުގައި މާތްﷲ ކީރިތި ރަސޫލާއާ މުޚާޠަބު ކުރައްވާ ވަޙީކުރައްވަނީ، ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމޭ. ޢާލަމްތަކަކީ މިދެންނެވީ. އެންމެހާ އިންސާނުން. އެހެންވީމާ، މިއީ އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ވަރަށް ބޮޑު ޙަޤީޤަތެއް.

އިސްލާމްދީނުގައި ޣައިރު މުސްލިމުންގެ ފުރާނައަށާއި، ހަށިތަކަށް ގެއްލުން ލިބޭފަދަ ކަމެއް ކުރުމަކަށް ތަނެއް ނުދޭ. އިސްލާމްދީނުގައި ޣައިރު މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމަކަށް ތަނެއް ނުދޭ. އިސްލާމްދީނުގައި އަންގަވާފައިވަނީ، އެންމެންގެ ޙައްޤުތަކަށް ރައްކާތެރިވާން. އެންމެންގެ ފުރާނައަށާއި، ޙައްޤުތަކަށާއި، މުދާތަކަށާއި، ގެދޮރަށާ، މިހުރިހާ ކަމަކަށް ރައްކާތެރިވާން.

އާދެ! ސެޕްޓެމްބަރު 29 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއަކީ، ކަންދިމާވި ގޮތުން އޭގެ ގެއްލުން ހަމައެކަނި ރާއްޖެއަށް ޒިޔާރަތްކުރި ބަޔަކަށް ވެގެންދިޔަ ކަމެއް. އެހެންނަމަވެސް އެކަން ރޭވިފައި އޮތް ގޮތުން އަދި އެކަން ހިނގި ގޮތުން އެއީ، ފަހަރެއްގައި އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިންވެސް ވަރަށް ގިނަ ބަޔަކަށް އޭގެ ގެއްލުން ފޯރާވަރުގެ ކަމެއް. އެހެންވީމާ، މިކަމަކީ ވަރަން ނުރަނގަޅު، ވަރަށް ނުބައި، އަޅުގަނޑުމެން އެންމެން ވަރަށް ވަރުގަދައަށް ކުށްވެރިކުރަންޖެހޭފަދަ ގޯސް ޢަމަލެއް.

އާދެ! އިސްލާމްދީނުގައި އަންގަވާފައިވަނީ، ޣައިރު މުސްލިމުންގެ ތެރެއިންވެސް ޞުލްޙަވެރިކަމާއެކީގައި މުސްލިމުންނާއެކީ ދިރިއުޅޭ މުސްލިމުންނާ ދޭތެރޭގައި ޢަދާވަތްތެރިކަމެއް ނުބާއްވާ، އެކިއެކި ހަމަތަކާ އުސޫލުތަކުގެ މަތިން މުސްލިމުންނާ މުޢާމަލާތުކުރާ މީހުންނާ ދޭތެރޭގައި ހެޔޮގޮތުގައި މުޢާމަލާތު ކުރަން. އެމީހުންގެ ފުރާނަތަކަށް ރައްކާތެރިވާން. އެމީހުންގެ މުދަލަށާއި ގެދޮރަށް ރައްކާތެރިވާން. އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވާން. ޝަރުޢީ ދަލީލުތައް އަންގައިދޭ ގޮތުގައި ޒިއްމީންނާއި މުޢާހަދުންނާ، އާދެ! ޒިއްމީންނަކީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ޣައިރު މުސްލިމުން. މުޢާހަދުންނަކީ އެކިއެކި އެގްރީމެންޓްތަކާއި ކޮންވެންޝަންތަކުގެ ދަށުން މުސްލިމު ޤައުމުތަކަށް ޒިޔާރަތްކުރާ، ނުވަތަ އެމީހުންނާއެކީ އެކި ކަންކަމުގައި މުޢާމަލާތުކުރާ ޣައިރު މުސްލިމުން. އިސްލާމްދީނުގައި އަންގަވާފައިވަނީ މިއެންމެންނަށްވެސް ހެޔޮކޮށް ހިތަން. އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވާން. އެމީހުންގެ ފުރާނަތަކަށް ރައްކާތެރިވާން. އެމީހުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ނުދޭން.

ޝަރުޢީ ދަލީލުތައް ބުނާ ގޮތުގައި އެބައިމީހުންނަށް ލިބިގެންވަނީ ހަމަ މުސްލިމުންނަށް ލިބިގެންވާ ޙައްޤުތައް. އެބައިމީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ހަމަ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތައް. އެމީހުންގެ ޙައްޤުތަކަކީ މިދެންނެވީ. އަޅުގަނޑުމެންގެ ތެރޭގައި އުޅެންޏާ އެމީހުންނަށް ހެޔޮކޮށް މުޢާމަލާތު ކުރުމާއި، އިޙްސާންތެރިވުމާއި، އެމީހުންގެ ފުރާނައަށާއި، މުދަލަށާއި، ގޯތިގެދޮރަށް ރައްކާތެރިވުން. އަޅުގަނޑުމެންގެ އަމިއްލަ މީސްމީހުންގެ ފުރާނައަށާއި، މުދަލަށާއި ގޯތިގެދޮރަށް އަދި އެހެން ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން މިދެންނެވި ޒިއްމީންނާއި މުޢާހަދުންގެވެސް ފުރާނަތަކަށާއި، ގޯތިގެދޮރަށާއި، ޙައްޤުތަކަށް ރައްކާތެރިވާން.

މިނޫން ގޮތަކަށް އަޅުގަނޑުމެން ޢަމަލުކުރުން އިސްލާމްދީނުގައި ހުއްދަކުރައްވާފައިވަނީ ހަމައެކަނި މުސްލިމުންނާ ހަނގުރާމަކުރާ ޣައިރު މުސްލިމުންނާ ދޭތެރޭގައި. ހަމައެކަނި އަޅުގަނޑުމެންގެ ޤައުމުތަކަށް ޢުދުވާނީ ޙަމަލަދީ، ގޯތިގެދޮރުން އަޅުގަނޑުމެން ބޭރުކޮށް، އަޅުގަނޑުމެންނަކީ، މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންނާމެދު އިހާނެތި ޢަމަލުތައްކުރާ މީހުންނާ މެދުގައި.

އާދެ! މިދެންނެވި ބަހުގައި "ހަމައެކަނި" އެހެން އަޅުގަނޑު މިދަންނަވަނީ އޭގެ ތިރީގައި އެއް ރޮނގެއްނޫން، ދެރޮނގު، ތިންރޮނގު ދަމާލާފައި. އަޅުގަނޑުމެންނަށް އެބަޔަކާ ދޭތެރޭގައި ޞުލްޙަވެރި ނޫންގޮތަކަށް ޢަމަލުކުރުން ހުއްދަކުރައްވާފައިވަނީ ހަމައެކަނި މުސްލިމުންނާ ޢަމަލީގޮތުން ހަނގުރާމަކުރާ ނުވަތަ މުސްލިމު ޤައުމުތަކަށް ޢުދުވާނީ ޙަމަލަދީ، މުސްލިމުން އެބައިމީހުންގެ ގޯތިގެދޮރުން ބޭރުކޮށްލާ، މިފަދަ އަނިޔާވެރި ޢަމަލުތައް ކުރާ މީހުންނާ މެދުގައި އެކަނި. އެ ނޫން އެހެން އެންމެންނަކީ އަޅުގަނޑުމެންގެ ފުރިހަމަ އިޙްތިރާމް ލިބިގެންވާންޖެހޭނެ ބައެއް.

އާދެ! މިއީ ސަމާސާ ވާހަކައެއް ނޫން. މިއީ، އަޅުގަނޑު އަމިއްލައަށް ދަންނަވާ ވާހަކައެއް ނޫން. މިއީ، މާތްﷲގެ ކަލާމްފުޅު. އެކަލާނގެ އަމުރުފުޅު. އިސްލާމްދީނުގެ ބަސް. މާތްﷲ ކީރިތި ޤުރުއާނުގެ الممتحنة ސޫރަތުގައި ވަޙީކުރައްވާފައިވޭ: "لاَ يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُواْ إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ، إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُواْ عَلَى إِخْرَاجِكُمْ أَن تَوَلَّوْهُمْ وَمَن يَتَوَلَّهُمْ فَأُوْلَـٰئِكَ هُمُ الظَّالِمُونَ" (الممتحنة: 9،8) މާނައަކީ، "ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށް ހިތައި، އަދި އެއުރެންނަށް ޢަދްލުވެރި ގޮތުގައި ކަންތައްކުރުން، ﷲ ތިޔަބައި މީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން ޢަދްލުވެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. ﷲ، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ދީނާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."

އާދެ! ވަރަށް ޞަރީޙަކޮށް މި ދެއާޔަތުގައި މާތްﷲ އަންގަވާފައި އެވަނީ ކުރިން އަޅުގަނޑު ދެންނެވޭތޯ މަސައްކަތްކުރި ވާހަކަ. އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަވެރިކަމާއި އަމާންކަމާއެކީގައި، ރަޙްމަތްތެރިކަމާއެކީގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި އަޅުގަނޑުމެންގެ ޤައުމުތަކަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭންޖެހޭނެ ކަމަށް މިއާޔަތްތަކުގައި މާތްﷲ އަންގަވާފައި އެވަނީ. މިއާ ދެކޮޅުވެރި ގޮތަކަށް ނުވަތަ މިއާ އިދިކޮޅުގޮތަކަށް އަޅުގަނޑުމެންނަށް ޢަމަލުކުރެވެން އޮތީ ހަމައެކަނި މުސްލިމުންނާ ހަނގުރާމަކުރާ ޢަދުއްވުންނާ ދޭތެރޭގައިކަން މިއާޔަތުގައި ބަޔާންކުރައްވާފައި އެބަވޭ. މުސްލިމުންނާ ހަނގުރާމަކޮށް، މުސްލިމުން، އެބައިމީހުންގެ ގެދޮރުން ބޭރުކޮށްލާ އެކަންތައް ކުރުމުގައި އެހީތެރިވާ މީހުންނާ ދެކޮޅަށް އެކަނިކަން އަޅުގަނޑުމެންނަށް އެހެން ގޮތަކަށް ޢަމަލުކުރެވެންވާނީ މިއާޔަތުގައި ޞަރީޙަކޮށް މާތްﷲ އަންގަވާފައި އެބައޮތް.

އެހެންވީމާ، ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުންނަށް އެއްވެސް މަޤްޞަދެއްގައި އެއްވެސް ބޭނުމެއްގައި ޙަމަލާ ދިނުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެއްނޫން. އެއީ، މާތްﷲ ހުއްދަކުރައްވާ ކަމެއްނޫން. އެއީ، ކީރިތި ޤުރްއާން ހުއްދަކުރާ ކަމެއްނޫން. މިކަން އަޅުގަނޑުމެން އެންމެން ރަނގަޅަށް ދަންނަން އެބަޖެހޭ.

އެހެންނަމަވެސް، މިވާގޮތަކީ، އަޅުގަނޑުމެންގެ ތެރޭގައިވެސް ދީނުގެ ކަންތައްތައް އޮޅުވާލަން މަސައްކަތްކުރާ ބަޔަކު އެބައުޅޭ. ބޭރުގެ އެކިއެކި ނުފޫޒުގެ ދަށުން، އެކިއެކި ސިޔާސީ ބޭނުންތަކުގައި ދީނުގައި އޮތް ހަމަހަމަކަމާއި އިންސާފު އޮޅުވާލައި މުޅިން އެހެން ސިފަޔަކަށް ދީނުގެ ކަންތައްތައް ބަދަލުކޮށްލުމަށް މަސައްކަތްކުރާ ބަޔަކު އެބައުޅޭ. މިއީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ. މިފަދަ ކަމެއް ރާއްޖޭގައި ހިނގިޔަދީގެން ނުވާނެ. ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއް. ރާއްޖޭގައި ހިނގަންޖެހޭނީ އިސްލާމީ އުޞޫލުތައް. ރާއްޖޭގައި އޮންނަންޖެހޭނީ ޙަޤީޤީ އިސްލާމީ ރޫޙު. އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާއި މަތިވެރި އުޞޫލުތައް. ބަޔަކުމީހުން މިކަންކަން އޮޅުވާލަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ޖާގަދީގެނެއް ނުވާނެ.

އަޅުގަނޑު މިދެންނެވި ކަންތައްތަކަކީ އިސްލާމްދީނުގެ ހުރިހާ އިމާމުން އެއްބަސްވެވަޑައިގެންފައިވާ ކަންތައްތަކެއް. ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވާ ކަންތައްތަކެއް. މިއާ ދެކޮޅަށް އެއްޗެއް ބުނެވޭނެ އެއްވެސް މީހަކު ނެތް. މިއާ ދެކޮޅަށް އެއްޗެއް ބުނެވޭނެ އެއްވެސް އިންސާނަކު ނުހުންނާނެ. މުސްލިމަކުވިޔަސް، ޣައިރު މުސްލިމަކުވިޔަސް، އަދި މުސްލިމުންގެ ތެރެއިން ކޮންމެ ޖަމާޢަތެއްގެ މީހަކަށްވިޔަސް. އެއިން އެއްވެސް މީހަކަށް ﷲގެ ކަލާމްފުޅާ ދިމާ އިދިކޮޅަށް އެއްޗެއް ބުނުމުގެ ޙައްޤެއް ނޯންނާނެ. އެގޮތަށް ޢަމަލުކުރުމުގެ ޙައްޤެއްވެސް ނޯންނާނެ.

އާދެ! އަޅުގަނޑު ކުރިން ދަންނަވާލި ފަދައިން، އެކިއެކި ސިޔާސީ ނުވަތަ މަޒްހަބީ ޚިލާފުތަކުގެ ސަބަބުން އެހެނިހެން ޤައުމުތަކުގައި ކަންތައްތައް ވަމުންދާގޮތް އަޅުގަނޑުމެންނަށް އެދަނީ އަބަދާއަބަދު ފެންނަމުން. އެހެން ޤައުމުތަކުގައި މިހިނގާ ލޭ އޮހޮރުވުމުގެ ހާދިސާތަކާއި، ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ހަރުކަށި ޢަމަލުތައް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އޭގެ ސަބަބުން އެޤައުމުތަކުގައި އުފެދޭ ބޮޑެތި ފިތުނަ، އެޤައުމުތަކުގެ މީހުންނަށް ވަމުންދާ ގޮތް، އެޤައުމުތަކުގެ ތަރައްޤީއަށް އެޅޭ ހުރަސްތައް، މިހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ފެންނަމުން އެއޮއްދަނީ. މިކަންކަމުން އަޅުގަނޑުމެން އެބަޖެހޭ ޢިބްރަތް ޙާޞިލުކުރަން. މިކަންކަމުން އަޅުގަނޑުމެން އެބަޖެހޭ ފިލާވަޅު ނަގަން.

އަޅުގަނޑުމެންގެ ރާއްޖެއަކީ، މީސްކޮޅު ވަރަށް މަދު، ކުރިއަށް ދިޔުމުގެ ވަސީލަތްތައްވެސް މަދު ޤައުމެއް. އެހެންނަމަވެސް، މާތްﷲ އަޅުގަނޑުމެންނަށްވަނީ ވަރަށް މަތިވެރި ވަރަށް އަގުހުރި ރައުސްމާލެއް ދެއްވާފައި. އެ ރައުސްމާލަކީ، އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމުގައި ވާކަން. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވާކަން. މިއަށްވުރެ އަގުހުރި ރައުސްމާލެއް ނޯންނާނެ. މިއަށްވުރެ މަތިވެރި ނިޢުމަތެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މި ރައުސްމާލަށް ރައްކާތެރިވާން. މި ނިޢުމަތަށް ރައްކާތެރިވާން. މި ނިޢުމަތް ދަމަހައްޓަން. އެހެންނޫންނަމަ، އަޅުގަނޑުމެންގެ މުސްތަޤްބަލްދާނީ ވަރަށް ބޮޑަށް ބަނަވެގެން.

އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ މިދެންނެވި އަގުހުރި ރައުސްމާލުގެ ބޭނުންކޮށްގެން. އަޅުގަނޑުމެންގެ އެއްބައިވަންތަކަން، އަޅުގަނޑުމެންގެ އެކުވެރިކަން، އަޅުގަނޑުމެންގެ މާތްދީން، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވާކަން. ހަމައެއާއެކުގައި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖެއަށް ދެއްވާފައި މިވާ ޤުދުރަތީ ރީތިކަމާއި ހަމަހިމޭންކަން. މިއީ، އަޅުގަނޑުމެންނަށް ލިބިފައިވާ ހަމައެކަނި ރައުސްމާލަކީ. އެހެންނަމަވެސް، އެއީ އެހެން ހުރިހާ ރައުސްމާލުތަކާ ނުބައްދަލު، އެހެން ހުރިހާ ނިޢުމަތްތަކާ ނުބައްދަލު، އެހެން ހުރިހާ ކަންތައްތަކަށްވުރެ މާ އަގުބޮޑު ރައުސްމާލެއް. އެހެން ހުރިހާ ނިޢުމަތްތަކަށްވުރެ މާ އަގުހުރި މާ މަތިވެރި ނިޢުމަތެއް.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މި ރައުސްމާލު، އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަން. މި ނިޢުމަތް ދަމަހައްޓަން. ރައްކާތެރިކުރަން. މާތްﷲ އަންގަވާ ގޮތުގައި ނިޢުމަތްތަކަށް ޝުކުރު ކުރުމަކީ އެ ނިޢުމަތްތައް އިތުރުކޮށްދެއްވާނެ ކަމެއް. އެ ނިޢުމަތްތަކަށް ފުރަގަސް ދިނުމަކީ އެ ނިޢުމަތްތައް އަޅުގަނޑުމެންނަށް އަލްވަދާޢު ކިޔާނެކަމެއް. މިކަންކަން އެބަޖެހޭ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނަން.

އާދެ! ބަރަކާތްތެރި ރަމަޟާންމަސް ވަކިވެގެންދާއިރު، މިދެންނެވި ކަންކަމަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަން ދޭން. މިދެންނެވި ފިލާވަޅުތައް އަޅުގަނޑުމެން އެބަޖެހޭ ދަސްކުރަން. ހަނދާންނެތިފައިވަންޏާ އެބަޖެހޭ ހަނދާން އާކުރަން. އަދި އަޅުގަނޑުމެންގެ ޢަޒުމްތައް އެބަޖެހޭ ވަރުގަދަކުރަން. ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތާ މިކަންކަމުގައި އަޅުގަނޑުމެންނަށް އަންގަވާފައިމިވާ މަތިވެރި އިރުޝާދުތަކަށް ބޯލަނބައި، އެއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދަން. އާދެ! އެހެންކަމުން، އަޅުގަނޑު މިދެންނެވި މަތިވެރި ނިޢުމަތަށް ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ނުވެ ނުދާނެ.

އާދެ! ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެން މިދަނީ. ވަކިވެގެންދާއިރު، މި މާތް މަހުގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މި ޖަލްސާކުރާ މާލަމްގައި އިޙްޔާގެ ޕްރޮގްރާމްތަކެއް ހިނގަމުން ގޮސްފައިވޭ. އަދި އޭގެ ބޭރުން މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ މިސްކިތްތަކުގައިވެސް މިޕްރޮގްރާމްގެ ސިލްސިލާތައް ވަނީ ހިނގާފައި. އެހެންކަމުން، ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ހިންގަވައި ދެއްވިލެއް ފުރިހަމަކަމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތު އަލްއުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމަށާއި، އެމަޖިލީހުގެ ނާއިބު ރައީސް ފަޟީލަތު އަލްއުސްތާޛުއްޝައިޚް އަޙްމަދު ފާރޫޤް މުޙަންމަދަށާއި، އެ މަޖިލީހުގެ އެންމެހާ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްވި ބޭރުގެ ޤާރީންނަށާއި، ވާޢިޒުންނަށާއި، އެ ބޭބޭފުޅުން ފޮނުއްވައިދެއްވި ޤައުމުތަކުގެ ސަރުކާރުތަކަށާއި، ޖަމާޢަތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، ވާޢިޒުންގެ ވާހަކަފުޅުތައް ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވި ފަޟީލަތު އަލްއުސްތާޛުއްޝައިޚް އަޙްމަދު ފާރޫޤް މުޙަންމަދަށާއި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަށާއި، ފަޟީލަތު އަލްއުސްތާޛުއްޝައިޚް މުޙަންމަދު ޤުބާދު އަބޫބަކުރަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރަމަޟާންމަސް ދިޔުމާއެކު، އަޅުގަނޑުމެންނާ ބައްދަލުކުރަނީ ބަރަކާތްތެރި ފިޠުރުޢީދު ދުވަސް. އެހެންކަމުން، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަދި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، ކުރިއަށް މިއޮތް ބަރަކާތްތެރި ފިޠުރުޢީދުގެ ތަހުނިޔާއާއި ހެޔޮ ދުޢާ ދަންނަވަން. ހަމައެހެންމެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށްވެސް މިބަރަކާތްތެރި ފިތުރުޢީދުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ފޮނުވަން. އަދި ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް އުފާ ފާގަތި އަދި ހުރިހާ ރޮނގަކުންވެސް ކުރިއެރުމާއި ތަރައްޤީ ޙާޞިލުކުރުމުގެ ދުވަސްތަކަކާއި އަހަރުތަކެއް ކަމުގައި ލެއްވުން އެދި އަޅުގަނޑު މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މި ވާހަކަ ދަންނަވާލުމަށްފަހުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްހަތާއި ޢާފިޔަތަށް އެދެމުން، އަދި ތިޔަ ހުރިހާ ބޭފުޅުންނަށް މި ބަރަކާތްތެރި ރަމަޟާންމަހުގެ ސަވާބާއި ދަރުމަ މިންވަރުކޮށްދެއްވުންއެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. كلّ عـام وأنتـم بخـير.

والسّلام عليكم ورحمة اللَّه وبركاته