"ސްޓެޓިއުޓް އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން" މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއި ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެދިވަޑައިގެންފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)އިން 2013 ވަނަ އަހަރު އެކުލަވާލި "ޓެން-ޔިއަރ ޕްލޭން އޮފް އެކްޝަން"ގެ ދަށުން އުފެއްދި ސްޓެޓިއުޓް އޮފް ދަ އޯ.އައި.ސީ. ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ، އޯ.އައި.ސީ. މެމްބަރު ޤައުމުތަކުގައި، އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އެކުލަވާފައިވާ ސްޓެޓިއުޓެކެވެ. އޯ.އައި.ސީ. މެމްބަރު ޤައުމުތަކުގެ ތެރެއިން ގެމްބިއާ، ސަޢުދީ ޢަރަބިއްޔާ، ތުރުކީވިލާތް، ލީބިއާ އަދި މިސްރު ފަދަ ޤައުމުތަކުން މި ސްޓެޓިއުޓްގައި ވަނީ ސޮއިކޮށްފައެވެ.

މި މުޢާހަދާއާ ބެހޭގޮތުން ވަޒީޒުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި، މި ސްޓެޓިއުޓްގައި ބައިވެރިވުމުން ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން، އަންހެނުން ކުރިއަރުވައި، އެމީހުންނަކީ ހުރިހާ ގޮތަކުން މުޖުތަމަޢަށް ފައިދާ ހޯދައިދޭ، ކުރިއަރަމުންދާ ބަޔަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަން މެންބަރުން ހާމަކުރެއްވިއެވެ.