ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހުގެ 2 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި އަންނަ ސެޕްޓެންބަރު މަހުގެ 3 އިން 4 އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.