1. ސުވާލު: ހީނާ ވަލީދު / ޓީ.ވީ. މޯލްޑިވްސް

މިއަދު ސަލްޓަންޕާކުގައި އެއްޗެއް ގޮވައިގެން ފަތުރުވެރިންތަކެއް ޒަޚަމްވެ ހިނގާ މިދިޔަ ހާދިސާ މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ދެކޭގޮތުގައި މިއަދަކީ، ދިވެހިރާއްޖެއަށް ވަރަށް ހިތާމަވެރި ދުވަހެއް. އެއީ ރާއްޖޭގައި މީގެ ކުރިން މިފަދަކަމެއް ހިނގާފައެއްނެތް. ހިނގާނެ ކަމަކަށް އަޅުގަނޑުމެން ހީއެއްވެސް ނުކުރަން. އެހެންނަމަވެސް، މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގީމާ އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޮޑު ކަމެއް. ދިވެހި ރައްޔިތުން އެކަމާ ހިތާމަކުރައްވާނެ.

މިކަން މި ހިންގި ބަޔަކީ ވަރަށް ވިޔާނުދާ ގޯސް ބައެއް. އެފަދަ މީހުން މިކަހަލަ ކަންތައް ކުރުމުން އޭގެސަބަބުން އެ ގެއްލުން ވަނީކީ ހަމައެކަނި ރާއްޖޭގެ ފަތުރުވެރިކަމަކަށްނޫން. މުޅި ރާއްޖޭގެ ސަލާމަތަށާއި، ރާއްޖޭގެ އެއްބައިވަންތަކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް މިކަމުން ކުރާނެ. އެހެންވީމާ، މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް. އަދި އިރާދަކުރެއްވިއްޔާ މިކަން ކުރި ބަޔަކު ސަރުކާރުން ހޯދާނެ. ހޯދާފައި އެމީހުންނަށް ޤާނޫނުގެ ދަށުން ދޭންޖެހޭ އަދަބެއް ދެވޭނެ.

ދެން މިއަދު މި ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހަކާ އަޅުގަނޑު ބައްދަލުކޮށްލައިފިން. އެމީހުންގެ ހާލު އިރާދަކުރެއްވިއްޔާ އަންނަނީ ރަނގަޅުވަމުން. އަޅުގަނޑުމެންގެ ހަމްދަރުދީ، އަޅުގަނޑުމެންގެ އިޚްލާޞްތެރި ޝުޢޫރުތައް އެމީހުންނާއެކީގައިވާ ކަމަށް އަޅުގަނޑު ބުނިން. އަދި އެމީހުންނަށް އަވަސް ޝިފާޢަކަށް އެދުނިން. އޭގެ ތެރެއިން ބައެއް މީހުން މިރޭ ފުރައިގެންދޭ. އެހެންނަމަވެސް، އަޅުގަނޑު ހިތުން އަދިވެސް އެމީހުން އަންނާނެ. އެމީހުންނަށް އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ ހެޔޮކަމެއް ކޮށްދޭންޖެހޭނެ.

އަޅުގަނޑު އަދި އިތުރަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މިއަދު މިކަން މިހިންގި މީހުންގެ އިތުރުން މިކަމުގެ ޒިންމާ ބޮލުގައި އަޅަންޖެހޭނެ އެހެން ބައެއް ފަރާތްތައްވެސް އެބަ ތިއްބޭ ދަންނަވާލަންޖެހެނީ. މީގެ ދެތިން އަހަރު ކުރިއްސުރެ ރާއްޖޭގެ ފަތުރުވެރިކަމަށް އުނިކަންދިނުމުގެ ގޮތުން، އެކިއެކި ސިޔާސީ ބޭނުންތަކުގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ހުރަސްއަޅާ ބަޔަކު އެބަތިބި. އެކަހަލަ މީހުން މިކަންތައްތައް ކުރީމާ މީހުންނަށް މި ހީވަނީ މިއީ އެމީހުންނަށް ހަމަލާ ދެވިދާނެ ދާއިރާއެކޭ. އެހެންވީމާ، އެމީހުންވެސް މިކަމުގެ ޒިންމާ ބޮލުގައި އަޅަންޖެހޭނެ.

2. ސުވާލު: ހީނާ ވަލީދު / ޓީ.ވީ. މޯލްޑިވްސް

މިއަދު މި ހިނގާ ދިޔަ ހާދިސާއަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރުވެސް ވިދާޅުވެފައިވޭ. ހަމައެހެންމެ، މީޑިއާގެ ހުރިހާ ފަރާތްތަކަކުންވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ނޭދެވޭ އަސަރުކުރާނެކަމެއްކަމަށް އެބަވިދާޅުވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބަޔަކަށްވާއިރު ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންގެ ރާއްޖެ މިކަހަލަ ކަންތައްތަކުން ދިފާޢުކުރުމަށް ނުވަތަ ފަތުރުވެރިންނަށް އަމަންއަމާންތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

މިހާރުވެސް އެކަމަށް ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރަމުން ގެންދޭ. ހަމައެކަނި ފަތުރުވެރިންނެއްނޫން. މުޅި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގެ ރައްޔިތުންގެ އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން މިގެންދަނީ. މިކަންތައްތައް އިތުރަށް ހަރުދަނާކުރުން ދެން އޮންނާނީ. މިކަން ދިމާވީމާ މިކަމާބެހޭގޮތުންވެސް އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖޭގެ ސަލާމަތާ ބެހޭފަރާތްތަކުން އަޅުއްވަމުން ގެންދަވާނެ. މިހާރުވެސް ފިޔަވަޅުތައް އަޅުއްވަން ފަށްޓަވައިފި. އެފިޔަވަޅުތައް ހަރުދަނާކޮށް އެފިޔަވަޅުތައް އެޅުން އެންމެ މުހިންމު އެއްކަމަކަށްވާނީ.

ހަމައެއާ އެއްވަރުގެ މުހިންމުކަމަކަށްވާނީ އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓަން މަސައްކަތްކުރުން. ޤައުމީ ފައިދާއަށްޓަކައި ޤައުމުގެ މަޞްލަޙަތު އިސްކުރުން. އަމިއްލަ ސިޔާސީ ބޭނުންތަކަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކޮށް، އެންމެ އެއްބައިވެގެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުން. މިއީ މީގެ އެންމެ މުހިންމު ބަޔަކީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެންމެން ސަމާލުކަންދޭންވެއްޖެ. ދެން އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް އެކަމާ އަޅާނުލާ ތިބެވޭކަށެއްނެތް.

3. ސުވާލު: ހީނާ ވަލީދު / ޓީ.ވީ. މޯލްޑިވްސް

މިފަދަ ހާދިސާއެއް ހިނގާ ދިޔުމާ ގުޅިގެން ބޭރުގެ މީޑިއާތަކުން މިކަމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭނެކަން ޔަޤީން. ހަމައެހެންމެ މިހާރުވެސް ބޭރުގެ ބައެއް މީޑިއާތަކުން ރާއްޖޭގައި ބޮމެއް ގޮވައިގެން މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ވާހަކަތައް ދައްކަމުން އެބަދޭ. އެހެންވީމާ، ބޭރުގެ މީޑިއާތަކަށް އަޅުގަނޑުމެންގެ ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުމަށްޓަކައި ކޮބައިތޯ ކުރެވިދާނެކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން ހަމަ މިހާރު މިކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުން އޮންނާނީ. އެންމެ ފުރަތަމަ ކަމަކަށް މިއަދު މިކަން ކުރި ބަޔަކު ހޯދައި، އެމީހުންނާ ބެހޭގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުއެޅުން. އެއީ، އެންމެ މުހިންމު ކަމަކީ. ދެން މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔުން. ހަމަ މިހާރުވެސް އެ ފިޔަވަޅުތައް ރާއްޖޭގެ ސަލާމަތާބެހޭ ބާރުތަކުން އަޅުއްވަން ފަށްޓަވައިފި.

މިބަސްދީގަތުމުގައި އިނިގރޭސިބަހުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު:

"I want to say that this has been a very sad day for the Maldives. This is the first time that we have suffered such a terrorist attack in the Maldives and in Male’, the capital of the country. The people responsible for this act must be found. The Government with the grace of Almighty Allah will find them and they will be punished under law. I also want to say that our feelings are with the victims of the incident today. We wish them a very speedy recovery. I must also point out that some people who for political reasons have been calling for the boycott of the Maldives on the tourism front. They have been calling on tour operators to boycott the Maldives. They also have to share some responsibility for what happened today because they have been jeopardising the stability and peace of the country and our economic benefits for political gain. I think that is a very selfish and irresponsible thing to do. They have to take part of the blame for what happened today."