بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދުގެ މިއުފާވެރި ޙަފްލާގައި، 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު އެކި ގިންތިތަކުން އެނދުގެ އަދަދު އެންމެ ގިނައިން ފުރައިގެން އިނާމު ހާސިލުކުރި ހުރިހާ ރިޒޯޓްތަކަށް އާދެ! މިރިހި އައިލެންޑް ރިޒޯޓަށާއި، ވެލިގަނޑު އައިލެންޑް ރިޒޯޓަށާއި، އަންގާގާ އައިލެންޑް ރިޒޯޓަށާއި، ރީތި ބީޗް ރިޒޯޓަށާއި، އެނބޫދޫ ވިލެޖަށާއި، ކުރެއްދޫ އައިލެންޑް ރިޒޯޓަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަދައިން، މީގެތެރެއިން މިރިހި ރިޒޯޓާއި، ކުރެއްދޫ ރިޒޯޓަށް އެ ދެ ރިޒޯޓުގެ ގިންތީގެ ތެރެއިން 2005 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ އިނާމު ވިދިވިދިގެން ދެ އަހަރު ހާސިލުކުރާތީ އެ ދެ ރިޒޯޓަށް ވަރަށް ޚާއްޞަގޮތެއްގައި ތަހުނިޔާއަދާކޮށް މުބާރަކްބާދީ ދަންނަވަން. ފެހި ރިޒޯޓުގެ އިނާމު މިއަދު ހާސިލުކުރި ބެނިޔަންޓްރީ މޯލްޑިވްސްއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއަދާކޮށް، މުބާރަކްބާދީ ދަންނަވަން. ހަމައެހެންމެ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ރޮނގުން މިއަދު އިނާމު ހާސިލުކުރި ހިލްޓަން މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާ އަށްވެސް ވަރަށް އިޚްލާޞްތެރި ތަހުނިޔާއަކާއި މުބާރަކްބާދީއެއް އަދާކުރަން. މި ފުރުޞަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ހޯދަމުން ގެންދާ ހަލުވި ކުރިއެރުމާއި، ކުލަގަދަ ކާމިޔާބީތަކަށްޓަކައި، އެ ޞިނާޢަތުގެ ހުރިހާ ބައިވެރިންނަށާއި، އެ ޞިނާޢަތުގައި ހިއްސާވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް 35 އަހަރު ފުރޭ މިއަހަރު، ރާއްޖެއަކީ އެތައް ރޮނގަކުން ރަންވަނަތަކެއް ހާސިލުކުރަމުން އަންނަ މަންޒިލަކަށް މިހާރު މިވަނީ ވެފައި. މިކާމިޔާބީތައް މި ހާސިލުކުރެވުނީ ދިވެހިންގެ ހިންމަތާއި މިންނަތުން. އަދި ތިޔަބޭފުޅުންގެ ހިތްވަރާއި ފަންވަރުން. ތިޔަބޭފުޅުން މި ޞިނާޢަތު ތަރައްޤީކުރެއްވުމަށްޓަކައި، ތިޔަކުރައްވާ ބުރަ މަސައްކަތްތަކުގެ ސަބަބުން. ހަމައެއާއެކީގައި، ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް ކުރިއަށް ދިޔުމަށް މަގުފަހިކޮށްދީ، އެކަމާބެހޭ ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި، ތިޔަބޭފުޅުންނަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާށް ވެދެވަޑައިގަންނަވަން ޝައުޤުވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އެކަމަށް ހިތްވަރު އަރުވަމުން ގެންދާތީ.

އާދެ! ސުނާމީ ކާރިސާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ވަރަށްބޮޑު ހީނަރުކަމެއް ލިބުނު. އެހެންނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، އެ ޞިނާޢަތު މިއަދު މިދަނީ އަނެއްކާވެސް އިތުރު ކުރިއެރުންތަކެއް ހޯދަމުން. އާރޯކަމާއެކު މިވަނީ މި ޞިނާޢަތު ހެދެން ފަށާފައި. މިއަހަރު މިހާތަނަށް ރާއްޖެއަށް އައި ނުވަތަ އަންނަމުންދާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިއަހަރު ނިމޭއިރު މިއަހަރަކީ، މާތްﷲގެ ވާގިފުޅާއެކު ރެކޯޑު އަހަރަކަށްވުން ވަރަށް ގާތް. އެކަން އެގޮތަށް އެދިމާވަނީވެސް ވަރަށްގިނަ ބައެއްގެ ހިންމަތާއި މިންނަތުން. ވަރަށްގިނަ ފަރާތްތަކެއް ގުޅިގެން ފަތުރުވެރިކަން ފުޅާކޮށް ކާމިޔާބު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާތީ. އެކަމުގެ ޝުކުރުގެ ޙައްޤުވެރި ފަރާތަކީވެސް މި ދާއިރާ ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާ ތިޔަބޭފުޅުންނާއި އަދި ތިޔަބޭފުޅުންނާ ގުޅިވަޑައިގެންފައިވާ ފަރާތްތައް.

އާދެ! ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދޭނީ، ރާއްޖޭގެ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށްގެން. އަދި ހަމައެއާއެކީގައި ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށްވެސް ސަމާލުކަންދީގެން. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކުން މިކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުން އަޅުގަނޑު އެދެން.

އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ތިމާވެށްޓާ ގުޅިފައިވާ ފަދައިން އަޅުގަނޑުމެންގެ އިޤްތިޞާދީ ތަނަވަސްކަންވެސްވަނީ ތިމާވެށްޓާ ގުޅިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތަކަށް ތަރައްޤީ ކުރެވެމުންދާ ދެ ޞިނާޢަތަކީ ފަތުވެރިކަމާއި މަސްވެރިކަން. މި ދެ ޞިނާޢަތަކީވެސް އަޅުގަނޑުމެންގެ ތިމާވެށްޓާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ޞިނާޢަތު.

އާދެ! ރާއްޖޭގެ ޤުދުރަތީ ރީތިކަން ނެތްނަމަ، ރާއްޖޭގެ މާހައުލުގައި ގިނަ ބަޔަކު ޒިޔާރަތް ކުރަން ބޭނުންވާ ތަންތަން ނެތްނަމަ، އަޅުގަނޑުމެންނަކަށް ފަތުރުވެރިކަމުގައި ކާމިޔާބީތަކެއް ހާސިލެއް ނުކުރެވޭނެ. ހަމައެހެންމެ، އަޅުގަނޑުމެންގެ ކަނޑުތަކަކީ މަސްމަހާމެހި އުޅެން އެކަށީގެންވާ މާހައުލަކަށް ވެގެން ނޫނީ އަޅުގަނޑުމެންގެ ރާއްޖޭގައި މަސްވެރިކަން ތަރައްޤީއެއް ނުކުރެވޭނެ.

މިކަންކަން މިހެން އޮތުމާއެކު، އަޅުގަނޑުމެންގެ އިޤްތިޞާދާއި ރާއްޖޭގެ ތިމާވެށްޓާ ގުޅިފައި އޮތް ގުޅުން އަޅުގަނޑުމެން ވަޒަން ކުރަން އެބަޖެހޭ. އެހެންކަމުން، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރަން އެބަޖެހޭ. މިހާރު ތިމާވެށްޓަށް ލިބެމުންދާ ކުރިއެރުން ކުޑަކުރުމަށާއި އަދި މުސްތަޤްބަލްގައި ތިމާވެށްޓަށް އިތުރު ގެއްލުންތައް ލިބެމުން ނުދާނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކޮށް ކުރިއަށް ގެންދަންޖެހޭ.

އެހެންވީމާ، ތިމާވެށީގެ މުހިންމު ކަމުގެ ވާހަކަ ދައްކަމުންދާއިރު ތިމާވެށި ޙިމާޔަތް ކުރުމުގެ މުހިންމުކަން ބޮޑުކަމުން އެކަމާބެހޭ އިނާމެއް ސަރުކާރުން ކަނޑައަޅައި އެ އިނާމު ދެމުން މިގެންދަނީ. އެހެންނަމަވެސް، މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިދެންނެވި އިނާމު އާދެ! ފެހި ރިޒޯޓުގެ އިނާމަށް ކުރިމަތިލާ ފަރާތްތަކުގެ މަދުކަން އެއީ، އަޅުގަނޑުމެންނަށް މިއަދު ތަންކޮޅެއް ހިތްނުތަނަވަސްވާކަމެކޭ. އަޅުގަނޑު އެދެނީ ރާއްޖޭގެ ވީހާ ގިނަ ރިޒޯޓަކުން މި އިނާމަށްވެސް ކުރިމަތި ލެއްވުން. އެއީ، މި އިނާމަށް ކުރިމަތިލެއްވުމުގެ މާނައަކީ، ތިމާވެށި ރައްކާތެރިކުރުމަށް އެ ރިޒޯޓުތަކުން މަސައްކަތްތަކެއް ކުރައްވާކަން. އެއީ، އަޅުގަނޑު ހިތުން ކުރިން މިދެންނެވި ސަބަބަށްޓަކައި، އަޅުގަނޑުމެން މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. ރިޒޯޓުތަކުން ތިމާވެށި ޙިމާޔަތް ކުރެއްވުމަށް ގެންގުޅުއްވާ ރޫޙުގައި ކުރިއަށް އޮތްތާނގައި ގިނަ ރިޒޯޓްތަކަކުން މި އިނާމަށް ކުރިމަތި ލެއްވުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން.

އާދެ! ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްދާ ދިއުމުގެ ސަބަބު ދެންމެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އޭގެތެރެއިން، އެއްކަމަކީ ރާއްޖޭގެ ރީތިކަން. އަނެއްކަމަކީ ރާއްޖޭގައި އުފެދިފައިވާ ރިޒޯޓް ހޮޓާތަކުގެ ފެންވަރު ރަނގަޅުކަން. ހިނިތުންވުމާއެކު ފަތުރުވެރިންނާ އަޅުގަނޑުމެން ކުރިމަތިލާ އެމީހުންނަށް މަރުޙަބާ ކިޔާކަން. މިއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް.

އަޅުގަނޑު ކަމެއް އިތުރުކޮށްލަން ބޭނުންވާތީ މިވާހަކަ މިދަންނަވާލީ. އެއީ، ރާއްޖޭގައި މިއޮތް އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން. މިއީވެސް، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ލިބިފައިވާ ވަރަށް މުހިންމު ކަމެކޭ. އަދި މިކަން އަޅުގަނޑުމެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދާނަމަ، ރާއްޖެ ކިތަންމެ ރީއްޗަސް، ރާއްޖޭގައި ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް ކިތަންމެ ފުރިހަމަޔަސް، ރާއްޖެއަށް އަންނާނެ ބަޔަކު ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން އެބަޖެހޭ، ރާއްޖޭގައި މިއޮތް އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި.

ނިކަން ބައްލަވާ! އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކާއި އެނޫން ތަންތަން. އެތަންތާނގައި އެހިނގާ ހާދިސާތަކުގެ ސަބަބުން އެތަންތާނގެ ފަތުރުވެރިކަމަށްވަނީ ކޮންގޮތެއްތޯ! ތިޔަބޭފުޅުން ބައްލަވައި ވަޒަން ކުރައްވާ. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމަކަށް އޮތް ޤައުމުގައިވެސް 1984ން ފެށިގެން ވަރަށް އެކަށީގެންނުވާ ނޭދެވޭ ހަރަކާތްތަކެއް ހިނގަމުން ދިޔުމާ ގުޅިގެން، އާދެ! އެތާނގެ އެތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށި، ހިނގަމުންދާތީ، އެތަނަށް އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދު ދިޔައީ ވަރަށް ބޮޑުތަން މަދުވެގެން. އެ ޤައުމަކީ ހުރިހާ ގޮތަކުންވެސް ކުރިއަށް ދިޔުމަށް ވަރަށްގިނަ ވަސީލަތްތަކެއް ހުރި ޤައުމެއް. އެހެންނަމަވެސް، އަބަދު ތަޅާފޮޅުމާއި، ތަންތާނގައި ބޮންގޮއްވުމާއި، އެތައްބަޔަކު މަރުވެގެން ދިޔުމާއި، ތަންތަން ހަލާކުވުމާ، މިކަންކަން ވަމުންދާންފެށީމާ ފަތުރުވެރިން އެތަނަށް ޒިޔާރާތްކުރުން ހުއްޓާލީ.

އެހެންވީމާ، މިހިރީ އަޅުގަނޑުމެންނަށް ފެންނަން ހުރި ތަންތަން. އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، ރާއްޖޭގައި މިހާރު ކަންތައްތައް ހުރި ގޮތަށް ބަލާއިރުވެސް، އެންމެ މުހިންމުކަން ދޭންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އަމަންއަމާންކަމަށާއި، ސުލްހަމަސަލަސްކަމަށާއި، މިއޮތް ސިޔާސީ ހަމަޖެހުމަށްކަން. އެއްވެސް ސިފައެއްގައި، އެއްވެސް ބޭނުމެއްގައި، މިކަމަށް ބުރުލެއް އެރިޔަދީގެން އަޅުގަނޑުމެން ނުވާނެ. އެހެންވެއްޖިއްޔާ އެއީ، އަޅުގަނޑުމެންނަށް، މުޅި ޤައުމަށްކުރެވޭ ވަރަށް ބޮޑު އަނިޔާއަކަށް ނުވެނުދާނެ. އޭގެ ސަބަބުން، އަޅުގަނޑުމެން މިއުޅޭ ތަނަވަސް ދިރިއުޅުން އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ.

އާދެ! ތަނަވަސް ދިރިއުޅުމޭ އަޅުގަނޑު މިދެންނެވީ ހަމަ ގަސްތުގައި. އެއީ އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކަށް ބަލާއިރު މާތްﷲގެ ވާގިފުޅާއެކު ދިވެހިން އުޅެމުންދަނީ ވަރަށް ބޮޑު ނިޢުމަތެއްގެ ތެރޭގައި. ދިވެހިރާއްޖޭގެ ތަނަވަސްކަން މި ސަރަޙައްދުގެ އެހެން ހުރިހާ ޤައުމަތަކަށްވުރެ މާބޮޑު. މިއީ، އެންމެން ދަންނަ ޙަޤީޤަތެއް. ރާއްޖެ ކުރިއަރާފައިވާ މިންވަރާއި، ރާއްޖޭގައި މިހާރު މިހިރަ އެކިއެކި ދިރިއުޅުމުގެ ފަސޭހަތަކުގެ ވަސީލަތްތަކާއި، އަދި ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން މިދާ ގޮތް، ބޭރު ތަންތާނގެ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައި، ދެކެފައި ހަމަ ހައިރާންވޭ.

އެހެންވީމާ، މިކަން އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ އަޅުގަނޑު ދަންނަވަން މިއުޅެނީ ރާއްޖޭގައި މިއޮތް ހަމަޖެހުން ދެމިއޮވެގެންނޭ. ރާއްޖޭގެ އަމަންއަމާންކަން މިގޮތުގައި އޮވެގެންނޭ. ސުލްހަމަސަލަސްކަން މިގޮތުގައި އޮވެގެންނޭ. ސިޔާސީ ހަމަޖެހުން މިގޮތުގައި އޮވެގެންނޭ. އެހެންވީމާ، މިކަމަށް ތިޔަ ހުރިހާ ބޭފުޅުންނާ އަދި ތިޔަ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނާއި އަދި ދިވެހި ރައްޔިތުންނާއި ތިޔަ ހުރިހާ ފަރާތްތަކެއްގެ ސަމާލުކަން ބޭނުންވާކަމަށް އަޅުގަނޑު ދަންނަވާލަން. އޭރުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް މި ލިބެމުންދާ ކުރިއެރުމާއި ތަނަވަސްކަން އެގޮތުގައި އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ދިވެހިންނަށް މި ލިބޭ ވަޒީފާތައް، އެމީހުންނަށް ލިބޭ އާމްދަނީ، އެމީހުންގެ ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި ބޭނުންވާ ތަނަވަސްކަން، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެގޮތުގައި ދެމެހެއްޓޭނީ، އަޅުގަނޑުމެންގެ ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން އޮވެގެންކަމާމެދަކު ޝައްކެއްނެތް.

އާދެ! މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން އިތުރު 44 ރަށެއް މިހާރުވަނީ ފަތުރުވެރިކަމަށް ދޫކުރެވިފައި. މި ރަށްރަށް ދޫކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެވިފައިނުވާ އަތޮޅުތަކަށް އިސްކަންދީގެން. މިނިސްޓްރީ އޮފް ޓޫރިޒަމުން މިހާރު ލަފާ ކުރައްވަނީ ކުރިއަތް އޮތް ތިންއަހަރު ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވޭނެކަމަށް.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު 2010 ވަނަ އަހަރު ވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަކަށް ކަމަށް. އިރާދަކުރެއްވިއްޔާ އެ އަހަރު މިހުރިހާ ރިޒޯޓްތަކެއް ހުޅުވުނީމާ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބޭނެ. ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑުތަން ކުރިއަރައިގެންދާނެ. އަޅުގަނޑުމެންގެ އަތްމަތީގައިވާ ތަނަވަސްކަން އެތައް ގުނަޔަކަށް އިތުރުވެގެންދާނެ. މި ހުރިހާކަމެއްވާނީ އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން ހިންމަތާއެކު މަސައްކަތް ކޮށްގެން.

އާދެ! ރިޒޯޓްތަކުގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ދިވެހިން ތަމްރީނު ކުރުމަށް ދޭންޖެހިފައިވާ އަހަންމިއްޔަތުވެސް ވަރަށްބޮޑު. ރާއްޖޭގެ ފަތުރުވެރިކަމުގެ މަންފާ ދިވެހިންނަށް އެންމެ ބޮޑަށް ލިބޭނީވެސް މި ޞިނާޢަތުގައި ގިނަ އަދަދަކަށް ދިވެހިން ޝާމިލުކޮށްގެން. އެކަށީގެންވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ހުނަރުވެރި ދިވެހިން ރާއްޖޭގެ ރިޒޯޓުތަކުގައި އިސްމަގާމުތަކުގައި ވަޒީފާ އަދާކުރަމުން ގެންދިޔުމަކީ، އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުންވެސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާނެ ދުވަހެއްކަމަށް އަޅުގަނޑުދެކެން.

އާދެ! އަޅުގަނޑުގެ ވާހަކޮޅު ނިންމާލުމުގެ ކުރިން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، މުވައްޒަފުން އަދި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މެންބަރުންނާއި، ހަމައެހެންމެ، މަޓީގެ އިސްބޭފުޅުންނާއި މެންބަރުން، ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކުރެއްވުމަށް މިކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ރިޒޯޓު ހޮޓާތައް ތަރައްޤީކުރައްވާ ފަރާތްތަކާއި، ރިޒޯޓު ހޮޓާތައް ހިންގަވާ ފަރާތްތަކާއި، އެތަންތާނގައި ވަޒީފާ އަދާކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ދިޔުމުގައި އެބޭފުޅުންގެ ޙިއްޞާ ބޮޑުކަމުން އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވައި، އެކަލާނގެ ދެއްކެވި ސާފުސީދާ ތެދުމަގުގައި ކުރިއަށް ދިޔުމުގެ ތައުފީޤު ދެއްވުން އެދި ދުޢާ ކުރަމުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ މިއޮތް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއި، ރާއްޖޭގައި ގާއިމުވެފައިވާ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން އެގޮތުގައި ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާ ކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه