بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މިއަދު ނެރެދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަން ކޮށްދިނުމަށާއި، އަދި މިޖަލްސާއަށް ޙާޟިރުވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މި ޖަލްސާގައި ބައިވެރިވުމަށްޓަކައި އަޅުގަނޑު ހަނިމާދުއަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު ދީދީ އާއި، އަތޮޅުއޮފީހުގެ ވެރިންނާއި، ހަނިމާދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށާއި، މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށް ތަމްސީލުކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅުންނާއި، ހަނިމާދޫގައި ހިނގަމުންދާ ސަރުކާރުގެ އެކި ދާއިރާތަކުގެ ވެރިންނާއި، ހަނިމާދޫ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި އިޚްލާޞްތެރި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! ދެންމެ ފަތުރުވެރިކަމާއި އަދި މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ޑޮކްޓަރ މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައި ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި، އާދެ! މި ޞިނާޢަތުގެ ކުރިމަގު ބައްޓަން ކުރުމުގައި އަޅުގަނޑަށް ކުރެވުނު ކަމަށް އެ ވިދާޅުވި ކަންތައްތަކަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ޙަޤީޤަތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ ތަރައްޤީވެފައި މިވަނީ ވަރަށް ގިނަ ބައެއްގެ ހިންމަތާއި މަސައްކަތުންނޭ. ވަރަށް ގިނަ ބައެއްގެ ފިކުރާއި ދާ އޮހޮރުވުން އޭގެތެރޭގައި ހިމެނިގެންނޭ.

އެހެންވީމާ، މިއަދު އޭނާ އެ ވިދާޅުވި ބަސްފުޅުތަކުގެ ތަޢުރީފް ޙަޤީޤަތުގައި ލިބެންވާ ފަރާތްތަކަކީ، މި ދާއިރާ ތަރައްޤީކުރެއްވުމަށްޓަކައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތައް. އަދި އެފަރާތްތަކަށް އެއްބާރުލައިދެއްވާ ކަންތައްތައް ފަސޭހަކޮށްދެއްވި ސަރުކާރުގެ ދާއިރާތަކާއި އަދި ދިވެހި ލޮބުވެތި ރައްޔިތުން. އެހެންވީމާ، އަޅުގަނޑުމެން މިއަދު ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢު އިފްތިތާޙު ކުރާއިރު، ކުރީގައި އަދި މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދާފައި މިވާ ކާމިޔާބީތައް ހޯދައިދިން ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ.

އާދެ! ދެންމެ މަޙްމޫދު ޝައުޤީވެސް އެ ވިދާޅުވި ފަދައިން، މިއަދަކީ އަޅުގަނޑުމެންގެ ޝަހީދުންގެ ދުވަސް. ޝަޢުބާން މަހުގެ 1 ވަނަ ދުވަސް. އެހެންކަމުން، މި ޤައުމީ ޢީދުގެ މުނާސަބަތުގައި ދުވަހު ބަޠަލު އައްސުލްޠާން ޢަލީ 6 ވަނަ، ޢަލީ ރަސްގެފާނު، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކުރާ އާ ކުރަމުން، އެ ރަސްގެފާނުގެ ފުރާނަފުޅަށާއި، ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި އެހެން އަބްޠާލުންގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލެއްވުންއެދި އަޅުގަނޑު ދުޢާ ކުރަން.

މިއަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 35 އަހަރު ފުރޭ އަހަރު. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން މިވަނީ އަޅުގަނޑުމެންގެ އެންމެންގެ ލޮލަށް ފެނިފައިވާ ފަދައިން ވަރަށް މަތީ ކުރިއެރުންތަކެއް ހާސިލުކޮށްފައި. ވަރަށްގިނަ ތަރައްޤީތަކެއް ހޯދާފައި. އަދި ދިވެހިރާއްޖެ މިވަނީ ފަތުރުވެރިކަމުގެ ވަރަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔޭގައި ތަޢާރުފުވެފައި. މިކަން މިކުރެވުނީ ކުރިންވެސް ދެންނެވިފަދައިން ވަރަށް ގިނަ ބައެއްގެ ވިސްނުމާއި، ފިކުރާއި، ޚިޔާލާއި، ބުރަ މަސައްކަތުން.

ސަރުކާރުން މަސައްކަތް މިކުރަނީ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް. ފަތުރުވެރިކަމުގެ ފައިދާ ވީހާ ގިނަ ދިވެހި ރައްޔިތުންނަށް ލިބޭ ގޮތަކަށް މި ސިނާޢަތުގެ ސިޔާސަތު ބައްޓަން ކުރުމަށް. މިވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކޮށްފައިވަނީވެސް ހަމަ އެފަދައިން. އަދި ކުރިއަށް އޮތްތާނގައިވެސް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނީ ހަމަ މިދެންނެވި ވަރަށް މުހިންމު ޤައުމީ މަޤްޞަދު ޙާސިލުކުރުމަށްޓަކައި.

އާދެ! ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި މިއަދު އެންމެ ބޮޑަށް ޙިއްސާކުރާ ދާއިރާ. ނުވަތަ ޞިނާޢަތު. އަދި މި ޞިނާޢަތާ ގުޅިފައިވާ ތަފާތު އެހެން ޞިނާޢަތުތައް ރާއްޖޭގައި އުފެދި ކުރިއަރަމުން އެބަދޭ.

އެހެންވީމާ، ފަތުރުވެރިކަމާ ގުޅިފައިވާ އެހެން ޞިނާޢަތުތައްވެސް ތަރައްޤީކުރުމަށް ވީހާވެސް ބޮޑަކަށް އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަން އެބަޖެހޭ. އެ ޞިނާޢަތުތައް ކުރިއަށް ގެންދިޔުމަށްޓަކައި އެކަން އެކުރާ ފަރާތްތަކަށް ހިތްވަރުދީ އަދި އެމީހުން ބޭނުންވާ އެކިއެކި ފުރުޞަތުތައް ހޯދާ ދިނުމަށް މަސައްކަތް ކުރަން ޖެހޭ. އެއީ، މިއަދު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ޞިނާޢަތަކަށްވާތީ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަކީ، އޭގެ ޒާތުގައި ކުރިއަށް ދިޔަނަމަވެސް، އެއާއެކީގައި ވަރަށްގިނަ ޞިނާޢަތުތަކެއް ކުރިއެރުވިދާނެ ޞިނާޢަތަކަށްވާތީ.

އަޅުގަނޑުމެންގެ ރާއްޖެއަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެން ހުރި އިޤްތިޞާދީ މަސައްކަތްތައް މަދު. އަޅުގަނޑުމެންގެ އިޤްތިޞާދީ ބިންގާތައް ވަރަށް ހަނި. މި ބިންގާ ފުޅާކުރެވޭނީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިތުރަށް ކުރިއަށް ދެވޭނީ، އަދި އޭގެ ފައިދާ ރައްޔިތުންނަށް ޙާޞިލުކޮށްދެވޭނީ ވީހާ ގިނަ ޞިނާޢަތުތަކެއް ފަތުރުވެރިކަމާ ގުޅުވައި އަދި އެ ޞިނާޢަތުތައްވެސް ތަރައްޤީކުރުމަށް މަސައްކަތް ކޮށްގެން.

އާދެ! މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ 10 އަހަރުގެ ދެ މަޝްރޫޢު އެކުލަވާލާ ވަނީ ތަންފީޒުކޮށް ނިމިފައި. މިދެންނެވި ދެ މައި މަޝްރޫޢަކީވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިން ދެ މަޝްރޫޢެއް. މިއަދަކީ، ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢު އިފްތިތާޙު ކުރެވުނު ދުވަސް. މިއަހަރުގެ ރިޔާސީ ބަޔާނުގައި ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢަށް މިއަހަރު ޢަމަލުކުރަން ފެށޭނެ ވާހަކަ އަޅުގަނޑު އޮންނާނީ ދަންނަވާފައި. އެހެންކަމުން، އަޅުގަނޑު އެ ދެންނެވި ދެންނެވުން މިއަދު ޙާސިލުވިކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! ރާއްޖޭގެ ފަތުރުވެރިކަން ހާސިލުކޮށްފައިވާ ކާމިޔާބީތަކަކީ، މިދެންނެވި ފަތުރުވެރިކަމުގެ މައި ދެ މަޝްރޫޢަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއެކު ދިވެހިން ކޮށްފައިވާ މަސައްކަތްތަކާއި، މި ސިނާޢަތަށް ރައްޔިތުން ދެއްވާފައިވާ ތަރުޙީބުގެ ބޮޑުކަމުން ހާސިލު ކުރެވިފައިވާ ކާމިޔާބީތަކެއް. މިކަމަށްޓަކައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މާތްﷲގެ ވާގިފުޅާއެކު މިއަދު މި އިފްތިތާޙު ކުރެވުނު ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢުގެ އަމާޒަކީ، ރާއްޖޭގެ އެންމެންނަށް ނުވަތަ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އޭގެ މަންފާ ކުރާނެ ގޮތެއްގެ މަތިން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއް ހިމެނޭ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރުން. އަދި ކުރިއެކޭވެސް އެއްގޮތަށް ތިމާވެށީގެ ރޮނގުންނާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ރޮނގުން ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތު ކުރިއަށް ގެންދިޔުން. އޭގެއިތުރުން، ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ.

އާދެ! ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢު ނެރުމުގެ ރަސްމިއްޔާތު މި ބޭއްވެނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި. އެއީ، ވަރަށް މުހިންމު ސަބަބެއް އޮވެގެން. ރާއްޖޭގެ އުތުރުގެ ސަރަހައްދަށްވެސް ފަތުރުވެރިކަމުގެ ރޮނގުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަރުކާރުންވަނީ ގަސްދުކޮށްފައި. ޙަޤީޤަތުގައި ރާއްޖޭގެ ހުރިހާ ދިމާއަކަށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފަތުރުވެރިކަން ފެތުރުވުމަކީ، އަދި އޭގެފައިދާ ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަމެއް. މީގެކުރިން، ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައިވަނީ ފަތުރުވެރިކަމުގެ ޞިނާޢަތު އުފެދި ހިނގަން ފަށާފައި. އެންމެފުރަތަމަ މާލެއާއި މާލެއާ ކައިރީގައިވާ ރަށްތަކުގައި މި ޞިނާޢަތު ތަރައްޤީކުރަން ފެށުނީ. އޭގެފަހުން، އެހެން އަތޮޅުތަކަށް މަޑުމަޑުން ނަމަވެސް ފެތުރިގެންގޮސް މިހާރު ގާތްގަނޑަކަށް މުޅި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ފަތުރުވެރިކަމުގެ މަސައްކަތްތައް މިދަނީ ކުރެވެމުން.

މިހެން ދަންނަވާއިރު އުތުރުގެ ސަރައްހައްދަކީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އަދި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ފުރުޞަތު އެކަށީގެންވާގޮތެއްގައި ލިބިފައިވާ، އަދި ހަމަޖެހިފައިވާ ސަރަހައްދަކަށްވާތީ، މާތްﷲ ގެ އިސްމުފުޅުގެ ބަރަކާތުން އަޅުގަނޑު މިއަދު މިއިފްތިތާޙުކޮށްދިން ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނަ މައި މަޝްރޫޢުގައި އުތުރުގެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ. ހަނިމާދޫ ވައިގެ ބަނދަރަކީ މިސަރަހައްދުގެ ފަތުރުވެރިކަމުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒީ ވަސީލަތެއް. އެހެންވީމާ، މި ވައިގެ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ ދިރާސާތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ކުރެވޭނެ ވާހަކަވެސް ވަރަށް އުފަލާއެކު ދަންނަވަން.

ފަތުރުވެރިކަން ތަރައްޤީކުރަން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ އިތުރު ކަންތައްތަކެއް އެބަހުރިކަމަށްވެސް އަޅުގަނޑު ދެކެން. އެގޮތުން އަޅުގަނޑަށް ފެންނަ މުހިންމު ހަތަރުކަމެއްގެ ވާހަކަ މިއަދު ދަންނަވާލާނަން.

އޭގެތެރެއިން ފުރަތަމަ ކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ކުރިއެރުމާ، އަޅުގަނޑުމެންގެ ޤައުމީ އެއްބައިވަންތަކަމާއި ސުލްހަމަސަލަސްކަމާ ގުޅިފައިވާ މިންވަރު. ޝައްކެއްނެތް. ފަތުރުވެރިން ޒިޔާރަތް ކުރާނީ އެތަނަކަށް ޒިޔާރަތް ކުރުމުން އެމީހުންނަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް. ހަމަހިމޭން މާހައުލެއްގައި އުފާވެރި ދުވަސްތަކެއް ހޭދަކުރެވޭނެކަމަށް އެމީހުންނަށް ގަބޫލު ކުރެވޭނެ ތަންތަނަށް. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ މިކަމާ ދޭތެރޭގައި. ރާއްޖެއަށް ފަތުރުވެރިން މިޒިޔާރަތްކުރަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމުން ކަމަށްވެސް ވެދާނެ. މާތްﷲ ރާއްޖެއަށް ދެއްވާފައިވާ ޤުދުރަތީ ރީތިކަމުގެ ހައްދެއް ނެތް. އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް.

އެހެންނަމަވެސް، އޭގެއިތުރުން އަދި ވަރަށް މުހިންމު އެހެންކަމެއް އޮވެގެން، ދިވެހިރާއްޖެއަށް ފަތުރުވެރިން ޝައުޤުވެރިކަން ބަހައްޓަނީ، އަދި ދިވެހިރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ މީހުން އެތަން މިތަނުން މިއަންނަނީ. އެއީ، ރާއްޖޭގައި މިއޮތް ހަމަޖެހުން. ރާއްޖޭގައި އޮތް ހަމަހިމޭންކަން. ރާއްޖޭގައި މިއޮތް ސުލްހަމަސަލަސްކަން. ރާއްޖޭގައި މިއޮތް އަމާންކަން. މިކަން އަޅުގަނޑުމެން ނަގާލައިފިއްޔާ ރާއްޖެއަކު ފަތުރުވެރިކަމެއްވެސް އަދި އެހެން އިޤްތިޞާދީ މަސައްކަތެއްވެސް ކުރިއަކަށް ނުގެންދެވޭނެ. ރާއްޖޭގައި އެކަންޏެއްނޫން. ދުނިޔޭގެ އެއްވެސް ތަނެއްގައި އެކި ބާވަތުގެ ހަމަނުޖެހުން ހިނގަމުންދާ ކަމުގައި ވަނީނަމަ، އެކި ކަހަލަ ފިތުނަތަކާއި، އެކި ކަހަލަ ހަރުކަށި ޢަމަލުތައް ހިނގަމުން ދަނީނަމަ، މީސްތަކުންގެ މުދަލަށާއި ގެދޮރަށް ގެއްލުން ލިބެމުންދާ ކަހަލަ ހަރަކާތްތަކެއް ބަޔަކު ހިންގަމުން ދަނީނަމަ ނުވަތަ މަގުމަތީގައި މީހުން ނުކުމެ މުޒާހަރާކޮށް ހަޅޭއްލަވާ، ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ކަމަށް ވަންޏާ އެތަނަކަށް ފަތުރުވެރިއަކު ދާކަށް ބޭނުމެއް ނުވާނެ. ފަތުރުވެރިންވެސް ބޭނުންވާނީ އެމީހުންގެ އަމާންކަން. އެމީހުންގެ ސަލާމަތް. އެމީހުންނަށް ހިތްހަމަޖެހުން ލިބުން.

މިއީ، އަޅުގަނޑުމެން ހަމަ މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަމަކީ. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް އިޖްތިމާޢީ އަދި އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުން ދެމެހެއްޓުން. އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުން. އަޅުގަނޑުމެންގެ މެދުގައި މިއޮތް އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން އެގޮތުގެ މަތީގައި އަދި އެއަށްވުރެވެސް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުން. މިކަންކަމަށް އެއްވެސް ކަހަލަ އުނިކަމެއް އަތުވެއްޖެނަމަ ފަތުރުވެރިން ރާއްޖެއަކަށް ނާންނާނެ. އަޅުގަނޑުމެންނަށް މި ލިބޭ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެގެންދާނެ. އަޅުގަނޑުމެންގެ ރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރިއަށް ދިޔުމަށް މިއޮތް ފުރުޞަތުތައް ބަންދުވެގެންދާނެ. މި ޙަޤީޤަތަކީ މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހިފައިވާ ހަޤީޤަތެއް.

އާދެ! ދެވަނަ ކަމަކީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަމުން ގެންދާއިރު، ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ އިޤްތިޞާދީ މަސައްކަތްތަކާއި ފަތުރުވެރިކަމާ ވީހާވެސް ގުޅުން ބޮޑު، ރައްޔިތުންނަށް މި ޞިނާޢަތުން ލިބޭ މަންފާ އިތުރުވާނެ ގޮތެއްގެ މަތިން މި ޞިނާޢަތު ބައްޓަން ކުރުން.

ތިންވަނަކަމަކީ، ފަތުރުވެރިކަމާއި މިޞިނާޢަތުން ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު، ރާއްޖޭގެ ޒުވާނުންނަށާއި، ހަރު މީހުންނަށާއި، އެންމެންނަށް ފޯރުވައި ދިނުން. އަދި ފަތުރުވެރިކަމުގެ ފަންނުތަކަށާއި ހުނަރުތަކަށް މީހުން ތަމްރީނުކުރުން މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދިޔުން.

ޝައްކެއްނެތް. މިޞިނާޢަތަކީ ވަރަށްގިނަ ވަޒީފާތަކެއް އޭގެތެރޭގައި ހިމެނޭ ޞިނާޢަތެއް. އަދި މިހާރު ހަދަމުން މިގެންދާ ރިޒޯޓްތަކުންނާއި، އަދި ހޮޓާތަކުންނާއި، އެއަރޕޯޓްތަކުން ވަރަށް ގިނަ ވަޒީފާތައް ލިބެން ހުންނާނެ. މިކަމަށް އަޅުގަނޑުމެން އެބަޖެހޭ ދިވެހިން ތަމްރީނު ކުރަން. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންނަށް ވަޒީފާ ހޯދައިދިނުމަށްޓަކައި. ރާއްޖޭގެ މީހުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި. އެމީހުންގެ ތަނަވަސްކަން އިތުރު ކޮށްދިނުމަށްޓަކައި.

އާދެ! ޝައްކެއްނެތް! މިހެންދަންނަވާއިރު އަޅުގަނޑަށް އެނގޭ ކޮންމެ ޞިނާޢަތެއް ތަރައްޤީ ކުރާއިރުވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ބޭރުގެ މާހިރުންގެ އެހީ ބޭނުންވާނެކަން. ބޭރުގެ ތަޖުރިބާކާރުން ބޭނުންވާނެކަން. ބޭރުގެ މީހުން ވަރަށް މުހިންމު މަގާމުތަކެއްގައި ގެންގުޅެންޖެހޭނެކަން. އެކަން އެހެން އޮތް ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ، ކުރިއަށް އޮތްތާނގައި މަޑުމަޑުން ނަމަވެސް މިދާއިރާގެ ހުރިހާ ވަޒީފާތަކެއް ދިވެހިންނަށް ލިބޭނެގޮތަށް ސިޔާސަތު ރާވައިގެން ކުރިއަށް ގެންދިޔުން. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއްދީ މިދެންނެވި ވަޒީފާތަކަށް ދިވެހިން ތަމްރީނުކޮށް، އެވަޒީފާތަކުގެ އަހުލުވެރިކަން އެމީހުންނަށް ހާސިލުކޮށްދިނުމަށްޓަކައި އިތުރު ހިތްވަރެއްލައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިއްޖެ ވާހަކަ އަޅުގަނޑު މިދަންނަވާލީ.

ހަތަރުވަނަ ކަމަކީ، ތިމާވެށި ޙިމާޔަތް ކުރުމަކީ، ފަތުރުވެރިކަމާ ގުޅިލާމެހިފައިވާ ކަމަކަށްވާތީ، ފަތުރުވެރިކަން ފުޅާ ކުރަމުން ގެންދާއިރު، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރަމުން ގެންދިޔުން. އާދެ! ހަމައެކަނި ފަތުރުވެރިކަން ކުރިއަށް ގެންދާއިރަކު ނޫން، ރާއްޖޭގެ އެހެން އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށް ގެންދާއިރުވެސް، ރާއްޖޭގެ ތިމާވެށްޓަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ. އެއިން ކޮންމެ ކަމެއް ކުރިއަށް ގެންދަން މިޖެހެނީ، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށްޓަށް އިތުރު އުނިކަމެއް ނާންނަ ގޮތަކަށް ބަލައިގެން އެގޮތަކަށް.

ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ފައިދާއަކަށްޓަކައި ނުވަތަ އެނޫންވެސް އެހެން މުހިންމު ބޭނުމަކަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށްޓަށް އިތުރު ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމުގައި ވަނީނަމަ އަޅުގަނޑުމެން ކުރާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނޯންނާނެ. މިއީ، އަޅުގަނޑުމެން ގަބޫލުކުރަން ޖެހިފައި އޮތް ވަރަށް ބޮޑު ޙަޤީޤަތެއް. އެހެންވީމާ، ފަތުރުވެރިކަން ތަރައްޤީކުރާއިރުވެސް އަދި އެހެން އިޤްތިޞާދީ މަސައްކަތްތައް ކުރާއިރުވެސް، އެ ކަންކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަންކަމަށް ހަދަން އެބަޖެހޭ. އެކަން ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެށްޓަށް އެއްވެސް ކަހަލަ އިތުރު އުނިކަމެއް، ނުރައްކަލެއް، ކުރިމަތިނުވާ ގޮތެއްގެ މަތިން އެކަން ކުރަން އެބަޖެހޭ.

އާދެ! ރާއްޖޭގެ ފަތުރުވެރިކަން ހަލުވި ދުވެއްޔެއްގައި ފުޅާކުރަމުން ގެންދާއިރު، އަޅުގަނޑުމެން ސަމާލުކަން ދޭންވީ ފަތުރުވެރި މަންޒިލްގެ ގޮތުގައި ރާއްޖެ މިހާތަނަށް ހޯދާފައިވާ މަޝްހޫރުކަމާއި، މަޤްބޫލުކަމަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތެއްގެ މަތިން މިޞިނާޢަތާބެހޭ ތަދުބީރުތައްކޮށް، ތަރައްޤީގެ ފިޔަވަޅުތައް އެޅުމަށް.

ދެންމެ މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ދުނިޔޭގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައި. ވަރަށް ގިނަ ރީތިނަން އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. އަޅުގަނޑުމެންގެ އެކިއެކި ރިޒޯޓުތައް ހިންގަވާ ފަރާތްތަކުން އެ ކުރައްވާ ބުރަ މަސައްކަތުގެ ސަބަބުން އެތަންތާނގެ ފެންވަރު ރަނގަޅުކަން މުޅި ދުނިޔެ އެބަ ގަބޫލުކުރޭ. އެތަންތަނަށް އެކަށީގެންވާ ބައިނަލްއަޤްވާމީ އިނާމުތައް ލިބެމުން އެބަދޭ. މިމަޝްހޫރުކަން އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހޭ.

އަޅުގަނޑުމެން ބޭނުންވާ އާމްދަނީ އިތުރުކުރުމަށްޓަކައި ނަމަވެސް، އެކަން ހަލުވި ކުރުމުގު ގޮތުންނަމަވެސް، އަޅުގަނޑުމެން ދޭ ޚިދުމަތުގެ ފެންވަރު އެއްވެސް ހާލެއްގައި ދަށްކޮށްގެނެއްނުވާނެ. އެ ޚިދުމަތް ދޭންޖެހޭނީ މިހާރުވެސް އެ ދޭ ފެންވަރަށް. އަދި އެއަށްވުރެވެސް ރަނގަޅަށް. އަދި އަޅުގަނޑުމެން ފަތުރުވެރިންނަށް މަރުޙަބާ ކިޔަންވާނީވެސް މިހާރުވެސް މިހަދާ ގޮތަށް ހިނިތުންވުމާއެކީގައި. އަޅުގަނޑުމެން ދައްކަންޖެހޭނީ އަޅުގަނޑުމެންގެ އެކުވެރިކަމާއި އެއްބާރުލުން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ޒަމާނުއްސުރެ މެހްމާނުންނަށް ކަމޭހިތާ، މެހްމާނުންނަށް މަރުޙަބާ ކިޔާ ޤައުމެއް. އެގޮތުގައި އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ކުރަމުން ގެންދަންވާނީ.

އެއާ ޚިލާފަށް ފަހަކަށް އައިސް ތަފާތު އެތައް ކަމެއް ދިމާވެގެން ނަމަވެސް، ބޭރުގެ ބައެއް މީހުންނާ ދޭތެރޭގައި ނުރަނގަޅު ގޮތްގޮތަށް އަޅުގަނޑުމެންނަށް ޢަމަލުކުރެވެމުން އެބަދޭ. އެއީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެހެން ވިޔަދީގެން ވާނެކަމެއްނޫން. މެހްމާނުންނަށް ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ކަމޭހިތަންޖެހޭނެ. އަމާންކަމާއި ސުލްހަވެރިކަމާއެކީގައި ދިވެހިރާއްޖޭގައި އުޅެވޭނެ ގޮތް މެހްމާނުންނަށް އަޅުގަނޑުމެން ހަދައިދޭންވާނެ. އެއްވެސް ހާލެއްގައި އެއިން މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބޭ ގޮތަކަށް، ނުރައްކަލެއް މެދުވެރިވާ ގޮތަކަށް، އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ މިޞިނާޢަތުގެ މަޝްހޫރުކަން މުޅި ދުނިޔޭގައި ދެމެހެއްޓުމަށްޓަކައި ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފަތުރުވެރިންނަށް މަރުޙަބާ ކިޔާއިރު، ހިނިތުންވުމާއި އެހީތެރިކަމާއެކު މަރުޙަބާ ކިޔުމާއި، އަދި އަޅުގަނޑުމެންގެ ހިތުގައިވާ އިޚްލާޞްތެރިކަން އެ އެންމެންނަށްވެސް ފާޅުކޮށް އެގޮތުގެ މަތިން ޢަމަލުކުރަމުން ގެންދަން އަޅުގަނޑުމެން އެބަޖެހޭ. އާދެ! ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އުޖާލާކޮށް ބޭއްވޭނީ ސަރުކާރާއި މި ޞިނާޢަތުގެ ބައިވެރިން، އަޅުގަނޑު މިދެންނެވި ގޮތުގެ މަތިން އެއްވިސްނުމެއްގައި، އެއް އަމާޒަކަށް އެކުގައި މަސައްކަތް ކޮށްގެން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުންވާ މިކަމާގުޅޭ އެހެންވާހަކައެއްވެސް އެބައޮތް. އެއީ، ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އެމީހުން އެކުރާ އިންވެސްޓުތަކުގެ ފުރިހަމަ ހިމާޔަތް ދިނުން ކަމުގައި. އެމީހުން ކުރާ އިންވެސްޓްމަންޓަކީ، ރައްކާތެރިކުރެވިގެންވާ، އެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ އިންވެސްޓްމަންޓެއްކަން ޔަޤީންކޮށްދިނުން. އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެކަމެއް. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރައްވާފައިވާ ވަރަށް ގިނަ ދިވެހި އަމިއްލަ ފަރާތްތަކާއި، ދިވެހި ކުންފުނިތަކާއި، އަދި ބޭރުގެ އަމިއްލަ ފަރާތްތަކާއި އަދި ބޭރުގެ ކުންފުނިތައް އެބަ ހިމެނޭ. މި ހުރިހާ އެންމެންނަށް މިއަދު އަޅުގަނޑު ޔަޤީންކޮށް މިދެނީ މާތްﷲގެ ވާގިފުޅާއެކު އެ އެންމެންގެ އިންވެސްޓްމަންޓްތައް ދިވެހި ސަރުކާރުން ހިމާޔަތް ކޮށްދޭނެ ކަމުގައި. އެއްވެސް ހާލެއްގައި ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި ނުވަތަ އެނޫން ދާއިރާގައިވެސް މީހަކަށް ދީފައިވާ އެގްރީމެންޓެއް، ހަދާފައިވާ އެގްރީމެންޓެއް، އެ އެގްރީމެންޓްގައިވާ ގޮތާ ޚިލާފަކަށް އުވައެއް ނުލާނެ. އެގްރީމެންޓުގެ ޔަޤީންކަން އެ އެގްރީމެންޓް ކުރި ފަރާތަށް ސަރުކާރުން ބާއްވާނެ.

އެހެންވީމާ، މިދަންނަވާ ވާހަކައަކީ، އެއްވެސް އިންވެސްޓަރަކު ކުޑަވެސް ޝައްކެއްނުކުރާށޭ ރާއްޖޭގައި އެމީހުން އެކުރާ އިންވެސްޓްމަންޓަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެކަމަށް. އިރާދަކުރެއްވިއްޔަކާ ނުލިބޭނެ. އިންވެސްޓްތައް ހިމާޔަތްކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އެހެންވީމާ، މިމުނާސަބަތުގައި އެވާހަކަ އަޅުގަނޑު މިދަންނަވާލީ.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ސަބަބުން އިތުރަށް ކުރިއަރަމުންދާ ޤައުމެއް ކަމުގައި ލެއްވުން. ރާއްޖޭގައި މިއޮތް ސިޔާސީ އިޖްތިމާޢީ ހަމަޖެހުން އަބަދަށްޓަކައި އެކަލާނގެ ތައުފީޤާއެކު ދެމެހެއްޓުމުގެ ބާރާއި ވިސްނުން އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާ މުޅި ރާއްޖޭގެ ރައްޔިތުންނަށް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه