بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި މިއަދު އދ. މަހިބަދޫގައި މި ބޭއްވޭ އުފާވެރި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑު، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް މަހިބަދުއަށް އައުމުން ރަށުގެ ލޮބުވެތި ރައްޔިތުންނާއި، މި އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލާއި، އަތޮޅު އޮފީހުގެ ވެރިންނާއި، މަހިބަދޫ ވެރިންނާއި، މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މިރަށުގެ ކޮމިޓީތަކުގެ މެންބަރުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު ވަރަށް އިޚްލާޞްތެރި މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މަހިބަދުއަށް އައުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަނދުމަފުޅު ހުންނާނެފަދައިން މީގެކުރިން ހަތަރު ފަހަރެއްގެ މަތިން އަޅުގަނޑުވަނީ މިރަށަށް ޒިޔާރަތްކޮށްފައި. އެއިން ކޮންމެ ފަހަރަކުވެސް މަހިބަދޫ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި.

އާދެ! މިއަހަރުގެ ތިމާވެށިދުވަސް ފާހަގަކުރުމަށް، އަދި އެކަމާ ބެހޭގޮތުން ބޭއްވޭ މިޖަލްސާއަށް ތައްޔާރުވުމަށްޓަކައި މިއަތޮޅުގެ އަތޮޅުވެރިންނާއި، މަހިބަދޫގެ ވެރިންނާއި، ރައްޔިތުން ކުރައްވާފައިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް. އަޅުގަނޑު މިރަށަށް އައިސް މި ވޭތުކޮށްލި ކުޑަވަގުތުކޮޅުގެ ތެރޭގައިވެސް، އެމަސައްކަތްތައްވަނީ ވަރަށް ރަނގަޅަށް ފެނިފައި. އެކަމަށްޓަކައި، އެކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަތޮޅުގައި ތިމާވެށި ދުވަސް ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދިވެހިރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދުމަތްކުރާ ފަރާތްތަކަށްދޭ ފެހިފަތް މިއަހަރު ލިބުނު ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އެ ފަރާތްތަކަކީ ދެންމެ އަޅުގަނޑުމެންނަށް މި ވީޑިއޯއިން ފެނުނު ގޮތުން ރާއްޖޭގެ ތިމާވެށްޓަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކެއް. އެކަމަށްޓަކައި އެފަރާތްތަކަށް ޙައްޤުވާ ފެހިފަތް އެ ފަރާތްތަކުގެ މަންދޫބުންނާ ހަވާލުކުރުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް.

އާދެ! އެފަރާތްތަކުގެ ނަންތައް ހަމަ އަޅުގަނޑުގެ ވާހަކައިގައިވެސް ޝުކުރުވެރިކަމާއެކު ދަންނަވާލާނަން. އާދެ! އެއްފަރާތަކީ، އެޑަލްވައިސް އެއަރލައިން، އަނެއް ފަރާތަކީ ސ. ފޭދޫ ސްކޫލް، އަނެއް ފަރާތަކީ އެކޯ ކެއަރ މޯލްޑިވްސް، އަނެއްފަރާތަކީ، މިއަދު ނޫސް، އަނެއް ފަރާތަކީ، އދ. ދިގުރަށް، އަދި އަނެއްފަރާތަކީ ސޮނީ ހާޑްވެއަރ. މިހުރިހާ ފަރާތްތަކަކުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާކަން އަދި މިހާރުވެސް ކުރައްވަމުން ގެންދަވާކަން އެ ތަންތަނާބެހޭގޮތުން މި ފެނުނު ވީޑިއޯ ކްލިޕުން ފެނިގެން ހިނގައްޖެ. އެހެންކަމުން، އެހުރިހާ ފަރާތްތަކަކުންވެސް އެކި ރޮނގުރޮނގުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތް ކުރެއްވުމަށް، އަދި ތިމާވެށި އޭގެ ދުޅަހެޔޮ ގޮތުގައި ބޭއްވެވުމަށް އެކުރައްވާ މަސައްކަތްތަކަށްޓަކައި އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެ ފަރާތްތަކުން އެކުރައްވަމުން ގެންދަވާ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު ހިތްވަރު އަރުވަން.

ހަމައެފަދައިން، ތިމާވެށި ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކިއެކި މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރި ފަރާތްތަކަށްވެސް މިއުފާވެރި ޖަލްސާގައި އިނާމު ލިބިގެން ހިނގައްޖެ. އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން.

ރާއްޖޭގެ ތިމާވެށްޓާއި، ހަކަތައާއި، ފެނާބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އަޙްމަދު ޢަބްދުﷲ ދެންމެ ދެއްކެވި ވާހަކަފުޅުގައި ވަރަށް މުހިންމު ވާހަކަފުޅެއް ވިދާޅުވި. އާދެ! އެއީ ރައްކާތެރި ތިމާވެށްޓަކީ، އިންސާނީ ޙައްޤެއް ކަމުގައި އޭނާ ވިދާޅުވި ވިދާޅުވުން. ޝައްކެއްނެތް. އެއީ ވަރަށްބޮޑު ތެދުފުޅެއް. އިންސާނީ ޙައްޤުތަކަކީ، ހަމައެކަނި އިޖްތިމާޢީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ލިބެންޖެހޭ ޙައްޤުތަކެއް ނޫން. އޭގެއިތުރުން، އިންސާނުންގެ ދިރިއުޅުން ފުރިހަމަކުރުމަށްޓަކައި، ރައްކާތެރި ވެށްޓެއްގައި އިންސާނުން ދިރިއުޅެވޭގޮތް ހަދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެއީވެސް އިންސާނީ ޙައްޤެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ ކަމެއް.

މިދިޔަ މަހު އަޅުގަނޑު އިނގިރޭސިވިލާތަށް ކުރި ދަތުރުގައި އެތާނގެ ދަ ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތަކާބެހޭގޮތުން ތަޤްރީރެއް ކުރިން. އެ ވާހަކަ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ.

އާދެ! އެ ތަޤްރީރުގައި، ތިމާވެށްޓާބެހޭ އިންސާނީ ޙައްޤުތަކުގެ އާ އިސްނެގުމަކަށް އަޅުގަނޑު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ވާނީ ގޮވާލާފައި. ސަބަބަކީ، އިންސާނީ ޙައްޤުތަކާބެހޭގޮތުން ދުނިޔޭގެ ޝައުޤުވެރިކަން މިހާރު ހުރީ ހަމައެކަނި މަދަނީ އަދި ސިޔާސީ ޙައްޤުތަކަށް އެކަނި ކަމަށްވާތީ. އެއީ، އެކަން ވާންވީ ގޮތެއްނޫން. ރައްކާތެރި ދިރިއުޅުމަކަށާއި ދެމެހެއްޓެނިވި ތިމާވެށްޓެއް ޤާއިމުކުރުމަށް ތަފްޞީލީ ޙައްޤުތަކެއް އެކުލަވާލުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި އަދި ކުރެވެމަކުން ނުދޭ. އެހެންވީމާ، މިކަން ކުރުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން ރައްކާތެރި ތިމާވެށްޓަކީ، އިންސާނީ ޙައްޤެއްގެ ގޮތުގައި މުޅި ދުނިޔެ ގަބޫލުކުރާ ޙަޤީޤަތަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރާ ވާހަކަ އަޅުގަނޑުވާނީ ކުރިން މިދެންނެވި ތަޤްރީރުގައި އިޢުލާނުކޮށްފައި. އަދި އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން ދިވެހި ސަރުކާރާއި ރާއްޖޭގެ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަމުން ގެންދާނެ.

އާދެ! އަޅުގަނޑުމެން މިފަދަ މުނާސަބަތެއްގައި ހަނދާން ކުރަންވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ތަރައްޤީއާއި ތިމާވެށީގެ ވަރަށް ރަނގަޅު މީޒާނެއް އޮންނަންވާނެކަން. ތަރައްޤީގެ ބޭނުމުގައި ކުރެވޭ މަސައްކަތްތަކުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ނުވަތަ ޤުދުރަތީ ވަސީލަތްތަކަށް ގެއްލުންތަކެއް ލިބިގެން ނުވާނެކަން. އަޅުގަނޑުމެން ކިތަންމެ ބޮޑު ފައިދާއަކަށް ކުރާ މަސައްކަތެއް ނަމަވެސް، އެ މަސައްކަތެއް ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށީގެ އެކިއެކި ވަސީލަތްތަކަށް ހީނަރުކަން ނުވަތަ އުނިކަން ލިބޭ ކަމުގައިވަންޏާ ނުވަތަ އޭގެ ސަބަބުން ކުރިމަގު ބަނަވެގެން ހިނގައިދާނެ ކަމަށްވަންޏާ، އެ މަސައްކަތަކީ އަޅުގަނޑުމެން ކުރަންވާވަރުގެ މަސައްކަތެއްނޫން. އަޅުގަނޑުމެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ އެއްވެސް މަސައްކަތެއްގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު ޤުދުރަތީ ވަސީލަތްތަކަކަށް ކޮށްގެނެއްނުވާނެ. އަދި އަޅުގަނޑުމެންގެ ތިމާވެށްޓަށްވެސް ކޮށްގެނެއް ނުވާނެ. އެހެންވީމާ، ތަރައްޤީއަށް ކުރެވޭ މަސައްކަތާއި، އަދި ތިމާވެށި ރައްކާތެރިކުރުމާ، މި ދެ މަސައްކަތުގެ ވަރަށް ހަރުދަނާ ރަނގަޅު މީޒާނެއް އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ.

އާދެ! ތިމާވެށީގެ މުހިންމު ކަމުގެ ވާހަކަ ދައްކާއިރު، ތިމާވެށީގެ ދާއިރާގެ ޤާބިލްކަން އިތުރުކުރުމުގެ ބޭނުންތެރިކަން ވަރަށްބޮޑުކަމަށްވެސް ދަންނަވާލަންޖެހޭ. ތަރައްޤީގެ އެކި ކަންތައްތައް އިތުރުވަމުންދާއިރު، އަދި އެކަމާބެހޭ މަސައްކަތްތައް ހިންގުމުގައި ތިމާވެށީގެ ފަންނީ މާހިރުންގެ ލަފައާއި އިރުޝާދު ވަރަށް މުހިންމު. ތިމާވެށީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފެށީވެސް މިދެންނެވި ސަބަބަށްޓަކައި.

ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު އަނެއް މަސައްކަތަކީ، އެންމެންނަށް މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުން. ކުޑަކުދިންނަށް، ޒުވާނުންނަށް، ބޮޑެތި މީހުންނަށް، ކިޔަވާ ކުދިންނަށް، އަދި ހަރުމީހުންނަށާއި، ދުވަސްވީ މީހުންނަށްވެސް، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށްދިނުމަކީ، ވަރަށް މުހިންމު ކަމެއް. އެހެން މިދެންނެވީ، ތިމާވެށި ރައްކާތެރިކުރުމަކީ، ހަމައެކަނި ވަކި ފަރުދަކަށް ކުރެވޭނެ ކަމަކަށް ނުވާތީ. އެކަން ކުރެވޭނީ މުޅި ޖަމާޢަތަށް، މުޅި ޤައުމަށް، އެންމެންނަށް. އެހެންވީމާ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމުކަމާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ހޭލުންތެރިކަން އެންމެންނަށްވެސް ލިބިދޭން އެބަޖެހޭ.

މިގޮތުން ދިރިއުޅުމުގެ އާދަތައް ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ބައްޓަންކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދޭންއެބަޖެހޭ. އަޅުގަނޑު މިދެންނެވި ކަންކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުންވެސް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވުމަށް މިފުރުޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަން. ޚަބަރު ފަތުރާ ވަސީލަތްތަކުން މިހާރުވެސް އެކަން ކުރައްވާކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި، ރާއްޖެއަށް ކުރިމަތިވަމުންމިދާ ބޮޑެތި ނުރައްކާތަކުގެ ސަބަބުން، ކޮންމެ ދާއިރާއަކުންވެސް އަޅުގަނޑުމެން ކުރާ މަސައްކަތްތައް މިހާރު މިވަނީ އިތުރުކުރަން ޖެހިފައި. އެގޮތުން ޚަބަރުފަތުރާ ވަސީލަތްތަކުން ކުރައްވާ މަސައްކަތްވެސް އަޅުގަނޑަށް ހީވަނީ މިހާރުވަނީ އިތުރު ކުރައްވަން ޖެހިފައިހެން.

ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ގަސްއިންދުން ހިމެނޭ. އދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއިން މިހާރު ފަށްޓަވާފައިވާ ބިލިއަންގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގައިވެސް މިދަނީ ހިނގަމުން. އަދި ރާއްޖެ ފެހިކުރުމަށް އެފަދަ އެހެން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔުމަކީ އިސްކަން ދޭންޖެހިފައިވާ ކަމެއް.

ވަރަށް ކުރިއްސުރެ ފެށިގެން އަޅުގަނޑުމެން މިއަންނަނީ މިމަސައްކަތް ކުރަމުން. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ. އަޅުގަނޑު ރައީސްކަމާ ހަވާލުވެ އެންމެ ފުރަތަމަ މިމަސައްކަތްފެށީ، އާދެ! ގަސްއިންދުމުގެ ޕްރޮގްރާމެއް ފެށީ މީގެ 24 އަހަރު ކުރިން. 1983 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު. އޭގެފަހުން، ތަފާތު މަރުޙަލާތަކުގައި ރާއްޖޭގައި ގަސްއިންދުމުގެ ޕްރޮގްރާމްތަކެއްވަނީ ހިންގިފައި. ގައުމު ފެހިކުރުމުގެ ޕްރޮގްރާމްތަކެއްވަނީ ހިންގިފައި. މިކަން އަބަދުވެސް އަޅުގަނޑުމެން ކުރަން އެބަޖެހޭ. ގަސްއިންދުމަކީ އަޅުގަނޑުމެން އެންމެންވެސް ލޯބިކުރާ ކަމަކަށް ހަދަންވެއްޖެ. ހެދިފައި ހުރި ގަސްތައް ޙިމާޔަތްކޮށް، ގަހެއް ނުކަނޑާވާނެ ގޮތެއް އޮތްތޯ ބަލައިގެން މަސައްކަތްކުރުމަކީ، ހަމަ ތިމާވެށްޓަށް ކޮށްދެވޭ ވަރަށްބޮޑު ޚިދުމަތަކަށް ނުވެނުދާނެ.

އާދެ! ދެންމެ އަޅުގަނޑުމެން މި އަޑުއެހި ފެހި އިލްތިމާސްގައިވެސް މިވާހަކަވަނީ ގެނެސްފައި. އާދެ! އެ އިލްތިމާސަކީ، އަޅުގަނޑުމެން އެންމެން އެ އިލްތިމާސް ކިޔަމުން ދިޔައިރު އޭގައި އެބުނި ޙަޤީޤަތްތައް އަޅުގަނޑުމެންގެ ހިތްތަކަށް ތަޞައްވުރު ވެގެންދިޔަ އިލްތިމާސެއް. ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ތަފާތު މައްސަލަތަކުގެ ވާހަކަ، އެ އިލްތިމާސްގައިވަނީ ގެނެސްފައި. އަދި އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ މުޖްތަމަޢުން ކޮށްދޭން އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކުގެ ވާހަކަވަނީ އެ އިލްތިމާސްގައި އައިސްފައި. އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ކީ ފެހި އިލްތިމާސްގައި އެވާ ކަންތައްތަކަށް އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑު ސަމާލުކަމެއްދީގެން، ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ކުރެވޭ އެންމެ ބޮޑު އަނެއް މަސައްކަތަކީ، ފަރުތަކާއި ގޮނޑުދޮށްތައް ޙިމާޔަތްކުރުން، ސާފުކޮށް ބެހެއްޓުން. އެތަންތަނަށް ގެއްލުން ނުލިބޭފަދަ ގޮތަކަށް އެ ތަންތަނުގެ ކަންތައްތައް އިންތިޒާމު ކުރަމުން ގެންދިޔުން. މިސާލަކަށް، ޕްލާސްޓިކް ކޮތަޅާއި އެހެނިހެން ޕްލާސްޓިކް ތަކެއްޗާއި، ހަލާކުނުވާ ޒާތުގެ ތަކެތި ފަރުތަކުގެ މައްޗަށާއި، ގޮނޑުދޮށްތަކަށް އުކާނުލުން، މިއީ ވަރަށް މުހިންމު ކަމެއް.

ހަމައެހެންމެ، ތިމާވެށްޓަށް ގެއްލުން ނުލިބޭފަދަ ރައްކާތެރިގޮތެއްގައި ކުނިނައްތާލުމަކީވެސް، އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާ ކަމެއް. މިގޮތުން އދ. ދިގުރަށުގައި އެކުރައްވާ މަސައްކަތުގެ ވާހަކަ ދެންމެ އަޅުގަނޑުމެންނަށް އެނގިއްޖެ. އެއީ ވަރަށް މުހިންމު ވަރަށް ރަނގަޅު މަސައްކަތެއް. އެރަށް ފިޔަވައި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް މިމަސައްކަތް ވަރަށް އެކަށީގެންވާ ގޮތެއްގައި ކުރެވެމުން އެބަދޭ. އެހެންވީމާ، މިއަދު އެ އިނާމު ޙާސިލުކުރެއްވި އދ. ދިގުރަށުގެ ރައްޔިތުންނަށާއި، އަދި ރާއްޖޭގައި މިމަސައްކަތްކުރައްވާ އެހެން ހުރިހާ ރަށްތަކުގެ ރައްޔިތުންނަށް އަޅުގަނޑު ޚާއްޞަ ގޮތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މުބާރަކްބާދީ އަދާކުރަން.

އާދެ! މިފުރުޞަތުގައި ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ތިމާވެށްޓާބެހޭ ވުޒާރާ، ޚާއްޞަކޮށް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ، އެކުރައްވާ އަގުހުރި މަސައްކަތްޕުޅު ތަކަށްޓަކައި އެމަނިކުފާނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ތިމާވެށްޓާ ބެހޭ ވުޒާރާ މިހާތަނަށް ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ތިމާވެށްޓާބެހޭބައި ބަލަހައްޓަވާ އިސްބޭފުޅެއްގެ ގޮތުން މިނިސްޓަރުގެ ނާއިބު އަލްފާޟިލް ޢަބްދުﷲ މަޖީދު ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށާއި އެމިނިސްޓްރީގެ އެހެން ވެރިންނަށާއި، ތިމާވެށްޓާބެހޭ ބައިގެ ވެރިންނަށާއި މުވައްޒަފުންނަށާއި، އެންވަޔަރަންމަންޓް ރިސަރޗް ސެންޓަރުގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ތިމާވެށި ރައްކާތެރިކުރުމަކީ، ސަރުކާރުގެ ހުރިހާ ދާއިރާތަކަކުންވެސް ކުރައްވަންޖެހޭ މަސައްކަތަކަށްވާތީއާއި، އެ މަސައްކަތް ކުރައްވަމުން ގެންދަވާތީ ސަރުކާރުގެ ކަމާބެހޭ އެހެން ވުޒާރާތަކަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކަކަށާއި، އަދި ރަޙްމަތްތެރި ގައުމުތަކަށްވެސް ޝުކުރު ދަންނަވަން. އާދެ! އޭގެތެރޭގައި އދ. ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔޫ.އެން.އީ.ޕީ އާއި އދ. ގެ އެކިއެކި ޖަމްޢިއްޔާތައް ހިމެނޭތީ އެ ހުރިހާ ޖަމްޢިއްޔާތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތިމާވެށީގެ ރޮނގުން ރާއްޖެއަށް އެކި ރޮނގުތަކުން އެހީތެރިވެދެއްވާ އަވަށްޓެރި ޤައުމުތަކަށާއި، ރަޙްމަތްތެރި ޤައުމުތަކަށާއި، ބޭރުގެ އެކި ބޭންކްތަކަށްވެސް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން. ހަމައެހެންމެ، ތިމާވެށީގެ ރޮނގުން ޚިދުމަތް ކުރައްވާ އަމިއްލަ ފަރުދުންނަށާއި، އަމިއްލަ ޖަމާޢަތްތަކަށާއި، ރާއްޖޭގެ ސްކޫލްތަކުގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ތަކަށާއި، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިއަދު މިޖަލްސާއަށްފަހު ހޭޅިފަށް އާލާކުރުމުގެ ޕްރޮގްރާމެއް މިރަށުގައި އަޅުގަނޑު ފަށައިދޭ ގޮތަށްވަނީ ހަމަޖެހިފައި. މި މުހިންމު ޕްރޮގްރާމް ފަށާ ދިނުމަކީ، މިޖަލްސާއަށްފަހު އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވާލަން.

އާދެ! ކުރިންވެސް ދަންނަވާލި ފަދައިން އދ. މަހިބަދޫއަކީ މީގެކުރިންވެސް އަޅުގަނޑު ޒިޔާރަތްކޮށްފައިވާ ރަށެއް. މިރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި ބައެއް. ރަށުގެ ރައްޔިތުން ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަސްވެރިކަން، ވަޑާންކުރުން، ވިޔަފާރި، އޮޑިދޯނިފަހަރު ދުއްވުމާއި، އަދި ފަތުރުވެރިކަމުގެ މަސައްކަތް ހިމެނޭ. މިހާރު މިއަތޮޅުގައި 16 ރިޒޯޓެއް އެބައޮތް ދޮއެއްތޯ. އޭގެތެރެއިން ދެތަނެއް މިހާރު މަރާމާތު ކުރަމުން ގެންދިޔަނަމަވެސް އަނެއް 14 ރަށް ހިނގަމުން އެބަދޭ. އެ ތަންތާނގައިވެސް މިއަތޮޅުގެ ރައްޔިތުން ވަޒީފާ އަދާކުރައްވާ. އެހެންކަމުން، ރަށުގެ ތަރައްޤީއަށްޓަކައި މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކަށްޓަކައި ރައްޔިތުންގެ ހުރިހާ ފަރާތްތަކަށް، އާދެ! އަންހެން، ފިރިހެން، ކުދިބޮޑު އެންމެންނަށް އަޅުގަނޑު ޝުކުރު އަދާކޮށް ތަހުނިޔާ ކިޔަން.

މިރަށަކީ، ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް މިހާތަނަށް ހިނގާފައިވާ، އަދި މިހާރުވެސް ހިނގަމުންދާ އަދި ކުރިއަށް އޮތްތާނގައި ހިންގުމަށް ރޭވިފައިވެސްވާ ރަށެއް. އޭގެތެރެއިން، ޓީޗަރސް ރިސޯސް ސެންޓަރެއް ޢިމާރާތްކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. މިއީ، ޔުނިސެފްގެ ސުނާމީ އެހީގެ ދަށުން ހިންގާ މަޝްރޫޢުއެއް. އަދި ގޭގެއަށް ތާނގީ ދޫކުރުމުގެ މަޝްރޫޢުގެ ދަށުން މިއަހަރު ސަރުކާރުގެ ޚަރަދުގައި މިރަށުގެ ގޭގެއަށް ފެންތާނގީ ދޫކުރާ ގޮތަށްވެސްވަނީ ހަމަޖެހިފައި. ހަމައެހެންމެ، މިރަށުގެ ނަރުދަމާގެ މަޝްރޫޢެއްގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން. މި ރަށުގެ ބަނދަރު މީގެކުރިން ވަނީ ސަރުކާރުން ކޮނެ ހަދައިދީފައި. އެހެންނަމަވެސް، ފަހަކަށް އައިސް އެ ބަނދަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ބަނދަރު މަރާމާތު ކުރުމަށްވެސްވަނީ ރޭވިފައި. އިރާދަކުރެއްވިއްޔާ މިއަހަރު އެ މަސައްކަތް ކުރެވޭނެ.

މިރަށުގައި، އަމިއްލަ ފަރާތްތަކުން ކޮށްދެއްވާފައިވާ ޚިދުމަތްތައްވެސް ފެންނަން އެބަހުރި. އޭގެތެރެއިން، މިރަށުގައި ވަރަށް ރަނގަޅު ފެންވަރަކަށް އަމިއްލަ ފަރާތްތަކުން ހައްދަވާފައިވާ މިސްކިތެއް އެބަހުރި. އެ މިސްކިތް އަޅުއްވައިދެއްވީ މ. ވިލާދަށުގޭ އަލްފާޟިލް ޢަބްދުﷲ ރަޝީދު. އެހެންކަމުން އެހާ ރަނގަޅު ފެންވަރަކަށް މިސްކިތެއް އަޅުއްވައިދެއްވައި، އެ މިސްކިތުގައި ދީނީ ފަރުޟުތައް އަދާކުރެވޭނެ ގޮތް ރައްޔިތުންނަށް ހަމަޖައްސަވައިދެއްވިކަމަށްޓަކައި އަލްފާޟިލް ޢަބްދުﷲ ރަޝީދަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ވަރަށް މުހިންމު ދެ ވާހަކައެއް ދަންނަވާލަން އެބަޖެހޭ. އޭގެތެރެއިން އެއްވާހަކައަކީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު ބޭއްވޭ ރައްޔިތުންގެ އާންމު ވޯޓުގެ ވާހަކަ. ޝައްކެއްނެތް. އެއީ ވަރަށް މުހިންމު ވޯޓެއް. އެ ވޯޓުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޢުމުރުން 18 އަހަރު ފުރިފައިވާ، ވޯޓު ދިނުމުގެ ޙައްޤު ނުވަތަ ޝަރުޠު ފުރިހަމަވެފައިވާ ހުރިހާ އެންމެން ވޯޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ! މިއީ ހަމައެކަނި ޕާޓީތަކުގެ ކަމެއްނޫން. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަކީ، ހަމައެކަނި ޑީ.އާރު.ޕީ އަށް ޚާއްޞަ ނުވަތަ އެމް.ޑީ.ޕީ އަށް ޚާއްޞަ ނުވަތަ ޢަދާލަތު ޕާޓީއަށް ޚާއްޞަ ނުވަތަ އައި.ޑީ.ޕީ އަށް ޚާއްޞަ ނުވަތަ އެމް.އެސް.ޑީ.ޕީ އަށް ޚާއްޞަ މައްސަލައެއްނޫން. އެއީ، އަޅުގަނޑުމެން އެންމެން ކުރަން ޖެހިފައި އޮތް ކަމެއް. ރާއްޖޭގެ ރައްޔިތުންގެ އެންމެންނަށް އޮތް ކަމެއް. އެހެން މިދެންނެވީ، ރާއްޖޭގެ ކުރިމަގު ބައްޓަން ކުރާނީ ރައްޔިތުން. ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ރައްޔިތުންނަށް ފެންނަ އެންމެ ހަމަޖެހޭ ގޮތެއްގެ މަތިން އެކަން ކުރުމަކީ ރައްޔިތުންގެ ޙައްޤެއް. ރައްޔިތުން ކުރަންޖެހޭނެ ކަމެއް.

އެހެންވީމާ، ރާއްޖޭގައި އުފެދިފައިވާ ޕާޓީތަކުގެ މެންބަރުން އެކަންޏެއްނޫން. އޭގެއިތުރުން، ރާއްޖޭގެ ހުރިހާ ރައްޔިތުން މިވޯޓުގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އާދެ! މިހެން މިދެންނެވީ ވޯޓުދިނުން ޙައްޤުވާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ، ވޯޓުދިނުމުގެ ޝަރުޠުތައް ޤާނޫނު އަސާސީގައި ބުނާގޮތުން ހަމަވެފައިވާ ހުރިހާ ރައްޔިތުންކަމަށްވާތީ.

އެހެންވީމާ، އަޅުގަނޑު މިއަދު ދަންނަވާލަން މިއުޅޭ ވާހަކައަކީ، މިރަށުގެ ރައްޔިތުންގެ ތެރެއިން މިދެންނެވި 18 އަހަރުން މަތީގެ އެންމެން، ހަމައެހެންމެ، މިއަތޮޅުގެ ރައްޔިތުންގެ ތެރެއިންވެސް 18 އަހަރުން މަތީގެ އެންމެން، ހަމައެހެންމެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިންވެސް 18 އަހަރު ފުރިފައިވާ އެންމެން، އެމީހުންނަކީ ކުރިންވެސް މިދެންނެވިހެން ޤާނޫނުއަސާސީގައި ބުނާ ޝަރުޠުތައް ހަމަވާ މީހުން ކަމަށްވާނަމަ އެ ހުރިހާ އެންމެންގެ ވޯޓުވެސް އެއީ، މިމަހުގެ 18 ވަނަ ދުވަހު މިނެގޭ ވޯޓުގައި ވަރަށް މުހިންމު އެއްޗެކޭ. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް އެ ވޯޓު ދެއްވުމަށް ޝައުޤުވެރިކަން ބަހައްޓަވައި އެކަން ކޮށްދެއްވާށޭ.

އާދެ! މިކަމާ ގުޅިގެން ދަންނަވާލަން އޮތް ވާހަކައަކީ، މިނެގޭ ވޯޓަކީވެސް އަޅުގަނޑުމެންގެ ސިޔާސީ އިޞްލާޙީ ޕްރޮގްރާމާ ގުޅިފައިވާ ކަމެކޭ. ރާއްޖޭގެ ސިޔާސީ އިޞްލާޙީ ޕްރޮގްރާމަކީ، މީގެ ތިން އަހަރު ކުރިއްސުރެ ފެށިގެން ހިނގަމުން އަންނަ ވަރަށް ކާމިޔާބު ޕްރޮގްރާމެއް. އާދެ! މިކަން އެންމެ ފުރަތަމަ އަޅުގަނޑު އިޢުލާނުކުރީ ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން 2004 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ރޭ. އޭގެފަހުން، މިޕްރޮގްރާމްގެ ވަރަށްގިނަ ކަންތައްތަކެއް މިހާރު ވަނީ ކުރެވިފައި. އެހެންކަމުން، މިޕްރޮގްރާމަކީ ކާމިޔާބު ނޫން ޕްރޮގްރާމެކޭ ބުނާނެ ޖާގައެއްނެތް. ކޮންމެ ކަމަކާބެހޭގޮތުން ވާހަކަދައްކާއިރުވެސް، ޙަޤީޤަތާ އެއްގޮތަށް ދެކެވޭ ވާހަކައާއި ޙަޤީޤަތާ ޚިލާފަށް ދެކެވޭ ވާހަކަ ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަކީވެސް މާތްﷲ ވިސްނުމާއި ބުއްދި ދެއްވާފައިވާ ބަޔަކަށްވާތީ، ޙަޤީޤަތަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވަޒަން ކުރެވެންވާނެ.

އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ވަރަށްގިނަ ކަންތައްތަކެއްވަނީ ކާމިޔާބުކަމާއެކު ކޮށްނިމިފައި. މިސާލަކަށް، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުން. އެންމެ ޕާޓީއެއް، ދެޕާޓީއެއް ނޫން. ރާއްޖޭގައި މިހާރު ސިޔާސީ ފަސް ޕާޓީ އުފެދި، ގަވާއިދުން ރަޖިސްޓްރީ ކުރެވި ހިނގަމުން އެބަދޭ. މިއީވެސް، އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ހޯދިފައިވާ ކާމިޔާބީއެއް. ރާއްޖޭގައި އެބައޮތް ޤާނޫނެއްގެ މައްޗަށް ބިނާވެ އުފެދިފައިވާ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދޭ ޖަމާޢަތެއް، މުސްތަޤިއްލު ޖަމްޢިއްޔާއެއް. ދުނިޔޭގެ އެހެން ގައުމުތަކުންވެސް ގަބޫލުކުރާ ޕެރިސް ޕްރިންސިޕަލްސްގެ މައްޗަށް އެކުލެވިގެންވާ ޖަމްޢިއްޔާއެއް. އެއީވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް.

ހަމައެހެންމެ، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން މިހާރު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަދި ކޮންމެ ދުވަހަކު ދެކެވަޑައިގަންނަވާނެ ފަދައިން ރާއްޖޭގައި މިނުކުންނަ ނޫސް މަޖައްލާތަކުގައި މިނިވަންކަން މިއޮތީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިނިވަންކަން އޮންނާނެ އެންމެ މަތީ ދަރަޖައަށް. އެއްވެސް ހުރަހެއްނެތި ކޮންމެ މީހަކުވެސް އެމީހެއްގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން، އެމީހަކު ބޭނުންވާ އެއްޗެއް ބުނުމުގެ މިނިވަންކަން މިހާރު މިއޮތީ އެންމެންނަށް އެނގޭގޮތުގައި ފާޅުކޮށް ލިބިފައި. މިއީވެސް، އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.

އާދެ! އަޅުގަނޑުމެން މިކިޔާ ނޫސްތަކުގައި އަޅުގަނޑުމެން ކިޔާ ހިތް ނުވާ ވާހަކަތައްވެސް ހުންނާނެ. އަޅުގަނޑުމެން ހިތްހަމަނުޖެހޭ ވާހަކަތައްވެސް ހުންނާނެ. އެހެންނަމަވެސް، އެއީ އެ ލިޔާ ބައެއްގެ ޚިޔާލުކަމަށްވާތީ އެއަށްވެސް އަޅުގަނޑުމެން އެބަ މަރުޙަބާ ކިޔަންޖެހޭ. އަދި އަޅުގަނޑުމެން ދެކޭގޮތުގައި އެއީ ޙަޤީޤަތާ ޚިލާފު ޚިޔާލަކަށްވިޔަސް، ވާހަކައަކަށް ވިޔަސް، އަދި އަޅުގަނޑުމެންނަށް ނުޙައްޤު ގޮތުގައި ބަދުނާމެއް ލިބޭ ކަހަލަ ވާހަކަތަކެއްވިޔަސް އަޅުގަނޑުމެންޖެހޭނެ އެވާހަކަވެސް ކިޔަން. ގަބޫލުކުރަން. މިނިވަންކަމާއެކު ޚިޔާލުފާޅުކުރުން އެއީ އިންސާނީ ޙައްޤެއް. އެއީވެސް އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަރަށްބޮޑު ކުރިއެރުމެއް.

މީގެއިތުރުން، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް އެޅިފައި ހުރި ފިޔަވަޅުތަކާއި، ޖަލުގެ އިންތިޒާމަށް ގެނެވިފައި ހުރި ބަދަލުތަކާ، މިހެންގޮސް ދަންނަވާފައި ނުދަންނަވާނެ އެއްވެސް ކަމެއްނެތް. ވަރަށްގިނަ ކަންތައްތަކެއް މިހާރުވެސްވަނީ ކުރެވިފައި. ހާސިލުވެ ނިމިފައި. އެހެންވީމާ، ޙަޤީޤަތާ އެއްގޮތަށް ބުނާނަމަ، މިޕްރޮގްރާމަކީ ކާމިޔާބު ނޫން ޕްރޮގްރާމެކޭ ބުނެވޭކަށެއް ނޯންނާނެ.

ހަމަ އެއާއެކީގައި ދަންނަވަންޖެހޭ ވާހަކައަކީ، މިޕްރޮގްރާމްގެ އެންމެ މުހިންމު އެއްމަސައްކަތަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުރައްވާ މަސައްކަތް ކަމުގައި. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ވަރަށް ހަރުދަނާ ގޮތެއްގައި އެބަދޭ. މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެންމެ ފުރަތަމަ މިބާއްވާ ޖަލްސާއަކީ ނުރަސްމީ ޖަލްސާއެއް. އެއީ ޤާނޫނުއަސާސީ މިހާރު ޑްރާފްޓް ކުރެވިފައިވާ ހަތަރު ބާބެއްގެ މައްޗަށް ނުރަސްމީ ސިފައެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ޚިޔާލު ބަދަލުކުރެއްވުމަށްޓަކައި ބޭއްވޭ ޖަލްސާއެއް.

އެއީ، މިހާރު ޤާނޫނުއަސާސީގައި ހުންނަން ފެންނަ، ހުންނަންޖެހޭ އަސާސީ ސިފަތަކާއި އުސޫލުތައް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިވަނީ ނިންމަވާފައި. ނުނިމި އޮތީ ހަމަ އެންމެ ކަމެއް. އެއީ، ވެރިކަމުގެ ނިޒާމު އޮންނާނެ ގޮތެއް. އެގޮތް އަޅުގަނޑުމެން އެންމެންވެގެން މިނިންމަނީ މިމަހުގެ 18 ވަނަ ދުވަހު. އެހެން ހުރިހާ އަސާސީ ސިފަތަކާއި ހަމަތަކެއް މިވަނީ ޚާއްޞަ މަޖިލީހުން ނިންމަވާފައި. އެކަން އެއޮތީ ހާސިލުވެފައި. ދެން މިހާރު އޮތްކަމަކީ، މިކަންކަމުގެ މައްޗަށް ބިނާކޮށް އެކުރައްވާ ޑްރާފްޓް، ޤާނޫނު އަސާސީގެ ދެލިކޮޕީ ބަލައި އެއަށް ގެންނަން ފެންނަ އިސްލާހެއް އޮތިއްޔާ ގެނެސްގެން އެ ފާސްކުރުން. އެ މަސައްކަތް މިއަދު އެ ފަށްޓަވަނީ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވިދާޅުވެފައި މިއޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށް ޤާނޫނުއަސާސީ ފާސްކުރައްވައި ނިންމަވައި ދެއްވާނަމޭ. އެހެންވީމާ، މިއޮތީ ވަރަށް ރަނގަޅު މަރުޙަލާއަކަށް އާދެވިފައި. ދެން ކޮބައިތޯ އިޞްލާޙީ ޕްރޮގްރާމް ނާކާމިޔާބުވެފައި. އެކަންތައްތައް ކުރިއަށް ނުގޮސްފައި.

މިކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ބޭނުންވާ ވަރަށް ގިނަ ޤާނޫނުތައްވެސް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިގެން މިހާރުވަނީ ފާސްވެ ނިމިފައި. އޭގެތެރެއިން، މަގުޗާޓުގައި ހިމެނޭ ބިލްތަކުގެ ތެރެއިން ތިން ބިލެއް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކުރައްވައި ނިންމަވާ ދެއްވާފައި. އެއީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އޮޑިޓް ޤާނޫނުގެ ބިލާއި، ސިވިލް ސަރވިސްގެ ބިލް.

އިޞްލާޙީ އެޖެންޑާގައި ހިމެނޭ 11 ބިލެއް މިހާރުވެސްވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. މާނައަކީ، ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައި، މައްސަލަ އެ އޮތީ ކަމާބެހޭ ފަރާތާ ހަވާލުކޮށްފައޭ. އެކަން އެއޮތީ ނުވެއެއްނޫން. 11 ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވީމާ އެކަން ނިމިގެންދާނެ. އޭގެތެރެއިން ބައެއް ބިލްތަކުގެ ފުރަތަމަ ކިޔުންވަނީ ނިމިފައި. ބައެއް ބިލްތަކުގެ ބަޙުސް މަރުޙަލާ ނިމިފައި. އަދި ބައެއް ބިލްތަކުގެ ބަޙުސް ކުރަން ފަށަންވެފައި. އަދި ކޮމިޓީގެ މަރުޙަލާއަށްވެސް ބައެއް ބިލްވަނީ ގޮސްފައި. އަލަށް މަޖިލީހަށް ފޮނުވަންޖެހޭ 8 ބިލެއް މިހާރުވެސް ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި. އެބިލުތައް އަދި ސަރުކާރަކަށް ނުލިބޭ. ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ހިސާބަކަށް ނާދޭ. އެހެންވީމާ، ކޮބައިތޯ ކަމެއް ނުވެފައި.

އަޅުގަނޑުމެން އިޞްލާޙީ ޕްރޮގްރާމް ނާކާމިޔާބު ވެއްޖެޔޭ ބުނާއިރު އެ ބުނެވެނީ ކީކޭތޯ ބަލަން އެބަޖެހޭ ދޮއެއްތޯ؟ އިޞްލާޙީ ޕްރޮގްރާމަކީ ހަމައެކަނި ވަކި މީހެއްގެ ޕްރޮގްރާމެއް ނޫން. އެއީ ރާއްޖޭގެ ރައީސްގެ ޕްރޮގްރާމެއް ނޫން. ހަމައެކަނި ދިވެހި ސަރުކާރުގެ ޕްރޮގްރާމެއްނޫން. އެއީ ދިވެހި ރައްޔިތުންގެ ޕްރޮގްރާމެއް. މިކަމުގައި ހިމެނޭ ވަރަށްގިނަ ފަރާތްތަކެއް އެބަހުރި. ސަރުކާރުގެ ހުރިހާ ދާއިރާތައް ހިމެނޭ. ހުރިހާ މިނިސްޓްރީތަކެއް ހިމެނޭ. އޭގެއިތުރުން، ރައްޔިތުންގެ މަޖިލިސް ހިމެނޭ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް ހިމެނޭ. އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައް ހިމެނޭ. ރާއްޖޭގެ ރައްޔިތުން ހިމެނޭ. އެހެންވީމާ، މިޕްރޮގްރާމް ނާކާމިޔާބުވެއްޖެޔޭ ބުނީމާ އޭގެ މާނައަކީ، މިހުރިހާ ފަރާތްތަކެއް ނާކާމިޔާބުވީއޭ. ސަރުކާރުގެ ހުރިހާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ސިޔާސީ ޕާޓީތަކާއި، ރައްޔިތު އެންމެން ނާކާމިޔާބުވީއޭ. އެމީހުން ކުރަންޖެހުނު މަސައްކަތް ނުކުރެވުނީއޭ. އެއީ އެ ބުނެވޭ އެއްޗަކީ.

އެކަމަކު އެއީ ޙަޤީޤަތެއްތޯއޭ އަޅުގަނޑު މިދަންނަވަނީ. އެއީ ޙަޤީޤަތެއްނޫން. މިހިރީ ކަންތައްތައް ކުރެވިފައި. ކޮންމެ މީހަކުވެސް އެމީހަކު އަދާކުރަންޖެހޭ ވާޖިބާއި، މަސްއޫލިއްޔަތު އަދާކުރުމުގައި އެމީހާއަށް ކަންތައް ކުރެވެނީ ކިހިނެއްތޯ، ކުރެވިފައި ހުރީ ކިހާވަރަކަށްތޯ ބަލަންއެބަޖެހޭ ދޮއެއްތޯ. މަޖިލީހުގެ މެންބަރަކަށް ވަންޏާ އެމަޖިލީހަށް ޙާޟިރުވާންޖެހޭ. މަޖިލީހުގައި ވާހަކަދައްކަންޖެހޭ. މަޖިލީހުގައި ވޯޓުދޭންޖެހޭ.

އަޅުގަނޑުމެން ވިސްނާލަމާތޯ! އަޅުގަނޑަކީ މެންބަރުންނެއްނޫން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެތަނަށް ވަޑައިގެންނެވި ބޭފުޅުން، ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލައްވަންވީ ނޫންތޯ! ތިމަންނައަށް ކިތައްފަހަރު މަޖިލީހަށް ޙާޟިރު ވެވުނުތޯ! ތިމަންނައަށް ކިތައްދުވަހު މަޖިލީހުގައި ވާހަކަ ދެއްކުނުތޯ! އަދި ތިމަންނަގެ މަގާމުގެ ހައިސިއްޔަތުން ވާހަކަދައްކަންޖެހޭ މީހަކުކަމަށްވަންޏާ އަދި މާބޮޑަށް ވިސްނަންޖެހޭ ދޮއެއްތޯ. ކިތައްދުވަހު މަޖިލީހަށް ދިޔައިންތޯ! ކިތައްދުވަހު މަޖިލީހުގައި ވާހަކަދެއްކިންތޯ! ކިތައްދުވަހު ވޯޓުދިނިންތޯ.! ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް ކުރާ ކަންތަކާ ދޭތެރޭގައި މިހެން ވިސްނާލާނަމަ އަޅުގަނޑުމެންނަށް މިކަހަލަ ވާހަކަތަކެއް ނީވޭނެ ދޮގެއްތޯ.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ހަމަ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި މަޢުލޫމާތު އޮޅުން ފިލަންޖެހޭނެއޭ. އެހެން މިދެންނެވީ، މިޒަމާނަކީ، މަޢުލޫމާތެއް ފޮރުވާ ޒަމާނެއްނޫން. މަޢުލޫމާތު އެނގުމަކީ ރައްޔިތުންގެ ޙައްޤެއް. ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އެނގެންޖެހޭނެ. އެހެންވީމާ، މި ޖަލްސާގެ ބާވަތުން އަޅުގަނޑު ދެން މިހާތަނަށް މިވާހަކަ ކުރުކޮށްލިޔަސް، މިކަމާބެހޭ ތަފާތު ވަރަށްގިނަ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް އަރުވާނެ. ކަންތައްތައް ވަމުން ގޮސްފައި އޮތީ ކިހިނެއްތޯ، ކިހާ ކަމެއްތޯ ކުރެވުނީ، ކޮންކަމެއްތޯ ނުކުރެވި އޮތީ، ނުކުރެވި އޮތީ ކޮންތަނެއްގައި ކިހިނެއްވެގެންތޯ! އެހުރިހާ މަޢުލޫމާތެއް އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދިވެހިރައްޔިތުންނަށްދޭނެ. ދިނީމަ ތިޔަހުރިހާ ބޭފުޅުންނަށްވެސް، އަދި ދިވެހިރައްޔިތުންގެ އެންމެންނަށްވެސް، މިކަން ވަމުންދާގޮތް އެނގޭނެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިޞްލާޙީ ޕްރޮގްރާމް ހުއްޓުމަކަށް ނާދެއޭ. އިޞްލާޙީ ޕްރޮގްރާމް ދަނީ ހިނގަމުންނޭ. އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު، އިޞްލާޙީ ޕްރޮގްރާމް ވަރަށް ފުރިހަމައަށް ނިމިގެންދާނެއޭ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވިދާޅުވެފައި އޮތްގޮތަށް ޤާނޫނުއަސާސީވެސް މިއަހަރުގެ ނޮވެމްބަރު 30އަށް ނިމިގެންދާނެއޭ. އަދި މިއަންނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރިހާ ޕާޓީތަކެއް ވާދަކުރާ ރިޔާސީ އިންތިޚާބެއް ބޭއްވޭނެއޭ. އެހުރިހާ ކަމެއް ފުރިހަމަވެ ނިމުމުން އެއޮތީ ސިޔާސީ އިޞްލާޙީ ޕްރޮގްރާމް ފުރިހަމަވެ ނިމިފައޭ. އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅުން އެކަން އެހެންވާނެ. އެހެންވީމާ، މިފުރުޞަތުގައިވެސް ތިޔަ ހުރިހާ ބޭފުޅުންގެ މަޢުލޫމާތަށާއި، އަދި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު މިވާހަކަ މިދަންނަވާލީ.

އާދެ! އަޅުގަނޑު އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. ހެޔޮބަސް ބުނުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ތެދުބުނުމުގެ ތައުފީޤު ދެއްވުން. ކަންހިނގަމުންދާގޮތް އަމާނާތްތެރިކަމާއެކީގައި ބަޔާންކޮށްދިނުމުގެ ތައުފީޤު މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން. އަދި ދިވެހި ރައްޔިތުންނަކީ، ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައި އެކަލާނގެ ބަރަކާތް ލައްވައި، ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ތިމާވެށްޓަށް، ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރެވެން އޮތް މަސައްކަތްތައް ކުރުމުގައި މާތްﷲގެ ވާތްގާއި މަދަދު އަޅުގަނޑުމެންނާ އެކުގައިވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ފައިދާ، މާތްﷲ ދިވެހި ރައްޔިތުންނަށް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه