بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އަޅުގަނޑު ކުރަމުން މިގެންދާ ޒިޔާރަތުގައި، މިވަގުތު އަޅުގަނޑު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި އާދެ! ތުޅާދޫގައި. ތުޅާދުއަށް އައުމާއެކީގައި، ތުޅާދޫގެ ލޮބުވެތި ވެރިންނާއި، ރައްޔިތުންނާއި، ސްކޫލްކުދިންނާއި، ސަރުކާރުގެ ދާއިރާތަކުގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމުކޮށް ދަންނަވަންޏާ ރަށުގެ ކުދިބޮޑު އެންމެން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމާ ގުޅިގެން، ދެ ވާހަކައެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އޭގެތެރެއިން އެއް ވާހަކައަކީ، ތުޅާދޫ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ދިވެހި ދިދަ ހިއްޕަވައިގެން ތިއްބެވި ތަން ފެނުމުން އަޅުގަނޑަށް އިޙްސާސްކުރެވުނު އުފަލުގެ ވާހަކަ.

ޝައްކެއްނެތް. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންގެ ފަޚުރަކީ ދިވެހިންގެ ބަޔަކަށް ވީކަން. ދިވެހިންނަކީ، ޒަމާނުއްސުރެ ވަރަށް މުއްސަނދި ތާރީޚެއް އަދި ސަޤާފަތެއް އޮތް ބައެއް. ދިވެހިންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއް. އަޅުގަނޑުމެންގެ މި ޤައުމީ ޝަރަފު ރަމްޒުކޮށްދޭ އެއްޗަކީ އަޅުގަނޑުމެންގެ ދިދަ. އެހެންކަމުން، ތުޅާދޫގެ ވަރަށްގިނަ ލޮބުވެތި ރައްޔިތުން، ބޮޑެތި މީހުންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ފިރިހެނުން، ދިވެހި ދިދަ ހިފައިގެން ތިބިތަން ފެނުމުން އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް އުފާވި ވާހަކައާއި، އެކަމަށްޓަކައި ތުޅާދޫ ރައްޔިތުންނަށް ޝުކުރުދަންނަވާ ވާހަކަ ހަމަ ދަންނަވާލަން ބޭނުންވޭ.

އާދެ! ޤައުމީ ދިދައިގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، ޤައުމީ ދިދައަށްވުރެ އިސްކަންދެވޭ އެހެން ދިދައެއް ހުރެގެނެއް ނުވާނެކަން. ޤައުމީ ދިދައަށް ވުރެ ބޮޑުކޮށް ނެގިފައި ހުންނަ، ޤައުމީ ދިދައަށްވުރެ އުހަށް ނެގިފައި ހުންނަ، އެހެން އެއްވެސް ދިދައެއް ދިވެހިރާއްޖެއަކު ހުރެގެނެއްނުވާނެ. އެއީ، ރާއްޖޭގެ އިސްތިޤްލާލާއި، ސިޔާދަތާއި، ޤައުމިއްޔަތު ރަމްޒުކޮށްދޭ އެއްޗަކީ ދިވެހި ދިދަ ކަމަށްވާތީ. މިނުކުތާއަށްވެސް، ތުޅާދޫ ރައްޔިތުން ވިސްނާ ވަޑައިގަތުން އަޅުގަނޑު އެދޭތީ މިވާހަކަވެސް ދަންނަވާލީ.

ދެވަނަ ވާހަކައަކަށް ދަންނަވާލަން ބޭނުންވީ، ތުޅާދޫ ރައްޔިތުން ވިދާޅުވި މަރުޙަބާގެ ތެރޭގައި އަޅުގަނޑަށް ތާއީދުކުރެއްވުމުގެ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރައްވާފައިވާތީ އެކަމަށްޓަކައިވެސް އުފާކޮށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާ ވާހަކަ.

އާދެ! ތިޔަބޭފުޅުން ވިދާޅުވި މަރުޙަބާގައި، ވަރަށްގިނަ ޢަދަދެއްގެ މީހުން ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑަށް ތާއީދުކޮށްދެއްވާނެ ވާހަކައާއި، އަޅުގަނޑު މިމަގާމުގައި ހުންނަން ބޭނުންވާ ވާހަކަ ވިދާޅުވި. އެކަމަށްޓަކައި އެހެން ވިދާޅުވި ހުރިހާ ބޭފުޅުންނަށާއި، އެކަމަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. މިއީ އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން ތުޅާދުއަށް އަންނަ ހަތަރުވަނަ ފަހަރު. މީގެކުރިން، އެންމެ ފަހުން އަޅުގަނޑަށް އާދެވިފައިވަނީ، 1998 ވަނަ އަހަރުގެ އޯގަސްޓް މަހު 24 ވަނަ ދުވަހު.

ތުޅާދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ދެންމެ ތުޅާދޫ ބޮޑުކަތީބު އަލްފާޟިލް ޢުޘްމާނު ޢަލީގެ ވާހަކަފުޅުގައި ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި. އެވާހަކަތައް އަޅުގަނޑު އިނީ ކަނުލައި އަޑުއަހަން. އަދި އޭނާ އެވިދާޅުވި ވާހަކަފުޅުތަކަކީ ޙަޤީޤީ ވާހަކަފުޅުތަކެއްކަން އަޅުގަނޑަށް ހަމަ ޤަބޫލުކުރެވޭ.

ޝައްކެއްނެތް. ތުޅާދުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްދައްޗަކީ ބިމުގެ ދަތިކަން. ގޯތި ދޭނެ ބިން ނެތުން. ތުޅާދުއަށްވަނީ އިތުރަށް ބިން ބޭނުންވެފައި. ތުޅާދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީވެސް، ވަރަށް ނުރައްކާތެރި ވަރަށް ބޮޑު މައްސަލައެއް. މިކަންކަމަށް ޙައްލު ހޯދުމަކީ ހަމަ މިހާރުވެސް ބޭނުންވެފައިވާ ކަންތައްތައް.

އޭގެއިތުރުން، ރާއްޖޭގެ އެހެން ރަށްރަށަށްވެސް ބޭނުންވެފައިވާ ތަފާތު އަސާސީ ޚިދުމަތްތަކުގެ ވާހަކަ އޭނާގެ ވާހަކަފުޅުގައި ވިދާޅުވި. އޭގެތެރޭގައި ކަރަންޓުގެ ވާހަކަ. ނަރުދަމާގެ ނިޒާމު. ފެނުގެ ނިޒާމު. މިހެންގޮސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަފާތު ޚިދުމަތްތައް ތުޅާދުއަށްވެސް ބޭނުންވާކަމަށް އޭނާ ވިދާޅުވި. އެވެސް ހަމަ ތެދެއް. ކޮންމެ ރަށަކަށްވެސް މިކަންތައްތައް ބޭނުންވޭ. މިކަންތައްތައް ކޮށްދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދަމު.

އެހެންނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށް ކުޑަކުޑަ ރާއްޖެއެއް. އަޅުގަނޑުމެންގެ ވަސީލަތްތައް ވަރަށް މަދު. އަޅުގަނޑުމެންގެ އާމްދަނީ ލިބޭނެ ގޮތްތައްވެސް މަދު. ސަރުކާރުގެ ބަޖެޓުވެސް އޮންނަނީ ވަކިވަރަކަށް ކުޑަކުރަންޖެހިފައި. މިކަންކަން މިހެން ހުރުމާއެކީގައި، މިދެންނެވި އަސާސީ ޚިދުމަތްތައް ދޭން ބޭނުންވާ ފެންވަރަށް، ދޭން ބޭނުންވާހާ އަވަހަށް ހުރިހާ ރަށަކަށް ދިނުމަކީ، ވަރަށްބޮޑު މައްސަލައަކަށް ވެފައި އޮންނަ ކަމެއް. އެހެންނޫންނަމަ އެ ކަންތައްތައް ކުރުމަކީ ދަތިކަމަކަށް ނުވާނެ.

އެހެންވީމާ، މިކަން މިހެން ހުރުމާއެކީގައި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ސަރުކާރުން މިހުރިހާ ކަމެއް ކޮށްދެންޖެހޭނެކަމާއި، އެކަންތައްތައް ކުރެވޭނީ ވަކި އުޞޫލަކުން ވަކި ހަމަޔަކުންކަމާއި، އަދި އިސްކަންދޭ ވަކި ތަރުތީބަކުންކަން ތުޅާދޫ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ކަމަށް ހީކުރަން. އެހެންނަމަވެސް، މިކަމަކީ، ސަރުކާރުގެ ވިސްނުމުގައި އޮންނާނެ ކަމެއް. އަދި އެކަން ވީ އެންމެ އަވަހަކަށް ކުރެވޭތޯވެސް ސަރުކާރުން ގަދަ އަޅާ މަސައްކަތް ކުރަމުން ގެންދާނެ ކަމެއް. އެހެންވީމާ، އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ.

އާދެ! މިރަށަކީ، ތިމާވެށީގެ ގޮތުން ވަރަށް ނުރައްކާތެރި ޙާލަތެއްގައިވާ ރަށެއް. މިދިޔަ މެއި މަހުގެ 15 އިން 17 އަށް ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ހާދިސާގެ އަސަރު މިރަށަށްވެސް ވަނީ ކޮށްފައި. އަދި ކުރިންވެސް ދެންނެވިހެން މިރަށަކީ، ރަށް ގިރުމުގެ މައްސަލަ ވަރަށް ގިނައިން ކުރިމަތިވަމުންދާ ރަށެއް. އެހެންވީމާ، ތިމާވެށީގެ ކަންތައްތަކަށް އިތުރު ސަމާލުކަމެއް އަޅުގަނޑުމެން ދޭންއެބަޖެހޭ.

ރާއްޖެއަކީ ފަސްގަނޑު ތިރި ޖަޒީރާ ޤައުމަކަށްވާތީ، އަޅުގަނޑުމެންނަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތައް ވަރަށްގިނަ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށް ދަނީ ގިރަމުން. ވަރަށް ގިނަ ރަށްރަށަށް ސުނާމީގެ ގެއްލުންތައްވެސް ވަނީ ލިބިފައި. އަދި އުދައެރުމުގެ ހާދިސާގެ ގެއްލުންތައްވެސް ވަރަށް ގިނަ ރަށްރަށަށް ދަނީ ލިބެމުން. މިކަންކަމަކީ ދުރާލާ މިކަންކަމުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަންކަން.

ކަމަކީ ވަރަށް ބޮޑު ކަމެއް. އެއީ އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރިވަރުން އަޅުގަނޑުމެންނަށް ކުރެވޭ ވަރަށްވުރެވެސް މާބޮޑު ކަމެއް. އެހެންވީމާ، ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނައުމަކީ، ސަރުކާރުން އިސްކަންދީގެން ކުރަމުން އަންނަ ކަމެއް. 1987 ވަނަ އަހަރުން ފެށިގެން، އާދެ! މީގެ 20 އަހަރު ކުރިއްސުރެ ފެށިގެން ސީދާ އަޅުގަނޑުވެސް މިއަންނަނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަ ބައިނަލްއަޤްވާމީ ޖަލްސާތަކުގައި ހުށަހަޅަމުން. ދުނިޔޭގެ ޒަޢީމުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެވޭތޯ މަސައްކަތްކުރަމުން. އ.ދގެ މަޖިލީހުގަޔާއި، ކޮމަންވެލްތުގަޔާއި، ސާކު ޤައުމުތަކުގެ ޖަލްސާގަޔާއި، އިސްލާމީ ޤައުމުތަކުގެ ޖަލްސާގަޔާއި، މިހެންގޮސް އަޅުގަނޑު ޙާޟިރުވާ ހަމަ ކޮންމެ ޖަލްސާއެއްގައިވެސް، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައިގެ ވާހަކަ ނުބުނެއެއް ނޯންނާނެ. އެ ވާހަކަ ވަރަށް އަސަރާއެކު އޮންނާނީ ދައްކާފައި. އޭގެ ސަބަބުން، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުން މިކަން މިހާރު ޤަބޫލުކުރައްވާ.

ދުނިޔެ ހޫނުވަމުން އަންނަކަމާއި، ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަކަމާއި، މޫސުމަށް ބަދަލު އަންނަކަމާއި، މިކަންކަމަކީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކުން މީގެކުރިން ޤަބޫލުކުރި ކަންކަމެއްނޫން. އަދި މިކަންކަން ވަމުން މިދަނީ އިންސާނުންގެ ފުށުންކަން އެއީވެސް، ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އޭރު ޤަބޫލުކުރަމުން އައިކަމެއްނޫން. އިންސާނުންގެ ފުށުންނޭ މިދަންނަވަނީ، އިންސާނުން ކުރިއެރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ސަބަބުން، އެކިއެކި ކާރުޚާނާތަކުންނާއި އަދި ދިރިއުޅުމުގެ އެކިއެކި ވަސީލަތްތައް ބޭނުންކުރުމުން އެ އެއްޗެތިން އަރާ ދުމާއި، ވިހަ ގޭހާއި، އޭގެ ސަބަބުން ޖައްވަށްލިބޭ ނުސާފުކަމާއި، މިހުރިހާ ކަންކަމަކީ، ދުނިޔެ އިތުރަށް ހޫނުވަމުންދިޔުމަށް، އަދި ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމަށް، އަދި މޫސުމަށް ތަފާތު ބަދަލުތައް އައުމަށް މެދުވެރިވާ ވަރަށްބޮޑު ސަބަބެއް. މިކަން ސައިންޓިފިކް ހޯދުންތަކުން މިހާރު ޔަޤީން ކުރެވިއްޖެ.

މިވާހަކަތައް 1987 ވަނަ އަހަރު އަޅުގަނޑު ފުރަތަމަ ދެއްކިއިރު ދުނިޔޭގެ ގިނަ ޤައުމުތަކުން މިކަން ގަބޫލެއް ނުކުރޭ. ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން މިވާހަކަ އައްސަވާފައެއްވެސް ނެތް. ބައެއް ބޭފުޅުން ފަހުން ވިދާޅުވިގޮތުގައި އެކަން އެބޭފުޅުންނަށް އެންމެ ފުރަތަމަ އެނގިވަޑައިގަތީވެސް އަޅުގަނޑު ދެއްކި ވާހަކައިން. އަޅުގަނޑަކީ ކާކުތޯ! ވަރަށް ކުޑަކުޑަ ޤައުމެއްގެ ވެރިޔަކަށް ހުރި މީހެއް. ތިންލައްކަ ނަފްސު ހަމަނުވާ ޤައުމެއްގެ ރައީސަކަށް ހުރި މީހެއް. ދުނިޔޭގައި އެބަހުރި އެއްހާސް މިލިޔަނަށްވުރެ ގިނަ އާބާދީ ހުންނަ ބައިވަރު ތަންތަން. އެއްހާސް މިލިއަން، ފައްސަތޭކަ މިލިއަން، ތިންސަތޭކަ މިލިއަން، ސަތޭކަ މިލިއަން، ފަންސާސް މިލިއަން މީހުން ދިރިއުޅޭ ވަރަށް މުއްސަނދި ޤައުމުތައް ދުނިޔޭގައި އެބަހުރި. އެކަމަކު އެތަންތާނގެ ވެރިންވެސް މިވާހަކަ އައްސަވާފައެއްނެތް. އަޅުގަނޑުމެންނަށް ޖެހުނީ އެންމެ ފުރަތަމަވެސް މިވާހަކަތައް ދައްކަން. އެހެންނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެކަންޏެއްނޫން، ދިވެހިރާއްޖެއާއި އަދި ދިވެހިރާއްޖެފަދަ އެހެން ކުދި ޤައުމުތަކާއި އަދި ތިމާވެށީގެ ނުރައްކާތައް ކުރިމަތިވެފައިވާ އެނޫންވެސް ޤައުމުތަކުން މިވާހަކަ ތަކުރާރުކޮށް ބައިނަލްއަޤްވާމީ ޖަލްސާތަކުގައި ދައްކައިގެން އޭގެ ނަތީޖާ މިހާރު އިރާދަކުރެއްވިއްޔާ މިދަނީ ފެންނަމުން.

މޫސުމަށް މިހާރު މިއަންނަ ބަދަލުތައް ދުނިޔެ ގަބޫލުކުރޭ. އޭގެ ސަބަބުތައްވެސް ގަބޫލުކުރޭ. ކީއްވެގެންވާ ކަމެއްކަންވެސް އެމީހުންނަށް މިހާރު ޔަޤީން ކުރެވިއްޖެ. އެހެންވީމާ، މިކަންކަން ފޫބެއްދުމަށްޓަކައި ނުވަތަ މިކަމުން ކުދި ޤައުމުތަކަށް ނުވަތަ އެނޫންވެސް ޤައުމުތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުން އެޤައުމުތައް ސަލާމާތްކުރުމަށްޓަކައި ބައިނަލްއަޤްވާމީގޮތުން މިހާރު ފިޔަވަޅު އަޅަންފަށައިފި. ވަރަށް ލަސްވެގެންނަމަވެސް މިހާރު ފިޔަވަޅު އެބައެޅޭ. އަޅާ ފިޔަވަޅަކީ، އަދި މުޅިން މިކަމަށް ހައްލެއް ހޯދޭނެ ފިޔަވަޅެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެނެއް ނުވެސް ދަންނަވަން. އެހެންނަމަވެސް، ކުރިއާ ޚިލާފަށް މިހާރު ފިޔަވަޅުތަކެއް އެޅެމުންދާތީ، އެއީވެސް މިކަމަށް ލިބުނު ކުރިއެރުމެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

އޭގެތެރެއިން އެއްކަމަކީ ކިޔޯޓޯ ޕްރޮޓޮކޯލް. ކިޔޯޓޯގެ މުޢާހަދާ. އެއީ ކުދިޤައުމުތަކުން މަސައްކަތްކޮށްގެން ކުރެވިފައިވާ މުޢާހަދާއެއް. އޭގައި މިބުނަނީ ދުނިޔޭގެ ޞިނާޢީ ޤައުމުތަކުން އެކުރާ ޞިނާޢީ މަސައްކަތްތަކުގެ ސަބަބުން، ޖައްވުގެ ތެރެއަށް އަރަމުންދާ އެކިކަހަލަ ގޭސްތައް، އެއީ ގްރީންހައުސް ގޭސްގެ ނަމުން އެކިޔޭ ގޭސްތައް މަދުކުރުން. ވަކިވަރަކަށް ހިފަހައްޓަން. އެގޮތަށް އޮތީ ފާސްވެފައި. އެކަން ބައެއް ޤައުމުތަކުން މިހާރު ކުރަމުން އެބަދޭ. އޭގެ އަސަރުވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ފެންނާނެ.

އެކަމަކު މިއީހަމަ ފުރަތަމަ ފިޔަވަޅެއް. ކިޔޯޓޯ މުޢާހަދާއަކީ، ތިމާވެށީގެ މައްސަލައަށް ފުރިހަމަ ޙައްލެއް ގެނެސްދޭނެ މުޢާހަދާއެއްނޫން. އޭގެ މައްޗަށް ބިނާކޮށް، އޭގެފަހުންވެސް ކިތަންމެ ކަންތައްތަކެއްވަނީ ކުރަންޖެހިފައި. އެހެންވީމާ، ބައިނަލްއަޤްވާމީގޮތުން ކުރިއަށްވުރެ ބޮޑަށް އެކަންތައްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުންދާ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން.

އާދެ! މިކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ރާއްޖެއަށް މިއަންނަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން. ވަރަށްބޮޑެތި ނުރައްކާތައް ކުރިމަތިވަމުން. އޭގެތެރޭގައި ރަށްގިރުން، އުދައެރުން، މޫސުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން އާދަޔާ ޚިލާފަށް ބާރަށް ވައިޖެހި، އާދަޔާޚިލާފަށް ވިއްސާރަކުރުން، މިކަންކަމަށް ޙައްލެއް ގެނެވޭނީ މުޅި އިންސާނީ މުޖްތަމަޢު، މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢު އެކުވެރިވެގެން، އެއްބާރުލައިގެން، އެއްމަޤްޞަދެއްގައި މަސައްކަތްކޮށްގެން. އެއީ، މިހާރު ބޭނުންވެފައިވާ ކަމަކީ.

އެކަން އެހެންވިޔަސް، އަދި އެކަންވުމަށް ހުރަސްތަކެއް ހުރި ނަމަވެސް، ނުވަތަ ބަޔަކު އެމަސައްކަތް ކުރަމުން ދިޔަނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް އެބަ ކުރަންޖެހޭނެ. ބޭރު ބަޔަކު ނުވަތަ ބައިނަލްއަޤްވާމީގޮތުން ފިޔަވަޅުތަކެއް އަޅަންދެން އަޅުގަނޑުމެންނަކަށް މަޑުކުރެވޭކަށްނެތް. އަޅުގަނޑުމެންނަށްވެސް ކުރެވެން ހުރި ކަންތައްތަކެއް އެބަހުރި. އެއީ އަޅުގަނޑުމެންގެ ފަރުތައް ސަލާމަތްކުރުމާއި، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ސަލާމަތްކުރުމާއި، ގަސްކެނޑުން މަދުކުރުމާއި، ވެލިގައު ނެގުން މަދުކުރުމާއި، މިކަހަލަ ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވެން އެބަހުރި. އެކަންތައްތައް ސަރުކާރުން ވަރަށް ބޮޑަށް ކުރަމުން މިގެންދަނީ. މިކަންކަމާބެހޭ އެކިއެކި ގަވާއިދުތައް ހަދާ، އެކިއެކި އެކްޝަންޕްލޭން ހަދާ، އޭގައިވާގޮތުގެމަތިން ކަންތައްކުރުމަށް މީހުންނަށް ނަސޭހަތްދީ، އިރުޝާދުދީ، މިކަން ކުރަމުން މިގެންދަނީ. އޭގެ ސަބަބުންވެސް، އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ތަފާތެއް އަޅުގަނޑުމެންނަށް ފެންނާނެ.

އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކަށްވެސް މިމަސައްކަތުގައި ބައިވެރިވެވިދާނެ. ކޮންމެ މީހެއްގެ ޙިއްޞާއަކީވެސް ހަމަ މުހިންމު ޙިއްޞާއެއް. އެ ޙިއްޞާތައް އެއްކޮށްލީމާ، އެވެގެންދާނީ ވަރަށްބޮޑު އެއްޗަކަށް. އޭގެ ނަތީޖާވެސް ރަނގަޅުވެގެންދާނެ. އެހެންވީމާ، ސަރުކާރުންވެސް، އަމިއްލަ ފަރާތްތަކުންވެސް، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށް، ޙިމާޔަތްކޮށް، އަދި ކުރިއަށް އޮތްތާނގައި ތިމާވެށީގެ މައްސަލަތަކުން އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމު ކަމެއް.

ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ސަރުކާރުން ހިންގާ ބަނދަރުހެދުމާއި، ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން މިރަށުގެ ބަނދަރުހެދުމާއި ބިންހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ. މިއަހަރުގެ ޑިސެމްބަރުގައި މަހުގައި ފެށޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. މިމަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރުވަނީ ބީލަމަށް ހުށަހެޅިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަން މާލަހެއްނުވެ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އާދެ! މިރަށަކީ، ކުރީގެ ދަތުރުތަކުގައިވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން ވަރަށް ހީވާގި، މުރާލި ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. ވަރަށް އުފެއްދުންތެރި ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. އެވާހަކަ ބޮޑުކަތީބުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. މިރަށުގެ ރައްޔިތުން ކުރައްވާ މައިގަނޑު މަސައްކަތްތަކަކީ، މަސްވެރިކަމާއި، ލިޔެލާޖެހުމާއި، ލާފެންކުރުން.

މަސްވެރިކަމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު ބައި. މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށްގިނަ މަޝްރޫޢުތަކެއްވަނީ ހިންގާފައި. އޭގެ ނަތީޖާވެސްވަނީ އަޅުގަނޑުމެންނަށް ފެނިފައި. އަޅުގަނޑުމެން ކުރިން މަސްވެރިކަން ކުރަމުން އައި ކުދިކުދި އުޅަނދު މިހާރު ފެންނާކަށްވެސްނެތް. މިހާރު އުޅަނދުތައް ބޮޑެތިވެގެންގޮސް އޭގެ ސަބަބުންވެސް ބަނދަރުތައް މިއޮންނަނީ ކުދިވެފައި. ބަނދަރު ހަދާނިމޭއިރު މިއޮންނަނީ އުޅަނދުތައް މާބޮޑެތިވެފައި. އަނެއްކާޖެހެނީ ބޮޑުކުރަން. މިއީ ތަރައްޤީގެ ސަބަބުން ދިމާވާ ކަންތައްތައް. މިއީ ގޯހެއްނޫން. މިއީ މިކަން ވާނެގޮތް. އެކަމަކު އެއީވެސް އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓަންޖެހޭނެކަމެއް. އެއީ، އަޅުގަނޑު ދާ ބައެއް ރަށްރަށުން އެބަބުނޭ މިރަށުގެ ބަނދަރު ކުޑަވެއްޖޭ. 6 އަހަރުކުރިންނޭ ބަނދަރު ހައްދަވާދެއްވީ. ދެން ބަލާލާއިރު އެއީ ތެދެއް. މިހާރު ހުންނަ ބޮޑެތި އޮޑިދޯނިފަހަރު ވެއްދޭކަށްނެތް. ވައްދައިގެން އަނބުރާލެވޭކަށްވެސްނެތް. ޖެހޭނީ ދެން ބޮޑުކުރަން. މިއީވެސް، ކުރިއަރަމުން ތަރައްޤީވަމުންދާތީ ދިމާވާ މައްސަލަތައް. އެހެންވީމާ، އެމައްސަލަތަކަށް އަޅުގަނޑުމެން ޖެހޭނެ ޙައްލު ހޯދަން.

ދަންނަވަން މިއުޅޭ ވާހަކައަކީ، ތުޅާދޫ ރައްޔިތުންނަކީ، މަސްވެރިކަމަށްވެސް ވަރަށް ކުޅަދާނަބައެކޭ. އެހެންވީމާ، އެކަންތައް ހަމަ ކުރިއަށް ގެންދަވާ، ތަރައްޤީ ކުރެއްވުމަކީ، މިރަށުގެ ރައްޔިތުންގެ ފައިދާއަށާއި، މުޅި ޤައުމުގެ ފައިދާއަށް ވަރަށް ބޭނުންވާ ކަމެކޭ.

ދެން ދަންނަވާލަންޖެހެނީ، ލިޔެލާޖެހުމާއި ލާފެންކުރުމަކީ، މިރަށުގެ މިކަމުގެ ހުނަރުވެރިން ވަރަށް މަޝްހޫރުވެފައިވާ ދެ މަސައްކަތޭ. އަތްތެރިމަސައްކަތުގެ ވަރަށް ގިނަ މަޢުރަޒުތަކުގައި މަތީވަނަ ހޯދަނީ މިރަށުގެ އެކަންކުރާ މީހުން. އެއީ، މުޅި ރާއްޖެއަށް ލިބޭ ފަޚުރެއް. މިރަށުގެ އެ ހުނަރުވެރި މަސައްކަތްތެރިން އެމަސައްކަތްކުރަނީ ވަރަށް މަތީ ފެންވަރަކަށް، ވަރަށް ރީތިކޮށް.

އެތަކެތީގެ ބޭނުން އަޅުގަނޑުވެސް ވަރަށް ގިނައިން ކުރަން. ކުރަންވެސް ޖެހޭ. އެއީ ރާއްޖޭގެ ކޮންމެވެސް އެއްޗެއް، ރާއްޖޭގެ އުފެއްދުމެއް، ބޭރު ޤައުމުތަކުގެ ވެރިންނަށް ހަދިޔާކުރުމަށްޓަކައި. އެނގިވަޑައިގަންނަވާނެ ބޭރު ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގެންފިއްޔާ އެޤައުމެއްގެ ކޮންމެވެސް އެއްޗެއް އަޅުގަނޑުމެންނަށްވެސް ހަދިޔާކުރައްވާނެ. އަޅުގަނޑުމެން ރާއްޖެއިން ބޭރަށްދާ ފަހަރުފަހަރު، ނުވަތަ އެބޭފުޅުން ރާއްޖެ ވަޑައިގަންނަވާ ފަހަރުފަހަރު، އަޅުގަނޑުމެންވެސް ރާއްޖެއިން ކޮންމެވެސް އެއްޗެއް އެބޭފުޅުންނަށް ހަދިޔާކުރަންޖެހޭ. އެއީ ބައިނަލްއަޤްވާމީގޮތުން ކުރަންއޮންނަ މުޢާމަލާތެއް. ވަރަށް ރީތި އާދައެއް.

އެގޮތަށް ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިންނަށް ދޭން އެންމެ ރަނގަޅު ހަދިޔާއަކަށް އަބަދުވެސް ވެފައި އޮންނަނީ ލާޖެހި އެއްޗެތި. އަތްތެރި މަސައްކަތުގެ އެކިއެކި އުފެއްދުންތައް. މިއީ ދުނިޔޭގެ ކުރިމަތީގައި، އަދި އެބޭފުޅުންގެ ކުރިމަތީގައި، ވަރަށް މަޤުބޫލު އެއްޗަކަށް އޮންނަނީ ވެފައި. އެހެންވީމާ، މިކަން ކުރިއަށް ގެންދިޔުމަކީ، މިރަށުގެ ރައްޔިތުންނަށްވެސް، ރާއްޖޭގެ އިޤްތިޞާދަށްވެސް، އަދި ސަރުކާރަށްވެސް ވަރަށްބޮޑު ފައިދާއެއްކުރާނެ ކަމެއް ކަމުގައި ދަންނަވާލަންޖެހޭ.

އާދެ! މިރަށުގެ ތިންބޭކަލަކަށް އަތްތެރިމަސައްކަތުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުވަނީ ސަރުކާރުން ދީފައިކަންވެސް މިފުރުޞަތުގައި އަޅުގަނޑު ހަނދާންކޮށްލަން ބޭނުން. މިތިން ބޭކަލުންނަކީ، 1993 ވަނަ އަހަރު މިރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި، ތުޅާދޫ ކަރަންކާމާގޭ އަލްފާޟިލް ޢަބްދުއްރަޙްމާން އަބޫބަކުރާއި، 1992 ވަނަ އަހަރު އިނާމު ލިބިވަޑައިގެންނެވި ތުޅާދޫ ލިޔާގޭ އަލްފާޟިލް މުޙަންމަދު އިދުރީހާއި، 1994 ވަނަ އަހަރު އިނާމު ލިބިވަޑައިގެންނެވި ތުޅާދޫ އަސުރުމާގެ އަލްފާޟިލް ޢަލީ އަޙްމަދު. މި ތިންބޭފުޅުންނަށް މިފުރުޞަތުގައިވެސް އަޅުގަނޑު ތަހުނިޔާ ދަންނަވައި، މުބާރަކުބާދީ އަދާކުރަން.

މި ރޮނގުން އުފާވެރި ޚަބަރެއް ދޭން އަޅުގަނޑު ބޭނުން. އާދެ! އެއީ ރާއްޖޭގެ އަތުމަސައްކަތާއި، އަތްތެރިމަސައްކަތުގެ އުފެއްދުންތައް ގަންނަން ލިބެން ހުންނަ މަރުކަޒެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ވާހަކަ. އެތަނަށް ކިޔާނީ "ނެޝަނަލް ހެންޑީކްރާފްޓް ސެންޓަރ." އެއީ "އަތްތެރިމަސައްކަތްތަކުގެ ޤައުމީ މަރުކަޒު." މިނަމުގައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ފަހަރެއްގައި މިމަހުތެރޭގައިވެސް، މިމަހު ފަހުކޮޅު އެމަރުކަޒު ހުޅުވިދާނެކަމުގެ މަޢުލޫމާތު އަޅުގަނޑަށްވަނީ ލިބިފައި.

މިއިން ކުރާނީ ކޮންފައިދާއެއްތޯ! މިފަދަ މަރުކަޒެއް އުފެދުނީމާ، ދިވެހި އަތްތެރިމަސައްކަތުގެ އުފެއްދުންތަން އުފައްދާ ކޮންމެ ފަރާތަކުން އުފައްދާ ތަކެތި މިމަރުކަޒަށް ގަންނަގޮތަށްވަނީ ހަމަޖެހިފައި. މިއީ، ހަނދާނީ ހަދިޔާގެ ގޮތުގައި ވިއްކޭ ތަކެތި ކަމަށްވާތީ އެތަކެތި އުފައްދާ ފެންވަރަށްވެސް އެމަރުކަޒުން ބައްލަވާނެ. މާނައަކީ، ވަރަށް ރަނގަޅު ފެންވަރަކަށް ހެދިފައި ހުންނަ އަތުމަސައްކަތާއި، އަތްތެރިމަސައްކަތްތަކުގެ އުފެއްދުންތައް އެތަނަށް ބައްލަވައިގަންނަވާނެއޭ. އަދި އެތާނގައި ވިއްކަން ބަހައްޓާފައި ހުންނާނެ. އެހެންވީމާ، އެކަން އެއީ ވިޔަފާރިއެއްގެ ގޮތުގައި އެކަންކުރާ ބަޔަކަށްވެސް އާމްދަނީ ލިބޭގޮތަށް ހަމަޖެހިގެންދާނެކަމެއް. އަޅުގަނޑަށް ހީވަނީ އެއީ، އަޅުގަނޑުމެންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތްތައް ކުރިއަށް ގެންދިޔުމަށާއި، އަދި އެމަސައްކަތްކުރާ މީހުންނަށް އިތުރު އާމްދަނީ ލިބުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއްހެން. އެހެންވީމާ، އެ ކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރެވޭނެ ވާހަކަ ދަންނަވަން.

އާދެ! ރާއްޖެއަށް މިއަންނަ ސިޔާސީ އިސްލާހީ ބަދަލުތަކުގެ ވާހަކަވެސް ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ތެދުފުޅެއް. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އޭގެތެރޭގައި، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި، ޤާނޫނު އަސާސީ އިސްލާހުކުރުމާއި، އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އުފެއްދުމާއި، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ހަރުދަނާކޮށް ފުޅާކުރުމާއި، އަދި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް ފުރިހަމަ ކުރުމާ، އެކަހަލަ ވަރަށްގިނަ މަސައްކަތްތަކެއް މިހާރު އެދަނީ ކުރެވެމުން. އޭގެ ބޭނުމަކީ، އެކަންކަމުގެ ފައިދާ ރައްޔިތުންނަށް ލިބުން. ރައްޔިތުންނަށް ސިޔާސީގޮތުން ހަރަކާތްތެރިވެވޭނެ ދާއިރާ ފުޅާކުރުން. އެންމެންގެ ޚިޔާލާއި ޝުޢޫރު އޮޅުންފިލުވައިގެން ރައްޔިތުން ބޭނުންވާގޮތަށް ދައުލަތުގެ ކަންތައްތައް ހިންގަމުން ގެންދިޔުން. ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އެހެން ޤައުމު ތަކުގައިވެސް އޮންނަފަދަ ހަރުދަނާ ސިޔާސީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުން. މިމުހިންމު ބޭނުންތަކަށްޓަކައި މިކަންތައްތައް ކުރަމުން މިގެންދަނީ.

އެކަމުގައި އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ، ޕާޓީތައް އުފެދުމަކީ ރައްޔިތުންގެ މެދުގައި ކޮންމެހެން ބައިބައިވުން އުފެދެންވީ ކަމެއް ނޫންކަން. އެއީކީ، އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް ޙަމަލާދޭން އޮތް ފުރުޞަތެއް ނޫންކަން. ތަފާތު ޚިޔާލުގެ މީހުން، ތަފާތު ސިޔާސަތުތައް ޤަބޫލުކުރާ މީހުން، ތަފާތު ޕާޓީ އުފައްދާނީ. އެއަކު މައްސަލައެއްނެތް. އެހެންނަމަވެސް، ޤައުމުގެ ކޮންމެ ފަރުދަކުވެސް އަދި ކޮންމެ ޕާޓީއަކުންވެސް ތަނުގެ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ. ތަނުގެ ގަވާއިދުތަކަށް ބޯލަނބަންޖެހޭނެ. ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި މިހުންނަނީ ޢާންމު ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށްޓަކައި. އެންމެންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި. އެންމެންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި.

އެހެންވީމާ، ޕާޓީގެ މެންބަރުންނަށްވެސް އަދި އެނޫން ބަޔަކަށްވެސް، ޤާނޫނާއި ޚިލާފުވުމުގެ ފުރުޞަތެއް ނޯންނާނެ. ޤާނޫނާ ޚިލާފަށް، ގަވާއިދާ ޚިލާފަށް ޢަމަލުކުރުމަކީ، އެމީހުންނަށް މިނިވަންކަން ލިބިގެންވާ ކަމެއްނޫން. ޙަޤީޤަތުގައި ދީމުޤްރާތީ ނިޒާމުގެ އަސާސަކީ ޤާނޫނީ ޙުކުމް. ރޫލް އޮފް ލޯ. އެންމެންގެ މައްޗަށް ޤާނޫނު ހިނގުން. އެންމެންނަކީ ޤާނޫނަށް ބޯލަނބާ ބައެއް ކަމުގައިވުން. އަދި ޤާނޫނާ ޚިލާފުވާ އެންމެންނާ ދޭތެރޭގައި ތަފާތުކުރުމެއްނެތި ފިޔަވަޅު އެޅެމުން ދިޔުން.

ދުނިޔޭގެ އެންމެ މިނިވަން ޤައުމުތަކުގައިވެސް، މިސާލެއް ދަންނަވަންޏާ އެމެރިކާ، ނުވަތަ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޔޫރަޕްގެ ޤައުމުތައް، ދީމުޤްރާޠީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތައް، އެންމެ ބޮޑަށް މިނިވަންކަން ލިބިފައިވާ ޤައުމުތައް، އެތަންތާނގެ ރައްޔިތުންވެސް އެތަންތާނގެ ޤާނޫނުތަކަށް ބޯލަނބަންޖެހޭ. އެއްވެސް ޕާޓީއަކުންވެސް އެތަންތާނގެ ޤާނޫނުތަކާ ޚިލާފަކަށް ޢަމަލެއްނުކުރެވޭނެ. އެންމެންވެސް އެހުރިހާ ޤާނޫނަކަށް ބޯލަނބަންޖެހޭނެ.

އެހެންވީމާ، މިއީ އަޅުގަނޑުމެން ދަސްކުރަންވީ ކަމެއް. ތަފާތު ޕާޓީތަކެއް ހުރުމަކީ މައްސަލައެއްނޫން. އެމީހަކު ބޭނުންވާ ޕާޓީއަކާ އެމީހަކު ގުޅުމަކީވެސް މައްސަލައެއްނޫން. އެކަމަކު ކޮންމެ މީހަކުވެސް ތަނުގެ ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ. އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ. މިއީ، ވަރަށް މުހިންމު ނުކުތާއެއް. ތުޅާދޫ ރައްޔިތުންވެސް މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާ ވަޑައިގެން، މިގޮތަށް ޢަމަލުކުރެއްވުން އެދޭތީ މިވާހަކަ ދަންނަވާލީ.

މީގެއިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކަށް ތަފާތުކަމެއް، މިދެންނެވީ، ގިނަ ދީމުޤްރާތީ ޤައުމުތަކާ ތަފާތު ވަރަށްބޮޑު ޚާއްޞިއްޔަތެއް ދިވެހިރާއްޖެއަށް ލިބިފައި އެބައޮތް. އޭގެމަތިން ދުވަހަކުވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެ. އެއީ، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާކަން. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންކަމަށްވާކަން. އަޅުގަނޑުމެން ދިވެހިންގެ ތެރެއަކު، ދިވެހި ރައްޔިތުންގެ ތެރެއަކު، އެހެންދީނަކަށް ނިސްބަތްވާ މީހަކު ނެތް. މިއީ ވަރަށް މަތިވެރި ނަސީބެއް. ވަރަށްބޮޑު އިލާހީ ނިޢުމަތެއް. މިމަތިވެރި ނަސީބަށް، މިބޮޑު އިލާހީ ނިޢުމަތަށް، އަޅުގަނޑުމެން ﷲއަށް ޝުކުރުއަދާކުރަންޖެހޭނެ. އެކަލާނގެ ޙަޟްރަތަށް އަބަދާއިއަބަދު ޝުކުރުއަދާކުރަންޖެހޭނެ. ޝުކުރުއަދާކުރުމަކީ، ޢަމަލީގޮތުން އެކަން ކުރުން. މިބޮޑު އިލާހީ ނިޢުމަތުގެ އަގު ވަޒަންކޮށް އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި އަބަދަށްމެ ދެމިތިބުން.

ދެންމެ މިޖަލްސާ ފަށްޓަވައިދެއްވި އަލްފާޟިލް މުޙަންމަދު ރަޝީދު ކިޔަވައިދެއްވި އާޔަތްތަކުގައިވެސް އެވާހަކަ އަންނަނީ. "وَﭐعْتَصِمُواْ بِحَبْلِ ﭐللَّهِ جَمِيعاً وَلاَ تَفَرَّقُواْ" "ތިޔަބައިމީހުން އެންމެން އެކުގައި، ﷲގެ ވާފަށުގައި، އެބަހީ އެކަލާނގެ ދީނުގައި ހިފަހައްޓާށޭ. އެކަމުގެ ޢިޞްމަތްތެރިކަން، އެކަމުގެ ރައްކާތެރިކަން، ލިބިގަންނާށޭ. އަދި ތިޔަބައިމީހުން ބައިބައި ނުވާށޭ." މިއީ، މާތްﷲ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ވަރަށް މަތިވެރި އެންގެވުމެއް. އަދި ކުރައްވާފައިވާ ވަރަށް ވަރުގަދަ އަމުރެއް. މިއަމުރަށް އަޅުގަނޑުމެން ކިޔަމަންވާންޖެހޭނެ.

ދުނިޔޭގެ އެހެން ދިމުޤްރާތީ ޤައުމުތަކަކީ ސައްތައިންސައްތަ އިސްލާމީ ޤައުމުތަކަށް ނުވާތީ އެމީހުން މިކަމަކަށް ސަމާލުކަމެއް ނުދޭނެ. އެކަމަކު އަޅުގަނޑުމެން ކަންތައްތައް ދަސްކުރަންވީ އެތަނަކުންނޫން. އެމީހުންވެސް ގެންގުޅޭ ރަނގަޅު އުޞޫލުތަކާއި ރަނގަޅު ހަމަތައް އަޅުގަނޑުމެން ގަބޫލުކުރަން އެންމެ ރަނގަޅު. އެކަމަކު އެމީހުން އަޅުގަނޑުމެންހެން އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ނުހިތާތީ، އެއީ އަޅުގަނޑުމެންނަށް ރީތި ގޮތަކަށް ވެގެނެއް ނުވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް ރީތިވާންވާނީ އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އުޞޫލުތައް. މާތް ހަމަތަކާއި ގަވާއިދުތައް. އެއީ، އަޅުގަނޑުމެން އިޙްތިރާމްކުރަންވީ އެއްޗަކީ. އެހެންވީމާ، މިކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، އަދި ތުޅާދޫ ރައްޔިތުންވެސް ސަމާލުކަން ދެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށްވާތީ މިވާހަކަ މިދަންނަވާލީ.

އާދެ! އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެސް ވެއްޖެކަންނޭނގެ. އަދި މިރަށުގެ ފަހުން މިއަތޮޅުގެ އެހެން ރަށަކަށްވެސް ޒިޔާރަތްކުރަންވެފައި އޮތީ. އެހެންވުމާއެކީގައި އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، ހެޔޮބަސް އަހާ އަދި ހެޔޮބަސް ގަބޫލުކުރާ ބަޔަކުކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުގެ އަބަދަށް ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި އެކަލާނގެ ލެއްވުން. އަދި ތަރައްޤީގެ މަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވައި އެކަމުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه