بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އަޅުގަނޑު ކުރަމުން މިގެންދާ ދަތުރުގައި، އެންމެފަހު މަންޒިލަކަށް މިވީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް އާދެ! ފުޅަދޫ. ފުޅަދުއަށް އައުމުން ފުޅަދޫގެ ވެރިންނާއި، ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު އަދި އިޚްލާޞްތެރި މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ފުޅަދުއަކީ، އަޅުގަނޑުގެ މިދަތުރުގެ އެންމެފަހު މަންޒިލްކަމަށް ވީހިނދު އެއީ، ޢަރަބިބަހުގެ މިސާލަކުން ދަންނަވަނީނަމަ ނިމުމުގެ ހުވަނދު ކަމުގައި ދަންނަވާލަންޖެހޭ. އާދެ! ޤުރުއާނުގެ ޢިބާރާތެއް. "خِتَامُهُ مِسْكٌ" އެކަމުގެ ނިމުންވަނީ ހުވަނދެއްގެ ސިފައިގައޭ، އެހާ މޮޅު، ރަނގަޅު، މަތިވެރި ނިމުމެކޭ.

އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިދަތުރުގެ ނިމުން މިދިޔައީ، މިކަހަލަ ގޮތަކަށޭ. ވަރަށް އުފާވެރި ގޮތަކަށޭ. އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވާތީ، މިރަށުގެ ރައްޔިތުން ރަށް ތައްޔާރު ކުރައްވާފައިވާލެއް ފުރިހަމަކަން އަޅުގަނޑަށް ފެނިފައި ހަމަ ހައިރާންވި. ވަރަށް ބޮޑަށް އަޖައިބުވި. ވަރަށް ރީތިކޮށް ރަށުތެރެ ސާފުކުރައްވައި، ދިދަ ޖައްސަވައި، ޒީނަތްތެރި ކުރައްވައި، އަދި އަޅުގަނޑުމެން ހިނގާފައި މިއައި މަގުވެސް ދޮންވެލި ލައްވައި، ވަރަށް ރީތިކޮށް ކުނި ކައްސަވައި އޮމާން ކުރައްވާފައިއޮތީ. ދެފަރާތުގައި ފަންޖައްސަވައި، ދިދަ ޖައްސަވައި ވަރަށް ބޮޑަށް ޒީނަތްތެރިކުރައްވާފައި. މިއިން މިދައްކައިދެނީ ފުޅަދޫ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުކަމަށްވާތީ އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި އަތޮޅުތަކަށާއި ރަށްރަށަށް އަޅުގަނޑު ޒިޔާރަތް ކުރާއިރު، އެރަށްރަށުގެ ރައްޔިތުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާކަށް އަޅުގަނޑު ނޭދެން. އަޅުގަނޑު ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް މިދަނީކީ، ރައްޔިތުންނަށް ދަތިކުރާކަށެއްނޫން. ރައްޔިތުންނާ ބައްދަލުކޮށް އެމީހުންގެ ހާލުއަހުވާލު އޮޅުން ފިލުވައި ތަރައްޤީގެ މަސައްކަތްތައް ހިނގަމުންދާގޮތްވެސް ބަލާލައި، ސަރުކާރުން ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތްތައް ދެމުންގެންދާގޮތްވެސް ބަލައި، އެކަންކަން އިޞްލާޙުކޮށް ރަނގަޅު ކުރަންޖެހޭނަމަ އެކަންކަން ކުރުމަށްޓަކައި. އެހެންނަމަވެސް، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމެއްގެ ބޮޑުކަމުން ތިޔަބޭފުޅުން މިމަސައްކަތްތައް ކުރެއްވީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވާ ވާހަކަ ކުރިންވެސް މިދަންނަވާލީ.

އާދެ! މިމަރުޙަބާ ވިދާޅުވުމުގައި، ތިޔަބޭފުޅުން ދިވެހި ދިދަ ވަރަށް ގިނަ އަދަދަކަށް ގެންގުޅުއްވާތީ އެކަމާވެސް ވަރަށް އުފާކުރާ ވާހަކަ ދަންނަވާލަން. ދިވެހި ދިދައަކީ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދައްކައިދޭ ރަމްޒު. އެއަށް އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ. އަދި އެއިން އަޅުގަނޑުމެންގެ ދިވެހިވަންތަކަމުގެ ޝުޢޫރު، އަޅުގަނޑުމެން އަމިއްލައަށްވެސް ފަޚުރުވެރިކަމާއެކު ހިތްތަކަށް ގެންނަންޖެހޭނެ. އެހެންވީމާ، އެއީވެސް ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ޤައުމީ ޝުޢޫރު ދައްކައިދޭ ކަމަކަށްވާތީ، އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން.

އާދެ! މިދަތުރުގައި މޫސުން ދިމާވިގޮތުން، މި އަތޮޅުގެ ބައެއް ރަށްރަށަށް މިވަނީ ކުރިން ޕްރޮގްރާމް ކުރެވިފައިވާ ގޮތަށް އަޅުގަނޑަށް ޒިޔާރަތް ނުކުރެވި. އާދެ! އެއީ ކެންދޫ، ކުޑަރިކިލު، ކަމަދޫ. މިތިން ރަށަށް ދާން ގަސްތުކޮށްގެން އިއްޔެ ނޫން އިހަށްދުވަހު ކެންދޫ ބޭރަށް އަޅުގަނޑު މަތިންދާބޯޓުގައި އައިސް ޖެއްސިންވެސްމެ. އެހެންނަމަވެސް، ކުއްލިއަކަށް އައި ވިލާގަނޑެއްގެ ގަދަކަމުން އެތާނގައިވެސް އަޅުގަނޑުމެންނަކަށް ނުތިބެވުނު. އަދި އެދުވަހުގެ ދަތުރު އެއްގޮތަކަށްވެސް ކުރެވޭ ވަރެއްނުވި. އެހެންވީމާ، ދާންޖެހުނީ އޭދަފުށްޓަށް. ދެން އޭގެ އަނެއްދުވަހަކީ، ނައިފަރު މަދްރަސަތުލް އިފްތިތާޙަށް 75 އަހަރު ފުރުމުގެ އުފާވެރި ޙަފްލާ ބާއްވާ ދުވަހަށްވާތީ، އެތަނަށް އަޅުގަނޑަށް ދާންޖެހުނީ. ދެން ދަތުރުގެ ބާކީ އޮތީ މިއަދު. މިއަދު ކުރިއްސުރެ ހަމަޖެހިފައިވާ ތިން ރަށަށް އަޅުގަނޑު މި ޒިޔާރަތްކުރީ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުޑަރިކިލު، ކެންދޫ، ކަމަދޫ ރައްޔިތުން އެއްގޮތަކަށްވެސް އެކަމާ ހިތާމަނުކުރައްވާށޭ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި ތިޔަ ތިންރަށަށް އަޅުގަނޑު ޒިޔާރަތް ކުރާނަމޭ.

އާދެ! ފުޅަދުއަށް އަޅުގަނޑަށް މީގެކުރިން ޒިޔާރަތް ކުރެވިފައިވަނީ އެންމެ ފަހަރަކު. އެއީ 1979 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު. އޭގެފަހުން، އަޅުގަނޑަކަށް އަދި މިރަށަކަށް ނާދެވޭ. އެކަމަށްޓަކައި ވަރަށްބޮޑަށް ހިތާމަކުރަން. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން އަތޮޅުތަކުގެ ހާލަތު އަޅުގަނޑު މިދަނީ ބަލަމުން. އަދި އަތޮޅުތައް ތަރައްޤީ ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިގެންދަނީ ކުރަމުން. މަސައްކަތް ހުންނަ ގޮތުންނާއެކީގައި އަޅުގަނޑު ހިތްއެދޭހާ ގިނައެއްކޮށް ހުރިހާ ރަށަކަށް ޒިޔާރަތެއް ނުކުރެވޭ. އެކަން މިރަށުގެ ރައްޔިތުންވެސް ގަބޫލު ކުރައްވާނެކަމަށް އަޅުގަނޑު ހީކުރަން.

އާދެ! ފުޅަދުއަކީ، މިއަތޮޅުގައި އޮތް އާބާދީގެ ގޮތުން ބަލާއިރު ވަރަށް މީސްކޮޅު މަދުރަށެއް. ކަތީބު ވިދާޅުވިގޮތުގައި މިރަށުގެ އާބާދީއަކީ 306. ކުޑަކުޑަ އާބާދީއެއް. އެހެންނަމަވެސް، ރަށަކީ މަސްވެރިރަށެއް. މިރަށުގެ މަސްވެރިން، ފާނަމަސްވެރިކަން ވަރަށް ރަނގަޅަށް ކުރާކަން އަޅުގަނޑަށް އެނގޭ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު އާމްދަނީ ލިބޭކަމާއި، ރަށުގެ ތަނަވަސްކަން އިތުރުވެގެންދާކަންވެސް އަޅުގަނޑަށް އެނގޭ. އެކަމަށްޓަކައި މިރަށުގެ މަސްވެރިންނަށް އަޅުގަނޑު ވަރަށް އުފަލާއެކު މަރްޙަބާ ކިޔަން.

މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަދި ރާއްޖޭގެ ކުރިމަގަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެކަން އެގޮތަށް ކުރުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަޝްރޫޢުތައް ރާވާ އެބަ ހިންގާ. އެހެންނަމަވެސް، އަސްލު މަސްވެރިންގެ ހިންމަތާއި މިންނަތަކީ އަދި މަސްވެރިންގެ ބުރަ މަސައްކަތަކީ މި ޞިނާޢަތު ކާމިޔާބު ކުރުމަށް އޮތް އެންމެ މުހިންމު ސަބަބު ކަމުގައި އަޅުގަނޑަށް ދަންނަވާލަންޖެހޭ. އެހެންވީމާ، ފުޅަދޫގެ މަސްވެރިންނާއި އަދި ރާއްޖޭގެ އެހެންރަށްރަށުގެ މަސްވެރިން އެ ކުރައްވާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީވެ ކުރިއަށްދާތީ އެކަމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވަރަށްބޮޑަށް އުފާކުރުން އެކަށީގެންވާ ކަމެއް.

އާދެ! އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ގިނައީ ކުދިކުދި ރަށްރަށް. ނުވަތަ އާބާދީގޮތުން ބަލަންޏާ މީސްކޮޅުމަދު ރަށްރަށް. އެހެން ހުންނަ ބައެއް ރަށްރަށުގައި ކުރިއަށް ދިޔުމުގެ ފުރުޞަތުތައް ކުޑަވާތީ، އަދި ތިމާވެށްޓަށް މިއަންނަ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް ދިމާވާ ނުރައްކާތެރިކަމުން ސަލާމަތްވުމުގެ މަގުވެސް ހަނިވާތީ، ސަރުކާރުން ބޭނުންވެގެން މިއުޅެނީ ކުދި ރަށްރަށުގެ މީހުން ތަންކޮޅެއް ބޮޑެތި ރަށްރަށަށް ބަދަލުކުރަން. އެމީހުންގެ އަމިއްލަ ރުހުމުގައި، އެމީހުން އެގޮތަށް ބޭނުންވެގެން. އެއްވެސް މީހަކު، އެއްވެސް ބަޔަކު، މަޖުބޫރަކުން ސަރުކާރުން އެއްރަށަކުން އަނެއް ރަށަކަށް ބަދަލެއް ނުކުރާނެ. އަމިއްލައަށް ބޭނުންވެގެން ބަދަލުވާން އެދޭމީހުން ބަދަލުވަނީ.

އެގޮތުން ދަންނަވަންއޮތީ މިއަދު ހަމަ މިހާރު އަޅުގަނޑަށް ހީވާގޮތުގައި ހއ. ހަތިފުށީ މީހުން ހަނިމާދުއަށް ބަދަލުވެދާނެ. މިއަދު ތިންގަޑި ބައިގައި ބަދަލުވާ ގޮތަށްއޮތީ. މިހާރު ހަތަރުގަޑި ސާޅީސް. މިހާރު އެމަސައްކަތް ހިނގާނެ. ނުވަތަ ހިނގައި ނިމިވެސްދާނެ. އެއީ، އެމީހުން އަމިއްލައަށް ބޭނުންވެގެން. އެއީވެސް، ވަރަށް ކުޑަކުޑަ ރަށެއް. ސުނާމީ ކާރިސާއާއި، އަދި އުދައެރުމުގެ ހާދިސާތަކުން ވަރަށް ބޮޑަށް ގެއްލުން ލިބޭތީ. އެމީހުންނަށް އެރަށުގައި ތިބެން ނުކެރިގެން، އަމިއްލައަށް އެދިގެން އެބަދަލުވަނީ. އަދި މިނޫނަސް އަމިއްލައަށް އެދިގެން ބަދަލުވާ ވަރަށްގިނަ ރަށްރަށް އެބަހުރި. އެމީހުން އެދަނީ ބިންބޮޑު ތަނަކަށް. ވަޒީފާގެ ފުރުސަތު އިތުރަށް އޮތް ތަނަކަށް. ކުރިޔަށްދިޔުމުގެ ފުރުޞަތުތައް އޮތް ތަނަކަށް. ސަރުކާރުގެ ވަސީލަތްތައް މިދެންނެވީ ތަޢުލީމު، ޞިއްޙަތު، ކަރަންޓް، މިހެންގޮސް ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ޚިދުމަތްތައް ލިބެންހުރި ތަންތަނަށް. އެގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބައްޓަން ކުރުމަކީ، ވަރަށް މުހިންމު ކަމެއް. އެހެން މިދެންނެވީ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށްރަށް މުސްތަޤްބަލްގައި އެއްފެންވަރެއްގައި ތަރައްޤީ ކުރުމަކީ އަދި އެ ހުރިހާ ރަށަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމަކީ، އަޅުގަނޑުމެންނަށް ވަރަށް ދަތިކަމަކަށްވާނެ. ކޮންމެ ރަށެއްގައި ސްކޫލް، މަދަރުސާ، މިސްކިތް، އޮފީސް، ކަރަންޓް، ބަނދަރު، މިހެންގޮސް ބޭނުންވާ ހުރިހާ ކަންތައްތަކެއް ކުރުމަކީ، ވަރަށް ބޮޑު ކަމަކަށްވެގެންދާނެ.

ހަމައެއާއެކީގައި، ކުދިކުދި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތި ހާލެއްގެ ސަބަބުން ކުއްލިއަކަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިދާނެ. އަމުދުން މިހާރު މިވާގޮތަށް އުދައެރުމާއި، ޤުދުރަތީ ބޮޑެތި ނުރައްކާތެރި ހާދިސާތައް ދިމާވުމާއި، މިކަހަލަ ކަންތައްތައް މިހެންވުމުގެ ސަބަބުން ރަށްތައް ދިފާޢުކުރުމަށްވެސް ވަރަށްބޮޑެތި ހުރަސްތަކެއް އެޅޭ. ހުރިހާ ރަށެއް ދިފާޢެއް ނުވެސް ކުރެވޭނެކަންނޭނގެ. އަޅުގަނޑުމެންގެ ވަސީލަތްތައް ހުރިގޮތުން އެކަން އެއީ ވަރަށް ދަތިކަމަކަށްވާނެ. އެހެންވީމާ، މިގޮތްގޮތުން ވިސްނާފައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތު އަޅުގަނޑުމެން މިގެންގުޅެނީ. އަދި ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން އަމިއްލައަށް އެދިގެން އެމީހުން ދިރިއުޅެމުންދާ ރަށްރަށަށްވުރެ ބޮޑެތި އަދި ތަރައްޤީގެ ފުރުސަތުތައް ތަނަވަސް ރަށްރަށަށް ބަދަލުވަމުން އެބަދޭ. މިއީ ހުރިހާ ރައްޔިތުންވެސް ވިސްނެވުން މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

މިރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލަފާފުރުމުގެ ދަތިކަމުގެ މައްސަލަ. ޙަޤީޤަތުގައި މިއީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދިމާވެފައިއޮތްކަމެއް. އެ ދަތިކަން ފިލުވައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން މިގެންދަނީ ކުރަމުން. ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މިހިންގާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ފުޅަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އިރާދުކުރެއްވިއްޔާ އަންނަ އަހަރު ފެށޭނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ސަރުކާރުން ދޭ ޢާންމު ޚިދުމަތުގެ އިނާމު މިރަށުގެ ބޭފުޅަކަށް ލިބިވަޑައިގެންފައިވާތީ އެ ބޭފުޅެއްގެ ނަން އަޅުގަނޑު ހަނދާންކޮށްލަން ބޭނުންވޭ. އާދެ! އެބޭފުޅަކީ، މުނިފޫހިފިލުވުމުގެ ދާއިރާއިން ލަވަކިޔުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 2005 ވަނަ އަހަރު ލިބިވަޑައިގެންފައިވާ މިރަށު އުދަރެސް އަލްފާޟިލް ޢަބްދުލްބާރީ އަބޫބަކުރު. އޭނާއަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން ލަވަކިޔުމުގެ ރޮނގުން ވަރަށް މަޝްހޫރު ބޭފުޅެއް. އެހެންވީމާ، މިމުނާސަބަތުގައި އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެން. ހަމަ އެހެންމެ، އޭނާއަކީ މިރަށުގެ ރައްޔިތަކަށްވާތީ މިރަށުގެ ރައްޔިތުންނަށްވެސް މިމުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ! ކުރިންވެސް ދެންނެވިފަދައިން މިއީ، އަޅުގަނޑު މިދަތުރުގައި ޒިޔާރަތްކުރާ އެންމެ ފަހު ރަށްކަމަށްވާތީ، އަތޮޅުތަކުގެ ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރުއަދާކޮށްލަން ބޭނުންވޭ. އެގޮތުން މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭނާއަކީ މިމަގާމާ ދާދިފަހުން ހަވާލުވެ ވަޑައިގެންނެވި ބޭފުޅެއް. އެހެންނަމަވެސް، މީގެކުރިން އެވުޒާރާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އަތޮޅުތަކުގެ ކަންތައް ދެނެވަޑައިގަންނަވާ ތަޖުރިބާ ހުރި ބޭފުޅެއް. އަދި އޭނާ ކުރިން ހިންގަވަމުން ގެންދެވި ވުޒާރާ، ވަރަށް ޤާބިލްގޮތެއްގައި، ވަރަށް ރަނގަޅަށް ހިންގަވައިދެއްވި ބޭފުޅެއް. އެހެންވީމާ، އޭނާ އެ މަގާމުގައި ހުންނަވައިގެން މިރަށަށާއި، މިއަތޮޅަށާއި، މުޅި ރާއްޖެއަށް ވަރަށްބޮޑު ޚިދުމަތްތަކެއް ކޮށްދެއްވާނެކަން އަޅުގަނޑަށް އެނގޭތީ، އެކަމާ ވަރަށްބޮޑަށް އުފާކޮށް އޭނާއަށް ހުރިހާވެސް ކާމިޔާބީއަކަށް އަޅުގަނޑު އެދެން.

އާދެ! އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީގެ ކުރިން އެމަގާމު ފުރުއްވި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށްވެސް މި ފުރުސަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ވަރަށް ކުރު މުއްދަތެއްގައި އޭނާ އެ ވުޒާރާގެ ވަޒީރަކަށް ހުންނެވީ. އެހެންނަމަވެސް، އެ ހުންނެވި ކުރު މުއްދަތުގެ ތެރޭގައި ވަރަށްގިނަ އަތޮޅުތަކަށާއި، ރަށްރަށަށް ޒިޔާރަތް ކުރައްވައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ. ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވޭ. ވަރަށްގިނަ ކަންތައްތަކެއް ފަށްޓަވާފައި އެބަހުރި. އެހެންވީމާ، މިކަން ހަނދާންކޮށް އެމަނިކުފާނު އަތޮޅުތަކުގެ ތަރައްޤީއަށް އެކޮށްދެއްވި މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެން ދަންނަވާލަން އޮތީ ވަރަށް ދިގު މުއްދަތެއް ވަންދެން މިވުޒާރާ ބެލެހެއްޓެވި ބޭފުޅެއްގެ ވާހަކަ. އާދެ! އަޅުގަނޑުމެންނާއެކީގައި ވަޑައިގެން އެބަ އިންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. ޢަބްދުﷲ ޙަމީދަކީ ވަރަށް ދިގު މުއްދަތެއް ވަންދެން އަތޮޅުތަކާބެހޭ ވުޒާރާ ހިންގަވައިދެއްވި މިނިސްޓަރު. ވަރަށް ޤާބިލުކަމާއި ވަރަށް އިޚްލާޞްތެރިކަމާއެކީގައި ހިންގަވައިދެއްވި ބޭފުޅެއް. ރާއްޖޭގެ ހުރިހާ ދިމާއަކަށް ދަތުރުކުރައްވާ، ހުރިހާ ރަށްރަށަކަށް އެތައް ފަހަރަކު ވަޑައިގެން ރަށްރަށުގެ ހާލުއަހުވާލު ރަނގަޅަށް ދެނެވަޑައިގަންނަވާ، ވަރަށް ފަރުވާތެރިކަމާއި މުރާލިކަމާއެކީގައި އެ ވުޒާރާ ހިންގަވައި ދެއްވި ބޭފުޅެއް. އެމަނިކުފާނުގެ ޚިދުމަތްތައް އަޅުގަނޑު ދާ ކޮންމެ ތާކުންވެސް ފެންނަން އެބަހުރި. އެހެންވީމާ، މިފުރުޞަތުގައި އެމަނިކުފާނަށްވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ އިތުރުން، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް ނުވަތަ ކުރިން ކިޔާގޮތުގައިވިއްޔާ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ހިންގަވައިދެއްވި އެހެން ބައެއް މިނިސްޓަރުންވެސް އެބަތިއްބެވި. އެބޭފުޅުންގެ ނަންފުޅުތައް މި ކުޑަކުޑަ ފުރުސަތުގެ ތެރޭގައި އަޅުގަނޑު ނުދެންނެވި ނަމަވެސް، އެވުޒާރާ ހިންގަވައިދެއްވި ހުރިހާ ބޭފުޅުންވެސް، އެބޭފުޅެއްގެ ދައުރުގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށްޓަކައި ޖުމްލަ ގޮތެއްގައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ބައިބައިވުމާއި، ވަކިވަކިވެގަތުމާއި، ފިތުނަ ފަސާދައިގެ ފުރުޞަތުތައް އަޅުގަނޑުމެންގެ ތެރެއިން ނެތިކުރައްވައި، އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން، އަޚުންތަކެއް ކަމަށްވުމުގެ ތައުފީޤާއި ވިސްނުން، މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންނަކީ އަބަދުވެސް އެކުވެރި، އެއްބައިވަންތަ، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ދެމިތިބުމުގެ ވިސްނުމާއި، ޚިޔާލާއި، އެކަމުގެ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަދި ތަރައްޤީގެ މަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه