بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ކޯ-ފައުންޑަރުން، ޗެއަރ ޕަރސަން ޑޮކްޓަރ އަސީލް ޖަލީލް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

މިރޭ އަޅުގަނޑުމެން މި ތަނަށް އެއްވެ މިތިބީ، ވަރަށް މާތް އަދި އެހާމެ މަތިވެރި ޚިދުމަތްތަކެއްގެ ހަނދާން އައުކުރަން. އާދެ! ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން. މިއުފާވެރި މުނާސަބަތުގައި މި ޖަމްޢިއްޔާގެ ފައުންޑަރުންނަށާއި ހުރިހާ މެމްބަރުންނަށް، އަދި މި ޖަމްޢިއްޔާއިން ޚިދުމަތް ހޯދާ ހުރިހާ ކުދިންނަށާއި ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.

ޓައިނީ ހާރޓްސްއަކީ އިންސާނިއްޔަތަށްޓަކައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރާ ޖަމްޢިއްޔާއެއް. އަޅުގަނޑު ހިތުން، އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށްވުރެ ވަކިން ޝަރަފުވެރި މަސައްކަތެއް ނެތް. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ތެރެއިންވެސް، ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ކުރެވޭ މަސައްކަތަކީ، ވަކީން އަގުބޮޑު ފަޚުރުވެރި މަސައްކަތެއް.

ބައެއް ކުދިން އުފަންވާއިރު، ހިތުގެ ބަލި ހުރުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނަ ކަމެއް. ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ ކަމެއް. ރާއްޖޭގައިވެސް ކިތަންމެ ކުދީންނަކަށް އެ މައްސަލަ ކުރިމަތިވެފައި އެބަހުރި. އެފަދަ ބަލިތަކުގައި މިރާއްޖޭގެ ކިތަންމެ ކުދިންނެއްގެ ފުރާނަވެސް ގެއްލިއްޖެ.

ނަމަވެސް، މީގެ 10 އަހަރު ކުރިން، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އުފެދުމާ ހަމައަށް، އެ މައްސަލައަށް، ރާއްޖޭގައި ސަމާލުކަން ދެވިފައެއް ނެތް. ލޯބިލޯބި ތުއްތު ދަރިފުޅު، މަންމައާއި ބައްޕަގެ އަތްދަނޑިމަތީގައި އޮވެ ފުރާނަ ދާއިރުވެސް، މިވަނީ ކީއްކަމެއް ގިނަ މީހުންނަކަށް އޭރަކު ނޭނގެ. އެކަމުގެ ސިއްރު ހޯދާކަށްވެސް ނޫޅެ.

އެ ޙާލަތު މެދުވެރިވަނީ، ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން، ގިނަ ދިވެހީންނަށް އެނގުނީ ވެސް، މި ޖަމްޢިއްޔާ އުފެދުނު ފަހުން. އެ ބައްޔާ މެދު ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ނަމުގައި މި ޖަމްޢިއްޔާ އުފައްދައިގެން ކުރި މަސައްކަތުން.

މިއީ ކޮން ބައްޔެއް ކަމާއި، މި ބަލީގެ ފަރުވާތަކާ ބެހޭގޮތުން، ޢާންމު ރައްޔިތުން ހޭލުންތެރިވެގެން ދިޔައީވެސް، ހަމަ މި ޖަމްޢިއްޔާގެ ފައުންޑަރުންނާއި މެމްބަރުންގެ ބުރަ އަދި ހީވާގި މަސައްކަތުން. އެހެންކަމުން، މި ޖަމްޢިއްޔާގެ ފައުންޑަރުން ކަމަށްވާ ޢަލީ މުޢާޒާއި ފާޠިމަތު ހިޝްމަތު ފާއިޒަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މި ޖަމްޢިއްޔާގެ ފެށުމަކީ، މުޢާޒާއި ހިޝްމަތަށް ލިބުނު އަލަތު ފިރިހެން ދަރިފުޅު، އާދެ، ކިޔާން، އެންމެ ދެ މަހާއި ބައިގެ ތެރޭގައި މި ދުނިޔެ ދޫކުރުން. އެއީ ތަޙައްމަލްކުރަން ދަތި ވަރަށް ފުން ހިތާމައެއް. ނަމަވެސް އެ ހިތްދަތިކަމުގައި، ކަރުނައިގެ އަސާގަނޑު ވިއްދަމުން، މުޢާޒާއި ހިޝްމަތު ތެދުވެ އެ ދެއްކި ހިތްވަރަކީ، މުޅި ޤައުމު އެކަމުގެ އަގުވަޒަންކުރުން ޙައްޤު ނަމޫނާ ހިތްވަރެއް.

އެ ދެމަފިރިންގެ ހިތްވަރުގެ ކާމިޔާބީއަކީ، އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވުން. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މުޢާޒާއި ހިޝްމަތުގެ އެ އިސްނެގުމަކީ، އެންމެހައި ދިވެހީންނަށްޓަކައި ފެށްޓެވި ވަރަށް އަގުހުރި ޤައުމީ ޚިދުމަތެއް.

ޓައިނީ ހާރޓްސްގެ ޚިދުމަތުގެ ކާމިޔާބީ ފާހަގަކުރަނީ ހަމައެކަނި މިރާއްޖެއަކު ނޫން. ވޯލްޑް ހާރޓް ފެޑެރޭޝަންގެ މެމްބަރުކަން، 2017 ވަނަ އަހަރު ރާއްޖޭގެ ޓައިނީ ހާރޓްސްއަށް ލިބުމަކީ، އަޅުގަނޑުމެން އެންމެންނަށް، އާދެ، މުޅި ޤައުމަށް ލިބިގެންދިޔަ ޝަރަފެއް. އެކާމިޔާބީގެ އަގު މި ސަރުކާރުން ވަޒަންކުރަނީ، ރާއްޖޭގެ މުޅި ޞިއްޙީ ނިޒާމަށް ލިބުނު ކާމިޔާބެއްކަމަށް ދެކިގެން.

ހިތާއި ލޭނާރުތަކުގެ ބައްޔާ ދެކޮޅަށް، އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަނީ ވޯލްޑް ހާރޓް ފެޑެރޭޝަނުން. ނަމަވެސް، އުފެދުމުގައި ހިތުގެ ބަލި ހުންނަ ތުއްތު ކުދީންނާއި، އެ ކުދީންގެ ހިތުގެ ދުޅަހެޔޮކަމަށް ދޭންޖެހޭ ސަމާލުކަން، އެޖަމްޢިއްޔާގެ މަސައްކަތުގެ ތެރެއަށް އިތުރުވެގެން ދިޔައީ، ޓައިނީ ހާރޓްސް ސަބަބުން. މިއީވެސް މި ޖަމްޢިއްޔާގެ ކާމިޔާބީއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ކަމެއް.

އަދިވެސް، މި ޖަމްޢިއްޔާއިން ޙާޞިލްކޮށްފައިވާ ރަން މެޑެއްޔެއް އަޅުގަނޑު ފާހަގަކޮށްލާނަން. ބައިނަލްއަޤްވާމީ އެއްވެސް ޖަމްޢިއްޔާއެއްގެ ވެބްސައިޓުގައި، ދިވެހި ބަހުން ހުރި ލިޔުމެއް އަދި އަޅުގަނޑުމެން ނުދެކެން. ނަމަވެސް، މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް، ވޯލްޑް ހާރޓް ފެޑެރޭޝަނުން ތައްޔާރުކޮށްފައިވާ، ހޭލުންތެރިކުރުމުގެ ލިޔުންތައް އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ދިވެހި ބަހުން ހިމަނާފައި އެބަހުރި.

ދިވެއްސަކަށްވީތީ، މިއީ ހަމަގައިމުވެސް އަޅުގަނޑު ފަޚުރުވެރިވާ ކަމެއް. މި ދެންނެވި ލިޔުންތައް އެ ވެބްސައިޓްގައި ހިމަނާފައިވަނީ، ޓައިނީ ހާރޓްސްގެ އެހީތެރިކަމާއެކު، ދިވެހި ބަހަށް ތަރުޖަމާކޮށްގެން. މިއީ ވެސް ޓައިނީ ހާރޓްސްގެ ޚިދުމަތް، ދުވަހުން ދުވަހަށް ފުޅާވެ ކުރިއަރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް.

ހަށިހެޔޮ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ މައިގަނޑު ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދު. އެކަމުގެ ބިންގަލަކީ، ޅަފަތުގެ ޞިއްޙަތު ރައްކާތެރިކޮށްދިނުން. ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންގެ ހިތުގެ ދުޅަހެޔޮކަމަށް، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، މި ޖަމްޢިއްޔާއިން ހިންގާ ޕްރޮގްރާމަކީ، މިދެންނެވި ވަޢުދު ފުއްދުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް.

އޭގެ އިތުރުން، ސްކޫލްތަކުގައި ހިންގާ ކަސްރަތު ޕްރޮގްރާމްތައް ރާވައި ހަރުދަނާކަމާއެކު ހިންގުމަށް، ޓައިނީ ހާރޓްސްއިން ދޭ އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން. ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ޙަރަކާތްތެރި ދިރިއުޅުމަށް ބާރުއެޅުމަށް، އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ހިންގާ މިފަދަ ކޮންމެ ޙަރަކާތަކަށް ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ.

ޤައުމެއްގައި ޞިއްޙީ ނިޒާމެއް އޮތުމުގެ ބޭނުމަކީ، ބަލިވުމުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން އެކަންޏެއް ނޫން. ޞިއްޙީ ނިޒާމެއްގެ ބޭނުމަކީ، އިންސާނާގެ ޞިއްޙަތު ސަލާމަތްކުރުން. އެކަމުގެ ފެށުމަކީ، އެބައެއްގެ ތެރޭގައި ފެތުރޭ ބަލިތަކާއި ރޯގާތަކާ މެދު ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުން.

ތުއްތު ކުދިން އުފަންވާއިރު، ކުރިމަތިވާ ހިތުގެ މައްސަލަތަކަކީވެސް، ރާއްޖޭގެ ނިސްބަތުން ބަލާއިރު، ޞިއްޙީ ބޮޑު މައްސަލައެއް. އެފަދަ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ހިމަނާފައިވާ ކަމެއް.

އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަކީ، އަލަތު ދަރިފުޅު ލިބޭ ދެމަފިރިންނަށް އެކަނި އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެއް. ވަރަށް ގިނަ ޚަރަދު ހިނގާ ކަމެއް. ނަމަވެސް ހިތާމައަކީ، ޞިއްޙީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، އެފަދަ ކުދީންނަށް ފަރުވާކުރެވޭނެ އިންތިޒާމެއް، މިދިޔަ އަހަރުތަކުގައިވެސް ހަމަޖައްސާފައި ނެތުން. އެކަން އެހެންވީ، ބަޔަކު މީހުން އެނިޒާމުގެ ނަހަމަ ބޭނުން ހިފަމުން ދިޔުމުން.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިއަންނަނީ، އިޖްތިމާޢީ ޞިއްޙީ އިންޝޫރެންސްގެ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، އެ ނިޒާމު ހަރުދަނާކޮށް ފުރިހަމަކުރުމަށް. އާސަންދަ އާއި އެންސްޕާއިން މިހާރު އެގެންދަވަނީ އެ މަސައްކަތް ކުރައްވަމުން.

މާތް ﷲގެ ވާގިފުޅާއެކު، އެ މަސައްކަތް ފުރިހަމަވެގެންދާއިރު، އުފަންވާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެކަމުގައި ޓައިނީ ހާރޓްސްގެ ލަފަޔާއި މަޝްވަރާ އަޅުގަނޑުމެން ހޯދާނަން.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ މިތިބީ، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، އުފާވެރި ދިރިއުޅުމެއް ހޯދައިދޭން. އެހެންކަމުން، ޓައިނީ ހާރޓްސް ފަދަ، ރައްޔިތުންނާ އެންމެ ގާތުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއެކު، މި ސަރުކާރުން އަބަދުވެސް ގާތް ގުޅުމެއް ބަހައްޓާނެ.

އަޅުގަނޑުމެން އެންމެންގެވެސް އޮތީ އެއް އަމާޒެއް. އެއް މަޤްޞަދެއް. އެއީ އުފާވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުން. އެކަމަށް ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް އެބަހުރި. ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން މިއަންނަނީ، އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން އުޅޭ ޞުލްޙަވެރި އަމާން މުޖްތަމަޢަކަށް ރާއްޖެ ހެދުމަށް.

އަޅުގަނޑުގެ ދުޢާއަކީ، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ޢާންމު ފަރުދުންނާއި ޖަމްޢިއްޔާތަކާއި ސަރުކާރުން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، އެންމެހައި ދިވެހީންނަށް އުފާވެރި ދިރިއުޅުމެއް މިންވަރުކުރެއްވުން. ފުރިހަމަ ޞިއްޙަތާއި ފުދުންތެރިކަމުގައި ދިރިއުޅުން ވެއަތުކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް މާތް ﷲ މިންވަރުކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه