بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އަޅުގަނޑު މިއަދު ކުރަން މިފެށި ޒިޔާރަތުގައި އެންމެ ފުރަތަމަ އަޅުގަނޑަށް މިއާދެވުނީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް. އާދެ! އޭދަފުށްޓަށް. އޭދަފުށްޓަށް އަޅުގަނޑު އައުމާއެކީގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވިދާޅުވި ވަރަށްވެސް ހޫނު މަރުޙަބާއަށްޓަކައި އޭދަފުށީގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ، އާދެ! މިމަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރުގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން މިރަށަށް އަޅުގަނޑު އައުމުން އަޅުގަނޑަށް މަރުޙަބާ ވިދާޅުވާން މިރަށުގައި ތިއްބެވީކީ ހަމައެކަނި މިރަށުގެ ލޮބުވެތި ރައްޔިތުންނެއްނޫން. އަދި މިއަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ވެރިންނާއި، ޢިއްޒަތްތެރިންވެސް ވަޑައިގެން އެބަ ތިއްބެވި. އެހެންވީމާ، ޢިއްޒަތްތެރި އަތޮޅުވެރިޔާއާއި، އަތޮޅުއޮފީހުގެ އެހެން ވެރިންނާއި، އަދި އޭދަފުށީގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި، މިއަތޮޅުގެ އެހެން ރަށްރަށުން ވަޑައިގެން ތިއްބެވި ވެރިންނާއި، މިރަށުގެ ލޮބުވެތި ރައްޔިތުންނާއި، ކިޔަވާކުދިންނާ، އެ ހުރިހާ ފަރާތްތަކަކުން އަޅުގަނޑަށް މިލިބުނު ހޫނު ތަރުޙީބަށްޓަކައި އެހުރިހާ ފަރާތްތަކަށާއި، ބޭފުޅުންނަށް އަދި ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައިވަނީ ވަރަށް ޚާއްޞަ ޝުކުރެއް އުފެދިފައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަތޮޅުވެރިންގެ ވާހަކަފުޅުގައި ވަރަށް މުހިންމު ނުކުތާތަކެއްގެ މައްޗަށް އަލިއަޅުއްވާލައްވައިފި. އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވަމުންމިދާ ދިޔުން، ރާއްޖެއަށް މިއަންނަ ކުރިއެރުމާއި ތަރައްޤީ އަދި އޭގެ ސަބަބުގެ މައްޗަށް ބައްލަވާލައްވައިފި.

ޝައްކެއްނެތް! އަތޮޅުވެރިން އެވިދާޅުވިފަދައިން ޤައުމެއް ކުރިއަށްދާނީ އެޤައުމެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. ރައްޔިތުންނަކީ، އޭގެތެރެއިން އެކަކު އަނެކަކަށް އިޙްތިރާމްކުރާ، ކަމޭހިތާ، ކޮންމެ މީހަކުވެސް އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވާ، އެންމެންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އަށަގެންފައިވާ ބަޔަކަށްވެގެން. ކިތަންމެ މުހިންމު ބޭނުމަކު ނަމަވެސް، ކިތަންމެ ވަރުގަދަ ލަނޑުދަނޑިއެއް ހާސިލުކުރުމަށް މަސައްކަތްކުރާ ނަމަވެސް މިދެންނެވި ކަހަލަ އެކުވެރިކަމެއް، އުޚުއްވަތްތެރިކަމެއް، އެއްބައިވަންތަކަމެއް، އެކަމަކަށް އެކުރިމަތިލާ ރައްޔިތުންގެ ތެރޭގައި ނެތްނަމަ ޝައްކެއްނެތް، އެކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ. މިއީ، އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާއަކުން ފެންނަންހުރި ވަރަށް ފާޅުކަން ބޮޑު ޙަޤީޤަތެއް.

އާދެ! އެންމެ ބޮޑު މިސާލަކީ، އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ. ދިވެހިރާއްޖެ ކުރިއަށްދާ ދިޔުމުގެ ސިއްރަކީ އެއީ. އަޅުގަނޑުމެންގެ މެދުގައި މިއޮތް ހަމަޖެހުން، އަމަންއަމާންކަން، ސުލްހަމަސަލަސްކަން، އެކުވެރިކަން، އެއްބާރުލުން، އަޚްވަންތަކަން.

އެހެން ޤައުމުތަކުގައި މިދެންނެވިފަދަ އެކުވެރިކަމަކާއި އެއްބާރުލުމަކާ އަޚްވަންތަކަމެއް ނެތުނީމާ ކަންތައްތައް ވަމުންދާގޮތް އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެންނަމުން އެބަދޭ. ވަރަށް ގާތުންނޭ މިދެންނެވީ އަޅުގަނޑުމެންނަށް މިހާރު ޓީ.ވީގެ ޒަރީޢާއިންވެސް އޭގެ މަންޒަރުތައް ފެންނާތީ. އެކި ޤައުމުތަކުގައި މި ހިނގާ ހަމަނުޖެހުންތައް، ބަޔަކު މީހުން ހިންގާ ހަރުކަށި ޢަމަލުތައް، އެތަންތާނގައި ހިނގާ ލޭ އޮހޮރުވުންތައް، އެތަންތާނގައި ރޯވަމުންދާ ފިތުނައިގެ އަލިފާންގަނޑު، މިކަންތައްތައް އަޅުގަނޑުމެންނަށް އެބަފެނޭ. އޭގެ ޚަބަރުތައް އަޅުގަނޑުމެން އެބަ އަހަމު. މިއިން އެބަޖެހޭ އަޅުގަނޑުމެން ޢިބްރަތެއް ހާސިލުކުރަން.

ބުއްދިވެރިންނަކީ އެހެންމީހުންނަށް ދިމާވާ ކަންތައްތަކުން ޢިބްރަތް ހާސިލުކުރާ މީހުން. އެހެން މީހުންނަށް ދިމާވާ ދަތިތަކާއި، ހިތާމަތަކާއި، ވޭންތައް ދިމާވަނީ ކީއްވެގެންކަން ރަނގަޅަށް ބަލައި، އޭގެ ސަބަބު އޮޅުންފިލުވައި އަދި އެ އެނގޭ މަޢުލޫމާތެއްގެ އަލީގައި އެމީހާގެ ދިރިއުޅުން ބައްޓަންކުރާ މީހާ. އެހެން މީހުންނަށް ވަމުން އެދިޔަގޮތް ތިމާއަށް ނުވަތަ ތިމާމެންނަށް ނުވާނީ ކިހިނަކުން ކަންތައް ކުރީމާތޯ އޮޅުންފިލުވާފައި އެގޮތެއްގެ މަތިން ޢަމަލު ކުރަމުން ގެންދިޔުމުން، އެމީހަކަށް ކުރިއެރުމާއި، ތަރައްޤީއާއި، ބާއްޖަވެރިކަން ލިބޭނީ. މިއީ ޢިބްރަތް ހާސިލުކުރުމުގެ ބޭނުމަކީ.

އެހެންވީމާ، އަތޮޅުވެރިން އެވިދާޅުވި ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދުކުރާ ވާހަކަ އަޅުގަނޑު ދަންނަވާލަން. އަޅުގަނޑުމެން ކިތަންމެ މުހިންމު އިޞްލާޙީ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަނަމަވެސް، އަޅުގަނޑުމެން އެންމެން ބޭނުންވާ އުސް ހަރުފަތްތަކަކަށް ވާސިލުވާން ކިތަންމެ މަސައްކަތްކުރި ނަމަވެސް އަޅުގަނޑުމެންގެ މެދުގައި މިއޮތް އިސްލާމީ އުޚުއްވަތްތެރިކަން، އެއްބަނޑުއެއްބަފާކަން، އެކުވެރިކަން، އެއްބާރުލުން ދަމަހައްޓަންޖެހޭނެކަން އެންމެ ފުރަތަމަވެސް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންވާނެ. އެއީ އަޅުގަނޑުމެން ޢިބްރަތް ހާސިލުކުރުމަކީ. ކީރިތި ޤުރުއާނުގެ ތަފާތު އާޔަތްތަކުގައި މުސްލިމުންނާއި މުއުމިނުންނާ މުޚާޠަބު ކުރައްވާފައިވަނީ، "يَا أُوْلِى الأَلْبَابِ" (البقرة: 197) "އޭ ބުއްދީގެ އަހުލުވެރިންނޭވެ!" އަދި ވަރަށްގިނަ ތަންތާނގައި އެބައިމީހުންނަކީ ފިކުރުކުރާ ބައެއްކަމުގައި އަންގަވާފައިވޭ. އަދިވެސް އަންގަވާ "فَاعْتَبِرُواْ يَا أُولِي الْأَبْصَـٰرِ" (الحشر: 2) "ތިޔަބައިމީހުން ޢިބްރަތް ހާސިލު ކުރާށެވެ. ތިޔަބައިމީހުންނަކީ ބުއްދީގެ އަހުލުވެރިންނޭވެ. ކަންތައްތައް ދެނެގަންނަ ވިސްނުންތެރި ބަޔަކީމުއެވެ."

އެހެންވީމާ، މިގޮތުން އަޅުގަނޑުމެން ޢިބްރަތް ހާސިލުކުރަން އެބަޖެހޭ. ޢިބްރަތް ހާސިލުކުރުމަކީ މިދެންނެވިފަދަ ކަންތައްތަކުން ފިލާވަޅު ލިބިގަނެގެން އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުން. އަދި އަޅުގަނޑުމެން ބޭނުންވާ އަމާޒަށް ކުރިއަށް ދެވޭނީ އެކުވެރިކަމާއި އެއްބާރުލުމާއި ހަމަޖެހުން އޮވެގެންކަން ގަބޫލުކޮށްގެން އެގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިޔުމުން.

އާދެ! އޭދަފުށްޓަކީ، އަޅުގަނޑަކަށް އާ ރަށެއްނޫން. މީގެކުރިންވެސް މިމަގާމުގައި ހުރެގެން އަޅުގަނޑަށް 7 ފަހަރުވަނީ މިރަށަށް އާދެވިފައި. މިއީ، އަޅުގަނޑު އޭދަފުށްޓަށް ކުރާ 8 ވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް އޭދަފުށްޓަށް ޒިޔާރަތްކުރެވުނީ މީގެ 4 އަހަރުކުރިން. އާދެ! 2003 ވަނަ އަހަރު. އެއަހަރުގެ އޯގަސްޓުމަހުގެ 25 ވަނަ ދުވަހު އެއީ، މިއަތޮޅުގެ ތަޢުލީމީ މަރުކަޒަށް އާދެ! އެތަނެއްގައި އަޅުގަނޑުމެން މިރޭގެ މިއުފާވެރި ޖަލްސާ ބާއްވަމުން ގެންދާ ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އިޙްތިފާލުތަކުގައި ބައިވެރިވުމަށް.

އެނގިވަޑައިގަންނަވާނެފަދައިން އޭދަފުށްޓަކީ، އަތޮޅުތަކުގައި ސަރުކާރުން އެންމެ ފުރަތަމަ ޤާއިމުކުރި ތަޢުލީމީ މަރުކަޒު ހުރި ރަށް. އެހެން ހުރިހާ ތަޢުލީމީ މަރުކަޒުތަކެއް އަތޮޅުތަކުގައި ޤާއިމުކުރެވެންމިފެށީ އޭގެފަހުން. އެހެންވީމާ، މިއީ ވަރަށް ތާރީޚީ ބިނާއެއް. ވަރަށް ތާރީޚީ މަރުކަޒެއް. ވަރަށް ތާރީޚީ މަދަރުސާއެއް. އެކަމުގެ ސަބަބުން އޭދަފުށީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ފަޚުރުވެރިކަމެއް ލިބިވަޑައިގަންނަވާނެކަމަށް އަޅުގަނޑު ހީކުރަން.

އާދެ! އޭދަފުށްޓަކީ، މިއަތޮޅުގެ ވެރިކަންކުރާ ރަށް. އަދި އާބާދީގެ ގޮތުން އެންމެ ބޮޑު ރަށް. ޢުމްރާނީ ތަރައްޤީގައި ވަރަށް ކުރިއަރާފައިވާ ރަށެއް. އަދި މިރަށަކީ، ތަޢުލީމީގޮތުންވެސް ވަރަށް ގިނަ ދަރިންތަކެއް އުފައްދާފައިވާ ރަށެއް. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭދަފުށީގެ ތަރައްޤީއަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއްވަނީ ކޮށްފައި. އަދި ވަރަށްގިނަ މަޝްރޫޢުތަކެއްވެސްވަނީ ހިންގާފައި. އަދި މިހާރުވެސް ތަފާތު އެތައް މަޝްރޫޢުތަކެއް ހިނގަމުން އެބަދޭ. އަދި ބައެއް ކަންތައްތައް ރޭވެމުން އެބަދޭ. ނުވަތަ ފަށަން ތައްޔާރުވެފައި އެބަހުރި.

އާދެ! އޭގެތެރޭގައި ހިމެނޭ އެއްކަމަކީ، ޓީޗަރުންގެ މަޢުލޫމާތުގެ މަރުކަޒެއް ޢިމާރާތްކުރުން. ހަމައެހެންމެ، ތަޢުލީމީ ދަނާލެއް ޢިމާރާތް ކުރުމުގެ މަސައްކަތްވެސް މިހާރު މިވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ މެދެއްހާ ހިސާބުގައި މިމަސައްކަތް ނިމޭނެ. މީގެއިތުރުން، ގިނަ ބޭނުންތަކުގެ މާލަމެއް ހެދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ހިނގަމުން އެބަދޭ. މިމަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އަދި މި ތަޢުލީމީ މަރުކަޒަށް އިތުރުކުރެވޭ ބައި އިތުރުކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ހިނގަމުން. މިއަންނަ އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިމޭވަރުވާނެ.

އާދެ! އަޅުގަނޑު މިރަށަށް އައުމުން މިރަށުގެ ރައްޔިތުން ބޭނުންފުޅުވާ ކަންތައްތަކެއްގެ މަޢުލޫމާތު މިއަތޮޅުގެ އަތޮޅުވެރިޔާ އަޅުގަނޑަށް ދެއްވި. އޭގެތެރޭގައި މިއަތޮޅަށް، މިރަށަށް ބޭނުންވާ ވަރަށް މުހިންމު އަސާސީ ޚިދުމަތްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ރަށުގައި އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުގެ މައްސަލަ. މިއީ، ހަމައެކަނި އޭދަފުށްޓަށް ދިމާވެފައިވާ މައްސަލައެއްނޫން. މިކަމަކީ، އަތޮޅުތަކުގެ ވަރަށްގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއް. ރައްޔިތުންގެ ވަރަށްބޮޑު އަސާސީ ބޭނުމެއް. އެކަމަށް ސަރުކާރުން މިއަންނަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެމުން.

އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެފަދައިން ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަކީ އެއްފަހަރާ ކުރެވޭނެކަމެއްނޫން. އެއީ ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެކަމެއް. ވަރަށްގިނަ ވަސީލަތްތަކެއް ބޭނުންވާނެކަމެއް. އެހެންވީމާ، އެކަމަކީ ކިތަންމެ މުހިންމު، ކިތަންމެ ބޭނުންތެރި ކަމަކަށްވިޔަސް، ސަރުކާރުން މިކަންކަން ކުރަން މިޖެހެނީ ވަކި އުސޫލަކުން، ވަކި ތަރުތީބަކުން. މިހާރު އެމަސައްކަތް ބައެއް އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ހިނގަމުން އެބަދޭ. އަދި ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ.

ދަންނަވާލަން ބޭނުންވަނީ މިރަށުގެ ނަރުދަމާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް މިހާރު މިވަނީ ފެށިފައޭ. މިމަޝްރޫޢުގެ ބީލަން އިރާދަކުރެއްވިއްޔާ މިޖުލައި މަހުގެ ތެރޭގައި ހުޅުވޭ ގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެހެންވީމާ، ބީލަން ކާމިޔާބުކުރާ ފަރާތަކަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަސައްކަތް ހަވާލުކުރެވޭނެ. އޭރުން އޭދަފުށީ ރައްޔިތުން ބޭނުންފުޅުވާ ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް އޮންނާނީ ފެށިފައި.

އާދެ! މިނޫންވެސް ބައެއް ކަންތައްތަކުގެ ވާހަކަ އަތޮޅުވެރިން އަޅުގަނޑު ގާތުގައި ވިދާޅުވި. އެ ހުރިހާ ކަމަކީވެސް ސަރުކާރުގެ ވިސްނުމުގައި ހުންނާނެ ކަންތައްތައް. ސަރުކާރުގެ ސަމާލު ކަމުގެ ތެރޭގައި ހުންނާނެ ކަންތައްތައް. ކުރިންވެސް ދެންނެވި އުސޫލުން ވަރަށްގިނަ ރަށްރަށަށް އެއްކަހަލަ އަސާސީ ޚިދުމަތްތަކެއް ބޭނުންވާތީ އެކަން ކުރުމުގައި ވަކި އުސޫލުތަކެއް ގެންގުޅެންޖެހޭ. ވަކި ކަހަލަ ތަރުތީބެއް ހަމަޖައްސަންޖެހޭ. އެހެންވީމާ، އެގޮތުގެ މަތިން އެކަންވެސް އިރާދަކުރެއްވިއްޔާ އޭދަފުށީ ރައްޔިތުންނަށްވެސް ފަސޭހަވާނެ ގޮތަކަށް ގެންދެވޭތޯ ސަރުކާރުން ބަލާނެ.

އާދެ! އޭދަފުށްޓަކީ، ތަޢުލީމަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަމަށް އެންމެންވެސް ގަބޫލުކުރޭ. އަޅުގަނޑުވެސް އެކަން ގަބޫލުކުރަން. ސަރުކާރުންދޭ ޚާއްޞަ އިނާމު، ތަޢުލީމީ ރޮނގުން މިރަށުގެ ބައެއް ބޭފުޅުންނަށްވަނީ ލިބިވަޑައިގެންފައި. އަދި ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުއްވައިގެން ސަރުކާރުން ދޭ ޚާއްޞަ އިނާމު މިރަށުގެ ބޭފުޅަކަށް ލިބިވަޑައިގެންފައިވޭ. މިހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ތަޢުލީމީ ގޮތުން ކުރިއަށްދާ ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ މި ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10ގެ ދަރިވަރު މޫސާ ނުޞައިރު ދެންމެ ޤުރުއާން ކިޔަވައިދިނީ ވަރަށް ރީތިކޮށް. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް ތިޔަގޮތަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަށް އެބައޮތް. އެހެންވީމާ، މޫސާ ނުޞައިރަށާއި، އަދި މި ތަޢުލީމީ މަރުކަޒުގެ އެހެން ހުރިހާ ދަރިވަރުންނަށް، ތަޢުލީމީ ރޮނގުން ކުރިޔަށް ދިޔުމުގެ ހެޔޮ ތައުފީޤު މާތްﷲ ދެއްވުންއެދި، އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އާދެ! މިދެންނެވި ބޭފުޅުންގެ އިތުރުން، މިރަށުގެ އެއްބޭފުޅަކަށް ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވޭ. އަދި އެހެން ބޭފުޅަކަށް މިނިވަން 25 ގެ އިނާމުވެސް ލިބިވަޑައިގެންފައިވޭ. ފަތުރުވެރިކަމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވަނީ މިދިޔަ އަހަރު އޭދަފުށީ ޗާންދަނީގޭ އަލްފާޟިލް އަޙްމަދު ނަޒީރަށް. މިނިވަން 25 ގެ އިނާމު ލިބިވަޑައިގެންފައިވަނީ 1990 ވަނަ އަހަރު އޭދަފުށީ ގުލްބަކާގޭ އަލްފާޟިލާ ޙަސީނާ މުޙަންމަދަށް. އެހެންވީމާ، މިދެބޭފުޅުންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! ރާއްޖެއަށް މިހާރު އަންނަމުން މިދާ އިޞްލާޙީ ބަދަލުތަކުގެ ވާހަކަ ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އާދެ! މި އިޞްލާޙީ ބަދަލުތަކަކީ ރާއްޖެއަށް ބޭނުންވެފައިވާ ވަރަށް މުހިންމު ބަދަލުތަކެއް. އެއީ، ދިމުޤްރާޠީ ނިޒާމަކީ ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވެރިކަން ކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމު. ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ނިޒާމު. އެއީ ކީއްވެތޯ! އެއީ ދިމުޤްރާޠީ ނިޒާމުގެ އެންމެ މުހިންމު އަސާސަކީ، ރައްޔިތުން ބޭނުންވާ ސަރުކާރެއް ޤާއިމުވެފައި އޮތުން. ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހުރުން.

އެހެން މިދެންނެވީ ބައެއް ނިޒާމުތަކުގައި ވެރިކަން ކުރަނީ މިދެންނެވި އުސޫލުން ކަމަށް ނުވާތީ. ބައެއް ތަންތާނގައި މިއޮންނަނީ ވިރާސީ ވެރިކަމެއް. މާނައަކީ، ކޮންމެވެސް ރަސްކަލަކު ނުވަތަ އެނޫން އަމީރަކު ވެރިކަމުގައި ހުންނެވުމަށްފަހުގައި އޭނާގެ މުއްދަތު ހަމަވުމުން، އޭނާ އަވަހާރަވުމުން ނުވަތަ މަގާމު ދޫކޮށްލެއްވުމުން އޭނާގެ ދަރިކަލަކަށް ނުވަތަ ޢާއިލާގެ ބޭފުޅަކަށް ވެރިކަން ލިބޭގޮތަށް އޮތުން. މިއީ ދިމުޤްރާޠީ ނިޒާމެއްނޫން. ދިމުޤްރާޠީ ނިޒާމުގައި ވެރިއަކަށް ހުންނަ މީހަކު އިންތިޚާބު ކުރަންޖެހޭނީ ރައްޔިތުން. މީގައިވެސް ތަފާތު ގޮތްތަކެއް އެބަހުރި.

އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަން ފެންނަ ކަމަށް ގިނަ ބަޔަކަށް ފެންނަ ނިޒާމަކީ، ރިޔާސީ ނިޒާމު. ފުރިހަމަ ރިޔާސީ ނިޒާމު. އޭގެ ވާހަކަ ދެންމެ އަތޮޅުވެރިން ކޮންމެވެސް ވަރަކަށް ވިދާޅުވެލެއްވި. އޭގެ އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ މީހަކަށްވުން. ކޮންމެ ރައްޔިތަކަށްވެސް އެ ގައުމުގެ ރައީސް ހޮވުމުގައި ވޯޓެއް އޮތުން. ޙައްޤެއް އޮތުން. ކޮންމެ މީހެއްގެ ވޯޓަކީވެސް ގުނޭ ވޯޓެއް. ކޮންމެ މީހެއްގެ ޚިޔާލަކީވެސް އެއަށް ބަލާލެވޭ، އޭގެ މައްޗަށް ނަތީޖާ ބިނާކުރެވޭ ޚިޔާލެއް. މިއީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ ކާކުތޯ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަން. އެ ސުވާލުގެ ޖަވާބު ދެއްވަންވާނީ ރައްޔިތުން. ރައްޔިތުން އަމިއްލައަށް. ރައްޔިތުންގެ ކޮންމެ ފަރުދަކު ވޯޓު ކަރުދާސްކޮޅުގައި ޖަހާ ފާހަގައަކުން އެކަން ހާމަވެގެންދާނެ.

ބަރުލަމާނީ ނިޒާމުގައި، އެކަން އޮންނަނީ އެހެނެއްނޫން. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަ މީހަކު ހޮވަނީކީ ރައްޔިތުންނެއްނޫން. ރައްޔިތުންގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ޙައްޤެއް އެނިޒާމަކު ނޯވޭ. ރައްޔިތުން ހޮވަނީ އެތާނގެ ރައްޔިތުންގެ މަޖިލިސް. ނުވަތަ ޤާނޫނު ހަދާ މަޖިލިސް. އެއީ، ރައްޔިތުންގެ ވޯޓަށް ބޭނުންވާ ހަމަ އެކަނި އިންތިޚާބަކީ. ރައްޔިތުން ހޮވާ މަންދޫބުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ޤާނޫނު ހަދާ މަޖިލީހުގައި، ތިއްބަވައިގެން އެބޭފުޅުންގެ ވޯޓަކުން ދައުލަތުގެ ރައީސް އިންތިޚާބު ކުރައްވަނީ.

މިސާލެއް ދަންނަވަންޏާ، ކުރިއަށް އޮތްތާނގައި ޤާނޫނުއަސާސީ އިޞްލާޙުވުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ 70 ކޮންމެވެސް އަދަދެއްގެ މެންބަރުން ކަމަށްވާނަމަ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ވޯޓު ދިނުމުގެ ޙައްޤު އޮންނަ ބަޔަކީ، އެ 70 ނުވަތަ 72 ނުވަތަ 75 މެންބަރުން. އެމެންބަރުންގެ ތެރެއިން އަޣްލަބިއްޔަތު ލިބޭ މީހަކު، މިސާލަކަށް: މަދުވެގެން 36 ވޯޓު ނުވަތަ 37 ވޯޓު ލިބޭ މީހަކަށް ތަނުގެ ރައީސްކަމާ ހަވާލުވާން ފުރުޞަތު އޮންނަނީ.

އެހެންވީމާ، އެ ގޮތްތޯ ރަނގަޅީ، ނުވަތަ ދިވެހިރާއްޖޭގެ ރައްޔިތުންގެ އާބާދީގެ ތެރެއިން ވޯޓު ދިނުމުގެ ޙައްޤު އޮންނަ އެންމެންނަށް ޙައްޤު އޮތުންތޯ ރަނގަޅީ. އިރާދަކުރެއްވިއްޔާ ޤާނޫނުއަސާސީ އިޞްލާޙުވާއިރު، ވޯޓު ދިނުމުގެ ޙައްޤު ލިބޭ މީހުންނަކީ 18 އަހަރުން މަތީގެ އެންމެންނަށްވާނެ. އަދަދު ވިސްނަވާބައްލަވާ. ދިވެހިރާއްޖޭގެ ރައްޔިތުންގެ އަދަދަކީ މިހާރު ތިންލައްކަ. ހަމަ ޔަޤީނުންވެސް އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަވާނީ ވޯޓުދިނުމުގެ ޙައްޤު އޮންނަ މީހުން. އެހެންވީމާ، އެމީހުންގެ އަޣްލަބިއްޔަތަށް ފެންނަ މީހަކުތޯ ރައީސްކަމުގައި ހުންނަންވީ ނުވަތަ އެއްކަލަ 72 މީހުންގެ ތެރެއިން އަޣްލަބިއްޔަތު ލިބޭ މީހަކުތޯ ރައީސްކަމުގައި ހުންނަންވީ.

މިއީ، ފުރިހަމަ ރިޔާސީ ނިޒާމަކާއި ބަރުލަމާނީ ނިޒާމަކާ ދޭތެރޭގައި އޮތް ވަރަށް ބޮޑު ތަފާތެއް. މިކަން އެބަޖެހޭ އަޅުގަނޑުމެން ރައްޔިތުން ނިންމަން. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނަ މީހާއަކީ، އަޅުގަނޑުމެން އަމިއްލަ ވޯޓަކުން ހޮވާ މީހަކަށްވުންތޯ ނުވަތަ އަޅުގަނޑުމެން ހޮވާ 70 މެންބަރުން ހޮވާ މީހަކަށްވުންތޯ. މިއީ، އެންމެ ބޮޑު އެއް ތަފާތު.

އަނެއް ތަފާތަކީ، ފުރިހަމަ ރިޔާސީ ނިޒާމެއްގައިވިއްޔާ ސަރުކާރަށް ވަކި މުއްދަތެއް އޮވޭ. ރައީސަކަށް ހުންނަ މީހަކު މިހޮވެނީ މިސާލަކަށް ރާއްޖޭގައިވިއްޔާ ފަސް އަހަރު ދުވަހުގެ މުއްދަތަށް. ބައެއް ތަންތާނގައި ހުރޭ ހަތަރު އަހަރަށް. އަނެއްބައި ތަންތާނގައި ހުރޭ ހައަހަރަށް، ނުވަތަ ހަތްއަހަރަށް. މިއީ އެބަޔަކު ނިންމަންވީ ކަމެއް. އެހެންނަމަވެސް، ކަނޑައެޅިފައި އޮންނަ މުއްދަތެއް އޮވޭ. އެހެންވީމާ، އެ ރައީސަކަށް އެބަ އެނގޭ ތިމަންނައަށް އެބައޮތްކަން ހަތަރު އަހަރު ނުވަތަ ފަސް އަހަރު ނުވަތަ ހައަހަރު. އޭގެތެރޭގައި، ތިމަންނަ ބޭނުންވާ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެވިދާނެކަން. ބޭނުންވާ މަޝްރޫޢުތަކެއް ރާވާ ހިންގިދާނެކަން. އެހެންވީމާ، ރިޔާސީނިޒާމުގައި އެ މުއްދަތު އެބައޮވޭ ކަނޑައެޅިފައި. ބަރުލަމާނީ ނިޒާމުގައި، އެހެނެއްނުވޭ. އެއީ، ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާވެސް އިންތިޚާބުކުރަނީ ރައްޔިތުންގެ މަޖިލީހުން.

ހަމައެހެންމެ، އެ ނިޒާމުގައި ބޮޑުވަޒީރަކު ހުރޭ. ބޮޑުވަޒީރަކަށް ހުންނަނީވެސް އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭ މީހެއް. މިހެން ކަންތައް އޮންނައިރު ބައެއް ފަހަރަށް ދިމާވާކަމެއްގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުގެ ތާއީދު، އެ ހުންނަވާ ބޮޑުވަޒީރަކަށް ލިބޭގޮތް ނުވެއްޖިއްޔާ އެ ބޮޑުވަޒީރު މަގާމުން އިސްތިޢުފާ ދެއްވަންޖެހޭ. އެހެންވީމާ، ބޮޑުވަޒީރު އެއީ ދައުލަތުގެ ހުރިހާކަމެއް ހިންގަވަން ހުންނަވާ އެންމެ އިސްވެރިޔާ. ރައީސަކީ، އެ ނިޒާމުގައިވިއްޔާ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހަމަ ނަމެއްގައި ކަހަލަ ގޮތަކަށް ހުންނަވާ ބޭފުޅެއް. ކަންތައްތައް ހިންގަވާ ބޭފުޅަކީ ބޮޑުވަޒީރު، ވަޒީރުލްއަޢުޒަމް ނުވަތަ ޕްރައިމް މިނިސްޓަރ. އޭނާގެ މުއްދަތު ކަނޑައެޅިފައިއެއްނެތް. އެއީ ހަމަ އިންތިޚާބުވެ ވަޑައިގަންނަވާތާ އެއްމަސްދުވަހުގެ ތެރޭގައިވެސް ކޮންމެވެސް ކަމެއްގެ ސަބަބުން ރައްޔިތުން މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިއްޖިއްޔާ ޖެހިވަޑައިގަންނަވާނީ އިސްތިޢުފާ ދެއްވަން.

އެހެންވީމާ، ސަރުކާރަކަށް ދެމިއޮވެވޭނެ މުއްދަތެއް ކަނޑައެޅިފައެއްނެތް. ރަނގަޅަށް ކަންތައް ހިނގައްޖިއްޔާ އެ ވެދާނެ ހަތަރު އަހަރުކަމަށްވެސް ނުވަތަ ފަސް އަހަރުކަމަށްވެސް. އެވެސް ވެދާނެ ގޮތެއް. އެކަމަކު ވަރަށްގިނަ ފަހަރަށް އޮންނަނީ އެހިސާބަށް ނުގޮސް. އެއްމަސް، ދެމަސް، ތިންމަސް، ހަމަސް، އެއްއަހަރު، ދެއަހަރުގެ ތެރޭގައި ބައެއް ސަރުކާރުތައް އެބަ ބަދަލުވާންޖެހޭ. ނަތީޖާއަކީ، ކުރިއަށް ރާވައިގެން ކަންތައްތައް ހިންގުމުގެ ފުރުޞަތު ނެތުން. ބޮޑުވަޒީރު ފުރަތަމަ ވަޑައިގެންފައިވެސް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އޭނަ ވެރިކަމުގައި ހުންނެވުމަށްޓަކައި ކޮންކަމެއްތޯ ކުރައްވަންވީ! ކިހިނެއްތޯ މެންބަރުންގެ ރުހުން ހޯދާނީ. ޤައުމުގެ ތަރައްޤީއަށް ކުރައްވަންޖެހޭ މަސައްކަތްތަކެއް ކުރެއްވުމަކަށް ވިސްނަވާނެ ވަގުތެއް ލިބިވަޑައެއްނުގަންނަވާނެ. އަދި ވިސްނެވިޔަސް ވިސްނަވާނީ މިދެންނެވި ފުރަތަމަ މަޤްޞަދު ހާސިލު ކުރެއްވުމަށް ވިސްނެވުމަށްފަހުގައި. އެހެންވީމާ، ޚާއްޞަކޮށް ރާއްޖެކަހަލަ ކުޑަ ޤައުމެއްގައި ތަރައްޤީގެ މަޝްރޫޢުތައް، ހިންގާކަށް ފުރުޞަތެއް ނުލިބޭ. އޮންނަ ފުރުޞަތު ވަރަށްބޮޑަށް ހަނިވެގެންދަނީ. ކުޑަވެގެންދަނީ. ޔަޤީންކަމެއްނެތް.

ތިންވަނަކަމަކީ، އަޅުގަނޑުމެން އެންމެންވެސް މިކިޔަނީ އަޅުގަނޑުމެން ބޭނުންވަނީ ތިންބާރު ވަކިކުރާށޭ. ތިންބާރަކީ، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޝަރީޢަތް ހިންގުމުގެ ބާރު. ފުރިހަމަ ރިޔާސީ ނިޒާމެއްގައިނަމަ މި ތިންބާރު އޮންނާނީ ވަކިކުރެވިފައި. ކޮންމެ ބާރަކަށް އެބާރެއްގެ ހުދޫދު އޮންނާނީ ކަނޑައެޅިފައި. އެ ހުދޫދު ފަހަނަޅައި އަނެއްބާރުގެ ތެރެއަކަށް ނުވަދެވޭނެ. އެކަން ޔަޤީންކޮށްދޭ ކަންތައްތަކެއް ޤާނޫނުއަސާސީގައި ކަނޑައެޅިފައި ހުންނާނެ. ރިޔާސީ ނިޒާމުގައި އެކަން އޮތީ އެހެން.

ބަރުލަމާނީ ނިޒާމުގައި މިވާގޮތަކީ، ހުރިހާ ވަޒީރުން ވެވަޑައިގަންނަވަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް. އެހެންވީމާ، ވަޒީރުންގެ މަޖިލިސް އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އުފެދިގެން އަންނަ އެއްޗަކަށް އޮންނަނީވެފައި. އެހެންވީމާ، އެބާރު ވަކިކުރުމެއްނެތް. ރައްޔިތުންގެ މަޖިލީހާއި، ވެރިކަންކުރާ މަޖިލީހާ އޮންނަނީ އެކައްޗަކަށްވެފައި. އެއްބަޔަކު އަނެއްބަޔަކު ކުރާކަންތައްތައް ބަލާ ފާޑުކިޔައި، އިޞްލާޙުކުރަން ޚިޔާލުތަކެއް ހުށަހަޅާނެ ފުރުޞަތެއްނެތް. އެހެންނަމަވެސް، ރިޔާސީނިޒާމުގައި ތިންބާރު ވަކިކުރީމާ ސަރުކާރުން ކަންތައްކުރާގޮތާ ދޭތެރޭގައި ފާޑުކިޔުމުގެ ބާރު ނުވަތަ ސަރުކާރުން ގެންދަނީ ރަނގަޅަށް ނޫން ކަމަށްވަންޏާ އެކަން ބަޔާންކޮށްދިނުމުގެ ބާރު ރައްޔިތުން މަޖިލީހަށް އޮންނާނެ.

ބަރުލަމާނީ ނިޒާމުގައިވެސް ޚިޔާލީގޮތުން އެކަން އެހެން އޮންނާނެ. އެކަމަކު ޢަމަލީގޮތުން ބަލާއިރު އެކަން އެހެނެއްނުވާނެ. އެއީ، ވެރިކަން ހިންގާ ބަޔަކު ވަޒީރުންގެ މަޖިލީހުން ބޭނުންވާނީ މެންބަރުންގެ ތާއީދު ހޯދަން. އަދި މެންބަރުން ބޭނުންވާނީ އެ މެންބަރުންގެ ޕާޓީ ވެރިކަމުގައި ދަމަހައްޓަން. އެހެންވީމާ، މިދެންނެވި ގޮތަކަށް މިނިވަންކަމާއެކު ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ އިޚްތިޔާރެއް ނުވަތަ ބާރެއް ނުވަތަ ފުރުޞަތެއް ރައްޔިތުންގެ މަޖިލީހަކަށް ނޯންނާނެ.

މިކަންތައްތައް މިހެން ހުރުމާއެކީގައި ރާއްޖޭގެ ގިނަބަޔަކު ތާއީދުކުރާ ނިޒާމަކީ، ފުރިހަމަ ރިޔާސީ ނިޒާމެއް ކަމަށް މިއޮތީ ވެފައި. ހަމަގައިމުވެސް އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ކުޑަކަމާއި، މީސްކޮޅުމަދުކަމާއި، ވަސީލަތްތައް މަދުކަމާއި، އަޅުގަނޑުމެންގެ އިސްލާމީ އުޚުއްވަތްތެރިކަމާއި، އެކުވެރިކަމާއި، އަދި އަޅުގަނޑުމެންގެ ސަޤާފަތާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ ހާލަތާ، މިހުރިހާ ކަންތައްތަކަށް ބަލާއިރު ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ، ފުރިހަމަ ރިޔާސީ ނިޒާމެއްކަމާ ދޭތެރެއަކު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް.

ދެން މިކަމަކީ، އަޅުގަނޑު ނިންމަން އޮތް ކަމެއްނޫން. މިކަމަކީ ތިޔަބޭފުޅުން ނިންމަވަން އޮތްކަމެއް. ތިޔަބޭފުޅުންނޭ މިދެންނެވީ ދިވެހިރާއްޖޭގެ ރައްޔިތުން. މިކަމާބެހޭ ޚިޔާލު ހޯދުމުގެ ވޯޓެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނެގޭނެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިހާރު ނިންމަވާފައި އެއޮތީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާބެހޭގޮތުން ނެގޭ ޢާންމު ވޯޓު، އެމަޖިލީހުން އެކަމާބެހޭ ގަވާއިދު ފާސްކުރެއްވިތާ ލަސްވެގެން، ގިނަވެގެން ފަސްދޮޅަސްދުވަހުގެ ތެރޭގައި ނެގޭގޮތަށް.

އެހެންވީމާ، މިހާރު ދެން ފަސްދޮޅަސް ދުވަހެއް ނޯންނާނެ. އެކަން އެބޭފުޅުން ނިންމެވިތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިވޯޓު ނަގާނެ. ވޯޓުގައި ތިޔަބޭފުޅުން ފާހަގަ ޖައްސަވާގޮތަކުން ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅިގެންދާނީ. ތިޔަބޭފުޅުންނޭ މިދެންނެވީ ދިވެހިރާއްޖޭގައި ވޯޓު ދިނުމުގެ ޙައްޤު އޮތް އެންމެން. މިފަހަރު މިވޯޓުގައި ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ އެންމެންނަށް ވޯޓު ލެވޭގޮތަށް މިހާރު މިއޮތީ އެކަންވެސް ފާސްވެފައި. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ އެންމެންނަށް މިވޯޓުގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތް. ޙައްޤު އެބައޮތް. އެއެންމެން ބައިވެރިވެގެން އެމީހުންގެ ތެރެއިން ގިނަ ބަޔަކު ފާހަގަޖަހާ ނިޒާމެއް އެއީ، ރާއްޖޭގައި ކުރިއަށް އޮތްތާނގައި އޮންނަ ނިޒާމަކަށްވާނީ. އެހެންވީމާ، މިކަމާ ދޭތެރޭގައި ރާއްޖޭގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނާވަޑައިގެންފައި ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް އިޚްތިޔާރު ކުރެއްވުމަކީ، އެބޭފުޅުންނަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް.

އާދެ! ރާއްޖެއަށް މިއަންނަ އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި އެއްކަމަކީ، ޕާޓީ ނިޒާމު ތަޢާރުފުވުން. ޕާޓީ ނިޒާމު ތަޢާރުފު މިކުރީ ފަހަރެއްގައިވެސް ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާކަށެއްނޫން. އެއާ ޚިލާފަށް ރައްޔިތުންގެ ޚިޔާލާއި، ރައްޔިތުންގެ މަޝްވަރާގައި ސަރުކާރު ހިންގުމަށްޓަކައި. އެއީ، ރައްޔިތުންނާއި ސަރުކާރާ ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގައި. ދުނިޔޭގެ އެހެންތަންތާނގައިވެސް ކުރިއަރާފައިވާ ދިމުޤްރާތީ ނިޒާމުގައި އޮންނަ ގޮތުގެ މަތިން.

ޕާޓީތަކެއް އުފެދުނަކަސް އެ ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އުފެދުމަކީ، ބޭނުން ކަމެއްނޫން. އުފެދޭކަށް ނުޖެހޭ. ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެދާނެ. އެހެންނަމަވެސް އެ ޚިޔާލު ތަފާތުވުން އެގޮތަށް ހުއްޓަސް ޕާޓީތަކުގެ މެދުގައި ހަމަނުޖެހުމެއް، ފިތުނައެއް އުފެދިގެނެއްނުވާނެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް އޮމާންކޮށް މިކަންތައްތައްވަމުން މިދަނީ. މިސާލަކަށް: އެމެރިކާ ނުވަތަ ޔޫރަޕުގެ ޤައުމުތަކުގައި ޕާޓީތަކުގެ މެދުގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ވާހަކައެއް ނާއްސަވާނެ. ހަމަނުޖެހުމޭ މިދެންނެވީ، މަގުމައްޗަށް މީހުން ނުކުމެ، އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް ހަޅޭއްލަވާ ނުވަތަ ގާއުކާ، ތަންތާނގައި އަލިފާން ރޯކޮށް، އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދީ މިހެން ހަދާތަނެއް ކުރިއަރާފައިވާ ދިމުޤްރާޠީ އެއްވެސް ތަނެއްގައި ފެނިވަޑައެއްނުގަންނަވާނެ.

އެކަންތައްތައް މިފެންނަނީ، އެވަރަށް ސިޔާސީގޮތުން ތަޞައްރުފް ފުދިފައި ނުވާ ޤައުމުތަކުގައޭ ދަންނަވަންޖެހޭ. ތަންކޮޅެއް ކުދި ޤައުމުތަކުގައި މިކަން މިހެން ހިނގާ. އިންތިޚާބުގައި އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމުގެ ތެރޭގައި އެތައް ބަޔަކު މަރުވެގެންވެސް އެބަދޭ. އެކަމަކު މިއީކީ ކޮންމެހެން ޕާޓީ ސިސްޓަމް އޮތެކޭ ކިޔާފައި އޮންނަންވީ ކަމެއްނޫން. ޕާޓީ ނިޒާމުވެސް އޭގެ އެންމެ ރީތިގޮތުގައި ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެކަމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންގައި އެބަހުރި. އެކަމުގެ ވިސްނުން މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައި އެބައޮތް. މި ވިސްނުމުގެ ބޭނުންކޮށްގެން ޤައުމުގެ އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމަށް ބުރޫނާރާ ގޮތެއްގެ މަތިން ޕާޓީ ނިޒާމު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިއްޖިއްޔާ އޭގެ އެންމެ ބޮޑެތި ފައިދާ އަޅުގަނޑުމެންނަށް ލިބެމުންދާނެކަމާމެދަކު ޝައްކެއްނެތް.

އެއާ ޚިލާފަށް ހިސާބަކަށް ނަމަވެސް ބައެއް ތަންތާނގައި ތަފާތު ގޮތްގޮތަށް މީހުން ހަރަކާތްތެރިވެ އެކަމުގެ ސަބަބުން އަމަންއަމާންކަން ގެއްލި، ނުވަތަ ސުލްހަމަސަލަސްކަމަށް ބުރޫއަރާ، ބަޔަކަށް ގެއްލުންތަކެއްވެ، މިހެންވުމަކީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއްނޫން. އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ޖެހޭނީ ދުރުހެލިވާން. އެފަދަ ކަންތައްތައް ކުރުމަކީ، އަޅުގަނޑުމެންގެ ޤައުމަށް އޮތް ވަރަށްބޮޑު ނުރައްކަލެއް.

އާދެ! އަތޮޅުވެރިންގެ ވާހަކަފުޅުގައި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އައި ތަރައްޤީގެ ވާހަކަ ވިދާޅުވި. ތެދުފުޅެއް. ރާއްޖޭގެ ވަރަށްގިނަ ކަންތައްތަކަށް މިހާރު މިވަނީ ބަދަލުތަކެއް އައިސްފައި. ތިޔަ ވިދާޅުވިހެން މިޒަމާނުގެ ކުޑަކުދިންނަށް ނުވަތަ ޒުވާނުންގެ ތެރެއިން ބަޔަކަށް މިކަންކަން ނޭނގި އޮވެދާނެ. އެކަމަކު ތަންކޮޅެއް ހަރު މީހުންނަށް މިކަން އެނގޭނެ. އެއީ މީގެކުރިން ކަންތައް އޮތް ގޮތްވެސް އެމީހުންނަށްވާނީ ފެނިފައި. އަދި މިހާރު ކަންތައް ތަރައްޤީވެފައިވާ މިންވަރުވެސް އެމީހުންނަށް މިހާރު އޮންނާނީ ފެނިފައި. އެ ދޭތެރޭގެ ތަފާތުވެސް އެނގޭނެ. ތަފާތު ނޭނގޭ ބަޔަކު އުޅެފާނެ. އެހެންނަމަވެސް، އެތަފާތަކީ ވަރަށް ބޮޑު ތަފާތެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވެފައިވާ މިންވަރުވެސް ބައްލަވާ!

އަޅުގަނޑު އިހަށް ރެއަކު ތަނެއްގައި ވާހަކަދައްކަމުން ބުނިން އަޅުގަނޑު ވެރިކަމާ ހަވާލުވެފައި އެންމެ ފުރަތަމަ ހއ. އަތޮޅަށާއި، ހދ. އަތޮޅަށް ކުރި ދަތުރުގައި ބައެއް ރަށްރަށަށް ގޮސްފައި އެރަށްރަށުގެ ކުޑަކުދިން އެރަށްރަށުގެ މަކްތަބްތަކަށް ކިޔަވަންދޭތޯ ސުވާލުކުރީމޭ. މަކްތަބްތަކޭ މިދެންނެވީ، އޭރު ހުންނަނީ ވަރަށް ކުދިކުދި ތަންތަން. އޭރު މަދަރުސާ ފެންވަރަކަށްވެސް ނުހުރޭ. ސުވާލުކުރީމާ ބައެއް ބެލެނިވެރިން ބުނަނީ ތިމަންނަމެން ކުދިން އެމަކްތަބަކަށް ނުފޮނުވަމޭ. އެއީ ކީއްވެގެންތޯ ސުވާލުކުރީމާ މި ބުނަނީ، ފީ ދައްކަން ޖެހޭތީއޭ. ފީއަކީ، ކިހާވަރެއްތޯ އަހާލީމާ ބުނަނީ އެއްރުފިޔާއޭ. ކުއްޖަކަށް މަހަކަށް އެއްރުފިޔާ ދައްކަންޖެހޭތީ އެ ކުއްޖާ މަކްތަބަށް ނުފޮނުވަނީ.

އެއީ، އޭރުގެ ހާލަތު އޮތްގޮތް. އަޅުގަނޑުގެ ވާހަކައަކީ، މިހާރު ތިޔައިން ކޮންމެ ބައްޕައަކު، ކޮންމެ މަންމައަކު، ކޮންމެ ބެލެނިވެރިއަކު އެބޭފުޅެއްގެ ދަރިންނަށް ތަޢުލީމަށްޓަކައި ކިހާވަރެއް ޚަރަދުކުރައްވާތޯ! އެއްރުފިޔާތޯއޭ ޚަރަދުކުރައްވަނީ. ކޮންމެ މަންމައަކު، ކޮންމެ ބައްޕައަކު އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި، މިހާރު ކިތައް ސަތޭކަ، ކިތައް ހާސްރުފިޔާ އެބަ ޚަރަދު ކުރަމުތޯ! ކޮންތާކުންތޯ އެފައިސާ ލިބުނީ. ތިޔަބޭފުޅުން އަމިއްލައަށް ފައިސާ ޖެއްސެވީ ކީ ނޫން. ފައިސާ ޖައްސަވައިގެން ޖީބަށް ލައްވައިގެން އުޅުއްވަނީކީ ނޫން. ތިޔަބޭފުޅުންނަށް އެފައިސާ ލިބިވަޑައިގަންނަވަނީ، އެފައިސާ ލިބޭނެ ފުރުޞަތުތަކެއް މިހާރު އޮތީމާ. ތަރައްޤީވެގެން އިޤްތިޞާދީ ފުރުޞަތުތަކެއް އޮވެގެން، ވަޒީފާ އަދާކޮށްގެން ނުވަތަ ވިޔަފާރިކޮށްގެން އެނޫން ގޮތަކުންވެސް އަޅުގަނޑުމެންގެ އަތްމަތި ތަނަވަސްވެގެން. އޭރު އެއްރުފިޔާ ނުލިބުނު މީހުންނަށް މިހާރު ކިތައް ހާސް ރުފިޔާ ލިބޭނެތޯ! މިހިރީ އައިސްފައި ހުރި ތަރައްޤީ. އަދި ތަޢުލީމީ ގޮތުން މިދެންނެވިހެން މިއަތޮޅުގެ މި މަދަރުސާ މިއީ އެންމެ ފުރަތަމަ ހުޅުވުނު ތަޢުލީމީ މަރުކަޒުކަމަށްވިޔަސް މިކަހަލަ ބައިވަރު ތަންތަން މިހާރު އަތޮޅުތަކުގައި އެހެރީ. ސަރުކާރުގެ ސްކޫލްތައް އެހެރީ ވަރަށް ގިނައިން އުފެއްދިފައި.

އެހެން ގޮތްގޮތުން، ޢުމްރާނީގޮތުން މާލޭގަޔާއި އަތޮޅުތަކުގައި ޢިމާރާތްތައް ހެދެމުންދާގޮތަށް ބަލާއިރު، އޭރާއި މިހާރާ، އުޑާއި ބިމާހާ ތަފާތު. އަދި ފަތުރުވެރިކަމުން ލިބެމުންދާ އާމްދަނީއަށްވެސް ބައްލަވާ. މި އަތޮޅުގައިވެސް މިހާރުވެސް ފަތުރުވެރިކަން ކުރާ 6 ރަށް އެބައޮތްކަންނޭނގެ. އަދި އިތުރު ރަށްރަށް ހެދުމުގެ މަގުމަތީގައިވަނީ. އެއިން ލިބޭ އާމްދަނީ، އެއިން ލިބޭ ތަނަވަސްކަމަށް ބައްލަވާ! އޭދަފުށްޓަކީ މަސްވެރިރަށެއް. މަސްވެރިކަން ކުރިއަށް ދިޔުމުގެ ސަބަބުން، މަސްވެރިކަމުން ލިބޭ ފައިދާ މިހިރީ ފެންނަން. މިހިރީ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ލިބިފައިހުރި ކުރިއެރުން، ތަރައްޤީ. މިއީކީ މީހަކު އިންކާރު ކުރަންވީ ކަމެއްނޫން. އިންކާރު ކުރެވެން އޮތްކަމެއް ނޫން. ޙަޤީޤަތް އެހެރީ ހާމަކޮށް ފެންނަން.

އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވަނީ މި ކުރިއެރުން މިއައީކީ އަޅުގަނޑު މިތާ ހުރެގެން ނުވަތަ މި މަގާމުގައި ހުރެގެނެއް ނޫނޭ. މި ކުރިއެރުން މިއައީ ވަރަށްގިނަ ބައެއްގެ އެއްބާރުލުމާއި، ވިސްނުމާއި، ޚިޔާލާއި، މަސައްކަތުންނޭ. ވަރަށް ގިނަ ބަޔަކު މިކަމަށް ދާއޮހޮރުވައިގެންނޭ.

އާދެ! އޭގެތެރޭގައި އެންމެ ފުރަތަމަ ބަޔަކީ ދިވެހި ރައްޔިތުން. މިދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހި ރައްޔިތުން އެކި ރޮނގުރޮނގުން ކުރެއްވި މިންނަތް މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެން މިދެކެނީ. އަދި އެކިއެކި ކުންފުނިތަކާއި، ޖަމާޢަތްތަކުން ކުރެއްވި މަސައްކަތްތައް. ހަމައެހެންމެ، ސަރުކާރުގެ ސިޔާސަތު މިގޮތަށް ބައްޓަން ކުރި ކުރުމުގައި، އަދި އެކަންތައް އެގޮތަށް ގެންދިޔުމުގައި އެކިއެކި ވަޒީރުން އަދާކުރެއްވި މުހިންމު ދައުރު. ވަޒީރުންނާއި، ސަރުކާރުގެ އޮފީސްއޮފީހުގެ ވެރިންނާއި، އަދި އެނޫންބޭފުޅުން، މިކަންކަން ރައްޔިތުންނަށާއި، އަދި އިޤްތިޞާދި ކަންތައްތައް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް މަގުފަހި ކޮށްދެއްވުމުގެ ގޮތުން ކޮށްދެއްވިހާ ޚިދުމަތްތައް، ބައްޓަން ކުރެއްވިހާ ސިޔާސަތުތައް މިހުރިހާ ކަމެއްގެ ނަތީޖާ މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑާ އެކީގައި މިކަމުގައި އުޅުއްވައިދެއްވި ހުރިހާ ބޭފުޅުންނަށް މިފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމޭ. ވަޒީރުންގެ މަޖިލީހުގައި ފެށުނީއްސުރެން މިދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންގެ ޚިދުމަތް އަޅުގަނޑު ގަބޫލުކޮށް، އެ ހުރިހާ ބޭފުޅުން އެ ކޮށްދެއްވި އަގުބޮޑު ޚިދުމަތަށްޓަކައި އެހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އޭގެތެރެއިން ބައެއް ބޭފުޅުން މިތާވެސް އެބަތިއްބެވި. މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ނުވަތަ އަތޮޅުތަކާބެހޭ ވުޒާރާ ނުވަތަ އެޓޮލްސް ޑިވެލޮޕްމަންޓް، ކޮންމެ ނަމެއްގައި ކީނަމަވެސް ވަރަށްގިނަ ދުވަހު އެ ވުޒާރާގެ ވަޒީރުކަން ކޮށްދެއްވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މިތާ އެބަ އިންނެވި. އެމަނިކުފާނަކީވެސް ވަރަށްގިނަ ދުވަސް ވަންދެން އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް. އެހެންވީމާ، އެކަމަށްޓަކައި އެމަނިކުފާނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިހާރު އަލަށް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ މިތާ އެބަ އިންނެވި. އެމަނިކުފާނަކީ، އެޓޮލްސްގެ ދާއިރާގައި ކުރިންވެސް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ، އަތޮޅުތައް ތަރައްޤީކުރުމުގައި އެ މަނިކުފާނުގެ ފުރިހަމަ ޚިދުމަތް ކުރިއަށް އޮތްތާނގައި ލިބޭނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރާ ވާހަކަ ދަންނަވާލާ އެމަނިކުފާނަށްވެސް މަރުޙަބާ ދަންނަވަން. އަދި ތަސްމީނަކީ، މިއަތޮޅާ ވަރަށް ގުޅުންހުރި ބޭފުޅެއް. މި އަތޮޅުން އިންތިޚާބުކުރައްވާފައިވާ ރައްޔިތުން މަޖިލީހުގެ މެންބަރެއް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ތަސްމީނުވެސް މިއަތޮޅުގެ ތަރައްޤީއަށާއި، އަދި ޚާއްޞަކޮށް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ތަރައްޤީއަށް، ޢާންމުކޮށް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން އެމަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ. މިދެބޭފުޅުންގެ އިތުރުން، މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބެވި އެހެން ބޭފުޅުންނާއި، އަދި ކުރިންވެސް ޚިދުމަތްކުރެއްވި ބޭފުޅުން، އެއިން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދާއިރާގައިވަނީ ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އެހެންވީމާ، އެކަމުގެ މަތިން އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހަނދާން ނައްތާލައިގެނެން ނުވާނެ.

އާދެ! މިއަދު ކަންދިމާވިގޮތުން، އަޅުގަނޑުގެ ދަތުރު ޖެހުނީ ބަދަލުކޮށްލަން. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރި ކަމެއް. އެންމެ ފުރަތަމަ ދާން އޮތީ ކެންދުއަށް. ޙަޤީޤަތުގައި ކެންދޫ ބޭރަށް އަޅުގަނޑު އައިން. މަތިންދާބޯޓުން އައިސް ޖައްސާފައި އެތާނގައި މަޑުކޮށްލިއިރު ކުއްލިއަކަށް ވަރަށް ވަރުގަދަ ކޮޅިގަނޑެއް އައިސްގެން، ވަރަށް ވިއްސާރަވެގެން، ރާޅު ބޮޑުވެގެން އެރަށަށް ފޭބޭގޮތްވެސް ނުވީ. ދެން އަޅުގަނޑަށް ޖެހުނީ ދަތުރު ބަދަލުކޮށްލާފައި އޭދަފުށްޓަށް އަންނަން. އެހެންވީމާ، މިއަދު ދާންއޮތް ރަށްރަށަށް ނުދެވުނުކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ހިތާމައެއް ކަމުގައި ދަންނަވާލަން. މިއަދު އެންމެ ފުރަތަމަ ދާން އޮތީ ކެންދުއަށް. އޭގެފަހުން ކުޑަރިކިއްޔަށް. ދެން ކަމަދުއަށް. އޭގެފަހުން އޭދަފުށްޓަށް އަންނަން އޮތީ. އެހެންނަމަވެސް، ކަންދިމާވި ގޮތުން މިކަން ނުވީމާ އަޅުގަނޑު އެކަމާ ވަރަށް ދެރަވާ ވާހަކައާއި، އެރަށްރަށުގެ ވެރިންނަށާއި ރައްޔިތުންނަށް މިވާހަކަ މިގޮތަށް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑު ވަރަށް ހިތާމަކުރީމޭ، އެދަތުރު އެގޮތަށް ނުގެންދެވުނީމާ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި މިކަން ފަހިވެގެން އަންނަ ގޮތަކުން އެހުރިހާ ރަށަކަށްވެސް އަޅުގަނޑު ޒިޔާރަތްކުރާނަމޭ ދަންނަވާލަން ބޭނުންވޭ.

އާދެ! ނިންމާލުމުގެ ކުރިން ތިޔަ ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެން، މިޖަލްސާ ފަޅުފިލުއްވައިދެއްވީތީ ޝުކުރު ދަންނަވަން. އަޅުގަނޑު އޭދަފުށްޓަށް އައުމުން ތިޔަބޭފުޅުންގެ ފަރާތްޕުޅުން މިލިބުނު އިޚްލާޞްތެރި މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން އަދިވެސް އެއްފަހަރު ޝުކުރު ދަންނަވައި، ތިޔަބޭފުޅުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުން. އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް ކުރިއެރުމާއި، ތަރައްޤީއާއި، ހަމަޖެހުމާއި، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަން އެކަލާނގެ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه