بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާބެހޭ ޤައުމީ ސެމިނާރު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިސެމިނާރުގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި، އަދި ބައިވެރިވެވަޑައިގެންދެއްވީތީ ޝުކުރު ދަންނަވަން.

މިފަދަ ސެމިނާރެއް ބާއްވަވާކަމަށްޓަކައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމަށާއި، އެމަރުކަޒުގެ ވެރިންނަށާއި، މިކަމުގައި އެހީތެރިވެދެއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި މިސެމިނާރު އިފްތިތާޙުކޮށްދިނުމުގެ މުނާސަބަތުގައި އަޅުގަނޑަށް ދެންމެ ތިޔަދެއްވި ހަނދާނީ ހަދިޔާއަށްޓަކައިވެސް، މަރުކަޒުގެ ރައީސަށާއި، އެހެން ވެރިންނަށާއި، އެކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އަޅުގަނޑަށާއި، އަދި ނަސްރީނާއަށް މަރުޙަބާ ވިދާޅުވުމުގެގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ރައީސް ވިދާޅުވި ބަސްފުޅުތަކަށާއި، އަދި ތާރީޚާއި ސަގާފަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކޮންމެ ޤައުމެއްގައިވެސް، އެޤައުމެއްގެ ތާރީޚާއި އަދި ތަރިކައަކީ، ވަރަށް މުހިންމު އެއްޗެއް. ދެންމެ ޤައުމީ މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައި އެ ވިދާޅުވެދެއްވި ފަދައިން އެއީ ކޮންމެ ޤައުމެއްގައި ދިރިއުޅޭ ބަޔަކަށްވެސް، އެބައެއްގެ މާޒީ، އެބައެއްގެ ކާބަފައިން، ދިރިއުޅެމުން ދިޔަގޮތް އަންގައިދޭ އެއްޗެއް. އެބައެއްގެ މާޒީގައި ހިނގާފައިވާ ހާދިސާތައް ހާމަކޮށްދޭ އެއްޗެއް. އެބަޔަކު އުފެދިގެން އައިގޮތާއި، އެޤައުމެއް ތަރައްޤީވަމުން އައިސްފައިވާ ގޮތާއި، މިހިސާބަށް ކަންތައްތައް އައިސްފައިވާ ގޮތް ދައްކައިދޭކަމެއް.

އެހެންވީމާ، ކޮންމެ ޤައުމެއްގެވެސް ތާރީޚު ދެނެގަތުމަކީ، އެޤައުމެއްގެ ރައްޔިތުން ކުރާކަމެއް، ކުރަންޖެހޭކަމެއް. އަދި އެ ތާރީޚުގައިވާ ކަންތައްތަކުން ޢިބުރަތް ޙާޞިލުކޮށް ކުރިޔަށްދިޔުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަކީވެސް، ކޮންމެ ޤައުމަކުންވެސް، އަދި ކޮންމެ ބަޔަކުވެސް ކުރަމުންގެންދާ، އަދި ކުރަމުން ގެންދަންޖެހޭނެކަމެއް. އެގޮތުން އަޅުގަނޑުމެންވެސް ދިވެހިރާއްޖޭގެ ތާރީޚާމެދު ވިސްނައި، ތާރީޚާބެހޭ ހޯދުންތައް ހޯދައި، އެތާރީޚުގައި ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތު ދެނެގަނެ، އަދި އަޅުގަނޑުމެންގެ ކުރިމަގު ބައްޓަންކުރުމުގައި އެއިން އެހީތެރިކަން ހޯދަމުން ގެންދިޔުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް. އަދި ކުރަމުން ގެންދަންވެސް ޖެހޭނެކަމެއް.

އާދެ! ރާއްޖޭގައި އުފެދިފައިވާ ކޮންމެ ސަރުކާރަކުންވެސް މިމަސައްކަތް ވަނީ ކުރައްވާފައި. އެންމެކުރިން ފެށިގެން މިހާތަނާ ޖެހެންދެންވެސް ރާއްޖޭގެ ތާރީޚު، އަދި ރާއްޖޭގެ ތަރިކަ ރައްކާތެރިކުރެއްވުމަށް ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރައްވާފައިވޭ.

ރާއްޖޭގައި ހުރި އާސާރީތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ޤައުމީ ދާރުލްއާސާރެއް ހުޅުވުނީ މީގެ 56 އަހަރުކުރިން. އާދެ! ހިޖުރީގޮތުން 1372 ވަނަ އަހަރު. މި ދާރުލްއާސާރު، އެހުޅުވުނު ޒަމާނަށް ކަމުދިޔަކަމުގައިވިޔަސް، މިހާރު އެތަން އެއީ އަޅުގަނޑުމެންގެ ބޭނުންތަކަށް ފުދޭގޮތަށް ހުރި ތަނެއް ކަމަކަށެއްނުވޭ. މިހާރު އެތަންވަނީ އަޅުގަނޑުމެންގެ ބޭނުންތަކަށް މާކުޑަވެފައި. އަދި މިޒަމާނުގައި އަޅުގަނޑުމެންގެ ތާރީޚާއި ތަރިކަ އަޅުގަނޑުމެންގެ ރައްޔިތުންނަށާއި، އަދި މިކަމަށް ޝައުޤުވެރިވާ މީހުންނަށް ދައްކައިދޭން ބޭނުންވާ ފެންވަރަށް ދައްކައިދެވޭގޮތަށް ހުރި ތަނެއްކަމަކަށްވެސް ނުވޭ. އަދި އެތަނުން ދިވެހި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައްވެސް ދެވޭވަރުގެ ތަނަކަށްނުވޭ.

އެހެންވީމާ، ރާއްޖޭގައި އާ ދާރުލްއާސާރެއް ހެދުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގައި މިހާރު އެހުރި ވަރަށްވުރެ ބޮޑު ދާރުލްއާސާރެއް ބިނާކުރުމަށް އެކަމުގެ މަގު ވަނީ ފަހިވެފައި. އާދެ! ރަޙްމަތްތެރި ޤައުމެއްގެ ދީލަތި އެހީގައި މިހާރު މި ޢިމާރާތް ކުރެވޭގޮތަށްވަނީ ހަމަޖެހިފައި. އެޤައުމަކީ، ޗައިނާ. އެހެންކަމުން، މިފުރުޞަތުގައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް، މިކަމަށްޓަކައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވެދެއްވި އެހީއަށްޓަކައި ވަރަށްބޮޑަށް ޝުކުރުދަންނަވަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މާ ލަސްތަކެއްނުވެ އާ ދާރުލްއާސާރު ބިނާކުރުމުގެ މަސައްކަތް ފެށޭނެ.

އާދެ! ރާއްޖޭގެ ސަރަޙައްދުގައިވާ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް، އެތަކެތި ޙިމާޔަތްކުރުމުގެ މުހިންމުކަން ބޮޑުކަމުން، އަޅުގަނޑު ރައީސްކަމާ ހަވާލުވި ފަހުންވެސް އެކަމަށް މިއަންނަނީ ވަރަށްބޮޑު ސަމާލުކަމެއްދެމުން. އޭގެތެރޭގައި، ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާބެހޭ ޤާނޫނެއްގެ ބިލެއް 1979 ވަނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، އެބިލު މަޖިލީހުން ވަނީ ފާސްކޮށްދެއްވައި ޤާނޫނަކަށްވެފައި. އަދި ދެންމެ ޤައުމީ މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، 1979 ވަނަ އަހަރުގެ ކުރީކޮޅު އާދެ! އެއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު، ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ ޤައުމީ މަޖިލިހެއްވެސް ވަނީ އުފައްދާފައި. އަދި ފަހުން އެމަޖިލީހުގެ މަސައްކަތްތައް އިތުރަށް ފުޅާވެ ހަރުދަނާވެ އެތަން މިހާރުވަނީ، ދިވެހިރާއްޖޭގެ ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ބަދަލުވެފައި.

އާދެ! މިކަންކަން މިހެން ހުރިއިރު، ރާއްޖޭގައި ހުރި ދުވަސްވީ އާސާރީ ތަންތަނާއި ތަކެއްޗާމެދު އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އެކަށީގެންވާ ހޭލުންތެރިކަމެއް އުފެދިފައެއްނެތް. މިކަމަކީ، އަޅުގަނޑުމެން މިހާރު ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް. އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކުރުމުގެ ހޭލުންތެރިކަން މިއަދު މިވަނީ ވަރަށް ބޮޑަށް ފުޅާކުރަންޖެހިފައި. އެ ހޭލުންތެރިކަން އަޅުގަނޑުމެން އެންމެންނަށް ވަނީ ފޯރުވައިދޭންޖެހިފައި. މިއީ، ހަމައެކަނި ވަކި ދާއިރާއަކުން ކުރެވޭނެކަމެއް ނޫން. ހުރިހާ ދާއިރާއަކުންވެސް މިކަން ވަނީ ކުރައްވަންޖެހިފައި. އާދެ! އެއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން ހިނގާގޮތް.

ދުނިޔޭގެ ތަރިކައިގެ ދުވަހަކީ، ބައިނަލްއަޤްވާމީ ގޮތުން މިހާރު ފާހަގަކުރެވެމުން އަންނަ ދުވަހެއް. އެދުވަހަކީ، ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 18 ވަނަ ދުވަސް. މިދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަތާ އެތައް އަހަރެއްވެއްޖެ. އެހެންނަމަވެސް، އަދި ދިވެހިރާއްޖޭގައި ރަސްމީ ގޮތުން އެދުވަސް ފާހަގަކުރެވެމަކުންނުދޭ. އެހެންވީމާ، ސަރުކާރުން މިހާރު ގަސްދުކުރަނީ އިރާދަކުރެއްވިއްޔާ އަންނަ އަހަރުން ފެށިގެން މިދުވަސް ރާއްޖޭގައިވެސް ރަސްމީގޮތުން ފާހަގަކުރުމަށް. ބޭނުމަކީ، އާސާރީ ތަންތަނާއި ތަކެއްޗާމެދު އެންމެންގެ ހޭލުންތެރިކަން އިތުރުކުރުން. އަދި އެކަމަށް އެންމެންގެ ޝައުޤުވެރިކަން ހޯދުން.

އާދެ! ދިވެހިރާއްޖެ އިޤްތިޞާދީގޮތުން ކުރިއަށްދާ ދިޔުމުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު މިވަނީ ފަތުރުވެރިކަން ތަޢާރުފުވެފައި. އަދި ފަތުރުވެރިކަމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަކަށްވެސް މިހާރުވަނީ ވެފައި. އޭގެ ސަބަބުން، ރާއްޖޭގައި ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް އެބަ ހިންގޭ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުން އެބަދޭ. ފަތުރުވެރިކަމާއި އާސާރީ ތަންތަނާ ހުރި ގުޅުމަކީވެސް ހަމަ ވަރަށް މުހިންމު ގުޅުމެއް. ފަތުރުވެރިން އެއްޤައުމަކުން އަނެއް ޤައުމަކަށް ޒިޔާރަތްކުރާއިރު، އެމީހުންގެ އެންމެ ބޮޑު އެއްބޭނުމަކަށްވެފައި އޮންނަނީ، އެބަޔަކު އެ ޒިޔާރަތްކުރާ ޤައުމުގައި ހުރި އާސާރީ ތަންތަނާއި ތަކެތި ބަލައި، އެކަމުގެ މަޢުލޫމާތު ހޯދުން.

އެހެންވީމާ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި، އަދި ތަރިކައިގައި ހިމެނޭ ތަންތަނާއި ތަކެތި ބަލައި އެކަމުގެ މަޢުލޫމާތު ހޯދުމަކީ އެމީހުންގެ ބޭނުމަކަށް އޮންނަނީ ވެފައި. މިއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމެއް. މިގޮތުންވެސް ރާއްޖެއާބެހޭ މަޢުލޫމާތު ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ލިބި، އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ތާރީޚާއި ތަރިކަ ބެލެހެއްޓުމުގައި އިތުރު އެހީތެރިކަމެއްވެސް އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އާދެ! ތާރީޚީ ތަންތަނާއި ތަކެތި އަދި އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަކީ، އެކަމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމެއް. މިއީ، ހަމައެކަނި ސަރުކާރުން ކުރެވޭ ވަރަށްވުރެ މާ ޚަރަދުބޮޑުކަމަކަށް ގިނަ ޤައުމުތަކުގައި އޮންނަނީ ވެފައި. ހަމައެގޮތަށް ދިވެހިރާއްޖޭގައިވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، އެ ތަންތަނާއި ތަކެތި ބެލެހެއްޓޭވަރަށްވުރެ، އެތަންތަނާއި ތަކެއްޗަށް ހިނގާ ޚަރަދު މާ ބޮޑުވާނެ. އެހެންވީމާ، މިކަމާބެހޭގޮތުންވެސް މި ސެމިނާރުގެ ބައިވެރިން ވަރަށް ފުޅާކޮށް ވިސްނާވަޑައިގެން ޚިޔާލު ބަދަލުކުރައްވައި، ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަކެތި، އަދި ރާއްޖޭގެ ތަރިކަ ބެލެހެއްޓުމުގައި އެކަމަށް ބޭނުންވާ ޚަރަދުތައް ފަސޭހަގޮތަކަށް ހޯދޭނޭ ގޮތަކާ ދޭތެރޭގައި މަޝްވަރާ ކުރައްވައި، ގޮތްތަކެއް ހުށަހެޅުއްވުމަކީ އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް.

އާދެ! ތާރީޚީ ތަރިކަ، ރައްކާތެރިކުރުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މުސްލިމުން، އަޅުގަނޑުމެންގެ އިލާހީ ދުސްތޫރު، ކީރިތި ޤުރްއާން ލިޔެވިފައިވާ ފޮތް ނުވަތަ މުޞްޙަފުގެ ތާރީޚީ ތަރިކައަކީ، އަޅުގަނޑުމެންގެ ގާތުގައި އެންމެ މުހިންމު ތަރިކަ. އެ ތަރިކަ އަޅުގަނޑުމެން ރައްކާތެރިކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، ހުރިހާ އިސްލާމީ ޤައުމެއްގައިވެސް، މިކަން ގެންދަނީ ކުރަމުން.

އާދެ! އަޅުގަނޑުމެންގެ އިލާހީ ދުސްތޫރު ކީރިތި ޤުރުއާނަކީ، މާތްﷲ އަޅުގަނޑުމެންގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّمގެ މައްޗަށް ބާވައިލެއްވި މާތް ފޮތް. އެކަލާނގެ މުޤައްދަސް ކަލާމްފުޅު. ކީރިތި ރަސޫލާގެ މައްޗަށް މި މާތްފޮތް ﷲ ބާވައިލެއްވީ އެއްފަހަރަކާ ނޫން. އެތައް ފަހަރެއްގެ މަތިން. ގާތްގަނޑަކަށް 22 އަހަރު ނުވަތަ 23 އަހަރުދުވަހުގެ ތެރޭގައި. އެކި ފަހަރު ބާވާލައްވާފައިވަނީ އެކި އާޔަތް. އެކި އާޔަތުގެ ތަންކޮޅު. އެކި ސޫރަތް. މިހެންގޮސް މިދެންނެވި މުއްދަތުގެ ތެރޭގައި ކީރިތި ޤުރްއާން ބާވައިލައްވަވައި ނިމިފައިވަނީ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ކަންކުރެއްވި ގޮތަކީ، ކީރިތި ޤުރުއާނުން ކޮންމެ ސޫރަތެއް، ނުވަތަ ކޮންމެ އާޔަތެއް، ނުވަތަ ކޮންމެ އާޔަތަކުން ބައެއް ބާވައިލެއްވިޔަސް އެފަހަރަކު އެބާވައިލެއްވި ބައެއް، އަޞްޙާބުންނަށް ވިދާޅުވެދެއްވަނީ. އަޞްޙާބުންނަށް ދަސްކޮށްދެއްވަނީ. އަދި އަޞްޙާބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލިޔަންކިޔަން ދެނެވަޑައިގަންނަވާ ބޭފުޅުން ލައްވާ އެސޫރަތްތަކާއި، އާޔަތްތަކާއި އެތަންތަން ލިޔުއްވައި ރައްކާތެރިކުރައްވަނީ.

މިގޮތުން، ކީރިތި ރަސޫލާ މިދުނިޔެ ދޫކުރައްވައި ވަޑައިގެންނެވިއިރު، ކީރިތި ޤުރްއާނުގެ ހުރިހާ ސޫރަތްތަކަކާއި، ހުރިހާ އާޔަތްތަކެއް ފުރިހަމައަށްވަނީ ލިޔެ ރައްކާތެރިކުރެވިފައި. އެހެންނަމަވެސް، ލިޔެފައިވަނީ އެއް ފޮތެއްގައެއް ނޫން. ތަފާތު ފަތްފުށްތަކުގައި. އަދި އެފަތްފުށްތައް ހުރީވެސް އެކި ބޭކަލުންގެ އަތްޕުޅުގައި.

އެހެންވީމާ، އޭގެފަހުން ވަޑައިގެންނެވި އެންމެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވީ، ކީރިތި ޤުރްއާނުގެ ފަތްފުށްތައް އެއްކުރައްވާ، އެއްފޮތަކަށް ހެއްދެވުމަށް. މިކަން އެކަލޭގެފާނު ހަވާލުކުރެއްވީ، ޒައިދު ބުނު ޘާބިތު ރަޟިޔަﷲ ޢަންހު ކިޔުނު ޞަޙާބީ ބޭކަލަކާ. އޭނާ މިމަސައްކަތް ކުރައްވައި، ހުރިހާ ޞަޙާބީ ބޭކަލުންގެ އަރިހަށް ވަޑައިގެން، އެބޭކަލުންގެ އަތްޕުޅުގައި ހުރި ކީރިތި ޤުރްއާނުގެ ފަތްފުށްތައް އެއްކުރައްވައި، އަދި ކީރިތި ޤުރްއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ބޭފުޅުންގެ އަރިހުން އައްސަވައި، މުރާޖަޢާ ކުރައްވައި، އެހުރިހާ ފަތްފުށްތަކެއް ގެންނަވައިގެން، އެއްފޮތެއްގެ ސިފައިގައި ލިޔުއްވީ. ލިޔުއްވާފައި އެފޮތް ދެއްވީ ޚަލީފާ އަތްޕުޅަށް. އާދެ! އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲޢަންހުގެ އަތްޕުޅަށް. އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅުގައި އެފޮތަށް އެދުވަހުން ފެށިގެން ކިޔަމުން އައީ މުޞްޙަފް. އެއީ ޞަފްޙާތަކެއްގެ މައްޗަށް އެކުލެވޭ އަދި ނަކަލު ކުރެވިފައިވާ ފޮތަކަށްވާތީ. އެމުޞްޙަފު އޮތީ އަބޫބަކުރުގެފާނުގެ އަތްޕުޅުގައި. އަބޫބަކުރުގެފާނު އަވަހާރަވީމާ، ދެން ޚަލީފާއަކަށް އިންތިޚާބު ކުރެވުނު އަދި މުސްލިމުން ބައިޢަތު ހިފި ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަތްޕުޅުގައި އެންމެ ފުރަތަމަ އެފޮތް ބޭއްވެވީ. އޭގެ ދުވަސްކޮޅެއް ފަހުން، އެކަލޭގެފާނުގެ ދަރިކަނބަލުން ޙަފްޞާ ބިންތު ޢުމަރުގެ އަތްޕުޅަށް އެފޮތް ދެއްވީ.

ޢުމަރުގެފާނު އަވަހާރަވިފަހުން، ޢުޘްމާނު ރަޟިޔަﷲ ޢަންހު، ތިންވަނަ ޚަލީފާ، ޚަލީފާކަމާ ޙަވާލުވެ ވަޑައިގެންފައި، އެއްކަލަ ފޮތް ނުވަތަ މުޞްޙަފް، ޙަފްޞާގެ އަތްޕުޅުން ގެންނަވައި، ދެން އެކަލޭގެފާނު ނިންމެވީ އޭގެ އެތައް ކޮޕީތަކެއް ހައްދަވަން. އެހެންވީމާ، އަނެއްކާވެސް އެމަސައްކަތް ހަވާލުކުރެއްވީ، އެންމެ ފުރަތަމަވެސް އެމަސައްކަތް ކުރެއްވި ޢިލުމުވެރިޔާއާ. އާދެ! ޒައިދު ބުނު ޘާބިތު ރަޟިޔަﷲ ޢަންހުއާ. ދެން ޒައިދު ބުނު ޘާބިތާއި، އަދި އޭނާއަށް އެހީތެރިވެ ވަޑައިގެންދެއްވި އަޞްޙާބުންގެ ބޭކަލުންކޮޅެއް އެއްކުރައްވައިގެން، އަލުން ބަލުން އެމަސައްކަތް ކުރެއްވީ. ކުރައްވާފައި ކީރިތި ޤުރުއާނުގެ އެތައްކޮޕީއެއް ހެއްދެވި. އެބޭފުޅުން ލިޔުއްވި. ލިޔުއްވާފައި މިކޮޕީތައް ޢުޘްމާނުގެފާނުގެ އަތްޕުޅަށް އެރުވީމާ ޢުޘްމާނުގެފާނު ހެއްދެވި ގޮތަކީ، އޭރުގެ އިސްލާމީ ހުރިހާ ޤައުމުތަކަށް އެކޮޕީތައް ފޮނުއްވީ. މިސާލަކަށް ބަޞަރާއަށް، ކޫފާއަށް، ޝާމަށް، ޔަމަނަށް، މިސުރަށް، އެއިން ކޮންމެ ތަނަކަށް ކޮޕީއެއް ފޮނުއްވީ. ކޮޕީއެއް ފޮނުއްވާފައި ދެން ހެއްދެވި ގޮތަކީ، އަޞްޙާބު ބޭކަލުންގެ އަތްޕުޅުގައި ހުރި އެއްކަލަ ވަކިވަކި ފަތްފުށްތައް ގެންނަވާފައި އެހުރިހާ ފަތްފުށްތަކެއް އަންދަވާލެއްވީ. އެހެން ހެއްދެވި ސަބަބަކީ، އޭރުން ކީރިތި ޤުރުއާނުގެ ރަސްމީ އެއްކޮޕީ އޮންނަ ގޮތަށް ހަމަޖެހޭނީ އެހެންކަމަށްވާތީ. އެހެންނޫނީ އެކި ބޭފުޅުންގެ އަތްޕުޅުގައި ހުރި އެކިއެކި ފަތްފުށްތަކުން ބައްލަވައިގެން ފަހަރެއްގައި ތަފާތު ގޮތްގޮތަށް އެއާޔަތެއް ކިޔެވި، ނުވަތަ އެއްވެސް ކަހަލަ އޮޅުމެއް އަރާފާނެތީ.

އެހެންވީމާ، އެ މުޞްޙަފު ނުވަތަ އުޘްމާނުގެފާނު އެ ތައްޔާރުކުރެއްވި މުޞްޙަފަށް މިކިޔެނީ، އަލް މުޞްޙަފުލް ޢުޘްމާނީ. ނުވަތަ އަލް މުޞްޙަފުލް އިމާމް. އަޅުގަނޑުމެންގެ އަތްމަތީގައި މިހާރު މިހުރި ކޮންމެ މުޞްޙަފަކީވެސް އެއިން ބަލައިގެން ލިޔެވިފައިހުރި، ނުވަތަ އޭގެފަހުން ޗާޕްކުރާ ޒަމާނަށް އައިސްގެން ޗާޕް ކުރެވިގެން ޝާޢިއުވެފައިވާ ފޮތްތައް.

މިކަން މިހެން ހިނގިއިރު، ވަރަށްގިނަ ތަންތާނގައި، މީހުން އަމިއްލައަށްވެސް އެބަހުރި ޤުރްއާން ލިޔެފައި ރައްކާކޮށްފައި. އެންމެކުރީ ޒަމާނުން ފެށިގެން މިހާތަނާ ޖެހެންދެން، ބައެއް މީސްމީހުން، އެމީހުންގެ އަމިއްލަ އަތުން ޤުރްއާން ލިޔެފައި އެބަހުރި. މިއީ ވަރަށް ބޮޑު ތަރިކައެއް. ހުރިހާ ތަނެއްގައިވެސް ބަލަހައްޓަމުންގެންދާ ތަރިކައެއް. މިގޮތުން، ދުނިޔޭގެ ބައެއް މުހިންމު ދާރުލްއާސާރުތަކުގައި، އެކި ދައުރުގައި، އެކި ޒަމާނުގައި ލިޔެވިފައިހުރި ކީރިތި ޤުރުއާނުގެ ތަފާތު ކޮޕީތައް އެބަހުރި ބަހައްޓާފައި. ރައްކާތެރިކޮށްފައި. އޭގެތެރެއިން އިސްތަންބޫލްގައި އެހުންނަ ޓޮޕްކާޕީ މިޔުޒިޔަމްގައި އޮތް ޤުރުއާނުގެ ކޮޕީއެއް އަޅުގަނޑުވެސް ދުށިން. އެމީހުން ބުނާ ގޮތުގައި އެއީ، ޢުޘްމާނުގެފާނު ޝަހީދު ކޮށްލިއިރު ކިޔަވާ ވިދާޅުވާން އިންނެވި މުޞްޙަފު. އެނގިވަޑައިގަންނަވާނޭފަދައިން އުޘްމާނުގެފާނު އަވަހާރަކޮށްލުން އެއީ އިސްލާމީތާރީޚުގެ ވަރަށްހިތާވެރި ހާދިސާއެއް. އެކަން ހިނގިއިރު އެކަލޭގެފާނު އިންނެވީ ކޮންމެވެސް މުޞްޙަފަކުން ޤުރްއާން ކިޔަވާ ވިދާޅުވާން. އެއިރުން ފެށިގެން އެމުޞްޙަފު ރައްކާތެރިކޮށްފައި މިހާރު އެއޮތީ، މިދެންނެވި އިސްތަންބޫލްގައި ހުރި ޓޮޕްކާޕީ މިޔުޒިޔަމްގައި ކަމަށް ބުނެވެނީ. ކޮންމެއަކަސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިއީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ތަރިކައެކޭ. މިތަރިކަ ވަރަށް ރަނގަޅަށް ރައްކާތެރިކުރަންވާނެ. ވަރަށް ރަނގަޅަށް ބަލަހައްޓަންވާނެ.

ދިވެހިރާއްޖޭގައިވެސް މިކަން ވަނީ ކޮންމެވެސް ވަރަކަށް ކުރެވިފައި. މިހާރު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި، ރާއްޖޭގައި ފެންނަން ހުރި ވަރަށް ޤަދީމީ، އަޅުގަނޑުމެންނަށް ފެންނަން ހުރި މުޞްޙަފްގެ ކޮޕީތަކެއް އެބަހުރި ރައްކާތެރިކުރެވިފައި. އޭގެތެރޭގައި، އެންމެ ކުރީ މުޞްޙަފަކަށް މިވަނީ ހިޖްރައިން 1134 ވަނަ އަހަރު، ފުވައްމުލަކުގެ ޢަލީ ޚަތީބުގެ މުޙަންމަދު ޚަތީބުގެ ޢަބްދުﷲ އޭނާގެ އަތުން ލިޔުއްވާފައިވާ މުޞްޙަފް. އެއީ، ގާތްގަނޑަކަށް މީގެ 300 ވަރަކަށް އަހަރުކުރިން. ދެން ފެންނަން އޮތީ ހިޖްރައިން 1187 ވަނަ އަހަރު އަލްޤާޟީ އިބްރާހީމް އޭނާގެ އަތުން ލިޔުއްވާފައިވާ މުޞްޙަފު. މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު ކަރުދާހުގައި އަތުން ލިޔެފައިވާ މުޞްޙަފަކާއި، ވަށްކޮށް އޮތް މުޞްޙަފެއްވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އެބައޮތް. އަދި މިނޫންވެސް ބައެއް އެހެން މުޞްޙަފްތައް އެބަހުރި. އަޅުގަނޑު ހިތުން އަދިވެސް އަޅުގަނޑުމެންނަށް ނުފެންނަ ކިތަންމެ މުޞްޙަފެއް ރާއްޖޭގައި ހުރުން އެކަށީގެންވޭ. އެކި ރަށްރަށުގައި ރައްކާތެރިކުރެވިފައި. އެކިތާނގައި ބެހެއްޓިފައި. އެހެންވީމާ، އެހުރިހާ އެއްޗެއް އެއްކޮށް ބަލަހައްޓާ، އެއްތަނަކަށް ގެނެސް، އެ ރައްކާތެރިކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ހަމަ ކުރަންޖެހޭނެ ކަމެއް. އެއީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ވާޖިބަކަށް ނުވެއެއްނުދާނެ.

އާދެ! އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއްތަރިކައަކީ، ކީރިތި ޤުރުއާނުގެ ފޮތް ކަމަށްވާތީ، މިވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ. އަޅުގަނޑުމެންވެސް މިކަމަށްދޭންޖެހޭ އަހަންމިއްޔަތުދީގެން، އަޅުގަނޑުމެންގެ އަތުގައި ހުރި މުޞްޙަފުގެ ކޮޕީތައް ބަލައި، އެހެން އިސްލާމީ ޤައުމުތަކެކޭ އެއްފަދައިން ރައްކާތެރިކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި ފެންނާތީ އެވާހަކަ ދަންނަވާލީ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ރާއްޖޭގެ ތާރީޚާއި އާސާރީ ތަރިކަ ރައްކާތެރިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމަށާއި، އެމަރުކަޒުގެ އެހެން ވެރިންނަށާއި، މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކުރިން އެމަގާމުގައި ޚިދުމަތްކުރެއްވި ހުރިހާ ޢިއްޒަތްތެރި ބޭފުޅުންނަށްވެސް މިއަދުގެ މުނާސަބަތުގައި ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި، ކަމާބެހޭ ހޯދުންތައް ހޯއްދަވާފައިވާ، އަދި މިހާރުވެސް ހޯއްދަވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ތާރީޚީތަރިކަ ރައްކާތެރިކުރެއްވުމަށް މަސައްކަތް ކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތް ކޮށްދެއްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން. އެބޭފުޅުންގެ ތެރޭގައި އަޅުގަނޑުމެންނާ މިހާރު ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ހިމަނަން. އަދި އެބޭފުޅުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ތާރީޚާއި، އަދި ތަރިކައާއި، އާސާރީ ތަންތަނާއި ތަކެތި ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ތާރީޚުން ޢިބުރަތްތެރި ފިލާވަޅުތަކެއް ލިބިގަނެގެން، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަޅުގަނޑުމެންގެ ކުރިމަގު ބައްޓަންކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން.

والسلام عليكم ورحمة اللّـه وبركاته.