بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! ހައްދުންމައްޗަށް އަޅުގަނޑު މިއަދު މިކުރާ ދަތުރުގައި، އެންމެ ފުރަތަމަ އަޅުގަނޑަށް އެރަށަކަށް ޒިޔާރަތް ކުރުމުގެ އުފާ މިލިބުނު ރަށަކީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް. އާދެ! ގަން. އަޅުގަނޑު މިއަދު މިއަތޮޅަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ވަޙީދާއި، އަދި އަތޮޅުވެރިޔާގެ އެހީތެރިންނާއި، އަތޮޅުއޮފީހުގެ މުވައްޒަފުންނާއި، މިއަތޮޅުގެ ރަށްރަށުގެ ވެރިންނާއި، އަދި ސަރުކާރުގެ މުވައްޒަފުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، ކޮމިޓީތަކާއި، ޢާންމު ރައްޔިތުންނާއި، އަދި ކިޔަވާ ކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ވަރަށްވެސް ހޫނު ތަރުޙީބަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިތާނގައި މިވަގުތު ވަޑައިގެންނެތް ހުރިހާ ރައްޔިތުންނަށްވެސް، އެބޭފުޅުން އެވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މިދެންނެވި ފަދައިން، އަޅުގަނޑު މިއަދު މިފެށީ، މިއަތޮޅުގެ ދެރަށަކަށް ކުރާ ޒިޔާރަތެއް. އެންމެ ފުރަތަމަ މިއައީ ގަމަށް. އިރާދަކުރެއްވިއްޔާ، މީގެފަހުން ފޮނަދުއަށްވެސް ދާގޮތަށްވަނީ ހަމަޖެހިފައި.

އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ، އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހާލުއަހުވާލު ބަލައި، ތަރައްޤީގެ މަގުގައި ރަށްރަށުގައި ހިނގާ ކަންތައްތައްވެސް ހިނގާގޮތް ބަލާލައި، ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ އޮޅުންފިލުވައި، ސަރުކާރުގެ އެކިއެކި ދާއިރާތަކާއި އެދާއިރާތަކުގެ ސަމާލުކަން އެކަންތައްތަކަށް ގެނައުން.

އާދެ! މިގޮތުން އަޅުގަނޑު އަތޮޅުތަކަށް ވަރަށްގިނަ ދަތުރުތަކެއް ކޮށްފިން. އެންމެ ފުރަތަމަ މީގެ ވަރަށްގިނަ އަހަރުތަކެއް ކުރިން، އާދެ! 1978 ވަނަ އަހަރު އަޅުގަނޑު މިހާރު މިހުރި މަގާމާ ހަވާލުވީއްސުރެ، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑުވަނީ ދަތުރުކޮށްފައި. އޭގެތެރެއިން ވަރަށްގިނަ ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑުވާނީ ޒިޔާރަތްކޮށްފައި. އެގޮތުން ތިޔަބޭފުޅުންގެ ތެރެއިން ހަމަގައިމުވެސް ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން މިރަށަށް އަޅުގަނޑު ވަރަށް ގިނަފަހަރު ޒިޔާރަތްކޮށްފިން. މިއީ، އަޅުގަނޑު ގަމަށްކުރާ 12 ވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވުނީ، 2005 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު. އެއީ، ސުނާމީ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބަލާލުމަށްޓަކައި.

އާދެ! ގަމަކީ، ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ރަށެއް. އަދި މިހާރުވެސް ހިންގަމުން ގެންދާ ރަށެއް. މިމަޝްރޫޢުތައް ކާމިޔާބުކަމާ އެކީގައި ހިނގަމުންދާނީ، ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުމެއް ލިބިގެން. އަދި ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގައި ހިމެނޭ ތިން އަވަށުގެ މެދުގައިވެސް މިހާރު އޮތީ ވަރަށް އެކުވެރި، ވަރަށް އޮމާން، ވަރަށް ރަނގަޅު ގުޅުމެއް. އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އަޚްވަންތަކަމާއި، އެއްބާރުލުން އޮވެގެން ރައްޔިތުން ހިންމަތާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވަނީނަމަ ޝައްކެއްނެތް، މާތްﷲ އެމީހުން އެކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ. އަދި އެމަސައްކަތުގެ ނަތީޖާއާއި އޭގެ ފައިދާ، ވަރަށް އަވަހަށް ފެނިގެންދާނެ.

އެހެންވީމާ، މިރަށުގެ ތިންއަވަށުގެ މެދުގައި މިހާރު މިއޮތް ރަނގަޅު، އެކުވެރި ގުޅުމާ ދޭތެރޭގައި އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް ރަށުގެ ތަރައްޤީއަށާއި، އަތޮޅުގެ ތަރައްޤީއަށް މިކުރެވޭ މަސައްކަތުގައި އަދިވެސް އެގޮތުގައި ތިއްބަވައިގެން، ތިޔަ ހުރިހާ ބޭފުޅުން، އާދެ! ހުރިހާ ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރާ ވާހަކަ ދަންނަވާލަން.

އާދެ! ސަރުކާރުން ހިންގާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިރަށުގައި މަސައްކަތްތަކެއް އެބަހިނގާ. އޭގެތެރޭގައި، މިއަތޮޅު މުންޑޫގެ ތިންބައިކުޅަދެބައި މީހުން މިހާރުވަނީ މިރަށަށް ބަދަލުވެފައި. އަދި މިއަތޮޅު ކަޅައިދޫގެ 12 ޢާއިލާ ފިޔަވައި އެހެން ހުރިހާ ޢާއިލާތަކެއްވެސް މިރަށަށް ބަދަލުވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި. އަދި ބައެއް އެހެން އަތޮޅުތަކުގެ މީހުންވެސް މިރަށަށް ބަދަލުވާން މިހާރުވަނީ އެދިފައި.

އެއްފަސްކުރުމުގެ ސިޔާސަތަކީ، ރާއްޖެ ވަރަށްބޮޑު އަހަންމިއްޔަތެއް ދޭން ޖެހިފައިވާ ސިޔާސަތެއް. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގެ ކުދިކަމާއި، އަދި އެރަށްތަކުގައި ކުރިއަށް ދިޔުމުގެ ވަސީލަތްތައް މަދުކަމާއި، އަދި ޚާއްޞަކޮށް ތިމާވެށީގެ ސަބަބުން ދުނިޔެއަށް މިއަންނަ ބަދަލުތަކާއި، އެބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެފަދަ ފަސްގަނޑުތިރި ޤައުމުތަކަށް ކުރިމަތިވާނެ ނުރައްކާތަކަށް ބަލާފައި، އަޅުގަނޑުމެންގެ ޤައުމު ރައްކާތެރިކުރެވޭނެ އެންމެ މުހިންމު އެއްގޮތަކީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުން ކަމަށްވާތީ.

ކުދިކުދި ރަށްރަށުގައި މަދު މީސްކޮޅު ދިރިއުޅުމަކީ، މިޒަމާނުގައި ކުރެވޭވަރު ކަމެއްނޫން. އެގޮތަށް ދިރިއުޅޭ ރައްޔިތެއްގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ވަރަށް މަދުވާނެ. އިޤްތިޞާދީގޮތުން ފުދުންތެރިކަން ހޯދަން މަސައްކަތް ކުރާނެ ވަސީލަތްތަކެއް ނުހުންނާނެ. ހަމައެފަދައިން، ޤުދުރަތީ ހާދިސާއެއް ދިމާވިޔަސް އެކަމުން ސަލާމަތްކަން ހޯދޭނެ މަގުތައް ވަރަށް މަދުވާނެ.

އެހެންވީމާ، މިހުރިހާ ސަބަބަކަށްޓަކައި ކުދިކުދި ރަށްރަށުގެ މީހުން ބޮޑެތި ރަށްރަށަށް ބަދަލުވެ، ކުރިޔަށް ދިޔުމުގެ ފުރުޞަތު ތަނަވަސްވެފައިވާ ތަންތަނަށް އާބާދީ ޖަމާވުމަކީ، ކުރިމަގަށްޓަކައި ވަރަށް މުހިންމުކަމެއް. ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން މައްޗަށް ގެންދިޔުމަށާއި، ޢާއިލާތަކުގެ ދިރިއުޅުން ތަނަވަސް ކުރުމަށާއި، އަދި އެންމެންނަށް ވަޒީފާގެ ފުރުޞަތު ލިބުމަށާއި، މިހުރިހާ ކަމަކަށްވެސް މަގުފަހިވެގެންދާނީ މިދެންނެވި ގޮތުގެމަތިން، ކުދިކުދި ރަށްރަށުގެ މީހުން ތަންކޮޅެއް ބޮޑެތި ރަށްރަށަށް ބަދަލުވެގެން، އެތަންތާނގައި މިދެންނެވި ކަހަލަ މަސައްކަތްތަކާއި ވަސީލަތްތައް ޤާއިމުކޮށްގެން.

ހަމައެއާއެކީގައި ދަންނަވަންޖެހެނީ، ތިމާވެށީގެ ގޮތުންވެސް މިދިމާވާ ނުރައްކާތައް، އާދެ! ސުނާމީ ކާރިސާ، އިރާދަކުރެއްވިއްޔާ އެފަދަ ހާދިސާއެއް ދެން މާތްﷲ މެދުވެރިއެއް ނުކުރައްވާނެ. އެހެންނަމަވެސް، އުދައެރުމުގެ ކަންތައްތައް، ވިއްސާރައިގެ ކަންތައްތައް، މިއީ، އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވާ ކަންތައްތަކެއް. އަޅުގަނޑަށްވެސް އެނގޭ މިއަހަރު އުދައެރުމުގެ ކަންތައްތައް މިއުޅެނީ އެހެން އަހަރުއަހަރަށްވުރެ މާބޮޑުކޮށް. ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައްވެސް އެހެން އަހަރުއަހަރަށްވުރެ މިއަހަރު ގިނަކަމަށް ފެނޭ. އެހެންނަމަވެސް، ހުޅަނގު މޫސުމުގައި ވިއްސާރަކުރުމަކީ، އަބަދުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ތަޖުރިބާ ކުރަމުންދާ ކަމެއް. އޭގެތެރޭގައި އުދައެރުންވެސް ހިމެނޭ.

މިކަންތައްތައް ދިމާވުމުން އަޅުގަނޑުމެންގެ ރަށްތަކަށް މިލިބޭ ގެއްލުންތައް ފޫބެއްދުމުގައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މަސައްކަތް ކުރުމަކީވެސް، ވަރަށް ފައިދާހުރި ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.

މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު ކުރިންވެސް ދެންނެވި ފަދައިން ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށްބޮޑަށް ބޭނުންވާނެ. އާބާދީއާއި ތަރައްޤީ އެއްފަސްކުރަން މިޖެހެނީ ކީއްވެގެންކަން ރައްޔިތުން ގަބޫލު ކުރައްވަންވާނެ. ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ އޮތީ އެގޮތަށް ޢަމަލުކޮށްގެންކަން ރައްޔިތުންގެ ހިތުގައި ބިންވަޅު ނެގިފައި އޮންނަންވާނެ. އެކަން އެހެން އޮތްނަމަ، އަދި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރާ އެކީގައިވާނަމަ، މިކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.

އާދެ! ދެންމެ ގަމުގެ ބޮޑުކަތީބު އަލްފާޟިލް ޢަބްދުލްވައްހާބު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުތަކުގައި، މިރަށަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަވެސް ވިދާޅުވި. އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން، އޭނާ އެންމެ ފުރަތަމަ އެވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި، އޭނާއަށާއި ގަމުގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އޭގެއިތުރުން، އޭނާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި، ގަމުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި. ޙަޤީޤަތުގައި އެކަންތައްތަކަކީ، އަތޮޅުތަކުގެ ހުރިހާ ރަށްރަށްރަށުގެ ރައްޔިތުންނަށްވެސް ބޭނުންވާ ކަންތައްތައް. ތަޢުލީމުގެ ފެންވަރު މަތިކުރުން. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބިދިނުން. ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވެފައި އޮތުން. ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ހުރުން. ތަޢުލީމާއި، ޞިއްޙަތާއި، އެނޫން ކަންތައްތައްވެސް އަޅުގަނޑުމެން އެދޭ ފެންވަރަށް މައްޗަށް ދިޔުން. އަދި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، ވަޒީފާގެ ފުރުޞަތުތައް އޮތުމާއި، އެކިއެކި މަޝްރޫޢުތައް ހިންގުން. މިހުރިހާ ކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ހަމަ ހުރިހާ އަތޮޅަކަށްވެސް، ހުރިހާ ރަށަކަށްވެސް ބޭނުންވެފައިވާ ކަންތައްތައް. އެކަންތައްތައް ކުރެވޭތޯ ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ގަމުގެ ރައްޔިތުންނަށްވެސް، މިއަތޮޅުގެ ރައްޔިތުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ.

މިއަތޮޅަކީ، ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ އަތޮޅެއް. އަދި ޚާއްޞަކޮށް ގަމާއި ފޮނަދޫގައި ވަރަށްގިނަ މަޝްރޫޢުތައް މިހާރުވެސް ހިނގަމުން އެބަދޭ. އަދި މުސްތަޤްބަލުގައި މިއަތޮޅުގެ ރައްޔިތުންނަށް، އިޤްތިޞާދީ ގޮތުން ތަފާތު ފުރުޞަތުތައް ލިބިދާ ކަހަލަ ވަރަށްގިނަ ކަންތައްތަކެއް މިހާރު ފެށިގެން ހިނގަމުންއެބަދޭ. އެހެންވީމާ، މާތްﷲގެ ވާގިފުޅާއެކު، އެކަންތައްތައް ކުރިމަގުގައި ހަމަޖެހިގެންދާނެ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަން.

އާދެ! ގަމުގެ ބޮޑުކަތީބުގެ ވާހަކަފުޅުގައި، އެހެން ވަރަށްބޮޑު މައްސަލައަކަށްވެސް އިޝާރާތް ކުރެއްވި. އެއީ މަސްތުވާތަކެތީގެ މައްސަލަ. ޝައްކެއްނެތް، އެއީ މިއަދު އަޅުގަނޑުމެންގެ ޤައުމަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް. މިއަދު އެކަންޏެއްނޫން. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރަން ފަށައިގެން އެކަން އިތުރުވަމުން އަންނަތާ ވަރަށްގިނަ އަހަރުތަކެއްވެއްޖެ. އެކަމާ ދޭތެރޭގައި ސަރުކާރުން މިގެންދަނީ ފިޔަވަޅުތައްވެސް އަޅަމުން. އެހެންނަމަވެސް، އެފިޔަވަޅުތަކުގެ ސަބަބުން އަދި މިވަނީ އެދެވޭ ނަތީޖާއެއް ނުފެނި.

އަޅުގަނޑުމެން އެބަޖެހޭ މިމައްސަލައާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނަން. މަސްތުވާތަކެއްޗަކީ، ރާއްޖޭގައި އުފައްދާ އެއްޗިއްސެއްނޫން. އެތަކެތި ރާއްޖެއަށް މިއަންނަނީ ރާއްޖެއިން ބޭރުން. އެހެންވީމާ، އެންމެފުރަތަމަ އަޅުގަނޑުމެން ސަމާލުކަންދޭންވީ އެއްކަމަކީ، އެފަދަ ތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުން. މިއީ، ދަންނަވާލަން ވަރަށް ފަސޭހަ ވާހަކައެއް. އެކަމަކު ޢަމަލީގޮތުން މިކަން ކުރުމަކީ ވަރަށް ދަތިކަމެއް. ރާއްޖެ މިއޮންނަނީ ވަރަށްބޮޑަށް ހުޅުވިފައި.

ރާއްޖެއަށް މިފަދަ އެއްޗެހި ހަމައެކަނި އަންނާނީކީ ގަވާއިދުން މިހުންނަ ބަނދަރު ތަކަކުންނޫން. ރާއްޖެއިން ބޭރުން ރާއްޖެއަށް މިއަންނަ ބޯޓުފަހަރު ބަނދަރުކުރާ ޚާއްޞަ ތަންތަންހުރޭ. މުދާ އެތެރެކުރުމާއި، ބޭރުކުރުމާއި، މީހުން އައުމާއި ފުރުމާ މިކަންތައްތައް ސަރުކާރުގެ އިދާރާތައް ކަމަށްވާ ކަސްޓަމާއި އިމިގްރޭޝަނުގެ މުވައްޒަފުންގެ ބެލުމުގެ ދަށުން އެބަހިނގާ.

އެހެން ނަމަވެސް، ރާއްޖެ މިއޮތްގޮތުން ހަމަ ކޮންމެ ދިމާއަކަށްވެސް ބަޔަކަށް ކައިރިކުރެވިދާނެ. އަދި މަސްތުވާތަކެތި ކަހަލަ އެއްޗެހި ރާއްޖެއަށް އެތެރެކުރުމަކީ ރާއްޖެ ހުޅުވިފައި މިއޮތް ހުޅުވުމުގެ ސަބަބުން ދަތިކަމެއްނޫން. ބަނދަރުތަކުގެ އިތުރުން އެހެން ގޮތްގޮތުންވެސް އެތެރެކުރުމަކީ އެކަށީގެންވާ ކަމެއް. އެކަން އެހެން ހިނގަނީ ކަމަށްވެސް ވެދާނެ. މިއީ، އަޅުގަނޑުމެންނަށް ބަންދުކުރަން ވަރަށް އުނދަގޫ މަގެއް. އެހެންނަމަވެސް އެމަގުވެސް ބަންދުކުރެވޭތޯ އަޅަންހުރި ހުރިހާ ފިޔަވަޅެއް އަޅަންވާނެ. ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެ.

ދެން ދަންނަވާލަން ބޭނުންވަނީ މިއީ ބައިނަލްއަޤްވާމީ ވަރަށް ބޮޑު ވިޔަފާރިއެކޭ. މަސްތުވާތަކެތި އުފައްދާ މީހުންނާއި އެތަކެތީގެ ވިޔަފާރިކޮށްގެން ވަރަށްގިނަ އަދަދަކަށް ފައިސާ ހޯދާ މީހުން ދުނިޔޭގެ އެތަން މިތާނގައި އެބައުޅޭ. އެއީ ޤާނޫނާ ޚިލާފަށް އެބަޔަކު ކުރާ ޢަމަލުތަކެއް. އެހެންނަމަވެސް، ފައިސާގެ ދަހިވެތިކަމުގައި ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި މިކަމުގައި ބޮޑެތި ވިޔަފާރި އެބަ ހިންގާ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ، އެފަދަ ވިޔަފާރިވެރިންގެ އަތްދަށުގައިވާ ތަނަކަށް. އެމީހުންގެ އެނުބައި ރޭވުމުގައި ޖެހިގެން އަޅުގަނޑުމެންގެ ޅަކުދިންނާއި، ޒުވާނުންނަށް އޭގެ ގެއްލުންތައް މިދަނީ ލިބެމުން.

އެހެންވީމާ، މިއީ ފަސޭހަކަމެއްނޫން. ރާއްޖެއިން ބޭރުގައި މިކަންކުރާ ވަރަށް ބޮޑެތި ވިޔަފާރިވެރިން، ބޮޑެތި މަހުޖަނުން މީގެ ފަހަތުގައި އެބައުޅޭ. އެހެންވީމާ، އެ އެންމެންނާ ދިމާކޮށް އެ އެންމެން އެކުރާ މަސައްކަތް ހުއްޓުވުމަކީ، އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫން. އެކަމަކު، އެއީ ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް އެކަން އެބަޖެހޭ އަޅުގަނޑުމެން ހުއްޓުވަން. އަޅުގަނޑުމެންގެ ދަރިންގެ ސަލާމަތަށްޓަކައި، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްކުރަން، ފިޔަވަޅުތަކެއް އަޅަން.

އާދެ! އިއްޔެ ނޫން އިހަށްދުވަހަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް. އެދުވަސް ރާއްޖޭގައިވެސް ފާހަގަކުރޭ. މިއަދު އަޅުގަނޑުމެން މި ބޭނުންވަނީ ޤައުމުގެ ހުރިހާ ފަރާތްތަކެއް އެކަތިގަނޑަކަށްވެގެން، އެއްބާރުލައިގެން މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން. އޭގެތެރޭގައި ސަރުކާރުގެ ދާއިރާތަކާއި، އަމިއްލަ ފަރާތްތަކާއި، ރާއްޖޭގައި ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތަކާއި، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި، ސްކޫލް މަދަރުސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންނާއި، ދިވެހި ރައްޔިތުންގެ އެންމެން ގުޅިގެން އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ކުރާ މަސައްކަތެއްގެ ގޮތުގައިނަމަވެސް، ޤައުމީ މަސައްކަތެއްގެ ގޮތުގައި މިމަސައްކަތް ކުރަން އެބަޖެހޭ. މިހެން ދެންނެވިޔަސް އެހެން ހުރިހާ މަސައްކަތެއް ހުއްޓައެއް ނުލެވޭނެ. ކުރަންޖެހޭ މުހިންމު ކަންތައްތައް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރަން ކުރަންޖެހޭ މަސައްކަތަކީ، އެވަރުގެ މުހިންމު ކަމެކޭ.

އެހެންވީމާ، އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ރައްޔިތުންނަށް، އަދި ރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް މި އިލްތިމާސް ކުރަނީ، ޤައުމީ މަސައްކަތެއްގެ ގޮތުގައި، ވަރަށް ވަރުގަދަ ޢަޒުމަކާ އެކީގައި މިމަސައްކަތް ކުރަމުން ގެންދިޔުމަށް. އޭރުން މާތްﷲގެ ވާގިފުޅާއެކު މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރުމަކީ، އަޅުގަނޑުމެންނަކަށް ދަތި ކަމަކަށް ނުވާނެ.

އާދެ! މަސްތުވާތަކެތީގައި ޖެހޭ މީހުންނަށް ފަރުވާދިނުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދޭ. އެފަދަ މީހުންނަށް ފަރުވާދީ، އެމީހުން އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢަށް ގެނެވޭތޯ ރާއްޖޭގައި އެއްމަރުކަޒަށްވުރެ ގިނަ މަރުކަޒުގައި މިހާރު މަސައްކަތް ކުރަމުން އެބަދޭ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި 1500 އަށްވުރެ ގިނަ މީހުންވަނީ އެތަންތަނުން ފަރުވާ ހޯދާފައި. ނުވަތަ ގިނަ މީހުންނަށްވަނީ ފަރުވާ ލިބިފައި. އަދި އޭގެތެރެއިން ވަރަށްގިނަ މީހުންވަނީ ފަރުވާ ލިބުމަށްފަހުގައި ދޫކޮށްލެވިފައި.

ދޫކޮށްލެވޭ މީހުންގެ ތެރެއިން ބައެއް މީހުންނަކީ، އެނބުރި އެކަންތަކަށް ދާ މީހުން. އެއީ ވަރަށް ދެރަ ކަމެއް. އެހެންނަމަވެސް، އެއީ ދުނިޔޭގައިވެސް އެކަން އޮތްގޮތް. ފަރުވާ ލިބޭ އެންމެން، އެމީހުން އެފަރުވާ ލިބޭ ތަނަކުން ނުކުންނައިރު މަސްތުވާތަކެތިން ސަލާމަތްވެފައި ތިއްބަކަސް، އެންމެންނަކަށް އެހެން ދެމިއެއް ނުތިބެވޭ. އަނެއްކާވެސް އެދަލުގައި އެބަޖެހޭ. މިއީވެސް، ވަރަށް ދެރަކަމެއް.

އެހެންވީމާ، މިކަމުގައި އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންގެ އެއްބާރުލުމަށް ބޭނުންވޭ. ޚާއްޞަކޮށް މައިންބަފައިންނާއި، ބެލެނިވެރިންނާއި، ހަރުމީހުންނާ އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މަސައްކަތް ކޮށްގެންނޫނީ މިކަމަކުން އަޅުގަނޑުމެންނަކަށް ދުރަށްދެވޭކަންނެތް.

އާދެ! ބޮޑުކަތީބުގެ ވާހަކުފުޅުގައި ވިދާޅުވި މަސްތުވާތަކެތީގެ އިތުރުން މިރަށުގައި އެހެން ބައެއް ކުށްތައް ކުރާ ވާހަކަ. ވައްކަން ކުރުމާއި، މާރާމާރީ ހިންގުމާއި، މިކަންތައްތައްވެސް ހިނގާ ވާހަކަ. މިއީވެސް ވަރަށް ހިތާމަހުރި ކަމެއް. ޙަޤީޤަތުގައި މަސްތުވާތަކެއްޗަކީ، އެހެން ކުށްކުށަށް އަރައިގަތުމަށް މަގުފަހިކޮށްދޭ ކަމެއް. ވައްކަންކުރުމާއި، މާރާމާރީ ހިންގުމާއި، އެނޫންވެސް ބޮޑެތި ޖަރީމާތައް ހިންގުމަށް މަސްތުވާތަކެތީގެ ބޭނުންކުރުން ވަރަށް ބޮޑަށް މަގުފަހިކޮށްދޭ. އޭގެތެރޭގައި އުޅޭ މީހުން، އެހެން ގޮތެއް ނެތިގެން އެކަންތައްތައް ކުރަމުން އެބަގެންދޭ. މިއީ ހަމަ ދަންނަވާނީ އެއްކަމަކުން އަނެއްކަމެއް އުފެދިގެން ބޮޑުވެގެންދާ އުސޫލުން ދާކަމެކޭ. އެހެންވީމާ، މީގެވެސް އެންމެ ބޮޑު ޙައްލަކަށް އޮތީ މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބު ކުރުން.

އާދެ! އަޅުގަނޑުމެން މިޖަލްސާ ކުރަމުން މިދާ ސްކޫލަކީ، ވަރަށް މުހިންމު ބިނާއެއް. އެއީ، އަޅުގަނޑުމެންގެ ވަރަށް އެކުވެރި، ރަޙްމަތްތެރި ޤައުމެއް ކަމަށްވާ ޤަޠަރު ސަރުކާރުގެ އެހީގައި އަޅާފައިވާ ޢިމާރާތެއް، މަދަރުސާއެއް. ޤަޠަރު އަމީރު ސުކޫލް. ޤަޠަރުގެ އަމީރު ޙަމަދު ބިން ޚަލީފާއަކީ، ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް. ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވާ ޒަޢީމެއް. ޤަޠަރަށް ޒިޔާރަތްކޮށް، އެމަނިކުފާނާ ބައްދަލުކުރުމުގެ އުފާ، އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑަށްވެސް ވަނީ ލިބިފައި. ރާއްޖޭގެ ތަރައްޤީގެ ކަންތައްތަކުގައި ޤަޠަރުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ. އެހެންވީމާ، މިމުނާސަބަތުގައި ޤަޠަރުގެ އަމީރު ޙަމަދު ބިން ޚަލީފާ އައްސާނީއަށާއި، އެމަނިކުފާނުގެ ސަރުކާރަށާއި، ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ މިދަތުރުގައި، ސަރުކާރުގެ ވަރަށްގިނަ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާ. އެބޭފުޅުން ވަޑައިގެންދެއްވިކަމީ، މިދަތުރަށް ލިބުނު އިތުރު ފުރިހަމަކަމެއް. އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް. އެހެންވީމާ، މިދަތުރުގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގެންދެއްވި ޢިއްޒަތްތެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މަރުޙަބާ ދަންނަވަން.

އާދެ! އޭގެތެރެއިން އެއްބޭފުޅަކީ، މިނިސްޓަރ އޮފް އެޓޮލްސް ޑިވްލޮޕްމަންޓް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ. އެމަނިކުފާނު މިމަގާމާ ހަވާލުވެވަޑައިގަތީ އިހަކަށްދުވަހު. އެހެންނަމަވެސް އެމަނިކުފާނަކީ، އެޓޮލްސްގެ ނުވަތަ އަތޮޅުތަކާބެހޭ ދާއިރާގައި ވަރަށް ކުރިއްސުރެ ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވާތީ، އެމަނިކުފާނުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުގައި އަޅުގަނޑު ހިތުން ކުރީގެ ތަޖުރިބާތައް އެއީ ވަރަށް ބޮޑު ފަސޭހަކަމެއް ގެނެސްދޭ ކަމަކަށްވާނެ. އާދެ! އަޅުގަނޑު ހިތުން އެމަގާމާ ހަވާލުވެވަޑައިގަތްފަހުން އަތޮޅަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ މިއީކަންނޭނގެ. އެކަމަކު، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެހެން އަތޮޅުތަކަށް، އެހެން ރަށްރަށަށްވެސް މީގެފަހުން އެމަނިކުފާނު ވަޑައިގަންނަވާނެ. އަދި އެރަށްރަށުގެ ކަންތައްތައް ބައްލަވައި، ތަރައްޤީގެ މަގުގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ.

މިފުރުޞަތުގައި، މިވޭތުވެދިޔަ ދުވަސްކޮޅު މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށްޓަކައި، އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ! ވަޙީދުއްދީނަކީ، ވަރަށް ހީވާގި ޙަރަކާތްތެރި ބޭފުޅެއް. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށްގިނަ އަތޮޅުތަކަށްވަނީ ޒިޔާރަތް ކުރައްވާފައި. ވަރަށްގިނަ ރަށްރަށަށް ވަނީ ޒިޔާރަތްކުރައްވާފައި. ވަރަށްގިނަ މީހުންނާ ބައްދަލުކުރައްވައި، ވަރަށްގިނަ މީހުންގެ ޚިޔާލާއި، މަޝްވަރާ ވަނީ ހޯއްދަވާފައި. އެހެންވީމާ، އެކުރެއްވި މަސައްކަތަކީ، ރައްޔިތުންނަށް ވަރަށް ފައިދާ ކުރަނިވި ގޮތެއްގައި ކޮށްދެއްވި މަސައްކަތްތަކެއްކަން ހެޔޮހިތުން އަޅުގަނޑު ގަބޫލުކޮށް އޭނާއަށް ތިޔަބޭފުޅުންގެ ނަމުގައިވެސް ޝުކުރު ދަންނަވަން.

ދެން ދަންނަވާލަންއޮތީ، މިފަހަރު ވަޒީރުންގެ މަގާމު ބަދަލުވުމުގެ ސަބަބުން ސަރުކާރުގެ އެއްވެސް ދާއިރާއެއްގެ ސިޔާސަތަކަށް ބަދަލެއް ނާންނާނެ ވާހަކަ. އަޅުގަނޑު ރޭ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރި ކުރުމުގައިވެސް، މިވާހަކަ ވާނީ ދަންނަވާލާފައި. އޭގެތެރެއިން، ބައެއް ބޭފުޅުން އެ ވާހަކަ އައްސަވާނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއައި ބަދަލަކީ ސިޔާސަތަށް އައި ބަދަލެއްނޫނޭ. ސިޔާސަތު އޮންނާނީ އެއޮތްގޮތަށޭ.

އޭގެތެރެއިން އެއްކަމެއް، ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގެ ރަށްރަށުގެ ހިންގުން ހަރުދަނާކުރުން. އެކަން އެއީ ސަރުކާރުގެ ސިޔާސަތެއް. އަދި އިޞްލާޙީ ޕްރޮގްރާމްގައި ހިމެނިފައިވާ ކަމެއްވެސްމެ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ވަރަށް ރަނގަޅަށް ހިނގަމުންދާނެ. އަދި އަޅުގަނޑަށް އެނގިފައިވާގޮތުގައި އެމިނިސްޓްރީއާ އަލަށް ހަވާލުވެ ވަޑައިގެންނެވި އަލްފާޟިލް އަޙްމަދު ތަސްމީނު ޢަލީވެސް އެކަމަށް ވަރަށްބޮޑު އިސްކަމެއްދެއްވާ.

އާދެ! މިއަދުގެ މިޖަލްސާއަށްފަހުގައި، މިއަތޮޅުގައި އެމް.ޓީ.ސީ.ސީ އިން ފަށްޓަވާ ޚިދުމަތެއް ފަށާދިނުމުގެ އުފާވެސް އަޅުގަނޑަށް އެބަ ލިބޭ. އާދެ! އެއީ ބަސްދަތުރުގެ ޚިދުމަތް. މިއީ، އަޅުގަނޑު ހިތުން އެއްފަސްގަނޑަކަށް، މިހާ ބޮޑު ސަރަޙައްދެއް އޮންނަ ތަނެއްގައި ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާނެ ޚިދުމަތެއް. މިޚިދުމަތުގެ ސަބަބުން، ރައްޔިތުންނަށް އިތުރު ލުއިތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް، އަޅުގަނޑު އުންމީދުކުރަން. ބަސްދަތުރުގެ ޚިދުމަތަކީ ރާއްޖެއަށް އާ ޚިދުމަތެއް. އެހެންނަމަވެސް، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން މިކުރިއަށްދާ ދިޔުމުގައި އިތުރު ފަސޭހަތަކާއި ތަނަވަސްކަން ރައްޔިތުންނަށް ލިބިދެވޭނެ ގޮތްތަކަށް ކަންތައްތައް ރާވައިގެން ހިންގުމަކީ ސަރުކާރުން ކުރަން ޖެހޭނެކަމެއް. އެހެންވީމާ، އެގޮތުގެ މަތިން އެމް.ޓީ.ސީ.ސީ މެދުވެރިކޮށް، މިޚިދުމަތް މިއަދު މިއަތޮޅުގައި ސަރުކާރުން ފަށަނީ. އެއީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި އެޚިދުމަތުގެ ސަބަބުން މިއަތޮޅުގެ ނުވަތަ އެއްފަސްގަނޑަކަށް މިއޮތް ރަށްރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ލުއިތައް ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޔަޤީންކޮށް، މިކަމަކީ ވަރަށް އުފާވެރި ކަމެއް ކަމުގައި ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ގަމުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން. އަދި ގަމަށާއި، މިއަތޮޅުގެ އެހެން ރަށްރަށާއި، މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށާއި، އަދި ޢާންމުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، މާތްﷲ ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުން. އަދި އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ހަދިޔާ ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުކަމާއެކު ތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރަމުން. އަދި އަޅުގަނޑުމެން އެންމެން، އާދެ! ދިވެހިރައްޔިތުން، ދިވެހި ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، ރައްޔިތުންގެ އެންމެން، ތަރައްޤީގެ މަގުގައި މިކުރަމުން ގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އެކަމުގެ ރަނގަޅު ނަތީޖާއާއި، ލާބައާއި، މަންފާ އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާ ކުރަމުން.

والسـّلام عليـكم ورحمـة اللّـه وبـركاتـه