މަތީ ތަޢްލީމާބެހޭ މަޖިލިސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަލުން އެކުލަވާލައްވައި، އެ މަޖިލީހުގެ ރައީސަކަށް ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ހަމަޖައްސަވައިފިއެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ އާއި، ހަޔަރ އެޑިޔުކޭޝަންގެ ދާއިރާއިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު ޢަލިމަނިކާއި، ފަންނީ/އެކަޑެމިކް ދާއިރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢިޞާމް މުޙަންމަދާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޢަމީދު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދާއި، ފަންނީ/ރިސާރޗްގެ ދާއިރާއިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ މުޙަންމަދު ޝިހާމް އާދަމާއި، އަމިއްލަ ވިޔަފާރީގެ ދާއިރާއިން ހެންވޭރު ޝަފީޤުގޭ އަލްފާޟިލް މުޙަންމަދު ޝަފީޤެވެ.

މަތީ ތަޢްލީމާބެހޭ މަޖިލިސް އަލުން އެކުލަވާލެއްވުމާ ގުޅިގެން، އެމަޖިލީހުގެ މަސައްކަތްތަކަށްވެސް ވަނީ ބަދަލުގެންނަވާފައެވެ. މިގޮތުން، މި މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ކުއްލިއްޔާތަކާއި، މިފަދަ އެހެން މަރްކަޒުތަކުން ހިންގާ ކޯސްތަކަށް ވަދެވޭ ފެންވަރުތައް ކަނޑައެޅުއްވުމާއި، އެއްމަރްކަޒުން ހަދާ ކޯސްތަކުގެ ކްރެޑިޓް ޕޮއިންޓް، އެހެން މަރްކަޒުތަކަށް ގަބޫލުކުރުންފަދަ ކަންތައްތައް ކުރެވޭނެ ނިޒާމެއް ރާއްވަވައި ހިންގެވުމާ ބެހޭގޮތުން ލަފާދެއްވުން ހިމެނެއެވެ. އަދި މަތީ ތަޢްލީމާބެހޭ ސިޔާސަތު ކަނޑައެޅުއްވުމުގައި ސަރުކާރަށް ލަފާދެއްވުމާއި، ދުރު މުސްތަޤްބަލަށް ރާއްވަވައިގެން އަދި ވާދަވެރި މާޙައުލެއްގައި ރާއްޖޭގެ މަތީ ތަޢްލީމުދޭ މަރްކަޒުތަކުގެ ޙަރަކާތްތައް ހިންގެވުމަށް ލަފައާއި އިރުޝާދު ދެއްވުމާއި، މަތީ ތަޢްލީމާބެހޭ އެކިއެކި ކަންކަމުގައި ސަރުކާރަށާއި އަމިއްލަ ފަރާތްތަކުން ހިންގަވާ މަރްކަޒުތަކަށް ބޭނުންވާ ފަންނީ މަޝްވަރާއާއި ލަފާ ދެއްވުން ހިމެނެއެވެ. މީގެއިތުރުން، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ޔުނިވަރސިޓީތަކާއި މަތީ ތަޢްލީމުދޭ މަރްކަޒުތައް އުފައްދަވައި ހިންގުމާބެހޭ އުޞޫލުތައް ކަނޑައެޅުއްވުމާއި، މަތީ ތަޢްލީމާއި ތަމްރީނާގުޅޭ ދާއިރާތަކުން އެއްކުރެވޭ މަޢްލޫމާތާއި ލިބެންހުރި ވަސީލަތްތަކަށް ބިނާކުރައްވައި މަތީ ތަޢްލީމާއި ތަމްރީނު ކާމިޔާބުކަމާއެކު ސަރުކާރުގެ މަރްކަޒުތަކުގައި ދެވޭނެ ތަޞައްވުރެއް އެކުލަވާލެއްވުމާއި، ސަރުކާރުގެ މަތީ ތަޢްލީމާބެހޭ މަރްކަޒުތަކުގައި މަތީ ތަޢްލީމާއި ތަމްރީނުދޭނެ ދިވެހިންގެ ޢަދަދު އިތުރުކުރެއްވުމަށްޓަކައި މަރްކަޒުތަކުގައި ޙަރަކާތްތެރިވާ ދިވެހިންނަށް މަތީ ހަރުފަތްތަކުން ކުރިއަށް ދެވޭނެ މަގުތައް އިތުރުކުރެއްވުމާއި، ޔުނިވަރސިޓީތަކުގެ އަސާސީ ގަވާއިދުތައް ވިލަރެސް ކުރެއްވުންވެސް، އަލުން މިއެކުލަވާލެއްވި މަތީ ތަޢްލީމާބެހޭ މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.