ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ މިލާން ކްރިކެޓް އެކަޑަމީ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުޅުނު ޚާއްޞަ ކްރިކެޓް މެޗް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ކުޅިވަރު އެކުވެނި ދަނޑުގައި މިއަދު މެންދުރުފަހު 20 އޯވަރަށް ކުޅުނު މި މެޗުގައި ބައްދަކޮށްފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޓީމަކާއި ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޓީމެކެވެ. މިއަދުގެ މެޗުން މޮޅުވި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ޙަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް މެޗު ބައްލަވާލައްވަން އެކުވެނި ދަނޑަށް ވަޑައިގެންނެވިއެވެ.