بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! ހުވަދުއަތޮޅު އުތުރުބުރިއަށް އަޅުގަނޑު މިއަދު މިކުރަން ފެށި ދަތުރުގައި އެންމެ ފުރަތަމަ މިއާދެވުނީ ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް، ގެމަނަފުށްޓަށް. ގެމަނަފުށްޓަށް އައުމަކީ އަޅުގަނޑަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް. އަޅުގަނޑު މިރަށަށް އައިސް ފޭބުމުން އަތޮޅުވެރިން އަޅުގަނޑުގާތު ވިދާޅުވީ، މިރަށު ޒުވާނުން އެބަބުނެޔޭ ތިމަންނަމެން ރައީސް ލޮލުކޮޅުންވެސް ނުދެކެމޭ. އެއީ، ހަމަވަރަށްބޮޑު ތެދެއްކަންނޭނގެ. އެހެން މިދެންނެވީ އަޅުގަނޑަށް މި ރަށަށް ޒިޔާރަތް ނުކުރެވޭތާ ލައްކަ ގިނަދުވަސްވެއްޖެ.

އެންމެ ފުރަތަމަ އަޅުގަނޑުއައީ ވަރަށްކުރިން. އެއީ، 1974 ވަނަ އަހަރު. އޭރު އަޅުގަނޑަކީ މި މަގާމުގައިހުރި މީހެއްނޫން. އޭރު އަޅުގަނޑު ހުރީ ވަޒީރުލްއަޢްޒަމްގެ ޚާއްޞަ ވަކީލުގެ މަގާމުގައި. އޭރުގެ ބޮޑުވަޒީރު، ވަޒީރުލްއަޢްޒަމް ފޮނުއްވައިގެން މާލެއިން ދެކުނުގައި މީހުންއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ކުރި 45 ދުވަހުގެ ދިގު ދަތުރުގައި ގެމަނަފުށްޓަށް އައިން. ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. 1974 ވަނަ އަހަރު. އޭގެފަހުން އަޅުގަނޑަށް މިއާދެވުނީ ރައީސްކަމާ ހަވާލުވިފަހުން، 1980 ވަނަ އަހަރު.

އެހެންވީމާ، އެ ތާރީޚުން މިހާތަނާ ޖެހެންދެން މިހާރު 27 އަހަރު ވޭތުވެގެން އެދިޔައީ. އެހެންވީމާ، އެއީ ވަރަށްބޮޑު ތެދުފުޅެއް. މި ރަށުގެ ވަރަށް ގިނަ ޒުވާނުން އަޅުގަނޑު ދެކެފައެއްނުވާނެ. އަދި އެ ޒުވާނުންނާ ބައްދަލުވުމުގެ އުފަލެއް އަޅުގަނޑަކަށްވެސް މީގެކުރިއަކުން ލިބިފައެއްނުވާނެ.

އާދެ! އަޅުގަނޑު މިކުރާ ދަތުރުގެ ބޭނުން އެނގިވަޑައިގަންނަވާނެ. ހަމައެކަނި ގެމަނަފުށްޓަކަށްނޫން. ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގެ ވަރަށްގިނަ ރަށްރަށަށް މާތް اللّـهގެ ވާގިފުޅާއެކު އަޅުގަނޑު ޒިޔާރަތް ކުރަމުން އެބަގެންދަން. އޭގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ ހާލުއަހުވާލު ބަލައިލުން. އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުން ކުރައްވާ މަސައްކަތާއި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޚިދްމަތްތަކާއި އަދި އެމަސައްކަތްތައް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށާއި، އެ ޚިދްމަތްތަކުގެ ދާއިރާ ފުޅާކޮށް ފެންވަރު މަތިކުރުމަށާއި، މިކަންކަމަށް ސަރުކާރުން ކުރަންޖެހެނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބަލައިލުން. އެކަމުގެ މަޢްލޫމާތު އެއްކުރުން. ހަމައެއާއެކީގައި ރަށަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯބަލައި އެކަންވެސްކުރުން.

އާދެ! ކޮންމެއަކަސް މިއަދު އަޅުގަނޑު ގެމަނަފުށްޓަށް އައުމުން ގެމަނަފުށީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވީ ވަރަށްވެސް ހޫނު މަރްޙަބާއެއް. އެންމެ ފުރަތަމަ މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުاللّـه ސަޢީދު. އަދި އޭގެފަހުން އަތޮޅުއޮފީހުގެ ވެރިން، އަދި މިރަށުގެ ވެރިންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ސްކޫލް ކުދިންނާއި، ޙަޤީޤަތުގައި ގެމަނަފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުން. ކުދިބޮޑު އަންހެން ފިރިހެން އެންމެން، އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށްހޫނު އިޚްލާޞްތެރި މަރްޙަބާއެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! ގެމަނަފުށްޓަށް އައުމުން އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށްވެސް އުފާވެރި މަންޒަރުތަކެއް. ސަރުކާރާ ރައްޔިތުންނާ ގުޅިފައި އޮތް މިންވަރު ފެނިގެން ދިޔުމުން، މިހެން މިދެންނެވީ. ރައްޔިތުންގެ މޫނުތައްވަނީ ހިނިތުންވެފައި. އެންމެންގެ މަރްޙަބާގެ ޝުޢޫރުތައް އެހާ އިޚްލާޞްތެރި. ވަރަށްގިނަމީހުން އަޅުގަނޑާ ސަލާންކޮށް ހެޔޮ ދުޢާކޮށްހެދި. އަދި މިރަށުގެ ޒުވާން މަސްވެރިން އެބޭފުޅުން އެތައްޔާރުކުރެއްވި ދޯންޏަށް އެރުމުގެ އުފަލާއި ހިތްހަމަޖެހުން އަޅުގަނޑަށް ދެއްވީތީ، މަސްވެރި ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމަ އެހެންމެ، މިރަށުގެ ސްކޫލް ކުދިންނާ މިޔުޒިކް ކުޅޭ ނުވަތަ ލަވަކިޔާ ގްރޫޕްތަކުގެ ފަރާތުން މަރްޙަބާ ކިޔުމުގެގޮތުން މިތާނގައި އެދެއްކި އައިޓަމްތަކަކީވެސް، ވަރަށް ފުރިހަމަ ވަރަށް ރީތި އައިޓަމްތަކެއް. ވަރަށް ރީތި ލަވަތަކެއް. އެހެންކަމާއެކީގައި، އެއައިޓަމްތަކުގައި ބައިވެރިވި އެންމެންނަށްވެސް، އަދި އެކަމުގައި އިސްވެ ޙަރަކާތްތެރިވި ފަރާތްތަކަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އޭގެއިތުރުން، މިރަށުގެ ކުޑަކަތީބު، ދެންމެ އޭނާގެ ވާހަކަފުޅުގައި، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މަރްޙަބާ ވިދާޅުވެފައިވާތީ، އޭނާއަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.

އާދެ! ކުޑަކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިރަށުގެ ތަރައްޤީއަށް ސަރުކާރުންވަނީ މިހާރުވެސް މަސައްކަތްތަކެއް ކޮށްފައި. ކޮންމެހެން އެވާހަކަ އަޅުގަނޑު ދަންނަވާލާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން މިހިންގާ މަޝްރޫޢުތަކާއި މަސައްކަތްތަކުގެ ބޭނުމަކީ ހަމައެކައްޗެކޭ. އެއީ، ރައްޔިތުންނަށް އެއިން ފައިދާ ޙާޞިލުކޮށްދިނުމޭ. ރައްޔިތުންނަށް މަންފާ ލިބިދިނުމޭ. އެހެންވީމާ، ގެމަނަފުށީގައިވެސް އަދި ގެމަނަފުށީ ފިޔަވައި ރާއްޖޭގައިހުރި އެހެން ރަށްތަކުގައިވެސް ސަރުކާރުން ތަފާތު މަޝްރޫޢުތަކާއި މަސައްކަތްތައް ހިންގަމުން މިގެންދަނީ އެ މަޤްޞަދުގައި. ކުރިޔަށް އޮތްތާނގައިވެސް އިރާދަކުރެއްވިއްޔާ އެކަންދާނީ ހަމައެގޮތަށް.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ގެމަނަފުށްޓަކީ، ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ހީވާގި ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. އަދި ރަށުގެ ޒުވާނުންގެ ތެރެއިން ގިނަބަޔަކީ، ރަށުގައި ތިބެގެން މަސްވެރިކަންކުރާ ބައެއް. ދެންމެ ކުޑަކަތީބުގެ ވާހަކަފުޅުގައިވެސް އެވާހަކަ ވިދާޅުވެއްޖެ. އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާކަމެއް. އެއީ، އަޅުގަނޑުމެންގެ ޒުވާނުން ރަށުގައި ތިބެގެން އެމީހުންނަށް އާމްދަނީ ލިބޭފަދަ މަސައްކަތްތަކެއްކޮށް އަދި އޭގެ ސަބަބުން ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބޭކަހަލަ މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމުކަމެއް.

ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިކަން އޮންނަނީކީ މިހެނެއްނޫން. މަސްވެރިންވެސް ބައެއް ރަށްރަށުން އެހެން ދިމަދިމާގައި މަސްވެރިކަންކުރޭ. އަދި އަމުދުން ޒުވާނުން، ރަށުގައި ނުތިބެ އެހެން ތަންތާނގައި ވަޒީފާ އަދާކުރަމުން ގެންދޭ. އެއީ، އެމީހުންނަށް ދިމާވެފައި އޮތްގޮތުން އެމީހުން އެކަން ކުރަމުން ގެންދާގޮތް. އެއާ ޚިލާފަށް މިރަށުގެ ޒުވާނުންނަކީ، އޭގެތެރެއިން ވަރަށް ގިނަ ބަޔަކީ، ރަށުގައި ތިބެގެން މަސައްކަތްކުރާ ބަޔަކަށްވީކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު ހަނދާންކޮށް އެކަމަށްޓަކައި މިރަށުގެ ޒުވާނުންނަށް ޝުކުރު އަދާކުރާކަމެއް.

އާދެ! ގެމަނަފުށްޓަކީ މަސްވެރިކަމުގެ ރަށެއް. ވަރަށްބޮޑެތި ދޯނިފަހަރު ހުރި ވާހަކަ އަދި މިހާރުވެސް ބަންނަމުންގެންދާ ވާހަކަ ދެންމެ ކުޑަކަތީބުވެސް ވިދާޅުވެއްޖެ. އޭގެކުރިންވެސް، ގެމަނަފުށްޓަކީ، މިއަތޮޅުގެ މަސްވެރިކަންކުރާ ރަށްތަކުގެ ތެރެއިން ވަރަށް ވިދާ، ވަރަށް ބޮޑުކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާ ރަށެއްކަން އަޅުގަނޑުމެންނަށް އެނގޭ. މަސްވެރިކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވޭ ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތެއް. ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުފުވުމުގެ ކުރިން، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު މަސައްކަތަކަށްވެފައި އޮތީ މަސްވެރިކަން. ފަތުރުވެރިކަން އައުމަށްފަހުގައިވެސް، މަސްވެރިކަމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް އިސްކަންދޭ ވަރަށް މުހިންމު މަސައްކަތެއް. ވަރަށްގިނަ ޢާއިލާތަކަށް މަސްވެރިކަމުން ދިރުމާއި ކުރިއެރުން ލިބެމުންދޭ. ހަމައެހެންމެ، ޤައުމުގެ އިޤްތިޞާދަށްވެސް އޭގެ ފައިދާ ކުރަމުންދޭ.

އެހެންވީމާ، މަސްވެރިކަމަކީ ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެމުން ގެންދާކަމެއް. މިހާތަނާ ޖެހެންދެންވެސް ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުންވަނީ ތަފާތު މަޝްރޫޢުތައް ހިންގާފައި. އަދި މިހާރުވެސް ހިންގަމުން އެބަގެންދޭ. އަދި މަސްވެރިންނަށް ކަންތައްތައް ފަސޭހަކޮށްދިނުމަށްޓަކައި ވަރަށްގިނަ ކަންތައްތައް ސަރުކާރުން ކުރަމުން އެބަގެންދޭ. އެހެންވީމާ، މިރަށުގެ ރައްޔިތުން އެކަން ދެނެވަޑައިގަންނަވާނެކަމަށް އަޅުގަނޑު ހީކުރަން.

އާދެ! ރަށަށް ތަރައްޤީ ލިބޭނީ ރަށުގެ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. ވެރިންނާއި، ރައްޔިތުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ޒުވާނުންނާއި، ހަރުމީހުންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ފިރިހެނުންނާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ޙާޞިލުކުރެވޭނީ. އެއީ، ޝައްކެއްވެސްއޮތް ކަމެއްނޫން. މިރަށުގެ ރައްޔިތުން އެގޮތަށް އެކަންތައް ކުރައްވާކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އަޅުގަނޑުގެ ނަސޭހަތަކީ އަދިވެސް ތިޔަގޮތުގައި ތިއްބަވާށޭ. ތިޔަގޮތުގައި ކުރިއަށް ވަޑައިގަންނަވާނޭ. އެންމެން ގުޅިގެން މަސައްކަތް ކުރައްވާށޭ. އޭރުންނޭ ރަށަށް އިތުރުކުރި އެރުމާއި ތަރައްޤީ ލިބޭނީ.

އާދެ! މިރަށުގައި ޒުވާނުން ވަރަށްގިނަ. ބަލާލީމާވެސް އެބަފެނޭ. އައިތަނުންވެސް އަޅުގަނޑު ދުށިން. ޒުވާނުންނަކީ، ޤައުމުގެ ވަރަށް މުހިންމު ބައެއް. ޙަޤީޤަތުގައި ޒުވާނުންނަކީ، މުސްތަޤްބަލް ބައްޓަންކުރާނެ މީހުން. އަދި މުސްތަޤްބަލުގައި އެކިއެކި ބޮޑެތި ކަންތައްތަކާ ހަވާލުވެ ތިބޭނެމީހުން. މިހާރުވެސް، އޭގެތެރެއިން ބައެއް މީހުންނަކީ، މިދެންނެވިހެން ބޮޑެތި މަސައްކަތްކުރާ އަދި ކަންކަމާ ހަވާލުވެ ތިބިމީހުން.

އެހެންވީމާ، ޒުވާނުންނަކީ ދީނަށް ޙުރުމަތްތެރިކޮށްހިތާ، ޤައުމަށް ވަފާތެރި، އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށްވާން އެބަޖެހޭ. ޒުވާނުން މަސައްކަތެއްނުކޮށް ތިބޭކަމަށް ވަންޏާ ވަރަށްބޮޑެތި ނުބައިތައް އެއިން ނުކުންނަމުންދާނެ. ކޮންމެ ޒުވާނަކުވެސް ވާންޖެހޭނީ ހޭލުންތެރި މީހަކަށް. ތަޢްލީމު ލިބިފައިވާ މީހަކަށް. ދުނިޔޭގައި ކަންތައްތައް ހިނގަމުންދާގޮތް ދަންނަމީހަކަށް. އަދި އޭނާއަށާއި އޭނާގެ އާއިލާއަށާއި، އޭނާގެ ރަށަށް ފައިދާކުރާ ކަހަލަ އުފެއްދުންތެރި މަސައްކަތެއް ކުރާމީހަކަށް. އެހެންވީމާ، މިރަށުގެ ޒުވާނުންނަކީ އެކަހަލަ ބައެއްކަމަށްވާތީ އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް ޒުވާނުންނަށް ތަހުނިޔާ ކިޔާ މުބާރާކްބާދީ އަދާކުރަން.

އާދެ! ދެންމެ ކުޑަކަތީބުގެ ވާހަކަފުޅުގައި މިރަށުގެ ރައްޔިތުން އެދޭ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވެއްޖެ. އެކަންތައްތަކަކީ، އަޅުގަނޑުވެސް ގަބޫލުކުރާގޮތުގައި ރައްޔިތުންވެސް ބޭނުންވާނެ ކަންތައްތައް. އެއީ، ޙަޤީޤަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންތައްތައް. އޭގެތެރޭގައި، އެރަށެއްގެ ބަނދަރަކީ ރަނގަޅު ބަނދަރަކަށްވާން، ލަފާފުރުމުގެ ދަތިކަމެއްނެތް އަދި ބޮޑެތި ދޯނިފަހަރުވެސް ގެންގުޅެވޭފަދަ ތަނަވަސް ބަނދަރަކަށްވާން ކޮންމެ ރަށެއްގެ ރައްޔިތަކުވެސް އެދޭނެ.

ހަމައެފަދައިން ކަރަންޓަކީވެސް އެހާ މުހިންމު އެއްޗެއް. ކަރަންޓުގެ ޚިދްމަތްވެސް ހަމަ އެންމެން ބޭނުންވާނެ. އަދި މިއަދު ކަރަންޓްގެ ވާހަކަ ދެއްކެވިއިރު އަޅުގަނޑު ހިތުން މިތާނގައި މިހިރަ ފަންކާތަކާއި ބޮކިތައްވެސް އެކަމަށް ވަރަށްބޮޑަށް ތާއީދު ކުރި. އެހެންވީމާ، އެއިންވެސް އެނގޭ އެއްޗަކީ ކަރަންޓުގެ މުހިންމުކަން.

މިއީވެސް، ހަމަ ސަރުކާރުގެ ވަސީލަތްތައް ހުރި މިންވަރަކުން ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދްމަތެއް. ސަރުކާރުގެ ކަރަންޓޭ ބުނީމާ، ސްޓެލްކޯ ކަރަންޓުގެ ވާހަކަ އެދެއްކެނީ. ސްޓެލްކޯއަކީ ކުންފުންޏެއް. ކުންފުނިން މަސައްކަތްކުރާނީ ފައިދާ ލިބޭގޮތަކަށް ނުވަތަ އެންމެ ކުޑަމިނުގައި ޚަރަދު ދެކޮޅުޖެހޭގޮތަކަށް. އެހެންނޫނިއްޔަކާ އެއީ ކުންފުންޏަކަށްނުވާނެ.

އެހެންވީމާ، މިހާރު މިވާގޮތަކީ ސްޓެލްކޯ ކަރަންޓް ދީގެންވެސް ސްޓެލްކޯއިން އެކުރާ ޚަރަދު އެންމެ ކުޑަވެގެން ލިބޭ ރަށްރަށަށް ނޫނީ އެމީހުންނަށް ކަރަންޓް ދެވޭކަށްނޯވޭ. އެއީ ގެއްލުންވާ ގޮތަކަށް ކުންފުންޏެއް ނުހިނގާނެ. ގެއްލުންވެއްޖިއްޔާ އެ ގެއްލުން ފޫބައްދައިދޭން ޖެހެނީ ސަރުކާރުން. ސަރުކާރުން އެމީހުންނަށް ލާރި ދޭންޖެހެނީ އެކަން ފޫބައްދަން. އެހެންވީމާ، އެއީ ވަރަށް ދަތިކޮށް އޮތްކަމެއް.

އެހެންނަމަވެސް، ސަރުކާރުން ގިނަ ރަށްރަށުގައި މިހަދާގޮތަކީ، ރައްޔިތުން ކަރަންޓުގެ ކަންތައްތައް ކުރެއްވި ނަމަވެސް ސަރުކާރުން އެހީ މިދެނީ. މިސާލަކަށް އިންޖީނު ދިނުން، ޖަނަރޭޓަރު ދިނުން. ނުވަތަ ސަޕްލައިދިނުން ނުވަތަ އެނޫންވެސް އެހެން ގިނަ ސާމާނު ދިނުން. ނުވަތަ ފައިސާގެ އެހީވެ ދިނުން. މިކަހަލަ ކަންތައްތައް ކޮށްގެން ރަށުގެ ރައްޔިތުން ނުވަތަ ރަށުގެ ރައްޔިތުންގެ ބަޔަކު ކަރަންޓުގެ ޚިދްމަތް ދެމުންގެންދާގޮތަށް ގިނަ ރަށްރަށުގައި ރޭވިގެން ހިނގަމުންދަނީ.

އަޅުގަނޑަށްވެސް އެނގޭ އެހެން ހެދީމާ ޚަރަދު ބޮޑުވާނެކަން. އެހެންނަމަވެސް، ރައްޔިތުން ވިސްނަވާލައްވަންވީ ތަންކޮޅަކީ، ކުންފުންޏަކުން އެކަން ކުރާނަމަވެސް އެ ކުންފުންޏަށްވެސް ޚަރަދު ދެކޮޅު ޖެއްސޭގޮތަށް ކުރާނެކަން. އެހެންވެއްޖިއްޔާ އަގުވެސް ބޮޑުކުރާނެ. އެހެންވީމާ، އެކަންތައްއޮތީ އެހެން ކަމަށްވާތީ ދަންނަވާލީ. ސަރުކާރުން މަސައްކަތް މިކުރަނީ ހަމަ ހުރިހާ ރަށަކަށްވެސް ސަރުކާރުން ކަރަންޓްވެސް ދެވޭތޯ. އެކަމަކު ދަތިތައް ހުރިގޮތް ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދަންނަވާލީ.

ދެން، ނަރުދަމާއާއި ފެނުގެ ނިޒާމުގެ ވާހަކަ. އެއީވެސް، ހަމަ ރާއްޖޭގެ ހުރިހާ ތަނަކަށް ބޭނުންވާކަމެއް. އެހެންވީމާ، އެއީވެސް ހަމަ ސަރުކާރުގެ ވިސްނުމުގައި ގެންގުޅޭކަމެއް. ކުނި ނައްތާލުން. ކުނި ނައްތާލުމުގެ ކަންތައްތައް އެއީވެސް ހަމަ ވަރަށް މުހިންމުކަމެއް. ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށްޓަށް މިދިމާވާ ނުރައްކާތަކުގެ ސަބަބުން، ޞިއްޙީގޮތުން ގެއްލުން ނުލިބޭފަދަ ގޮތަކަށް އަދި ތިމާވެށްޓަށް އޭގެ އަސަރު ނުކުރާފަދަ ގޮތަކަށް ކުނިވެސް ނައްތާލެވޭގޮތް ހެދުމަކީ ވަރަށް ބޭނުންތެރިކަމެއް. އެހެންވީމާ، އެއީވެސް ހަމަ ސަރުކާރުގެ ވިސްނުމުގައި ހުރިކަމެއް. އެހެންވީމާ، އެވާހަކަވެސް ދަންނަވާލީ.

ދެން މިސްކިތަކީ ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން އެންމެންވެސް އެންމެ އިސްކަންދޭތަން. މިސްކިތަކީ އެއީ، މާތް اللّـه އަށް ނިސްބަތްވެގެންވާ ގެއެއް. އެހެންވީމާ، މިސްކިތަށް ޙުރްމަތްތެރިކޮށް ހިތުމާއި، ރަށްރަށުގައި މިސްކިތްތައް އިމާރާތްކޮށްދިނުމާއި، ހަލާކުވެފައި ހުންނަ ތަންތަން މަރާމާތުކޮށްދިނުމާއި، އެނޫން އެހީތައް ދިނުމަކީ، ސަރުކާރުން މިހާރުވެސް ކުރަމުންގެންދާ ކަމެއް. ސަރުކާރުގެ ޚާއްޞަ އިދާރާއެއް އެކަމަށް އޮވޭ. އެއީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލިސް. އެ މަޖިލީހުން މިކަން ކުރައްވަމުން އެބަގެންދަވާ.

އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް އެދިވަޑައިގަންނަވާގޮތް ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކުރައްވައިގެން ފޮނުއްވީމާ، އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނާނެ. މިހާރު މިހިރަ މިސްކިތަކީވެސް، ތަންކޮޅެއް ކުރީގެ މިސްކިތެއްކަމަށްވިޔަސް ވަރަށް ފަހުން މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް މިހާރު މިވަގުތަށް ހެދިފައިވާ މިސްކިތެއް. އެހެންނަމަވެސް، އަޅުގަނޑަށްވެސް އެނގޭ އެވަރަކުން އަދި ރައްޔިތުން މުޅިން ބޭނުންވާ ގޮތަށް އެކަން ފުރިހަމަވީ ނޫންކަން. އެއަށްވުރެ ބޮޑު މިސްކިތެއް އެ ވިދާޅުވާހެން ޒަމާނީ މިސްކިތެއް ރައްޔިތުންވެސް ބޭނުންފުޅުވާނެ.

ދެން ދިޔަދޫގައި ހަދަންއުޅުނު އެއަރޕޯޓްގެ ވާހަކަ ވިދާޅުވި. އަދި މިތާނގައި އެބަހުރި މޮޑެލްވެސް ބަހައްޓާފައި. އެތާނގައި ދިޔަދޫ އެއަރޕޯޓް ދައްކާފައިވެސް އެބަހުރި. ވަރަށް ރަނގަޅު. އަޅުގަނޑު އެ ދުށިން. ޙަޤީގަތުގައި ވަރަށް ދެރަކޮށް މިކަން މިއޮތީވެފައި. އެއީ އަޅުގަނޑު ދަންނަވަން މިއުޅެނީ ސަރުކާރުގެ ފަރާތުންވެސް ދެރަކޮށް ކަމެއް ކުރެވިއްޖިއްޔާ އެކަން ބުނަންޖެހޭނެއޭ. އެކަން ކުރެވިފައި މިއޮތީ ވަރަށް ދެރަކޮށް. އެއީ، ދިޔަދޫ، އެއަރޕޯޓަކަށް ކަމުނުދާ ކަމަށް ވަންޏާ ދިޔަދޫގައި އެއަރޕޯޓެއް ހަދާ ވާހަކަ 2000 ވަނަ އަހަރު ސަރުކާރުން އިޢްލާނު ކުރާކަށް ނުޖެހޭނެ. އެއަށްވުރެ ބޮޑަށް ބަލާފައި އިޢްލާނު ކުރަންޖެހޭނީ. މިހާރު ކުރިން ކުރި އިޢްލާނު ކަމުނުގޮސްގެން މިހާރު މިއޮތީ ފަހުން ބަދަލުކޮށްފައި. އެހެންތާކަށް އެއަރޕޯޓް ގެންދިޔުން މާމުހިންމުކަމަށް، ކަމާބެހޭ ދާއިރާތަކަށް ފަހުން ވިސްނިވަޑައިގަތީ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ދެރަކޮށް އެބޭފުޅުންނަށްވެސް ކުރެއްވިފައި އޮތްކަމެކޭ.

ދެން ދެންމެ ވިދާޅުވި މިއަތޮޅުގައި ތިންވަނަ އެއަރޕޯޓަކަށް މިހާރު އިޢްލާނު ކޮށްފައިވާތީ، މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވަނީ މިތާނގައި އެކަންވާށޭ. މިކަމަކީވެސް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވިސްނަވަމުން ގެންދަވާނެކަމެއް. އަދި ކޮންމެ ގޮތެއްގައިވެސް ގެމަނަފުށްޓަށް މި ދިމާވިގޮތުން ގެމަނަފުށީ ރައްޔިތުން ހިތްހަމަޖެހޭ ކޮންމެވެސް ކަމެއް ކޮށްދިނުމަކީ، އަޅުގަނޑު ހިތުން ސަރުކާރުން ހަމަ ކުރަންޖެހޭނެކަމެއް.

އާދެ! ޒުވާނުންގެ ވާހަކަ ވިދާޅުވި. ތެދުފުޅެއް ޒުވާނުން ބޭނުންވާނެ އިޖްތިމާޢީ މަރުކަޒެއްވެސް. ކުޅިވަރުކުޅެންވެސް އެމީހުންގެ އެ ހުންނަ ހަކަތަ، ޖިސްމާނީ ބާރުތައް، ރަނގަޅުގޮތުގައި ބޭނުންކުރެވޭ ގޮތްތަކެއް ހެދިފައި ހުންނަން ބޭނުންވާނެ. އެމީހުން އެކަންޏެއްނޫން. މުޅިރަށްވެސް އެގޮތަށް ބޭނުންވާނެ. މުޅި ޤައުމުވެސް އެގޮތަށް ބޭނުންވާނެ. އެހެންވީމާ، އެކަންތައްތައް ކުރުމަށްވެސް ސަރުކާރުން ހަމަ ސަމާލުކަންދޭނެ. އަދި ދެންމެ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޑްމަންޓް އަޅުގަނޑު ގާތުގައި ސިއްރުސިއްރުން ވިދާޅުވި މިރަށުގެ ޒުވާނުންނަށް ކޮންމެވެސް ކަންތައްތަކެއް ހަމަޖައްސަވަން އެބަގަސްދުކުރައްވަމޭ. އަދި ވިދާޅެއްނުވަމޭ. އެކަމަކު އެކަން ކުރައްވާނަމޭ. އެހެންވީމާ، އަޅުގަނޑު، ތިޔަބޭފުޅުންގެ ފަރާތުން މިނިސްޓަރ މުޙަންމަދު ވަޙީދުއްދީނަށް ޝުކުރު ދަންނަވައި އަދި އެކަން ހާސިލުކޮށްދެއްވާނެ ކަމަށް އެދޭ ވާހަކަ ދަންނަވަން.

އާދެ! މިއަދު އަދި އަޅުގަނޑު ދާން އެބައޮތް ވިލިނގިއްޔަށް. އެއީ، ވިލިނގިލީގައި މާދަން މިއޮތީ ރާއްޖޭގެ ޤައުމީ ދުވަހުގެ އިޙްތިފާލު. އެހެންވީމާ، ފުރަންވެސް ޖެހޭތީއާއެކީ އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ކުރުކޮށްލާނަން. އަދި މާދަމައަކީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ކަމަށްވާތީ، ގެމަނަފުށީ ލޮބުވެތި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. އަދި އަޅުގަނޑުމެންނަކީ، ހެޔޮ ބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި ދިވެހިރާއްޖެއަކީ ސުލްހަމަސަލަސްކަމާއި، އަމަންއަމާންކަން ލިބިފައިވާ އަދި ތަރައްޤީގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދާ ޤައުމެއް ކަމުގައި ލެއްވުން. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ޙަޤީޤީ ފައިދާ، ރައްޔިތުންނަށް އަވަސް މަގަކުން ލިބޭނެމަގު އެކަލާނގެ ތަނަވަސް ކޮށްދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.